Support Us

ޤުދުސް ކަނޑި ހަނގުރާމައިގައި އިސްރާއީލުން ބޮންއަޅައި ވައްޓާލައިފައިވާ ޣައްޒާގެ ޢިމާރާތްތައް

ޣައްޒާ އާރާސްތު ކުރުމާ ބެހޭ މަޝްރޫޢު: ދެބަސްވުންތައް ގިނަ

އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ޢުދްވާނުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކާއި ހަލާކުވެފައިވާ ބިނާރުތަކާއި، ހުއްޓިފައިވާ ޚިދްމަތްތައް އަލުން ފެށުމަށް ޓަކައި ޣައްޒާ ވަނީ އަލުން އާރާސްތު ކުރަން ޖެހިފައެވެ.

ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމުގައި އިސް ފަރާތަކަށް ވާނީ ފަލަސްޠީނު ސަރުކާރުހެއްޔެވެ؟ ނުވަތަ ޣައްޒާގެ  ޙަމާސް ސަރުކާރު ހެއްޔެވެ؟ މި މަސއްލަތަކުގައި އެ ދެ ފަރާތުގެ ޚިޔާލު ވަރަށް ތަފާތެވެ.

ފަލަސްޠީނު ސަރުކާރު ބުނާގޮތުގައި މި މަސައްކަތްތައް ކުރާ ސީދާ ފަރާތަކަށް ވާން ޖެހޭނީ ފަލަސްޠީނު ސަރުކާރެވެ. އަދި މިކަމާ ބެހޭގޮތުން ބައިނަލް އަޤްވާމީ ފަރާތްތަކާއެކު ވާހަކަތައް ދައްކާނީ ފަލަސްޠީނު ސަރުކާރުންނެވެ. އެއީ 2008އާއި 2012އާއި 2014 ވަނަ އަހަރުގެ ހަނގުރާމަތައް ނިމުމުން ޣައްޒާ އާރާސްތު ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރުމުގެ މަސްއޫލިއްޔަތު ފަލަސްޠީނު ސަރުކާރާ ޙަވާލުކޮށްފައިވާ ފަދައިންނެވެ. އެހެނަސް ޙަމާސް ބުނާގޮތުގައި އާރާސްތު ކުރުމުގެ ކުރީގެ ހިތި ތަޖްރިބާތައް އަލުން ދެކޭކަށް ބޭނުމެއްނޫނެވެ. އެބުނާ ހަނގުރާމަތަކުގައި ގެއްލުން ލިބުނު ޢާއްމު ރައްޔިތުންނަށް ބަދަލު ދިނުމުގައި ފަލަސްޠީނު ސަރުކާރުން ވެފައިވާ ވަޢުދުތަކަށް އެ ސަރުކާރު ވަނީ ޚިޔާނަތްތެރިވެފައެވެ.

ޢައްޒާ އަލުން އާރާސްތު ކުރުމުގެ ފައިލް

ޣައްޒާ އާރާސްތު ކުރުމުގެ ފައިލަކީ ރާމަﷲއާއި ޣައްޒާއާއި ތައްލު އަބީބު އިސްކަންދޭ ފައިލެކެވެ. މި ފައިލަށް މިއަދު ޤާހިރާވެސް އިސްކަންދެއެވެ. ޚަބަރު ފަތުރާ މަޞްދަރުތައް ބުނާގޮތުގައި ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ މާލީ ރޭވުމެއް ހުށައެޅުމަށް ޤާހިރާއިން ވަނީ ޙަމާސްގެ ކިބައިން އެދިފައެވެ. އޭގެތެރޭގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ދޭން ޖެހޭ ބަދަލުތައް ވެސް ހިމެނުމަށް ޤާހިރާއިން އެދިފައި ވެއެވެ.

ޚަބަރު ފަތުރާ އޭޖެންސީތައް ބުނާގޮތުގައި މި މަސްއަލައާ ބެހޭގޮތުން މިޞްރުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިންނާއި ފަލަސްޠީނު ސަރުކާރާއި ޙަމާސްގެ މަސްއޫލުވެރީންނާއެކު އެތައް ބައްދަލުވުންތަކެއް މިޞްރުން ވަނީ ބާއްވާފައެވެ. ޙަމާސް ބުނާގޮތުގައި 2014ގެ ޢުދްވާނަށް ވެސް ވަނީ ބަދަލު  ނުލިބިފައެވެ. އެހެންވެ ޙަމާސުން ހުށައަޅަނީ 2014އާއި 2021ގެ ހަނގުރާމަތަކުން ލިބުނު ގެއްލުންތައް މި ފަހަރުގެ ހިސާބުތަކުގައި ހިމެނުމަށެވެ. އެހެނަސް މިޞްރު ބުނާގޮތުގައި މި ބަދަލު އެއް ބިލިއަން ޑޮލަރަށްވުރެ އިތުރުވެގެން ނުވާނެއެވެ. މިޞްރުން މަސައްކަތް ކުރަނީ ޣައްޒާ އާރާސްތު ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ކުރިއަށް އޮތް ދެތިން ހަތަރު މަހުގެތެރޭގައި ބައްދަލުވުންތައް ފެށޭތޯއެވެ.

އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި 2014ވަނަ އަހަރުގެ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް 550 މިލިއަން ޑޮލަރު ބޭނުން ވެއެވެ. އެއީ މީހުން ވަޒަންވެރި ކުރުވުމުގެ މަސައްކަތަށް 100 މިލިއަން ޑޮލަރާއި ވިޔަފާރިއާއި ޞިނާޢަތާއި ގެދޮރު ބިނާކުރުމުގެ ސެކްޓަރުތަކަށް 400 މިލިއަން ޑޮލަރެވެ. ޙަމާސް ބުނާގޮތުގައި 2021 ގެ ޢުދްވާނުން ލިބުނު ގެއްލުންތައް 500 މިލއަން ޑޮލަރަށް ވުރެ ކުޑައެއް ނުވާނެއެވެ.

ޚަބަރުތައް ބުނާގޮތުގައި މީގެ ކުރިން އެހީދޭނެކަމަށް ވަޢުދުވި ޤައުމުތަކުން ދޭން ބުނި ފައިސާ އަދާކުރުމަށް ބާރުއެޅުމަށް ވެސް ޙަމާސް މިޞްރުގެ ކިބައިން އެދިފައި ވެއެވެ. ޤަޠަރާއި މިޞްރާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ވަޢުދުވެފައިވާ ގޮތުގައި ކުރީގެ ޢުދްވާނުތަކުން ލިބިފައިވާ ގެއްލުންތަކަށް އެ ޤައުމުތަކުން ދެ ބިލިއަން ޑޮލަރު ދޭނެކަމަށް ވަނީ ވަޢުދުވެފައެވެ. އެއީ ޣައްޒާގެ ބިނާރު ވަރުގަދަ ކުރުމަށާއި ކަރަންޓާއި މަދުރަސާތަކާއި ހަސްފަތާލުތައް ރަނގަޅު ކުރުމަށާއި ލޮނުފެން މީރު ކުރުމަށް ބޭނުންވާ ތިން ސްޓޭޝަނެއް ޤާއިމު ކުރުމަށާއި، ނަރުދަމާ ފެން ސާފުކޮށް އަލުން ބޭނުންކުރެވޭ ގޮތަށް ހެދުމަށްޓަކައި ޤާއިމުކުރެވޭ ސްޓޭޝާންތަކެއް ހެދުމަށެވެ. މީގެ އިތުރަށް ޞަލާޙުއްދީނު ދޮރޯށިތެރެއިން ލައިފާ ޣައްޒާ- މިޞްރު ވިޔަފާރި ޙަރަކާތްތައް ރަނގަޅު ކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢުގެ އެންމެ ބޮޑު އަމާޒަކީ އިސްރާއީލު މެދުވެރިނުކޮށް ޣައްޒާއަށް ބޭނުންވާ ތެލާއި ގޭސް ޣައްޒާއަށް ލިބޭނެ ދޮރު ތަނަވަސްކޮށް ދިނުމެވެ.

ޙަމާސަށް ކުރި

އިސްރާއީލުގެ ޢުދްވާނު ނިމުމުން ޣައްޒާ އާރާސްތު ކުރުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ވަނީ ފެށިފައެވެ. މިޞްރު މެދުވެރިވެގެން ހަނގުރާމަ ހުއްޓުމަކަށް އައީ ޣައްޒާ އާރާސްތުކޮށްދޭނެކަމުގެ ކޮންމެ ވެސް ކަށަވަރުކަމެއް ޙަމާސަށް ލިބުމުންނެވެ. ޙަމާސްގެ ޣައްޒާ ޒަޢީމު ސިންވާރު ވިދާޅުވާ ގޮތުގައި ހަނގުރާމައަށްފަހު ޣައްޒާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވާން ފަށާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޣައްޒާ ޙިޞާރުކޮށްފައި އޮތްއޮތުން ޙަމާސުން ޤަބޫލެއް ނުކުރާނެއެވެ.

ޤުދުސް ކަނޑި ހަނގުރާމައިގައި ޙަމާސަށް އެތައް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން ޙަމާސަށް "ޙުކުން އެޅޭވަރުގެ ގަނޑުތަކެއް" ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލާއެކު ބޭއްވޭ ވާހަކަ ދެއްކުންތަކުގައި އިސްރާއީލުގެ އަސީރުންގެ ފައިލަކީ ޙަމާސް އަތުގައި އޮތް ވަރަށް ވަރުގަދަ ޙުކުން ގަނޑެކެވެ. ޙަމާސްގެ ބަރްލަމާނުގެ އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު  ޢާޠިފު ޢަދްވާން ވިދާޅުވިއެވެ. "މި މަރްޙަލާގައި އަހުރެމެން އިސްކަންދޭ ކަންތައްތަކެއް ވެއެވެ. އެއީ އިސްރާއީލުގެ ޢުދްވާނުގައި ފުޑުފުޑުކޮށްލައިފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމެވެ. އަހުރެމެން ހަމައެކަނި ބޭނުންވަނީ އާރާސްތު ކުރުމަކަށް ނޫނެވެ. އޭރުން އަލުން އަނބުރާ ދާން ޖެހޭނީ ޙިޞާރުގެ ވަޅުގަނޑަށެވެ. އަހުރެމެންނަށް ލިބުނު ކާމިޔާބީތައް ވުނަކުރެވެން ޖެހޭނެއެވެ. ގެދޮރު ބިނާކުރުމާއި ކަރަންޓާ ބެހޭ ވިޔުގަ ވަރުގަދަކުރުމާއި ބިނާރު ތަރައްޤީކުރުމާއި ނަރުދަމާފެނުގެ ބޭނުން ހެޔޮގޮތުގައި ކުރުންފަދަ ބޮޑެތި މަޝްރޫޢުތަކެއް އެބްހުށްޓެވެ."

ފަލަސްޠީނު ސަރުކާރު

އަނެއްކޮޅުން ބަލާއިރު ފަލަސްޠީނު ސަރުކާރުގެ އަޑު ވަނީ ވަރަށް މަޑުވެފައެވެ. ފަލަސްޠީނުގެ ފެންވަރުގައްޔާއި ސަރަޙައްދީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ސަރުކާރުގެ ދައުރު ވަނީ ފަހަތަށް ސޮއްސާލައިފައެވެ. ބޮޑުވަޒީރު މުޙައްމަދު އަޝްތިޔާ ގަލްފުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ މާ ރަނގަޅު ކަމަކަށް ނުދައްކައެވެ. ގަލްފުގެ ޤައުމުތަކުން ފޭދިފައިވާ ޚަބަރުތައް ބުނާގޮތުގައި އެ ޤައުމުތައް ބޭނުން ވަނީ ޤާޠަރު ނަމޫނާއަކަށް ބަލައިގެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށެވެ. ޤަޠަރުން ޣައްޒާގައި މަޝްރޫޢުތައް ތަންފީޒުކޮށްފައި ވަނީ އެ ޤައުމުގެ ކުންފުނިތައް މެދުވެރިކޮށްގެންނެވެ. ޙަމާސާ  ވެސް އަދި ފަލަސްޠީނު ސަރުކާރާ ވެސް ޙާވަލުނުކޮށެވެ. މި ކަމުގެ ސަބަބުން އިސްރާއީލުގެ ރުހުންވެސް ވަނީ ލިބިފައެވެ.

ގަލްފުގެ ބައެއް ޤައުމުތަކަށް ބަލާއިރު ޚާއްޞަކޮށް އިމާރާތަށާއި ސަޢޫދީ ޢަރަބިއްޔާއަށް ބަލާއިރު ފަލަސްޠީނު ސަރުކާރާ މި ޤައުމުތަކާ ދެމެދުގައި ވާ ގުޅުންތަކަކީ މާ ބަދަހި ގުޅުންތަކެއްވެސްނުމެނޫންމެއެވެ. އެހެންކަމުން ޣައްޒާ އާރާސްތުކުރުމުގެ ފައިލް ފަލަސްޠީނު ސަރުކާރަށް ލިބުމަކީ ވަރަށް ދުރު ކަމެކެވެ. މި ފައިލަށް ބަލާއިރު މި ފައިލުން އެންމެ ފައިދާ ކުރަނިވި ދައުލަތަކަށް ވާނީ މިޞްރެވެ. ޙަމާސުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވީ އަދި އިސްރާއީލުން ވެސް މި ކަމަށް އެއްބަސްވީ މިޞްރަށް ކުރި އިތުބާރުގެ ސަބަބުންނެވެ.

އެހެނަސް ޕީއެލްއޯގެ ތަންފީޒީ ކޮމެޓީގެ މެންބަރެއް ކަމުގައިވާ ވާޞިލު އަބޫ ޔޫސުފު ވިދާޅުވާ ގޮތުގައި ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތުން ފަލަސްޠީނުގެ އިދާރިއްޔަތު އިސްތިސްނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އޭނާ ހާމަކުރެއްވިގޮތުގައި ފަލަސްޠީނުގެ އިދާރިއްޔަތުން ދަނީ ޣައްޒާ އާރާސްތުކުރުމަށް ޓަކައި ތަފާތު ވިސްނުމެއް ފައްކާ ކުރަމުންނެވެ. ކުރީގެ ތަޖްރިބާއަށް ބަލައި މި ފަހަރު މި ކަމަށް ބޭނުންވާ މާއްދާތަކާއި ސާމާނުތައް އިސްރާއީލަކުން ނުގެންނާނަމެވެ. އަދި 2014 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ޣައްޒާ އާރާސްތު ކުރުމަށް ރޭވުނު މަޝްރޫއު ލަސްވެގެން ދިގުލައިގެން ދިޔައީ އިސްރާއީލާ ހެދިއެވެ. ފަލަސްޠީނުގެ އިދާރާއިން ޣައްޒާ އާރާސްތު ކުރުމުގެ ފައިލުގައި ބައްދައިގަންނަން ބޭނުން ވަނީ ހަމައެކަނި ސިޔާސީ ސަބަބަކާ ހެދިއެއްނޫނެވެ. މީގެއިތުރަށް  އޭގައި އިޤްތިޞާދީ މަޞްލަޙަތުތަކެއް ވެއެވެ. މި ފައިސާ ފަލަސްޠީނުގެ ޚަޒާނާއަށް ލިބުމުން ލިބޭނެ ތަނަވަސްކަން ބޮޑުވާނެތީއެވެ. އަދި މި ފައިސާ ސަރުކާރުގެ އެހެން ބޭނުންތަކަށް ބޭނުން ކުރުމުގެ ފުރްޞަތު ލިބޭނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *