Support Us

މީސްތަކުންނަށް މާފުކޮށް ހިތްސާފު ކުރުމުން ލިބުނު މަތިވެރި ދަރަޖަ

އެއްދުވަހަކު މާތްނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާ އެކު މަޖިލީހެއްގައި އިންނަވާފައި ހަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބޭކަލުންކުރެ ބޭކަލަކު ސުވަރުގެވަންތަވެރިއަކާ ދިމާލަށް ބައްލަވާލަން ބޭނުންފުޅު ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މިބޭކަލަކަށް ބައްލަވާށެވެ." މިހެން ހަދީޘްފުޅު ކުރައްވަމުން މާތްނަބިއްޔާ، އެ މަޖިލީހުގައި އިންނެވި ބޭކަލަކަށް އަތްޕުޅުން އިޝާރާތްކުރެއްވިއެވެ.

އޭރު އެ މަޖިލީހުގައި މާތްﷲ ރުއްސުންލެއްވި އަބްދުﷲ އިބުނު އައްބާސް ވެސް އިންނެވިއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅުގައި، ކީރިތި ރަސޫލާ ﷺ އެ އިޝާރާތްކުރެއްވި ސަހާބީއަށް އެފަދަ މަތިވެރި ނިއުމަތެއް ލިބިވަޑައިގަތުމަށް މެދުވެރިވީ ކޮން ސަބަބަކާ ހުރެތޯ އޮޅުންފިލުއްވުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެހެންކަމުން އެމަޖިލީސް ނިންމަވާފައި ސަހާބީން އެނބުރިވަޑައިގަންނަވަން ފެށުމުން އަބްދުﷲ އިބުނު އައްބާސް މާތްނަބިއްޔާ އެ އިޝާރާތްކުރެއްވި ސަހާބީގެ ފަހަތުން ވަޑައިގަތެވެ. އަދި އެ ސަހާބީގެ މެހެމާނަކަށް ވެވަޑައިގަތުމަށް ސަހާބީ އަރިހުން އެދިވަޑައިގަތެވެ.

ކޮންމެއަކަސް އަބްދުﷲ ބުން އައްބާސް އެ ސަހާބީގެ މެހެމާނަކަށް ވެވަޑައިގަތުމަށް އެދި އެތައް އުޒުރެއް ދެއްކެވެމުން އެ ސަހާބީ އެކަމާ އެއްބަސްވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މެހެމާނެއްގެ ގޮތުގައި އަބުދުﷲ އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވިއެވެ. އެގޮތުން އަބުދުﷲ ތިން ރޭ ވަންދެން މި ސަހާބީގެ އަމަލުފުޅުތައް ވަރަށް ގާތުން ބެއްލެވިއެވެ. ނަމަވެސް އެ ސަހާބީގެ ފަރާތްޕުޅުން އަބުދުﷲ އަށް އެއްވެސް ހާއްސަ ކަމެއް ފެނިވަޑައިނުގަތެވެ.

އެހެންކަމުން އަބުދުﷲ މި ސަހާބީގެ އަރިހުގައި ދެންނެވިއެވެ. "އަޚާއެވެ. ކީރިތި ރަސޫލާ ﷺ ވަނީ ކަލޭގެފާނަކީ ސުވަރުގެވަންތަވެރިޔަކު ކަމުގައި ހަދީސްފުޅުކުރައްވާފައެވެ. އެހެން ނަމަވެސް އެހެން ސަހާބީންނާ ޚިލާފަށް ކަލޭގެފާނު އިތުރަށް ރޭއަޅުކަންކޮށް އެހެނިހެން ހެޔޮ އަމަލުތައް ކޮށް އުޅޭތަނެއް އަޅުގަނޑަކަށް ނުފެނުނެވެ. ވީ އިރު ސުވަރުގޭގެ އަހުލުވެރިޔަކަށް ވެވަޑައިގަތުމަށްޓަކައި ކަލޭގެފާނު ކޮށްއުޅުއްވަނީ ކޮންކަމެއްހެއްޔެވެ؟ އަަޅުގަނޑަށް ފާހަގަ ނުކުރެވުނަސް ތިބާ ކޮށްއުޅުއްވާ ޚާއްޞަ ހެޔޮއަމަލެއް ހަނދުމަފުޅު ވޭހެއްޔެވެ؟"

އެހިނދު އެސަހާބީ ކުޑައިރުކޮޅަކު ވިސްނާވަޑައިގަންނަވަން ހުންނެވުމަށްފަހު ދެންނެވިއެވެ. "އަޚާއެވެ. ފަހަރެއްގައިވެސް ތިޔަބޭކަލުންނަށް ވުރެ އިތުރަށް އަަޅުގަނޑު ކޮށް އުޅޭ އެއްވެސް ހެޔޮ އަމަލެއް ނެތެވެ. އެހެންނަމަވެސް އަޅުގަނޑަށް އެފަދަ ދަރަޖައެއް ލިބުމުގެ ސަބަބަކީ ފަހަރެއްގައި އަޅުގަނޑު އެހެން މީހުންނާ މެދު ސާފު ހިތެއް ގެންގުޅުން ކަމަށް ވެދާނެއެވެ. އަޅުގަނޑު ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަނީ އަޅުގަނޑުގެ އެކުވެރިންނާ މެދު ވަރަށް ސާފު ހިތެއް ބާއްވައިގެންނެވެ. އެމީހުންގެ ކިބައިން ފެންނަ ގޯސް ސިފަތަކަށް މާފުކޮށް އަބަދުވެސް އަޅުގަނޑުގެ ހިތުގައި ބާއްވަނީ އެމީހުންގެ ރަނގަޅު ސިފަތަކާއި އަމަލުތެކެވެ. އަޅުގަނޑަށް އެފަދަ ދަރަޖައެއް ލިބުމުގެ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ.

އެހިނދު އިބުނު އައްބާސް ދެންނެވިއެވެ. "އާނއެކެވެ. ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ތިޔަ ސިފަފުޅަކީ ހަމަ ޔަގީނުންވެސް ތިބާ ސުވަރުގެ ވެއްދެވުމުގެ ތަޅުދަނޑިއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *