Support Us

މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ (ކ) ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ

އިތިއޯޕިޔާގެ ނަހްޟާ ޑޭމާ ބެހޭގޮތުން ޢަރަބި ޚާރިޖީ ވަޒީރުންގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ޤަޠަރުގައި

އިތިއޯޕިއާގެ ނަހްޟާ ޑޭމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ޢަރަބި ޚާރިޖީ ވަޒީރުންގެ އާދަޔާ ޚިލާފު ބައްދަލުވުމެއް މިޞްރާއި ސޫދާނުގެ އެދުމުގެ މަތިން ޤަޠަރުގެ ވެރިރަށް ދައުޙާގައި މި މަހު 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އަރަބި ލީގުގެ އަމީނު ޢާޢްމުގެ އެހީތެރިއެއް ކަމުގައިވާ ސަފީރު ޙުސާމު ޒަކީ މެދުއިރުމަތީގެ ނޫސް އޭޖެންސީއަށް ހާމަކުރެއްވި ގޮތުގައި އާދަޔާ ޚިލާފު މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހުނީ މި ޑޭމުގެ މަސްއަލައާ ސީދާ ގުޅިފައިވާ މިޞްރާއި ސޫދާނުގެ އެދުމުގެ މަތިންނެވެ. މި ބައްދަލުވުން ބޭއްވޭނީ ޢަރަބި ޚާރިޖީ ވަޒީރުންގެ މަޝްވަރާ ބައްދަލުވުމުގެ ހަވާސާ މަތީގައެވެ.

މި ޑޭމު ބިނާކުރުމުގެ ސަބަބުން ނީލަކޯރުން މިޞްރަށް ލިބެމުންދާ ފެން މަދުވެދާނެތީ ޤާހިރާ އެކަމާ ވަރަށް ކަންބޮޑުވެއެވެ. މި ޑޭމު ބޭނުންކުރާގޮތުން ސޫދާނަށް ލިބޭ ނީލަކޯރުގެ ފެނަށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެއެވެ. ފެން މަދުވުމުން ސޫދާނުގެ ބިން ހަނަފަސްވުމާއި ޑޭމުން ދޫކުރާ ފެން ގިނަވުމުން ސޫދާނުގެ ކޯރުތައް ބަންޑުން ދިޔުމުން ނުކުންނަ އިޤްތިޞާދީ މަސްއަލަތަކާއި އިންސާނީ އެތައް މަސްއަލަތަކެއް ވެއެވެ.

ނަހްޟާ ޑޭމާމެދު މިޞްރާއި ސޫދާނުގެ ސިޔާސަތު އެއްގޮތް

މި ދިޔަ ބުދަ ދުވަހު މިޞްރާއި ސޫދާނުން ބުނެފައިވާގޮތުގައި ޑޭމާބެހޭގޮތުން "ސަމާސާ ކަނޑައިފާ" ވާހަކަ ދެއްކުންތައް ބޭއްވުމަށް ޤާހިރާއާއި ޚުރްޠޫމުން ވަނީ އެޑިސް އަބާބާއަށް ގޮވާލައިފައެވެ. އެފްރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ބޭއްވެމުން ދިޔަ ވާހަކަ ދެއްކުންތަކަށް ވަނީ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް ނުދެވިފައެވެ. އެޑިސް އަބާބާ ބުނާގޮތުގައި އެއްބަސްވުމެއް އޮތަސް ނެތަސް އެ ޤައުމުން ޑޭމަށް ފެން ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިޞްރާއި ސޫދާނުގެ ފެނާއި ދަނޑުވެރިކަމާ ބެހޭ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާން ބުނާގޮތުގައި "ސަމާސާ ކަނޑަލައިފާ ތެދު ނިޔަތުގައި ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަށް ޓަކައި އިތިއޯޕިއާ ކޮއްޕަން ޖެހޭތީ މިޞްރާއި ސޫދާނުން ގުޅިގެން ސަރަހައްދީ ފެންވަރުގައްޔާއި ބައްރީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ދެ ޤައުމުގެ މަސައްކަތްތައް ވިލަރެސް ކުރެވޭނެއެވެ. މިޞްރާއި ސޫދާނުން ބޭނުން ވަނީ މި ޑޭމަށް ފެން ފުރުމުގައްޔާއި ޑޭމުގެ މަސައްކަތްތައް ހިންގުމުގައި، ޝާމިލު ޢަދްލުވެރި، ޤާނޫނީ ގޮތުން ޢަމަލު ކުރުން ލާޒިމު ކުރާ އެއްބަސްވުމެއް ޤާއިމު ކުރުމަށެވެ.

މިޞްރާއި ސޫދާނުން ތުހްމަތު ކުރާގޮތުގައި އެފްރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ބޭއްވެމުން ދިޔަ ވާހަކަ ދެއްކުންތައް ކުރިއަށް ނުގޮސް ބިންމައްޗަށް ވެއްޓިފައި ވަނީ އިތިއޯޕިއާގެ "ބޯހަރުކަމުން"ނެވެ. އިތިއޯޕިޔާ ބުނާގޮތުގައި ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި އެޑިސް އަބާބާއިން ޑޭމަށް ފެން ފުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ފަށާނެއެވެ. ނީލަކޯރުގެ ފެންތައް އޮހިގެން ގޮސް ކަނޑަށް ފައިބާ މަގުގައި އޮންނަ ސޫދާނާއި މިޞްރުން ބުނާގޮތުގައި އިތިއޯޕިއާއިން އުޅެނީ އެ ދެ ޤައުމުގެ ޙާލަތަށް ރިޢާޔަތް ނުކޮށް "ކަން އޮތީ" މި ގޮތަށޭ ބުނެ ޑޭމަށް ފެން ފުރާށެވެ.

އިތިއޯޕިއާ އިން ބަލައިލުމެއްނެތި ފެންތައް ދޫކޮށްލުމުން ސޫދާނުގެ ފެނާ ބެހޭ ސްޓޭޝަންތައް ވަނީ ކިސަޑުގެ ސަބަބުން ވިސަޑުވެފައެވެ. މި ކަމުގެ ސަބަބުން އެތައް ބަލިތަކެއް ވަނީ ފެތުރިފައެވެ.

މިޞްރުގެ ދަނޑުވެރިކަމާއި ފެނާ ބެހޭ ވަޒީރު ވިދާޅުވާގޮތުގައި އިތިއޯޕިޔާއިން އެކަނި ޑޭމަށް ފެނެއް ނުފުރޭނެއެވެ. އެހެން ޤައުމުތަކުގެ ޙައްޤުތަކަށް ވެސް ބަލަން ޖެހޭނެއެވެ. މިޞްރުގެ ރައީސް އިންޒާރު ކުރައްވާފައިވާ ގޮތުގައި ނީލަކޯރަކީ މިޞްރުގެ "ރަތް ރޮނގެކެވެ." އެއްވެސް ބަޔަކު މި ފެނާ ކުޅެން ދޫކޮށެއް ނުލެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *