ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،މިއަދު ޒިޔާރާތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
މި އިމާރާތަކީ މީގެ ކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާ ގުޅޭ މަޢުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބައެއް މައުލޫމާތު ދެއްވައިފައެވެ.