Support Us

ލަންޑަން ސިޓީ ޔުނިވަރސިޓީގެ ދަރިވަރުންގެ އިއްތިޙާދުގެ ރައީސް ޝައިމާ ދައްލާލީ

ޙިޖާބަކީ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށް ހުރަސްއަޅާ އެއްޗެއް ނޫން: ޝައިމާ

ޝައިމާ ދައްލާލީއަކީ 2000 ވަނަ އަހަރު އިނގިރޭސި ވިލާތަށް ޤާނޫނު ކިޔަވަން ވަޑައިގެންނެވި ޒުވާން މުސްލިމާއެކެވެ. އޭނާއަކީ ޙިޖާބުގެ މަތީގައި ދެމިހުންނަވައިގެން އިނގިރޭސި ވެށީގެތެރޭގައި ހުރިހާ ޙައްޤުތަކެއް ހޯއްދަވަމުން ގެންދަވާ ކާމިޔާބު ދަރިވަރެކެވެ. އޭނާގެ ހިތްވަރުފުޅު ގަދަކަމާއި ކުރުންތެރިކަމާއި ޤާބިލުކަމުގެ ސަބަބުން މިއަދު އޭނާއަކީ ލަންޑަން ސިޓީ ޔުނިވަރސިޓީގެ ދަރިވަރުންގެ އިއްތިޙާދު (ޖަމްޢިއްޔާ)ގެ ރައީސެވެ. މިއީ ޙިޖާބު ތުރުކުރައްވާ ބޭފުޅަކަށް މީގެ ކުރިން ކާމިޔާބު ކުރެއްވިފައިވާ ގޮނޑިއެއްނޫނެވެ.

ޝައިމާއަކީ ތޫނިސްގެ ބައްޕައަކާއި ސޫދާނުގެ މަންމައަކަށް އުފަން ޢަރަބި މުސްލިމު ޢާއިލާއެއްގެ ބޭފުޅެކެވެ. މީގެ އިތުރަށް އޭނާއަކީ، އޭނާ ވިދާޅުވާ ގޮތުގައި އޭނާގެ "ޢަޤީދާއަށާއި މިނިވަންކަމަށް އިޙްތިރާމު ކުރާ" ހުޅަނގުގެ މުޖްތަމަޢަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ހުވަފެންތަކަށް ޙިޖާބު ހުރަހެއްނާޅައި

"އަހުރެން ބަލަނީ މަށަކީ މި ރަށުގެ ދަރިއެއް ކަމަށް… އަހުރެންގެ މުޅި ޙަޔާތް ހޭދަކޮށްފައި މިވަނީ މި ރަށުގައި. ވަރަށް ކުޑައިރު މަންމައާއި ބައްޕަ އަހުރެން ގޮވައިގެން މި ރަށަށް އަތުވެއްޖެ،" ޝައިމާ އޭނާގެ ވާހަކަތައް ޢަރަބި ޕޯސްޓް ދުވަހު ނޫހުގެ ރިޕޯޓަރަށް ވިދާޅުވެ ދެއްވަން ފެށްޓެވީ މި ޖުމްލަތަކުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އޭނާގެ އެއްވެސް ކަމަކަށް އޭނާގެ ޙިޖާބު ހުރަސްއަޅާފައެއް ނުވެއެވެ.

ދެ ހާސް ވަނަ އަހަރު އޭނާގެ މައިންބަފައިންގެ އަރިހުގައި ލަންޑަނަށް ވަޑައިގަތީ ވަރަށް ތުއްޕުޅުއިރުގައެވެ. މިހާރު އޭނާއަކީ ސިޓީ ޔުނިވަރސިޓީގައި ޤާނޫނު ކިޔަވާ ދަރިވަރެކެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އޭނާ އިޚްތިޔާރު ކުރެއްވި ރޮނގަކީ ޤާނޫނެވެ.

ޝައިމާ ވިދާޅުވިއެވެ. "ޔުނިވަރސިޓީގެ ދަރިވަރުން އެ ކުދީންގެ ޒަޢާމަތަށް އަހުރެން އިސްކުރީތީ އެކަމާ ވަރަށް ފަޚްރުވެރިވަމެވެ. މަށަކީ މުޙައްޖިބާއަކަށް ވާތީއެވެ. އިނގިރޭސިވިލާތުގައި މީގެ ކުރިން މިފަދަ މަޤާމެއް އަހުރެން ކަހަލަ މުސްލިމު މުޙައްޖިބާއަކަށް ލިބިފައެއް ނުވެއެވެ."

ޝައިމާ ވަރަށް ފަޚްރުވެރިކަމާއެކު ވިދާޅުވިއެވެ. "އަހުރެންގެ ނައިބަކީ ވެސް އަންހެނެކެވެ. އަހުރެންގެ ޓީމުގައި އިނގިރޭސިވިލާތަށް ހިޖްރަކޮށްފައިވާ ތިން މުޙައްޖިބާއިން ހިމެނެއެވެ."

އޭނާ ވިދާޅުވިއެވެ. "ދީނާ ހެދި، ޙިޖާބާ ހެދި، މުހާޖިރަކަށް ވާތީ މަގޭ ކިޔެވުމަށް އެއްވެސް ހުރަހެއް ނޭޅެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެންގެ ޕްރޮގްރާމަށް އިތުބާރުކޮށް ވޯޓު ދިން ހުރިހާ ދަރިވަރުންނަށް ޝުކްރު އަދާ ކުރަމެވެ."

އިނގިރޭސިވިލާތުގައި ޔުނިވަރސިޓީގައި ދަރިވަރުންގެ ޙަޔާތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިމާ ވިދާޅުވިއެވެ. "ޔުނިވަރސިޓީތެރޭގައި މުސްލިމު ދަރިވަރުންނާ އެހެން ދަރިވަރުންނާ ދެމެދުގައި އެއްވެސް ތަފާތެއް ނެތެވެ. އެމީހުން ޙިމާޔަތްކޮށްދޭ އަދި އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހުރެއެވެ. ޚިޔާލު ފާޅުކުރުމާއި ޢަޤީދާގެ މިނިވަންކަމަކީ ޖާމިނުކޮށްދީފައިވާ މުހިއްމު ޙައްޤުތަކެކެވެ."

ޝައިމާ ވިދާޅުވިއެވެ. "އަހުރެމެންނަށް ނަމާދު ކުރާނެ ނަމާދުގެއެއް ލިބިގެން ވެއެވެ. ހުކުރުދުވަހު ޔުނިވަރސިޓީތެރޭގައި އަހުރެމެން ހުކުރު ވެސް ކުރަމެވެ. ޙަލާލު ކާބޯތަކެތި ވެސް ޔުނިވަރސިޓީތެރެއިން ލިބެއެވެ. ޢާއްމުގޮތަކަށް ބަލާއިރު އެކުގައި އުޅެވޭނެ މިނިވަން ޖައްވެއް ޔުނިވަރސިޓީތެރޭގައި ވަނީ ތަނަވަސްވެފައެވެ. ޙިޖާބު އަޅައިގެން އުޅޭ މުސްލިމު އަންހެންކުދީންނާއި ނިޤާބު (މޫނު ބުރުގާ) އަޅައިގެން އުޅޭ މުސްލިމު އަންހެން ކުދީން ވެސް ޔުނިވަރސިޓީގައި އުޅެއެވެ. އެ ކުދީންނަށް މަސްއަލަތަކެއް ކުރިމަތިވެފައެއް ނުވެއެވެ."

ދަތިތައް ވެސް ކުރިމަތިވޭ

މި ފައްސި ޖައްވުގެތެރޭގައި ވެސް މުސްލިމު ދަރިވަރުންނާ ބައެއް ފަހަރަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ޝައިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބްރެކްސިޓަށްފަހު ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ޢަމަލުތައް ވަނީ ގިނަވެފައެވެ. އިސްލާމްފޯބިޔާ އަކީ މަސްއަލައެކެވެ. މިއީ ޙިޖާބު އަޅައިގެން އުޅޭ ކުދީންނަށް ހުރި ގޮންޖެހުމެކެވެ. ޝައިމާ ވިދާޅުވިގޮތުގައި މުސްލިމު ކުދީންނާ ކުރިމަތިވާ މިފަދަ މަސްއަލަތައް ޙައްލުކޮށްދިނުމަށް ޔުނިވަރސިޓީން ވަރަށް ޚާއްޞަ ސަމާލު ކަމެއް ދެއެވެ. މުސްލިމު ދަރިވަރަކަށް މިފަދަ ކަމެއްގައި ޖެއްސުން ކުރެވިއްޖެނަމަ އެކަމާ ބެހޭ ތަޙްޤީޤުތައް ކުރެވި ފިޔަވަޅު އެޅެއެވެ.

އިނގިރޭސިވިލާތުގެ މުސްލިމުން

ޝައިމާ ވިދާޅުވިގޮތުގައި މީހުން ހިޖްރަކުރަނީ އެމީހުންގެ ޤައުމުތަކުގައި އެމީހުންގެ ޙަޔާތަށް ރައްކައުތެރިކަން ނުލިބޭތީކަން މިއަދު އިނގިރޭސި މުޖްތަމަޢު ޤަބޫލު ކުރެއެވެ. އެހެނަސް މުހާޖިރުން ގިނަވަމުންދާތީ އެކަމުގެ ސަބަބުން މުސްލިމުންނަށް ނައްސި އަސަރުތައް ފޯރަމުންދާކަން ފާހަގަކުރެވެއެވެ. އެމީހުންނަށް އޮތް އެންމެ ބޮޑު ބިރަކީ އިތުރުވަމުންދާ ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ފިކްރުތައް ކަމަށް ޝައިމާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *