Support Us

އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް އިންތިހާބުކުރި ސްވިމިން އެސޯސިއޭޝަންގެ ރައީސް ޗަމްޕާ މުހައްމަދު އަބްދުއްސަތާރު (ޗަމްޕީ)

އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ޗަމްޕީ، ނައިބު ރައީސުންނަށް ތޮލާލާއި އަހުމަދު އިސްމާއީލް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް ޗަމްޕާ މުހައްމަދު އަބްދުއްސަތާރު (ޗަމްޕީ) އިންތިހާބުކޮށްފިއެވެ. އަދި ހެންވޭރު ދަނޑުގެ ވިނަގަނޑުމަތީގައި، ގައިދުރުކަމާއެކު މިއަދު ކުރިއަށްދިޔަ އޮލިމްޕިކް ކޮމިޓީގެ 2021 އިން 2025ގެ ހިންގާ ކޮމިޓީގެ އިންތިހާބުގައި ނައިބު ރައީސުންގެ މަގާމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވަނީ އިންތިހާބުކޮށްފައެވެ.

ޖުމްލަ 18 ވޯޓު ދެވޭ، އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ޗަމްޕީ އިންތިހާބުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާ ވާދަކުރައްވައި، 11 ވޯޓު ހޯއްދަވައިގެންނެވެ. މޫސަ އަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

އެފް.އޭ.އެމްގެ ސްލޮޓެއްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ވާދަކުރެއްވި އެފް.އޭ.އެމްގެ ނައިބު ރައީސް އަދި ކުރީގެ ފޯވާޑް އަލީ އުމަރު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސުންގެ މަގާމަށް ވެސް އަލީ އުމަރުގެ އިތުރުން މޫސާ ނާޝިދާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް ކުރިމަތިލެއްވިއެވެ. ނަމަވެސް އަލީ އުމަރާއި މޫސަގެ ނަން އަނބުރާ ގެންދެވުމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލާއި އަހުމަދާ ވާދަކުރެއްވީ ފައިސަލް އެކަންޏެވެ. ތޮލާލް 15 ވޯޓު އަދި އަހުމަދު 14 ވޯޓު ހޯއްދެވިއިރު، ފައިސަލް އަށް ލިބވަޑައިގަތީ ހަ ވޯޓެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސުންގެ މަގާމަށް އިންތިހާބުވި ހޭންޑްބޯލްގެ ރައީސް އަހުމަދު އިސްމާއިލް (ކ) އާއި އެތުލެޓިކްސްގެ ރައީސް މުހައްމަދު ތޮލާލު

އޮލިމްޕިކް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހޮވާ، އޮލިމްޕިކް ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގެ ހަ ގޮނޑިއަށް 10 އެސޯސިއޭޝަނަކުން ވާދަކޮށް އެ ހަ ގޮނޑި ކާމިޔާބުކުރީ ބެޑްމިންޓަން އެސޯސިއޭޝަނާއި ބާސްކެޓް އެސޯސިއޭޝަނާއި ސަރފިން އެސޯސިއޭޝަނާއި ޓީޓީ އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަނާއި ވޮލީބޯލް އެސޯސިއޭޝަނެވެ. 

އޮލިމްޕިކް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހޮވާ އޮލިމްޕިކް ކުޅިވަރުތަކުގައި ނުހިމެނޭ އެސޯސިއޭޝަންތަކުގެ ދެ ގޮނޑިއަށް ހަތަރު އެސޯސިއޭޝަނަކުން ވާދަކޮށް އެ ދެ ގޮނޑި ކާމިޔާބުކުރީ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ހެންވޭރު ދަނޑުގައި ކުރިއަށްދަނީ  -ފޮޓޯ: އޮލިމްޕިކް ކޮމިޓީ/އެފް.ބީ

އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވައިދު ބުނާ، އަންހެން ދެ މެމްބަރުންގެ ދެ ގޮނޑީގެ ތެރެއިން ކުރިމަތިލާފައި ވަނީ އެންމެ ގޮނޑިއަކަށެވެ. އެއީ  އޮލިމްޕިކްގައި ނުހިމެނޭ ކުޅިވަރެއްގެ ގޮތުން ނެޓްބޯލް އެސޯސިއޭޝަނެވެ. އޮލިމްޕިކްގައި ހިމެނޭ އެސޯސިއޭޝަނަކުން އަންހެން މެމްބަރު ކަމަށް ކުރިމަތިލައިފައެއް ނުވެއެވެ. އެ މަގާމަށް އެސޯސިއޭޝަނެއް ހޮވުމަށް ބައި-އިލެކްޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އޮލިމްޕިކް ކޮމިޓީގެ ހަތަރު އަހަރުގެ އާ ދައުރު ފަށާނީ އަންނަ ޖުލައި 11 ގައެވެ.

ދެހާސް ސަތާރައިގައި ފާސްކޮށްފައިވާ އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވައިދު ބުނާ ގޮތުން، އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ޓްރެޝަރަރ އައްޔަންކުރާނީ އާ ހިންގާ ކޮމިޓީންނެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ހެންވޭރު ދަނޑުގައި ކުރިއަށްދަނީ  -ފޮޓޯ: އޮލިމްޕިކް ކޮމިޓީ/އެފް.ބީ

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަރުޒޫގު (މަރޭ) އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *