...

Support Us

ޤުދުރަތުގެ އިލްހާމް

ޝާއިރެއް ދިޔައޭ ހިނގައިފައި ޖަންގަލީ ތެރެއިން މަޑުން
މާއިރާ ގޭން ނިކުމެގެން ހޯދަން ހިޔާ ފެހި ގަސްތަކުން

އެދި ލިބުން ފިކުރިއްޔަ ކާނާ، ފިނިކަމާ ރޫޙީ އުފާ
ބެދި ގުޅޭހެން ލަފުޒުތައް އަމުނާ ޣަޒަލު ޅެންތައް ހަދަން

ހުއްޓި ހިންދެމި ލެއްވިޔޭ ޝާއިރު ގަހެއް ދޮށުގައި ހިޔާ
ފެއްޓި ކަޅި ހިންގަން ވަށައިވާ މެޙެފިލަށް ލޯ ހުޅުވަމުން

ޤުދުރަތީ ސިޙުރީ އެ ބަސްމަގު ލެއްވި ފުރިހަމަ މަންޒަރަށް
އުދުހެމުން ޝާއިރުގެ ރޫޙޭ ގެންދިޔައި ދެމި ބާރަކުން

އެހިނދުގައި ޤުދުރަތް ނިދާއެއް ޝާއިރަށް އިއްވާލިޔޭ
"ބެހި ތިބާ ހުރެ ތިޔަދަނީ ކޮން މަންޒިލެއް އެދިހޭ ހިތުން؟"

"ޝާއިރެއް އަޅުގަނޑު މިއީ އެދެނީ ޅެމެއް ގެތުމޭ މިތާ!
ދާއިމަށް ދެމި ދާނެފަދައިން ޚިދުމަތެއް ގަލަމުން ކުރަން!"

ޤުދުރަތުން އަދު ރައްދުގައި ފެއްޓެވިޔެ ވާހަކަ ދައްކަވަން
"ޚިދުމަތެއް ކުރުމަށް އެދޭނަމަ ވާށެ ސާބިތު ތިޔަ ހިތުން!"

"ކޮނޑު މަތީ އޮތް ޝާއިރީ ވާޖިބު ނިކަން ހުރެ ބައްލަވާ
ބޮޑު ކަމެއް ދީބަށް ދިމާވާ ނަމަ ނަގާ ތިގަލަން އަތުން!"

"ޝާއިރީ ލޭ ދައުރުވުން ގުޅިފައި ވަނީ ވަޠަނިއްޔަތަށް
​ ޝާއިރީ ހިތް މޭ ތެރޭ އޮވެފައި ޖަހާ ވިންދުގެ އަޑުން!"

"ޤުދުރަތުން ކޮށްދޭ އިޝާރާތްތައް ލޮލުން ނުބަލާ ވަކިން
ބުދުތަކެއް ފަދައިން ހުރީ ފަހެ ކީއްވެހޭ ތިގޮތަށް މަޑުން؟"

"ހިޔަނި އެޅި މިނިވަންކަމަށް ދާހިނދު ދެލޯ މެރުމުން މިތާ
​ތިޔަ ހަދާ ޅެންތަކުގެ އަސަރެއް ދޭހެ ފެނިގެން އަމުދަކުން؟"

​"ލާށެ ހޭލައްވާ މި އުންމަތް އަނދިރިޔަށް ދުނިޔޭގެ ކަޅު
ދާށެ ކުރިޔަށް އަޒުމުގައި ގަަލަމުގެ ތުނޑުން އަލި ފަތުރަމުން!"

"ޤުދުރަތުން ނުހަދާ ޅެމެއް ހެދިދާނެ ބާއޭ ޝާއިރަށް؟
ޤުދުރަތީ ފުރިހަމަ ޅެމަށް އަދު ހެކިވެދޭނޭ ޖަންގަލިން!"

"އުޑުތަކާ ބިން ވަޒަނަކަށް މީޒާން ކުރައްވާ ފަތުރުވާ
ކަނޑުތަކެއް ވަކިވާނެ ފަދައިން ހަމަ މިތާގައި ލެއްވެވިން!"

"މިބުނި ބަސްތައް ވިސްނަވާ ކުރިއްޔަށް ފަތާށޭ "ކޯރުގައި"
ޢިބުރަތެއް ހާސިލުމެ ކޮށް "އައްސޭރި" ހޯދަން ޅެންތަކުން!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *