...

Support Us

ޔޫތު މިނިސްޓަރުކަމުގެ ފަތްކޮޅު އަހުމަދު މަހުލޫފަށް 18 ނޮވެމްބަރު 2018 ގައި ރައީސް ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ޚިޔާނާތު ފައިސާގައި މަހުލޫފު ޖެހުނު މައްސަލަ ޕީ.ޖީއަށް، މަހުލޫފް ވަޒީރުކަމުން ސަސްޕެންޑްކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ)ގެ ޚިޔާނާތު ފައިސާގައި ޔޫތު މިނިސްޓަރު އަދި ކުރީގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފު ޖެހުނު މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އޭ.ސީ.ސީން ޕީ.ޖީއަށް ފޮނުވުމާއެކު ރައީސް އޮފީހުން މިއަދު މަހުލޫފް ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ "މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ޕީ.ޖީ އަށް ފޮނުވައިފައިވާތީ، ޕީ.ޖީ ގޮތެއް ނިންމެވުމާ ހަމައަށް މަހުލޫފު މަސައްކަތުން އެކަހެރިވުމަށް ވަނީ އެންގިފައި" ކަމަށެވެ.

މަހުލޫފު މިވަގުތު ހުންނެވީ ދުބާއީގައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތު ފައިސާގައި މަހުލޫފު ޖެހުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އޭ.ސީ.ސީން ޕީ.ޖީއަށް ފޮނުވާފައި ވަނީ ގިނަ ކަންތައް ތަކެއް މަހުލޫފުގެ މައްޗަށް ސާބިތުވާ ކަމަށް ބުނެއެވެ.

"މި މައްސަލައިގެ ތަހްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގ.ހާފްސީ، އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގެއެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ/ މާލެ) އާއި އަޙްމަދު މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާ ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގެއެވެ." އޭ.ސީ.ސީގެ ބަޔާނުގައިވެއެވެ. "އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތް ނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ."

މީގެ އިތުރުން އެ 33,000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެ ކަމަށް މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުއްވާފައިވާ ސިޓީ އާއި، ދެއްވާފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދެއްވާފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް ވެސް އޭ.ސީ.ސީން ބުނެއެވެ.

"އެގޮތުން، އަޙްމަދު މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތަތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، ގ.ހާފްސީ، އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ. މީގެ އިތުރުން، އިސްވެ ދެންނެވުނު މުޢާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެ ކަމަށާއި، އެއީ ޞައްޙަ މުޢާމަލާތެއް ކަމަށް ދެއްކުމަށް އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސް.އޯ.އެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް އޭ.ސީ.ސީގެ ތަޙްޤީޤަށް ގ.ހާފްސީ/ މާލެ، ޢަލީ މުބީން ބަޔާން ދީފައިވަނީ އޭ.ސީ.ސީ އަށް ދޮގު މަޢުލޫމާތު ދިނުމުގެ ގޮތުންކަން ތަޙްޤީޤަށް އެނގެން އޮތަތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، ގ.ހާފްސީ/ މާލެ، ޢަލީ މުބީން އަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ."

އޭ.ސީ.ސީން މިގޮތަށް ފާހަގަކުރި ނަމަވެސް ޕީ.ޖީން މައްސަލަތައް ޝަރީއަތަށް ފޮނުވަނީ އެކަމެއް ޝަރީއަތަށް ފޮނުވައި ސާބިތުކުރެވޭ ވަރަށް އުންސުރު ހަމަވެގެންނެވެ. އޭ.ސީ.ސީން ތަހުގީގުކުރި ވެންޓިލޭޓަރ ކޮރަޕްޝަންގެ މައްސަލައިގެ ވެސް އުންސުރު ހަމަނުވެގެން އެ މައްސަލަ ވަނީ ދައުވާ ނުކޮށް އަނބުރާ އޭ.ސީ.ސީ އަށް ފޮނުވާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ޔާމީނާއިދެކޮލަށް ނުކުތީ ލިބުނު އަދަދު މަދުވެގެންނޯ އޭރު ކިޔާ އުޅުނު .މިހާރު އަމިއްލަ އަތުންފެއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނިބާ؟

  2. ތިޔަ މައްސަލާގައިވެސް އުންސުރުދާނީ ފަންސުރު ހޯދަންކަަމަށް ބެލެވެއެވެ. ފަންސުރު އުޅޭނީ އުންސުރު ނުފެނިގެންނެވެ. އުންސުރު އުޅޭހިސާބެއް ފަންސުރަކަށް ނޭގޭނެއެވެ. ފެންނާނެހެނެއް ހިއެއްނުވެއެވެ.

  3. އުންސުރު ހަމަނުވެގެން ފަންސުރު ގޮސް ގުންޒަރުގައި ނިންމާނީ ދޮންސޮރު ބުނާ ގޮތަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *