...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އުއްމީދަކީ ރައީސް ސޯލިހު ރައްޔިތުންނާއި ޤައުމުގެ ފަޅި ނެންގެވުން!

އަޅުގަނޑުގެ ރައްޓެއްސެއް ނޫނެވެ! ނަމަވެސް ޤައުމީ ގޮތުން ޚިޔާލް އެއްގޮތް މީހަކު ފޯނުކޮށްފައި ބުންޏެވެ: "ތިވަރަށް އިންޑިއާ އާއި ދިވެހި ސަރުކާރަށް ފާޑުކިޔާއިރު ފުރާނައަށް ގެއްލުންވާ ވަރުގެ ހަމަލާއެއް ދީފާނެތީ ޖެހިލުމެއް ނުވޭތޯ؟" އެވެ. އިންޑިއާގެ ސިއްރު ފުލުހުން ކަމުގައިވާ "ރޯ"ގެ ކޮމާންޑޯއިން އައްޑޫ ސިޓީގައި، ޕޮލިސް އެކަޑެމީ އިމާރާތްކުރާ މީހުންގެ ގޮތުގައި ދެއްކިގެން އައިސް، އައްޑޫގައި އެބައުޅޭ ކަމަށާއި "ރޯ"ގެ ހަމަލާއެއް އައިސްފާނެތީ ޖެހިލުންނުވޭތޯ އޭނާ ސުވާލު ކުރިއެވެ. ޖެހިލުން ނުވެއެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ޖެހިލުންވެއެވެ.

ނޮވެމްބަރ 3، 1988 ގައި ލަންކާގެ ކުލީ ސިފައިން ރާއްޖެ ހިފަން އެރުމުން އެމީހުންނާ ކުރިމަތިލާންް، މޫސާ ޖަލީލްގެ ކޮމާންޑްގެ ދަށުން ނިކުން ދިވެހި ސިފައިންގެ ފައުޖުގައި ތިއްބެވި ހުރިހާ ސިފައިންވެސް އެދުވަހު ހަމަ ޖެހިލުންވާނެކަން ޔަޤީނެވެ. ނަމަވެސް ދީނާއި ޤައުމުގެ ދިފާއުގައި އެން.އެސް.އެސްގެ ހެޑްކުއާޓަރުން ނިކުމެ ކުލީ ސިފައިންނާ ކުރިމަތިލައި، އޭގެ ތެރެއިން ބައެއް ސިފައިން ޝަހީދުވެސް ވިއެވެ. ޖެހިލުންވުމަކީ މަތިވެރި މަޤްސަދަކަށްޓަކައި މަސައްކަތް ނުކުރަންޖެހޭ ސަބަބެއް ނޫނެވެ.

އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ހިންދުތުވާ ފިކުރުގެ ހިންދޫންނަކީ ވަރަށް އަނިޔާވެރި، ޚާއްސަކޮށް މުސްލިމުންނާ އަދާވާތްތެރި، ނުރައްކާތެރި ބައެކެވެ. ވެރިކަމުގައި އޮތް ބީ.ޖޭ.ޕީ އަކީ އިންޑިއާގެ މަގުތަކުގައި، ރޯމާ ދުވާލު މުސްލިމުންނަށް އަނިޔާކޮށް، ބައެއް މުސްލިމުންް މަރައި ހަދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅައި، އެފަދަ ހިންދޫން ދިފާއުކުރާ ސަރުކާރެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ބޮޑު ޤަތުލުއާއްމެއް ހިންގިއިރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުރި ފަރާތެވެ. އެކަމާ ގުޅިގެން މޯދީއާ ދެކޮޅަށް ދުނިޔޭގެ ބައެއް ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެޤައުމުތަކަށް ނޭރޭ ގޮތަށް ވެސް ނިންމިއެވެ. ނަމަވެސް އިންޑިއާގެ ހިންދޫންގެ ވޯޓުން މޯދީއަށް ބޮޑުވަޒީރުކަން ލިބުމުން މޯދީ ބަލައިގަންނަން ދުނިޔޭގެ ޤައުމުތަކަށް މަޖުބޫރުވިއެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އިންޑިއާ އަކީ، މިހާރު އެމީހުން ރާއްޖެއަށް މަޑުމަޑުން އަރަމުން އެދާ ގޮތަށް، މިނިވަން ޤައުމެއް ކަމުގައިވާ ސިއްކިމް އަށް އަރައި، އެޤައުމުގެ ސިޔާސީ ފަރާތްތަކަށް ރިޝްވަތު ދީ، ޤައުމު ބައިބައިކޮށް، ފިތުނަ އުފައްދައި، އެންމެ ފަހުން 1975 ވަނަ އަހަރު ނެގުނު ރެފަރެންޑަމް ވޯޓަކުން، ވޯޓުގައި މަކަރު ހަދައިގެން، އިންޑިއާގެ ބަޔަކަށް ސިއްކިމް ހެދި މަކަރުވެރި ޤައުމެކެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް އެމް.ޑީ.ޕީ ސަރުކާރުން ނިޝާން ޣިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަޤަބާއެކު ރަން މެޑަލް ދިނަސް މޯދީ އަކީ އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ވަތަނީ ޖަމާއަތެއް ކަމުގައިވާ އާރ.އެސް.އެސްގެ މެމްބަރެކެވެ. ގުޖުރާތުގެ ޖައްލާދުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެކެވެ. މުސްލިމުންގެ އަދުއްވެކެވެ.

މިފަދަ ފަރާތެއްގެ ބޮޑުވަޒީރުކަމުގެ ދަށުން އިންޑިއާ އައިިސް ރައްޖޭގެ ވަރަށް މުހިއްމު ތިން ސަރަހައްދެއްގައި އަސްކަރީ މަތިންދާ ބޯޓައި އިންޑިއާ ސިފައިންނާ އެކު ޖަގަހަ ޖެހުމުގެ ހުއްދަ އެމް.ޑީ.ޕީ ސަރުކާރުން މިވަނީ ދީފައެވެ. އުތުރުން ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާގެ ދޯނިއަރ މަތިންދާ ބޯޓަކާ އެކު އިންޑިއާ ސިފައިން ތިބެ، ހަނިމާދޫ އެއާޕޯރޓް ތަރައްޤީ ކުރުމުގެ ބަހަނާގައި ހަނިމާދޫން އަށް ލައްކަ އަކަފޫޓުގެ ބިން އިންޑިއާ އަށް ދިނުމަށް އެމް.ޑީ.ޕީ ސަރުކާރުން އެ ވަނީ ނިންމައިފައެވެ.

ލާމު އަތޮޅު ކައްދޫގައި އިންޑިއާގެ ހެލިކޮޕްޓަރަކާއި ސިފައިން އެބަ ތިއްބެވެ. އައްޑޫ ސިޓީގެ ގަމުގައި ވެސް އިންޑިއާގެ ހެލިކޮޕްޓަރަކާއި ސިފައިން އެބަތިއްބެވެ. އައްޑޫ ސިޓީގެ ހިތަދޫގައި އިންޑިއާ އިން ޕޮލިސް އެކަޑެމީއެއްގެ ނަމުގައި މިލިޓަރީ މަރުކަޒެއް ދަނީ ބިނާކޮށް ނިންމަމުންނެވެ.

އުތުރު ތިލަފަޅުގައި ހަދަމުންދާ ދިވެހި ސިފައިންގެ ބަނދަރަކީ އިންޑިއާ ސިފައިންވެސް ބޭނުންކުރާ އަސްކަރީ މަރުކަޒަކަށް ހެދުމަށް ދިވެހި ސަރުކާރުން ވަނީ ހުއްދަދީ، އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"ހައިޑްރޯގްރަޕީ އެއްބަސްވުމުގެ" ނަމުގައި، ދިވެހި ރާއްޖޭގެ ކަނޑު ފަޅުތަކުގެ އަޑި ސާރވޭކޮށް ޗާޓް ކުރެހުމަށް އިންޑިއާއާ ވަނީ ހަވާލު ކުރެވިފައެވެ.

މިދެންނެވި ކަނޑުއަޑީގެ ޗާޓް ކުރަހައި ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެތެރެވަރީގައި އިންޑިއާގެ މަނަވަރުތަކާއި ސަބްމެރީންތައް އެއްވެސް ޖެހިލުމެނެތި ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ޤާބިލްކަން އިންޑިއާ އަށް ލިބިގެންދާނެއެވެ. ދިވެހި ސިފައިންނަށް ވުރެ ރާއްޖޭގެ ކަނޑުތަކަށް އެއިރުން އިންޑިއާ ސިފައިން ގަދަވާނެއެވެ. މިހާރު އިންޑިއާއިން އެންމެ ބޭނުންވެގެން އުޅޭ ކަމަކީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމެވެ. ސިޔާސީ މުފައްކިރުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދަށް ގަދަކޮށް، އެ ސަރަހައްދަކީ މީގެ ވިއްސަކަށް އަހަރު ފަހުން އިންޑިއާގެ ބަޔަކަށް ހެދުމަށް އިންޑިއާއިން ދެކޭ ހުވަފެނުގައި ކުލަޖެއްސުމުގެ ފުރަތަމަ ފިޔަވަޅެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ މުސްލިމުންގެ އަގުލަބިއްޔަތު އޮތް އަދި ދިވެހިން ވާހަކަ ދައްކާ ލަކްޝަދީޕް ނުވަތަ މަލިކުގައި ބީ.ޖޭ.ޕީ ސަރުކާރުން މިހާރު ހިންގަމުންދާ ޖަރީމާތަކަކީ ލަކްޝަދީޕުގެ ހަތްދި ހާސް އާބާދީގެ މީހުން އެތަނުން ފައިބަން މަޖުބޫރުކޮށް، އެތަނަކީ އިންޑިއާ އާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒަކަށް ހެދުމަށް ހިންގާ ޖަރީމާއެއް ކަމަށް ދިވެހި އަސްކަރިއްޔާގެ ކުރީގެ އޮފިސަރަކު ދާދި ފަހުން ވިދާޅުވެފައި ވެއެވެ. ލަކްޝަަދީޕްގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދިއްޖެ ނަމަ، ލަކްޝަދީޕުން ފެށިގެން ގޮސް އައްޑޫ ސިޓީ އާއި ޑިއެގޯ ގާޝިއާއާ ހަމައަށް ރޮނގެއް ދަމާލުމުން ޗައިނާ އަށް ދުނިޔޭގެ ހުޅަނގު ބައްރަށް ދަތުރެއް ކުރެވޭނީ އިންޑިއާ އާއި އެމެރިކާގެ މިދެންނެވި އަސްކަރީ ތިން ބޭސް ހުރަސްކޮށްފައެވެ. އައްޑޫގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރު ގަދަ ކުރަމުން އެދަނީ މިދެންނެވި ފަދަ އަސްކަރީ މަރުކަޒެއް އައްޑޫގައި ހެދުމަށްޓަކައެވެ.

މިވަރުގެ ބޮޑު އަސްކަރީ، އަޅުވެތިކަމުގެ ޖަރީމާއެއް، މުސްލިމުންނަށް ނަފްރަތު ކުރާ ހިންދުތުވާ ސަރުކާރަކުން ދިވެހި ރާއްޖޭގައި ހިންގަމުންދާއިރު އަޅުގަނޑު ފަދަ ދިވެހި ދަރީން، ފުރާނައަށް ބިރުން "ޖެހިލުން"ވެފައި ތިބެއްޖެ ނަމަ ދިވެހި ޤައުމު ހިމާޔަތް ކޮށްްދޭނެ އެހެން ބަޔަކު ނާންނާނެއެވެ. ދިވެހި ރައްޖޭގައި މިވަގުތު އޮތް އެމް.ޑީ.ޕީގެ ސަރުކާރާއި، މިހާރުގެ ޚާރިޖީ ވަޒީރާއި ދިފާއި ވަޒީރާއި މަޖުލިސް ރައީސް ވެސް އެ ހުންނެވީ އިންޑިއާ ބޭނުންހާ ގޮތަކަށް ދިވެހި ޤައުމު އެމީހުންގެ ހިތަކަށް ދެއްވާ ގޮތަށެވެ. ދިވެހި ރައްޔިތުން "ސޭވް މޯލްޑިވްސް" އާއި "ސޭވް އައްޑޫ" ހޭޝް ޓެގް ހަދައިގެން މިކަމާ ދެކޮޅު ހަދަމުން ދިޔައަސް، ހާއްސަކޮށް ރައީސް ނަޝީދު އެ ހުންނެވީ އިންޑިއާ އަށް ތަބަކަކަށް ލާފައި ރާއްޖެ ދެއްވާ ގޮތަށެވެ.

އިންޑިއާ ކޮންސިއުލޭޓާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކޮންސިއުލޭޓެއް ހެދުމަށް ހުއްދަ ދެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި އެމް.ޑީ.ޕީ ދެބައިވާ ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި ރައީސް ސޯލިހަށް މިވަގުތު ލިބިވަޑައިގެންފައި މިވަނީ ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަތުމުގެ ރަނުގެ ފުރުސަތެކެވެ. އިންޑިއާ އަށް "ނޫނެކޭ" ވިދާޅުވެ، ކޮންސިއުލޭޓަށް ހުއްދަ ނުދެއްވަންވީއެވެ! ނަޝީދުގެ ތާއީދާ އެކު މަޖުލީހަށް ވެއްދިފައިވާ "ލާދީނީ" ބިލް ވެސް ފެއިލް ކޮށްލައްވަންވީއެވެ! ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަތުމުގެ ފުރުސަތު މިއޮތީ ރައީސް ސޯލިހުގެ ކުރިފުޅުމަތީގަ އެވެ.

އަޅުގަނޑު ފަދަ، އިންޑިއާގެ އަޅުވެތިކަމާ ދެކޮޅު ދިވެހި ރައްޔިތުން ހަމަ ޖެހިލުންވެއެވެ. އިންޑިއާގެ ސިއްރު ސިފައިން ކަމުގައިވާ "ރޯ"ގެ ހަމަލާއެއް އަތުވެދާނެތީ ޖެހިލުންވިއަސް އިންޝާﷲ މި މަސައްކަތް ހުއްޓާލުމެއްނެތެވެ. އޮތީ ބަލިވުން ނުވަތަ މިކަމުގައި ނެތިދިއުމެވެ. ދެގޮތުންކުރެ ކޮންމެ ގޮތެއް ވިއަސް މުސްލިމުންގެ އަދުއްވުން ކަމުގައިވާ މުޝްރިކު ބީ.ޖޭ.ޕީގެ އަޅުންނަށް ދިވެހިރާއްޖެ ވުމަކަށް ހިތުން ރުހިގެން ނުތިބެވޭނެއެވެ. ރައީސް ސޯލިހު މިކަމުގައި ރައްޔިތުންނާއި ޤައުމުގެ ފަޅި ނެންގެވުމަކީ އަދިވެސް އަޅުގަނޑުމެންގެ އުއްމީދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8

2 Responses

  1. އެ ފަޅިއެއް ނުނެންގެވޭނެ. ނަގޫ ފިތި ތާށިވެފައި. މައުމޫނާއި ގާސިމާއި ޢިމްރާނާއި ޤާސިމަށް ވެސް އިންޑިއާގެ ނިންމުމަކާ އިދިކޮޅަށް އެއްޗެއް ވިދާޅެއް ނުވެވޭނެ.(ބްލެކްމޭލްވެފައި.) އަދި ރާއްޖެ ލާދީނީ (ސެކިޔުލާރ) އިސްޓޭޓަކަށް ހެދުމުގެ ފަހު މަރުޙަލާއަށް ޓަކައި ފާސްކުރާ ބިލާ ދެކޮޅަށް ވެސް އެއްޗެއް ވިދާޅެއް ނުވެވޭނެ. ކުރީން އެ ބޭފުޅުން ވިދާޅުވި "ޤައުމަށް ޓަކައި ދީނަށް ޓަކައި"ގެ ހަގީގީ މާނައަކީ "ޖީބަށް ޓަކައި، ނަޤުދަށް ޓަކައި" ކަން އަޅުގަނޑުމެންނަށް ފަހުމުވާން ވެއްޖެ.

    1. ތެދެއް. އިބްރާހީމް މުޙަންމަދު ޞާލިހާއި ނަޝީދު ގުޅިގެން ޑްރާމާ ކުޅެމުން ގެންދާ ވެރިކަމަކީ ދިވެހި ރައްޔިތުންނަށް ޓަކައި ކުރާ ވެރިކަމެއް ނޫން. އެއީ ރައްޔިތުން ނިކަމެތިކޮށް އިންޑިއާއަށް ރާއްޖެ ހިބަކޮށްދޭން ރިޝްވަރު ހިފައިގެން އައި ސަރުކާރެއް. ޝާހިދު އޭނާގެ ސީވީ ރަނގަޅުކުރުމަށް ޓަކައި އދ. ގެ ރިޔާސަރު ހޯދީ އިންޑިއާއަށް އައްޑޫ ދޭނެ ކަމުގެ ވަޢުދުވެގެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *