Support Us

ވެރިކަމަށް ޓަކައި ނަޞާރާދީން ޤަބޫލު ކުރެއްވި ރަސްރަސްކަލުންނާއި ބައިބަޔަށް އަންދަލުސް ވިއްކައިލެއްވި އަމީރުން- 4

އޭޖެންޓްކަމާއި ނަޞާރާވުން

އައްސުލްޠާން ޢަބްދުލްވާޙިދު ބިން ޔޫސުފު ބިން ޢަބްދުލް މުއުމިނލް މުވައްޙިދީ މުވައްޙިދުންގެ ދައުލަތުގެ ވެރިކަމަށް އިސްވެވަޑައިގަތުމާއެކު އެ ދައުލަތުގެ އަމީރުންތައް ވެރިކަމާ ހެދި އަރާރުންވެ ވަޑައިގަންނަވަން ފެށްޓެވިއެވެ. އިރުމަތީ އަންދަލުސްގެ ވާލީ ކަމުގައި ހުންނެވި އޭނާއަށް ބޮޑުބޭބެ ވިދާޅުވާ އަމީރު އަބޫ މުޙައްމަދު ޢަބްދުﷲ ބިން ޔަޢުޤޫބުލް މުވައްޙިދީ (އަވަހާރަވި 1227ގައި) އަމިއްލަފުޅަށް ސުލްޠާނަކަށް ވެ ވަޑައިގެންނެވިއެވެ. އޭނާގެ ލަޤަބެއްކަމުގައި ހައްދަވާފައި ވަނީ "އަލްޢާދިލް" އެވެ. އޭނާއަށް ޖިޔާނާއާއި ބައްޔާސާގެ ވާލީ ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަބްދުލް މުއުމިނުއް މުވައްޙިދީ ބައިޢަތު ހިއްޕެވިއެވެ.

ބަލަންސިޔާއާއި ދާނިޔާއާއި ޝާޠުބާގެ ވާލީއާއި އަލްބައްޔާސީގެ އަޚު މި ބައިޢަތާ ދެކޮޅު ހެއްދެވިއެވެ. އިބްނު ޚަލްދޫން ވިދާޅުވެފައިވާ ގޮތުގައި އަޚުންގެ މެދުގައި މި ހިނގި އަރާރުންތަކުގެ ސަބަބުން ފިތުނަތައް އިތުރުވެގެން ދިޔައެވެ. މިއިން ކޮންމެ ބޭފުޅަކު ފަރަންޖީންގެ ރަސްގެފާނު ފަރނާންޑޯ (3ވަނަ )ގެ އެހީ ހޯއްދަވާ ދައުލަތް ވައްޓައިލެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

އަލްބައްޔާސީ އޭނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނަށް ހިއްޕެވި ބައިޢަތާ ދެކޮޅުހައްދަވާ އޭނާ ވެސް ވެރިއެއް ކަމަށް ދަޢުވާކުރައްވަން ފެށްޓެވިއެވެ. ބައްޔާސީ އޭނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނާ ކުރިމަތިލެއްވުމަށް ޓަކައި ޤަޝްތާލާގެ ރަސްގެފާނު 3ވަނަ ފަރނާންޑޯގެ ކިބައިން ވާގިވެރިކަން ހޯއްދެވިއެވެ. މިއިން ކޮންމެ ޚިޔާނަތެއްގެ ވެސް އަގަކީ އަންދަލުސްގެ ބިމުން ބިންކޮޅެއް ދުޝްމަނުންނަށް ހިލޭ ލިބުމެވެ.

އިބްނު ޢަޛާރާ އަލްމަރާކިޝީ ވިދާޅުވެފައިވެއެވެ. "އަލްބައްޔާސީ މުވައްޙިދީންނަށް ކިޔަމަންގަތުމުން ބޭރުވެ ވަޑައިގެން ނަޞާރާއިންގެ ވާގިވެރިކަން ހޯއްދަވައި، ޤައުމުގެ ބަލިފައިތައް ހާމަކޮށްދެއްވިއެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ މުދާތަކަށް ނަޞާރާއިންނަށް ވެރިވެ ގަނެވުނެވެ. އެތައް މުޖާހިދުންނެއް ޤަތުލު ކުރެވުނެވެ. މުސްލިމުންގެ އެތައް އަންހެނުންނެއް އަޅުވެތި ވެގެން ދިޔައެވެ. އަދި އެމީހުންނާއިގެން މުސްލިމުންގެ އެތައް ކިއްލާތަކަކަށް ބައްޔާސީ ވަދެވަޑައިގަތެވެ. އޭގެތެރޭގައި ބާޖާ ކިއްލާއާއި ލައުޝާ ކިއްލާ ވެއެވެ. ބައްޔާސީގެ ޚިޔާނަތްތައް މި ވަރަކުން ނުފުދުނެވެ. އިބްނު ޢަބްދުލް މުންޢިމުލް ޙުމައިރީ (އަވަހާރަވީ 1506ގައި) އޭނާގެ މަޝްހޫރު ފޮތް "އައްރައުޟުލް މިޢުޠާރު"ގައި ލިޔުއްވާފައިވެއެވެ. "އޭނާ ތިންވަނަ ފަރނާންޑޯއާ އެކު ހަނގުރާމަކުރައްވާ ޖައްޔާން ކައިރީގައި އޮންނަ ޤައިޖާޠާ ސަހަރު ފަރަންޖީންނަށް ހިއްޕަވާ ދެއްވިއެވެ. ބައްޔާސީ އޭނާގެ ޚިޔާނަތުގައި ކުރިއަށް ވަޑައިގެން ނަޞާރާދީނަށްވެސް ވަނީ ވަދެވަޑައިގެންފައެވެ. އޭނާ އެޝްބީލިޔާ ހިއްޕަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ޤުރްޠުބާއަށް އެނބުރި ވަޑައިގަތެވެ. އެހެނަސް ޤުރްޠުބާ މީހުން ނުކުމެ އޭނާ ޤަތުލު ކުރިއެވެ.

އޭނާގެ އަޚު އަބޫ ޒައިދު ވެސް ހިންގަވާފައި ހަމަ މި މަގުންނެވެ. އޭނާވެސް ނަޞަރާ ދީނަށް ވަދެވަޑައިގަތެވެ. އެއަށްފަހު އޭނާގެ ނަންފުޅުވެސް ބަދަލު ކުރެއްވިއެވެ. އޭނާގެ އައު ނަމަކަށް ވީ ސޭން ބިޝެންޓޭ) އެވެ.

ޚިޔާނަތުގައި ފޯވެފައި ތިބުން

މުވައްޙިދުންނަށްފަހު އަންދަލުސް ދެ ފަޅިއަށް އިރިގެން ދިޔައެވެ.އިރުމަތީ އަންދަލުސް ދިޔައީ މުޙައްމަދު ބިން ޔޫސުފު އިބްނު ހޫދުލް ޖުޛާމީ (އަވަހާރަވީ 1237ގައި) އަށެވެ. ދެކުނާއި މެދުތެރޭ އަންދަލުސް ދިޔައީ މުޙައްމަދު ބިން ޔޫސުފު ބުނުލް އަޙްމަރުލް ޚަޒްރަޖީ (އަވަހާރަވީ 1272ގައި) އަށެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ޞުލްޙަ ޤާއިމުކުރެވިފައި އޮތްނަމަވެސް ޤަޝްތާލީން ޤުރްޠުބާ އެތައް މަހެއް ވާންދެން ޙިޞާރުކޮށްގެން ތިބިއިރު އިބްނު ހޫދު އެއްވެސް އެހީއެއް އިބްނު އަޙްމަރަށް ދެއްވާފައެއް ނުވެއެވެ. މި ކަމުގެ ސަބަބުތަކުގެ ތެރޭގައި އިބްނު ހޫދުގެ ލަޝްކަރުގައި ނަޞާރާއިންގެ ކުލީ ސިފައިން ތިބުން ވެއެވެ. ޤުރްޠުބާ ޙިޞާރު ކޮށްގެން ތިބި ނަޞާރާ ސިފައިންގެ ވެރިއާ ތިންވަނަ ފަރނާންޑޯ ރަސްގެފާނުގެ ބާރުގަދަކަން އިބްނު ހޫދުގެ ހިތްޕުޅަށް ދިޔައީ ވައްދަމުންނެވެ. މި އޮޅުވައިލުމުގެ ސަބަބުން އަންދަލުސްގައި އޮތް މުސްލިމުންގެ ވެރިރަށް ޤުރްޠުބާ 1236ގައި ނަޞާރާއިންނަށް ލިބުނީ ހަމަ ހިލޭއެވެ.

އިބްނުލް މުޤައްރީގެ ރިވާޔަތް ބުނާގޮތުގައި އިބްނު ހޫދާއި އިބްނުލް އަޙްމަރު އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާދަކުރައްވަމުން ވަޑައިގެންނެވީ ނަޞާރާއިންގެ ރަސްގެފާނު ތިންވަނަ ފަރނާންޑޯގެ ރުހުން ހޯއްދެވުމަށެވެ. އޭނާއަށް އެހީވެ ދެއްވުމަށެވެ. ވަޠަނަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެ ވަޑައިގަތުމުގެތެރެއިންނެވެ. މި ކަމުގެ ސަބަބުން އަންދަލުސްގެ އިސްލާމީ ސަހަރުތައް ފުލުފުލުގައި ވެއްޓެމުން ދިޔައެވެ.

އެންމެ ފަހުގެ ވެއްޓުން

ބަނީ އުމައްޔަތުން ފެށިގެން ޠަވާއިފުންގެ ރަސްރަސްކަލުންނާއި މުވައްޙިދުންގެ ރަސްރަސްކަލުން ވެސް ވަޑައިގެންނެވީ ވަޠަނަށާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެ ވަޑައިގަންނަވަމުން އަމިއްލަ ޝަޚްޞީ މަޞްލަޙަތު ކުރިއަށް ނެރުއްވަމުންނެވެ. އަންދަލުސް މުސްލިމުންނަށް ގެއްލިގެން ދިޔައީ  ދައުލަތުގެ ބަލިކަށިކަމުން އެކަންޏެއްނޫނެވެ. އެއީ ޚިޔާނަތުގެ މޭވާއެކެވެ. ދުޝްމަނު ނަޞާރާއިންނާ އެއްބައިވެ އެއްބާރުލުމުގެ ސަބަބުންނެވެ. ވެރިކަމާހެދި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޖެއްސުން ކުރެއްވުމުގެ ސަބަބުންނެވެ.

ބަނުލްއަޙްމަރުގެ ރަސްރަސްކަލުންގެ ކަޅު ޒަމާން އެތައް ދަހަރުތަކަކަށް ދެމިގެން ދިޔައެވެ. އެންމެ ފަހު މަންޒަރުގެ ދެ ބަޠަލުންނަކީ މުޙައްމަދު ބިން ޢަލީ (މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަބޫ ޢަބްދު ﷲ އައް ޞަޣީރު- އަވަހާރަވީ 1527 ގައި) އާއި އޭނާގެ ބޮޑުބޭބޭފުޅު މުޙައްމަދު ބިން ސަޢުދު (މަޝްހޫރުވެ ވަޑައިގެންފައި ވަނީ އައްޒަޣުލްގެ ނަންފުޅުންނެވެ. އަވަހަރަވީ 1490 ގައެވެ.) އެވެ.

އަބޫ ޢަބްދުﷲގެ ބައްޕާފުޅު އަވަހާރަވުމުން ވެރިކަން ލިބިވަޑައިގަތީ ބޮޑުބޭބޭފުޅަށެވެ. ޣަރްނާޠާގެ ރައްޔިތުންނާއި ސިފައިން އޭނާއަށް ތާއީދު ކޮށް ނަޞާރާއިންގެ ކިބައިން އަންދަލުސްގެ އިސްލާމީ ދައުލަތް ސަލާމަތް ކުރުމަށް ބޮޑެތި ބުރަތަކެއް އުފުއްލެވިއެވެ. ނަމަވެސް މި އަބޫ ޢަބްދުﷲ ވެރިކަން ހޯއްދަވަން ވެގެން ސްޕޭންގެ ނަޞާރާގެ ކިބައިން ވާގިވެރިކަމާއި މަދަދު ހޯއްދެވިއެވެ. ފަރނާންޑޯ ރަސްގެފާނު މި ފިތުނައިގެ އަލިފާންގަނޑު ވަރުގަދައަށް އެންދުމަށްޓަކައި އަބޫ ޢަބްދުﷲއަށް ހުރިހާ ވަސީލަތްތަކަކުން އެހީވެ ދިނެވެ.މި ޚިޔާނަތުގެ ސަބަބުން ޣަރްނާޠާގެ ރަސްކަން ދެ ފަޅިއަށް އިރިގެން ދިޔައެވެ. އިރުމަތީ ފަޅި ލިބިވަޑައިގަތީ ޒަޣްލަށެވެ. މި ފަޅީގެ ވެރިރަށަކީ "ވާދީ އާޝް" އެވެ. ހުޅަނގު ފަޅި ލިބިވަޑައިގަތީ އަބޫ ޢަބްދުﷲ އަށެވެ. މި ފަޅީގެ ވެރިރަށަކީ ޣަރްނާޠާއެވެ. މި ފިތުނައިގެ ބޭނުން ހިފައި ޤަޝްތާލާގެ ރަސްގެފާނު އެތައް ސަހަރުތަކަކާއި ކިއްލާތަކެއް މުސްލިމުންގެ އަތުން އަތުލިއެވެ. އެންމެފަހުން 1490ގައި ޒަޣުލް ޚިޔާނަތުގެ އަނދަވަޅަށް ވެއްޓިވަޑައިގެންފިއެވެ. ނަތީޖާއަކަށް ވީ މުޅި އަންދަލުސް މުސްލިމުންނަށް ގެއްލިގެން ދިޔުމެވެ. ގެއްލުނު ސުވަރުގެއަކަށް އަންދަލުސް ވުމެވެ.

ދެ އަމީރުންގެ ޚިޔާނަތަށް ތިން އަހަރު ފުރިހަމަ ނުވަނިސް ޣަރްނާޠާ ޙިޞާރުކޮށްފިއެވެ. ފަރނާންޑޯއާއި އިޒަބެލާ އައްޞަޣީރަށް ވެފައިވާ ވަޢުދުތަކާ ޚިލާފުވެ  ޣަރްނާޠާ ފަތަޙަ ކުރިއެވެ. އަށް ސަތޭކަ ވަރަކަށް އަހަރަށް ފަހު އަންދަލުސް މުސްލިމުންނަށް ގެއްލުނީ މި ދެ އަމީރުންގެ ޚިޔާނަތުގެ ސަބަބުންނެވެ. އެކަކު އަނެކަކަށް ލަނޑުދޭން އުޅުމުންނެވެ.

މަޣްރިބުގައި ވެސް

އަންދަލުސް ކައިރީގައި އޮތް މަޣްރިބުގައި ވެސް ޚިޔާނަތުގެ ސިލްސިލާތަކެއް ވަނީ ހިނގައިފައެވެ. ސަޢުދިއްޔަ ދައުލަތުގައި (1065–1655) އައްސުލްޠާނު އަލްމުތަވައްކަލު ވެރިކަމަށް އިސްވެވަޑައިގަތުމުން އޭނާގެ ދެ ބޮޑުބޭބޭފުޅުން އަލްމުޢުތަޞިމާއި އަޙްމަދުއްސަޢުދީ މުތަވައްކަލުގެ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގަތެވެ. މި ދެ ބޭފުޅުން ޢުޘްމާނީ ދައުލަތުގެ އެހީ ހޯއްދެވިއެވެ. އެ ދުވަސްވަރު ޖަޒާއިރު އޮތީ ޢުޘްމާނީ ވެރިކަމުގެ ދަށުގައެވެ. ޢުޘްމާނީ ދައުލަތުގެ އެހީއާއެކު ބޮޑުބޭބޭފުޅުންނަށް މަޣްރިބުގެ ބޮޑު ބައި ލިބިވަޑައިގަތެވެ. އެހިނދު މުތަވައްކަލު ފިއްލަވައިގެން ޠަންޖާއަށް ވަޑައިގަތެވެ. އެ ދުވަސްވަރު ޠަންޖާ އޮތީ ޕޯޗްގީޒުންގެ ބާރުގެ ދަށުގައެވެ. ޕޯޗްގީޒުންގެ ކިބައިން އެހީއަށް އެދިވަޑައިގަތުމުން އެމީހުން މަޣްރިބު ކަރައިގެ އައްސޭރީފަށުގެ ހުރިހާ ރަށްތަކެއް ޕޯޗްގީޒުންނަށް ދިނުމަށް ޝަރްޠު ކުރިއެވެ.

ޢަޒްލުކުރެވުނު ރަސްގެފާނު މުތަވައްކަލު ޙަދިޔާއެއްގެ ގޮތުގައި އަޞީލާ ސަހަރު ދެއްވިއެވެ. އެހިނދު މަޣްރިބުގެ ޢިލްމުވެރީން އޭނާއަށް ވަރަށް ހަރުކަށި ސިޓީއެއް ފޮނުއްވިއެވެ. މި ސިޓީގައި އެބޭފުޅުން އޭނާގެ އިސްތަށިފުޅުގައި ޚިޔާނަތާއި ކުފްރުގެ ތުހްމަތު އެޅުއްވިއެވެ. މާތްﷲގެ ކޯފާ އޭނާގެ މައްޗަށް އަތުވެދާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ޕޯޗްގީޒު ލަޝްކަރާއެކު މުތަވައްކަލު މަޣްރިބުގެ ރަސްގެފާނު ޢަބްދުލް މަލިކުއް ސަޢުދީއާ ދެކޮޅަށް ހަނގުރާމައަށް ނުކުމެ ވަޑައިގަތެވެ. މި ލަޝްކަރުގެ ވެރިއަކަށް ހުރީ ޕޯޗްގީޒު ކޮމާންޑަރ ޑޮން ސަބާސްޓިއާނެވެ. ދެ ލަޝްކަރު ބައްދަލުވީ 30 ޖުމާދަލް އޫލާ 986ވަނަ އަހަރު ވާދިލް މަޚާޒިން އައްސޭރީގައެވެ. މި ހަނުގާރަމައިގައި މުތަވައްކަލާއި އޭނާގެ އެކުވެރި ޑޮން ސަބާސްޓިއާން ޤަތުލު ވެގެން ދިޔައެވެ. އަދި ސުލްޠާން ޢަބްދުލްމަލިކު ވެސް ޝަހީދުވިއެވެ. މިހެންވެ މި ހަނގުރާމައަށް "ތިން ރަސްކަލުންގެ ހަނގުރާމަ"އިގެ ނަން ދެވިފައި ވެއެވެ.

މާތްﷲ ނަޞްރު ދެއްވީ މުސްލިމުންނަށެވެ. ޕޯޗްގީޒުންގެ ލަޝްކަރު ވަރަށް ބޮޑަށް ބަލިވެގެން ދިޔައެވެ. އައު ރަސްގެފާނު އަލްމަންޞޫރު އަޙްމަދުއް ސަޢުދީ އޭނާގެ އަޚާގެ ދަރިކަލުން މުޙައްމަދުގެ ހަށިކޮޅުގެ ހަންގަނޑު ދަމާފައި އެއަށް ގޮދަން ތޮށި އަޅާފައި މަރާކިޝްއަށް ފޮނުއްވިއެވެ. އެ ދުވަހަށްފަހު މި މުޙައްމަދަށް "މަސްލޫޚު–ހަންދެމުނު" ލަޤަބު ދެވިފައި ވެއެވެ. އެއީ އޭނާގެ ޚިޔާނަތަށާއި ދުޝްމަނުންނަށް ވަޠަނު ވިއްކައިލެއްވުމުގެ ޖަޒާއެއްގެ ގޮތުން ދެވުނު އަދަބެކެވެ.

މިއީ އިސްލާމީ ބައެއް ދައުލަތްތަކުގެ ވެރިން އުންމަތަށް ވެވަޑައިގެންފައިވާ ބައެއް ޚިޔާނަތްތަކެވެ. މި ޚިޔާނަތުގައި ތަފާތު ކުލަތަކެއް ވެއެވެ. އެބޭބޭފުޅުން އުންމަތަށް ޚިޔާނަތްތެރިވެ ވަޑައިގެންފައި ވަނީ އެބޭބޭފުޅުންގެ އަމިއްލަ މަޞްލަޙަތު ރައްކައުތެރި ކުރެއްވުމަށް ޓަކައެވެ. މީގެތެރެއިން ގިނަ ބޭފުޅުންގެ ނިމުމަކަށް ވެފައިވަނީ ޤަތުލުކުރެވުމެވެ. ނުވަތަ ވެރިކަމުން ޢަޒްލު ކުރެވުމެވެ. ޤައުމުން ބޭރަށް ފައްސައިލެވުމެވެ. އެބޭބޭފުޅުންގެ ރައްޔިތުންގެ ހިތްތަކުގައި އެބޭބޭފުޅުންނާމެދު ނަފްރަތްތެރިކަމާއި ރުޅިވެރިކަން އުފެދުމެވެ. (ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިޤައުމުގައި ވެސް މިކަހަލަ ބައިގަނޑެއް މިވަނީ އުފެދިފައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *