Support Us

ބޯދާ، ކަޓު ނިޒާމު ބަދަލުވެއްޖެ، ދެއްތޯ…؟

ޒަމާނެއް ފާއިތުވެގެން ދިޔަ، އެހެން ނޫންތޯއެވެ؟ ދިވެހިރާއްޖޭގައި މީހުން އުޅޭ އަތޮޅުތަކާއި ރަށްރަށުގައި ރަސްކަމުގެ ހިރިޔާފާތުރާގެ ދަށުންރައްޔިތުންގެ މައްޗަށް ވެރިކަން ކުރައްވާށާއި ޢަދުލު އިންޞާފު ޤާއިމް ކޮށްދެއްވަން  އަތޮޅުވެރީންނާއި، ޚަޠީބު ބެއިކަލުންނާއި، ނައިބު ބެއިކަލުންނާއި، މިހިރަ މިހިރަ ނަން ނަމުގައި އެކިއެކި ބެއިބެއިކަލުން ފޮނުއްވައި، ޢައްޔަން ކުރައްވައި ހެއްދެވި ޒަމާނެއް ދިޔައެވެ. އެއީ އަޅުގަނޑު އެހައި ސާފުކޮށް ދުށް ޒަމާނެއް ނޫނެވެ. އަޅުގަނޑަށް އިވެނީ ބުނާ އަޑެވެ. ފެންނަނީ ލިޔެވިފައި ހުރި ވާހަކަތަކާއި ލިޔުންތަކެވެ.

އަޅުގަނޑު މިދެންނެވި ތަފާތު އެކި ނަންނަމުގައި ޢާންމު ރައްޔިތުންގެ މައްޗަށް އެކި ބާވަތުގެ އަމުރު ކުރައްވައި ހައްދަވަން ތިއްބެވި ބެއިބެއިކަލުންނަށް ރައްޔިތުންގެ ފަރާތުން ކޮންމެހެން ދޭން ޖެހޭ ބާވަތްތަކެއް ހުރިކަމަށްވެސް ވެއެވެ. ރާ އަރާ މީހުން ނައިބުބެއިކަލުންނަށް ދޭން ޖެހުނު ނައިބުހަކުރެއް އޮތް ކަމަށް ވެއެވެ. ފައިސާގެ ގޮތުގައި ބޮލި ބޭނުން ކުރެވުނު ދުވަސްވަރު ރަށުގައި ހިލައި އުޅުނު ބޮލިން ބައެއްވެސް ނައިބުބޮލީގެ ގޮތުގައި ދޭން ޖެހުނު ކަމަށްވެސް ވެއެވެ. އެއީ ވެސް އެއީ އަޅުގަނޑު އެހައި ސާފުކޮށް ދުށް ޒަމާނެއް ނޫނެވެ. އަޅުގަނޑަށް އިވެނީ ބުނާ އަޑެވެ. ފެންނަނީ ލިޔެވިފައި ހުރި ވާހަކަތަކާއި ލިޔުންތަކެވެ.

އިވިފައި ހުރި އަޑުތަކާއި ފެނިފައި ހުރި ބައެއް ލިޔުމަށް ވިސްނާއިރު، އެއީ ހުޅަނގުގެ ޑިމޯކުރަސީ ރާއްޖެޔާ ދިމާޔަށް ދަތުރު ފެށުމުގެ މާ ކުރިއެވެ. އެއީ ވެރިކަމުގެ ފަރާތުން އަންގާ އެންގުންތަކުގައި ކުރާން ބުނެފައި ހުންނަ ކަންކަމަކީ ސުވާލަކާ ނުލައި ކުރާން ޖެހޭ ކަންކަން ކަމަށް އެންމެން ޤަބޫލު ކުރި ޒަމާނެވެ. ވެރީންގެ ޙާޟިރުގައި އާދައިގެ މީހުން ތިބެން އެންމެ ރީތި ގޮތަކީ ފައިގެ ބޮޑުވައިއިނގިއްޔާ ދިމާޔަށް ބަލަހައްޓައިގެން، ހަށަންބަނދެގެން ކަމަށް ވީ ޒަމާނެވެ. ކިރިޔާވެސް ނުސިޔާނު ބަހެއް ބުނެފި މީހަކާ ހުރަގެޔާ ބައްދަލު، އަނދަގޮނޑި ފަސޭހަވެސް ވީ ޒަމާނެވެ.

އަޅުގަނޑުމެން ދުނިޔެތެރެޔަށް ހޭލައިގަނެގެން އައި ދުވަސްވަރަކީ މިދެންނެވި ޒަމާން މާޒީވެފައި އޮތް ޒަމާނެކެވެ. މިހެން ދެންނެވިޔަސް، އެއް ފަހަރަކު އަޅުގަނޑަށް ދެވުނު ރަށަކުން ”ނައިބުކަލޭގެ“ ކިޔާ މީހަކު ދުށީމެވެ. އޭނާގެ އެއިރުގެ ރަސްމީ ޙައްޘިއްޔަތު އަޅުގަނޑަށް އެހައި ސާފު ނުވިޔަސް، އެއީ ފިސާރި ބޭކަލެކެވެ. އައްސަވާށެވެ!

އަޅުގަނޑު މިދެންނެވި ނައިބުކަލޭގެ ގެ ގެޔަކީ ރަށުގައި ހުރި އެންމެ ބޮޑު ގެއެވެ. ރާނައި ފައްކާކޮށް، ފުރާޅުގައި އީޓުޖަހައި، ފެންޑާމަތީގައްޔާއި ތަޅަންމަތީގައި ބޮޑު އުނދޯލި އެލުވައިފައި ހުރި ގެއެކެވެ. އިނގިރޭސިވިލާތު މަރުކާއެއްގެ، ޗާބީ ދޭ ޒާތުގެ ބޮޑު ގަޑިއެއް ބޭރުގޭތެރޭ ފާރުގައި އަޅުވައިފައި ހުރެއެވެ. މިހިރިމިހިރިއްޔަކީ އާދައިގެ މީހަކާ އެ ޒަމާނުގައި އަރައިއަރަފޯދިގެންވާ ކަންކަމެއް ނޫނެވެ.  ރަށުގެ އާދައިގެ މީހުންގެ ގޭގޭ ހުންނަނީ ފަނުން އަޅައި، ފަނުން ހިޔާކޮށްފައެވެ. ގަޑި އެއީ އާދައިގެ މީހުން ބަލައިއުޅޭ އެއްޗެއް ނޫނެވެ.

ނައިބުކަލޭގެ ގެޔަކީ ގޭގެ ހައިބަތާ އެއްވަރަށް ކާރޫބާރޫވެސް އެހައި ބޮޑު ގެއެކެވެ. ގޭދޮރުމަތީގައި ވަކީން ހަދައިފައި ހުންނަ ކަނބުރުގޭގައި ވަޅިތަޅައި، ފުރޯ ތޫނުކޮށް ހަދައެވެ. ބަދިގެފަރާތުގައި ހަވާދު ތަޅާ މީހުން ހަވާދު ތަޅައެވެ. ފުނޑާ މީހުން ފުނޑައެވެ. ކައްކާ މީހުން ކައްކައެވެ. ވާނީވެސް އެހެން ނޫންތޯއޭ، ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ގިނަމީހުންނަކީ ނައިބުކަލޭގެޔަށް ނޯކިރީ ކޮށްދީގެން ދިރިއުޅުން އާރާސްތުކުރާ މީހުންނެވެ. ނައިބުކަލޭގެ އޮޑިފަހަރުން މަހަށް ދިޔުމާއި، ނައިބުކަލޭގެ ރުއްގަނޑުގަނޑުން އެޅުމާއި، ރާއެރުމާއި، ބޮނބި ފައުކޮށްގެން، ތަޅައިގެން، ފިނދައިގެން، ލީލިއަޅައިގެން، ރޯނުވެށުމާއި، ވައު އެޅުމާއި، މިހުރިހައި ކަމެއްގައި އުޅޭ މީހުންނެވެ. އަޅުގަނޑު އެރަށަށް އެރި ދުވަހަކީވެސް ނައިބުކަލޭގެ އެއިރު އަލަށް އަލަށް ބަންނަވަމުން ގެންދެވި އޮޑިޔެއްގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަހެކެވެ. އެހެން ވީމައި، ވަޑީންނަށް ކެއްކުމާއި ކާންގެންދިޔުމާއި މިކަހަލަ ކަންކަމުގައި އުޅޭ މީހުންވެސް ގޭ ތެރެޔަށް އިތުރުވި ކަމަށް ވިއެވެ.

ނައިބުކަލޭގެ ގޭގައި ރަށުގެ ބޮޑުބައި އޮވެފައި، އެވަރަކުންވެސް އެއިރަކު ނުފުދެއެވެ. ރަށުގެ ޚަޠީބު މަނިކުފާނުންނާއި ބޭކިނބި ދައިތަޔާއި މުދިންކަލޭގެޔަކީވެސް ނައިބުކަލޭގެ ތިމާގެ މީހުންނެވެ. ނުވަތަ ޅިޔަންފަހަވެރީންނެވެ. އެދުރުގޭގައިވެސް ހަމަ އެ މީހުންނެވެ. މުޅި ރަށުގެ އާބާދީގެ ތެރެއިން ކަމުވޮށިގެންވާ ކޮންމެ މީހަކީ، ނުވަތަ މީހަކަށް ވާ ކަމަށް ބެލެވޭ ކޮންމެ މީހަކީ ނައިބުކަލޭގެ ޢާއިލާގެ މެންބަރެކެވެ.  ވާނީވެސް އެހެންނެވެ. ރަސްކަމުގެ ކޮއިލުތެރެޔާ ހަވާސާ މީހާގެ ބަހަކީ ބަހެވެ.  އެއީ އެއިރު ކަން އޮތްގޮތެވެ. އޮންނަން ޖެހޭކަމަށް ގިނަ މީހުން ޤަބޫލުކުރި ގޮތަކީވެސް އެއީ އެވެ.

މި ވާހަކަ މިހެން ދަންނަވާފައި، ދެން އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ލޮލުން ދެކެ، އަތުން ހިފައި، ސިކުނޑިން ވަޒަން ކޮށްލެވެން އުޅޭން ލިބުނު ދުވަސްވަރުގެ ވާހަކައެވެ. އެއީ ކުރިން މިދެންނެވި ނިޒާމަށް ބަދަލުތަކެއް އައިސްފައި އޮތް ޒަމާނެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ވިދާޅުބަސްފުޅަށްވުރެ ޤާނޫނު އިސްވާނެކަމަށް ބުނެވުނު ޒަމާނެވެ. އެ ދުވަސްވަރު ދިވެހިރާއްޖޭގެ އަތޮޅުތަކުގައި އިސްކޮށް ތިއްބެވީ އަތޮޅުވެރީންނެވެ. އެއީ މާލެއިން ފޮނުއްވީމައި އަތޮޅުތަކަށް ވަޑައިގެން ތިއްބަވާ ބައެކެވެ. އަތޮޅުވެރީންގެ ދަށުން ރަށްރަށުގައި ވެރިކަމުގެ ކަންކަން ބަލަހައްޓަަވަން ތިއްބަވަނީ ބޮޑުކަތީބުންނާއި ކަތީބުންނާއި ކުޑަކަތީބުންނެވެ. އެއީވެސް މާލެއިން ޢައްޔަން ކުރައްވާ ބައެކޯލައެވެ. ޤާޟީންނާއި މުދިމުންވެސް އެފަދައެވެ. އިސްކޯލުތަކާއި ސެންޓަރުތައް ވުޖޫދަށް އައި ޒަމާނަށްވާތީ، ޖަމާޢަތުގެ ޞިއްޙީ އެހީތެރީންނާއި ނާޡިރުންނާއި ހެޑުމާސްޓަރުންނާއި ޓީޗަރުންނަށްވެސް އަލަށް ވަޒީފާ ލިބިގެން ދިޔަ ޒަމާނެވެ.  ލިޔެވިފައި އޮންނަ ޤާނޫނުގެ ކުރިމަތީގައި އެންމެހައި ރައްޔިތުން ހަމަހަމަ ވެގެން އައި ޒަމާނެވެ.  ބައެއް މީހުން ބުނެ އުޅުނު ގޮތުގައި، އެއީ ރާއްޖެޔަށް ޒަމާނީ ތަރައްޤީގެ ރަހަ ލިބެން ފެށި ޒަމާނެވެ.

މި ދެންނެވި ޒަމާނަކީ ދައުލަތުގެ ވުޒާރާތައް މިނިސްޓުރީ ތަކަކަށް ބަދަލުވެ، އެތަންތާނގައި އުޅުނު ކަމުވޮށިގެންވާ އެންމެން ހެން އިހު އަނދެ އުޅުނު މުންޑު ފަޓުލޫނަށް ބަދަލުކުރަން ޖެހުނު ޒަމާނެވެ. ދުނިޔެ ތެރެޔަށް ރާއްޖޭގެ ރައްޔިތުން އަވަހަށް ނެރެން ބޭނުންވި ޤައުމުތަކުން އެހީގެ ގޮތުގައި ރާއްޖެޔަށް ދިން އިސްކޯލަރުޝިޕު ތަކާއި ފެލޯޝިޕުތަކުގައި ދިވެހި ދަރީން ރާއްޖެއިން ބޭރަށް ގޮސް، ތަޢުލީމާއި ތަމްރީނުގެ އެކި ހަރުފަތްތަކަށް އަރަމުން ދިޔަ ޒަމާނެވެ. ތަފާތު މަޤާމު ތަކުގެ ފެންވަރު ލިޔުމުން ފެންނަން އޮވެފައި، ފެންވަރު ހުރެގެން ނޫނީ ވަޒީފާ ނުލިބޭން ފެށި ޒަމާނެވެ. ޒަމާން ބަދަލުވީއެވެ.

އެހައިތަނުން ޒަމާން އަދި ބަދަލުވިޔަސް، ބައެއް ރަށްރަށުގައި، ނުވަތަ ބައެއް ޙާލަތް ތަކުގައި، އިހުގެ ކުލަޔަކާއި ވަހަކާއި ރަހަޔެއް ހިފައިފައި ހުރުމަކީ މުޅި ނިޒާމު ކުށްވެރިވާނެ ކަމެއް ނޫން، ދެއްތޯއެވެ؟ އިސްވެ މިދެންނެވި އިސްކޯލަރުޝިޕު ތަކާއި ފެލޯޝިޕުތަކުގައި ބައެއް ރަށްރަށުން ދިޔަ ކުދީންނަކީ ނައިބުކަލޭގެ ޢާއިލާގެ ކުދިންނަށް ވުމީ އިއްތިފާޤެކޭ ކިޔައިފައި ހުއްޓައިލަމާތޯއެވެ! އޮފީހު ދެނަންބަރު ކާތިބު ކަމާއި ސެކުރެޓަރީ ކަން ވަކި ބަޔަކަށް ދިންއިރު މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމަނައިފައި އޮތް ސަނަދު އެ މީހުންގެ އަތުގައި އެ ވަގުތު ނެތަސް، ރަށުގެ އިހުބޮޑުންގެ އިތުބާރަށް ބަލައިފައި، އެ މީހުންނަށް ކަމުގޮސްގެން ވަގުތީ ވަޒީފާޔަށް ވެއްދި ކުދީން ވީހައިވެސް އަވަހަކަށް އިމްތިޙާނުގައި ބައިވެރިކޮށްގެން ސަނަދު ނަގައިދޭން އެންގޭ ގޮތް ވުމަކީ ނިޒާމެއް ބަދަލުވާއިރު ވެދާނޭ ގޮތެއް ކަމަށް ބަޔަކު ޤަބޫލު ކުރިއެވެ.

ދިހަވަރަކަށް އަހަރު ފަހެވެ. ރަށްރަށުގެ އެކި ވަޒީފާ ތަކުގައި ތިބީ ޝަރުޠު ހަމަވާ، ކުފޫ ހަމަވާ މީހުންނެވެ. ހަސްފަތާލުގައި އިސް ޑޮކްޓަރަކަށް ހުންނެވީ އިހުގެ ނައިބުކަލޭގެޔަށް ކާފަ ވިދާޅުވާ ބޭކަނބަލަކަށް ވެފައި، ޤާޟީ ކަމު ހުންނެވީ އެ ކަމަނާގެ ދެބެއިންގެ ދެދަރި ބޭކަލަކަށް ވުމަކީ އިއްތިފާޤަކަށް ނުވެ ހިނގައިދާނެއެވެ. އިސްކޯލުގެ ނާޟިރާއި ބެންކު މެނޭޖަރަކީ ދެބެއިން ކަމަށް ވެފައި، އެއީ ހަމަ އެއްކަލަ ނިޔާވި ނައިބުކަލޭގެ ހުވަފަތް އަނބިކަނބަލުންގެ ކޮއްކޯގެ ދެބެއިން ކަމަށް ވުމީވެސް އިއްތިފާޤަކަށް ނުވެ ހިނގައިދާނެއެވެ. ބޮޑުކަތީބަކަށް ހުންނެވީ މިދެންނެވި އެންމެހައި ބޭބޭކަލުންނާއި ބޭބޭކަނބަލުންގެ ”ދޮންބޭބެ“ ކަމަށް ވުމަކީވެސް އެކަހަލަ ކަމެކެވެ. ރަށްރަށުގެ ބައިގިނަ، ބޮޑެތި ޢާއިލާތަކާ މެދު އެ ނޫން އެއްޗެއް ބުނާކަށް ހަމަ ނުވާނެއެވެ. އެއްކަލަ އިސްކޯލަރުޝިޕުތަކާއި ފެލޯޝިޕު ތަކުގެ ވާހަކަ މިހައިރު ދެން ނުދައްކަމާ ތޯއެވެ! ރަށުގެ ގެސްޓުހައުސްތަކާއި ކޮފީބޯ ތަންތަނާއި ކަންނެލި އޮޑިޔަށް ދަންދެން ހުރީ އިހުގެ ނައިބުކަލޭގެ ޢާއިލާގެ ނުފޫޒު ގަދަ މީހުންގެ އަތްމަތީގައޭ، އެކަން އެހެން ވުމުގެ ފެށުން އޮތީ މިހެނޭ، ފުރުޞަތުތައް ލިބުނު ގޮތުންނޭ ކިޔޭކަށްވެސް މިހައިރަކު ދެނެއް ނެތެވެ. ނިޒާމު ބަދަލުވެއްޖެއެވެ.

ނިޒާމު ބަދަލުވެގެން ދެން އައީ ޑިމޯކުރަސީގެ ޒަމާނެވެ. ހުރިހައި ކަމެއް ރަނުން ރަނަށް، އިންސާފު އިންސާފަށް އޮންނަ، އަދި އޮންނަންވެސް ޖެހޭ ޒަމާނެވެ. މިހައިރަކު ދެން ނުފޫޒު ގަދަ ބޮޑެތި ޢާއިލާތަކުގެ މީހުންނަށް ދެއްކޭނޭ ގަދައެއް، ކުރިޔަށް ނެރެވޭނޭ ނުސިޔާނު ހަމައެއްވެސް ނޯންނާނެ ނޫންތޯއެވެ! އެންމެ ނިކަމެތި، ފަޤީރު މީހާގެވެސް ބަސް ވިކެއެވެ. ޢައްޔަން ކުރުން ވޯޓުން ހޮވުމަށް ބަދަލުވެއްޖެއެވެ. ސިޔާސީ އަދި އިޤްތިޞާދީ ބޯޅަ ކުޅޭން އޮންނަ ދަނޑަކީ ރަހަފޮދަށް ހަމަ، ހަމަހަމަ، ވަކި ކޮޅަކަށް ކަތި ނޫން ތާކަށް ވެއްޖެއެވެ. މިހައިރު އެންމެންނަކީވެސް ހަމަހަމަ މީހުންނެވެ. ފުރުޞަތުގެ ގޮތުންނެވެ. އިހު އޮތް ނިޒާމުތަކުގެ ތެރެއިން ދުރާލައި ލިބިފައި އޮތް ފުރުޞަތުތަކާއި ނުފޫޒަކީ މިހައިރު ކަމުފޮޅާ ކަންކަމެއް ނޫން، ދެއްތޯއެވެ! އެ ޒަމާންތަކުގެ ބޮޑެތި ޢާއިލާތަކާއި، އިހުއްސުރެ ލިބިފައިއޮތް ފޯރުންތެރި ކަމާއި، ފައިސާޔާއި މުއްސަނދިކަމަކީ މިހައިރު ހަމަ އެއްވެސް ބާރެއް ހުރި ކަންކަމެއް ނޫން، އެހެން ނޫންތޯއެވެ؟ އިހުއޮތް ބޯދާ، ކަޓު ނިޒާމު ބަދަލުވެއްޖެ، …ދެއްތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

2 Responses

  1. ނޫން އަނެއްކާ ވެސް އެދުވަސް އަންނަނީ ނޫންތޯ؟ އަނެއް ރާއްޖެ. ރަށު ދިރިއުޅުން. އަތިރިމައްޗަށް ޤަޟާޙާޖަތް ކޮށް ނުވަތަ ހަނޑަސްބުރީގަ ވަޅުޖަހައިގެން އެކަން ކޮށް……އެއީ ނޫންތޯ ވާން މިއުޅޭ ގޮތަކީ. ވަޓުސަޕާއި، ވައިބަރާއި، ފެކުހާއި މިހެން ކިޔާނެ ކަމެއް ނެތް ތަރައްޤީގެ ހުރިހާ ވަސީލަތެއް ހުރެމެ ކޮލަރާގެ ދުވަސްވަރު ސައިކުރާ ނަޢީމު ދެތިން ފިބާ އަކާއި ޕިންފޮށްޓަކާއި ވޯކީޓޯކީ އަކާއި ރޭޑިޔޯ ސެޓެއް ހިފައިގެން އިނދެ ކުރިވަރު ނުކުރެވުނު. ވަޅުތަކަށް ބޭސް އެޅި.ބޭސް ދޭންޖެހޭ މީހުންނަށް ބޭސްދީ ޖޫސް ދޭންޖެހޭ މީހުންނަށް އެވެސްދިން.ރައީސަށް ރިޕޯޓު ދިން. ނަޢީމު އަތުގަ ޑިގުރީއެއްނެތް. މިހާރު މިއުޅެނީ ކަރަންޓީނުން ދޫކުރި ކަމުގެ ލިޔުން އެމީހަކަށް ނުފޮނުވިގެން. ވަޙީދުމެން ކަހަލަ މީހުން މިއަދު ބޭނުމެއް ނެތް.

  2. ވަޙީދުއެވެ.ރާއްޖެއަށް ތަރައްޤީއެއް ނައެވެ. ދިޔައީ އެއްހާސް އަހަރު ފަހަތަށެވެ. ކިޔަވައިގެން ތިބި މީހުންވީ ބާކީއެވެ. އަންނަން އޮތީ ކުރީގަވެސް އޮތް ރަށުދިރިއުޅުމެވެ. ކޮންމެ ބަޔަކުވެސް އައިސް ބަލަނީ ތިޖޫރި ހުރީ ކޮންތާކުތޯއެވެ. ގާތް މީހުންނަށް އޮތީ ބައި އެޅުމެވެ. ކަންކުރެވޭވަރު ބައްލަވާށެވެ. ފުލައިން ސުކޫެލެއްގެ މައްސަލަ ހަމަޖައްސަން ރައީސް ، ނައިބު ރައީސް، އެތައް މިނިސްޓަރަކު ނިކުމެ ވީކަމަކަށް އަދި އޮތީ އެސުކޫލަށް ވީގެއްލުމުގެ ބަދަލޭ ކިޔާފަ މިލިޔަނުން ފައިސާ ދިނުމެވެ.އޮތީ ބައި އެޅުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *