Support Us

ބިރިޔާނީގެ ތާރީޚުން ތަންކޮޅެއް...

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ބިރިޔާންޏަކީ މިއަދު ދިވެހީންގެ ސުފުރާތަކުގައި ވެސް މަޝްހޫރު ތަށްޓެކެވެ. އެއީ އިންޑިޔާގެ ކެއުންތަކުގައި ހިމެނޭ ވަރަށް ޤަދީމީ ވަރަށް މަޝްހޫރު ކާއެއްޗެކެވެ. އެހެނަސް ބިރިޔާނީގެ ތާރީޚާމެދު މުއައްރިޚުންގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. ބިރިޔާނީގެ އަޞްލަކީ ކޮބައިހެއްޔެވެ؟ މި ނަން ދެވުނީ ކިހިނެއް ހެއްޔެވެ؟ 

ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި ބިރިޔާނީގެ އަޞްލަކީ ފާރިސީ ބަހުގެ "ބޭރުޔާން" އެވެ. މާނައަކީ "ތެލުލުން" އެވެ. އެއީ ބަތް ކެއްކުމުގެ ކުރިން ހަނޑޫ ތެލުގައި ނުވަތަ ގިތެލުގައި ތެލުލެވޭތީއެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާ ގޮތުގައި "ބިރިޔާނީ"ގެ އަސްލަކީ "ބިރިންޖު" އެވެ. އެއީ ފާރިސީ ބަހުން ހަނޑުލެވެ.

ބައެއް ދިރާސާތައް ބުނާގޮތުގައި ބިރިޔާންޏަކީ މުޣޫލީންގެ ވެރިކަމުގައި އީޖާދު ކުރެވުނު އެއްޗެކެވެ. އެއީ ފަޤީރުންނަށް ތައްޔާރުކޮށްދެވުނު ކާއެއްޗެކެވެ. ބިރިޔާނި ތައްޔާރު ކުރެވެނީ ރަސްގެފާނުގެ ބަދިގެކޮޅުގެ ހުސްފުޅުތަކުންނެވެ. ބާކީވެފައިވާ ހުންނަ ބަތްތަކަށް ހަވާދު އަޅައި އެއްކުރުމަށް ފަހު ކުކުޅު މަސްކޮޅެއް ލައި ތެލުލަނީއެވެ.

އެހެނަސް އެހެން ބައެއް ދިރާސާތައް ބުނާގޮތުގައި މުޣޫލީންގެ ކުރިން ވެސް އިންޑިޔާގައި ބިރިޔާނި ކާ އެއްޗެއްގެ ގޮތުގައި އިސްތިއުމާލު ކުރެވިފައި ވެއެވެ.

ފާރިސީ އެއްޗެއް އިންޑިއާ އެއްޗަކަށް ބަދަލުވީ ކިހިނެއް؟

ބައެއް ދިރާސާތައް ބުނާގޮތުގައި މުޣޫލީން އިންޑިޔާއަށް ބިރިޔާނި ގެނައީ ފާރިސް ކަރައިންނެވެ. އެމީހުންގެ ވެރިކަމުގައި އިންޑިޔާގެ ރަށްތަކަށް ބިރިޔާނި ފެތުރިގެން ދިޔައީއެވެ. ބިރިޔާނި މަޝްހޫރުވެފައިވަނީ ޙައިދަރުއާބާދާއި ލަކަނޫގައެވެ.

އަނެއްބައި ދިރާސާތައް ބުނާގޮތުގައި ބިރިޔާނި އިންޑިޔާއަށް ދިޔައީ އަރަބި ކަނޑުންލައިފާ ކާލީކޯޓު މަގުންނެވެ. ކާލީކޯޓުގައި ބިރިޔާންޏާއެކު ކާށިތެލުގައި ފިހެފާ ހުންނަ ރޮށްޓާއި އަސާރަ ބޭނުން ކުރެއެވެ. ރަހައަށް ބަލާއިރު ކާލީކޯޓު ބިރިޔާނި އިންޑިޔާގެ އެހެން ރަށްރަށުގެ ބިރިޔާންޏާ ވަރަށް ތަފާތެވެ. އެއީ ބަނޑަށް ވަރަށް ލުއި އެއްޗެކެވެ.

ޙައިދަރުއާބާދުގައި ބިރިޔާނި ހަދާއިރު ބަތާއި މަސް ކައްކާނީ އެއްކޮށްނެވެ. އެހެން ރަށްރަށުގައި ބިރިޔާނި ހަދާއިރު ބަތް ކައްކާނީ މަހާ ވަކިންނެވެ.

ތާރީޚީ ޙަޤީޤަތްތަކުގެ ތެރެއަށް ވަންނައިރު އޮޅުން އަރާކަހަލަ އެތައް ކަންތައްތަކެއް ފާހަގަކުރެވެއެވެ. ފުލޯކު ވާހަކައެއް ކަމަށް ބެލެވޭ ވާހަކައެއް ބުނާގޮތުގައި ތައިމޫރުލިންކް އަފްޣާނިސްތާނު މަގުން ލައްވާފައި ކަޒަޚިސްތާނުން އިންޑިޔާގެ އުތުރު ސަރަޙައްދަށް ވަޑައިގެންނެވިއިރު ވަޑައިގެންނެވީ ބިރިޔާނީގެ މަލާފަތެއް ހިއްޕަވައިގެންނެވެ.

އެހެން ފުލޯކު ވާހަކައެއް ބުނާގޮތުގައި ބިރިޔާނި އީޖާދު ކުރެއްވީ މުމްތާޒު މަޙައްލު (އެ ކަމަނާއަށް ޓަކައި ތާޖު މަޙައްލު ބިނާކުރެވުނު ކަމަނާ) އެވެ. އެކަމަނާ މި ކާނާ ތައްޔާރު ކުރެއްވީ ލަޝްކަރީންނަށެވެ.

ތިންވަނަ ރިވާޔަތެއް ބުނާގޮތުގައި ބިރިޔާނި ފެށުނީ ހުޅަނގު އޭޝިޔާއިންނެވެ. އެ ހިސާބުގައި ބަދަވީން ތެއްޔެއް ފުރެންދެން ހަނޑުލާއި ގެރިމަހާއި ހަވާދު އަޅައިގެން އުނދުނަކަށް ލައިގެން ކައްކައިގެން ކައި އުޅުނެވެ. މިއީ ބިރިޔާނީގެ ފެށުމެވެ.

ބުރަވެވޭ ރައުޔަކީ ބިރިޔާނި އައީ ފާރިސް ކަރައިންނެވެ. އިންޑިއާގެ އުތުރު ސަރަޙައްދުތަކަށް އައީ އަފްޣާނިސްތާނު މަގުންނެވެ. ބިރިޔާނި ހަދަނީ ހަނޑުލާއި ހަވާދާއި ގެރިމަސް މަސްހުނިކޮށްގެންނެވެ. ގެރިމަހުގެ ބަދަލުގައި ކަނޑުމަސް ނުވަތަ ކުކުޅު ބިސް ނުވަތަ ތަރުކާރީ އަޅައެވެ. އެންމެ ކުރީ ޒަމާނުގައި ބިރިޔާނި ކައްކާއިރު ގިތެޔޮ ތެރެއަށް އަޅަނީ ނުކަނޑާ ހުންނަ ހަނޑުލެވެ. މި ގޮތަށް ހަދާ ބިރިޔާނީގައި ރަހަ ވަރަށް މީރުވާނެއެވެ. އެއަށްފަހު ހަނޑޫކޮޅު ތެލުލައި ސާފު ފެނުގައި ކައްކަނީއެވެ. ކައްކާއިރު އެއަށް ހަވާދު ލާނެއެވެ. ހަނޑޫ ކައްކާނީ ދެބައި ކުޅަ އެއްބަޔަށް ރޯފިލަންދެނެވެ. ބިރިޔާނި ހަދާއިރު އަޑީގައި ހުންނާނީ ބަތެވެ. ދެން އަޅާނީ މަހާއި ހަވާދެވެ. ދެން އޭގެ މައްޗަށް އަޅާނީ ބަތެވެ. ބައެއް ފަހަރަށް ކާފޫރުތޮޅިޔާއި ކަރަންފުލާއި ފޮނިތޮށި ފަދަ އެއްޗެހި އަޅައި ރަހަ ތަފާތުކޮށްލައެވެ.

ބިރިޔާނި ހަދާނީ އަނގުރު އަލިފާނުގައި ތެލި މަތި ޖަހައިގެންނެވެ. މި ތެލީގެ މަތި ނަގާނީ ކާން ވީމައެވެ. މުޣޫލީންގެ ރަސްކަމުގައި ބިރިޔާންޏަކީ ރަސް ދޮލަނގުކޮޅުގެ ޚާއްޞަ ފަރިއްކޮޅެކެވެ. ފަހުން ބިރިޔާނިވެގެން ދިޔައީ ނިޒާމީންގެ ޚާއްޞަ ފަރިއްކޮޅަކަށެވެ. ޙައިދަރުއާބާދު ބިރިޔާނި މަޝްހޫރުވީ މިހެން ވެގެންނެވެ. ބިރިޔާނީގެ މޮޅު ދެރަކަން ބެލުމަށް ޓަކައި އެއިން ބަތްކޮޅެއް ނަގައި މޭޒުމައްޗަށް ވައްޓައިލެވޭނެއެވެ. މޮޅު ބިރިޔާނީގައި ދެ ބަތްފުއް އެކެއް ނުވާނެއެވެ. ކޮންމެ ފުކެއް ވެއްޓޭނީ ވަކިންނެވެ.

އިންޑިޔާގައި ބިރިޔާންޏަކީ ވަރަށް ޚާޢްޞަ ކެއުމެކެވެ. ކޮންމެ ރަށަކަށް ޚާއްޞަ ބިރިޔާންޏެއް ވެއެވެ. އޮރެންޖް ލައިގެން ކައްކާ ޚާއްޞަ ބިރިޔާންޏެއް ވެއެވެ. ފިނިފެން ބިރިޔާންޏާއި ކަބާބު ބިރިޔާނި ވެސް ހުރެއެވެ. ޓެމިނަލްނާޑޫ ބިރިޔާނި ކެރެލާ ބިރިޔާންޏާ ތަފާތެވެ. ގޯވާ  ބިރިޔާނި ބަންގާޅު ބިރިޔާންޏާ ތަފާތެވެ. ކެރަލާގައި ކަންބަޅި މަހުގެ ބިރިޔާނި ކައްކާއިރި އެއަށް ޔެންސޫން ލައެވެ. ގޯވާ ބިރިޔާނީގައި ރާހުތާއި ޒައިތޫނި ތެޔޮ ބޭނުންކުރެއެވެ.

ނިޒާމީ ރަސްރަސްކަލުންގެ ސުފުރާމަތިން 49 ބާވަތުގެ ބިރިޔާނި ފެނިފައި ވެއެވެ. މީގެތެރޭގައި ކަނޑުމަހުގެ ބިރިޔާނި، އިހި ބިރިޔާނި، ޑިނގާ ބިރިޔާނި، މުސަޅު ބިރިޔާނި، ފުއްލާ ބިރިޔާނި ވެއެވެ.