...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ދިވެހި ޤައުމުގެ ޙާލުގެ ދުލުން ގޮވާލާ އެންމެ ފަހުގެ ގޮވާލުން!

ދިވެހި ރާއްޖެއަށް އިންޑިއާ އަތްގަދަކޮށްގެން އުޅޭ މައްސަލާގައި ވާހަކަ ދައްކަން އަޅުގަނޑާ ގާތް ސްރީލަންކާގެ އިސް މީހަކު ދާދި ފަހުން ގުޅިއެވެ. އަޅުގަނޑާ ގާތް ލަންކާ މީހާ އަކީ ޗައިނާގެ އިސް ފަރާތްތަކާވެސް ގާތް މީހަކަށް ވާތީ އޭނާއާ ސުވާލެއް ކުރީމެވެ. ދިވެހި ރާއްޖޭގައި އިންޑިއާގެ ރާޑަރުތައް ބެހެއްޓި، ރާއްޖޭގެ އެންމެ މުހިއްމު ހަތަރު ކަނޑުއޮޅީގައި އިންޑިއާގެ ވައިގެ އުޅަނދާއި ވައިގެ ސިފައިން ރުކުރުވާލެވި، ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނަށް ވުރެ އިންޑިއާ ހައިކޮމިޝަނަރުގެ ބާރު ރާއްޖޭގައި ގަދަވެ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއްގެ ސިފައިގައި ދިވެހި ރާއްޖެ ހިންގަމުންދާ އިރު ޗައިނާ ހަމަ ބަލަން އޮންނަނީތޯ އަޅުގަނޑު ސުވާލު ކުރީމެވެ. ޖަވާބުގައި ލަންކާ މީހާ ބުންޏެވެ:

"ޗައިނާގެ ސިޔާސީ މީހުންނަކީ އިންޑިއާ މީހުން ގޮތަށް ބަސްގިނަ ބައެއް ނޫނެވެ. ވަގުތު ޖެހުމުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އެމީހުން ފަސްނުޖެހޭނެއެވެ!"

ލަންކާ މީހާ އިތުރަށް ކިޔައިދިން ގޮތުގައި އިންޑިއާއިން ރާއްޖޭގައި ކުޅެމުންދާ ކުޅިގަނޑު ޗައިނާއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި ދިވެހި ސަރުކާރުން ކަންކުރަމުންދާ ގޮތްވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ. މިކަމަށްޓަކައި ކަމާގުޅޭ ދުނިޔޭގެ ސަރަހައްދުތަކުގައި ޗައިނާގެ 350 އަށްވުރެ ގިނަ މީހުން މިވަގުތުވެސް ހަރަކާތްތެރިވަމުންދާ ކަން ޗައިނާގެ ވަރަށް އިސް މީހެއްގެ ފަރާތުން އެނގިފައިވާ ކަމަށް ލަންކާ މީހާ ބުންޏެވެ.

މިވާހަކަތަކަށް ވިސްނާލުމުން އިތުރަށް ޔަޤީންވާ ކަމަކީ ތަރައްޤީގެ ދަޅަ ދައްކައިގެން، އިންޑިއާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖައްސަމުން ދިވެހި ސަރުކާރުން މިކުޅެނީ ވަރަށް ނުރައްކާތެރި ސިޔާސީ ގޭމެއް ކަމެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު މިވަގުތު އޮތީ ޗައިނާގައެވެ. އެންމެ ބިޔަ އެއް ލަޝްކަރާއި، އެންމެ ޒަމާނީ ހަތިޔާރު ހުރި އެއް ޤައުމަކީ ޗައިނާ އެވެ. ޓެކްނޮލޮޖީ އަށް ބެލިކަމުގައި ވިއަސް، އަސްކަރީ ގޮތުން ބެލިކަމުގައި ވިއަސް، އަދި އިގްތިސޯދާއި ރޭވުންތެރިކަމުގެ ގޮތުން ބެލިކަމުގައި ވިއަސް އިންޑިއާ އަށް ޗައިނާއާ ފައިހަމައެއް ނުކުރެވޭނެއެވެ. ވީއިރު އިންޑިއާގެ އުނގަށް ވެއްޓި ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ބައިތިއްބައިގެން ދިވެހި ސަރުކާރުން މިކުޅޭ ނުރައްކާތެރި ގޭމްގައި ޗައިނާއިން އަޅާފާނެ ފިޔަވަޅެއްގެ އާޚިރު ނުރައްކާ ތަހައްމަލް ކުރަން ޖެހޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

އައްޑޫސިޓީގެ ގަން އެއާޕޯޓްގައި އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވައި، އޭތި ބެލެހެއްޓުމުގެ ބަހަނާގައި އިންޑިއާގެ ތިރީހަކަށް މީހުންގެ ފައުޖެއް އެބަތިއްބެވެ. އައްޑޫގައި ތިބޭ ތިރީހަކަށް އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރުގެ ކޮމާންޑް އޮތީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުގައެވެ. ދިވެހި ސިފައިންގެ ބާރެއް ނުފޯރައެވެ. ލާމު އަތޮޅު ކައްދޫގައި އޮތް ހެލިކޮޕްޓަރާއި އެބޯޓާއެކު ތިބި އިންޑިއާ ސިފައިންގެ ކަންތައްވެސް އޮތީ ހަމަ އެފަދައިންނެވެ. އަދި ހާއަލިފް އަތޮޅު ހަނިމާދޫގައި އޮތް އިންޑިއާގެ ދޯނިއާރ މަތިންދާ ބޯޓާއި އެބޯޓާއެކު ތިބި އިންޑިއާ ސިފައިންގެ އިތުރުން ހަނިމާދޫ އިން އިންޑިިއާ އަށް އަށް ލައްކަ (އާދެ އަށް ލައްކަ) އަކަފޫޓުގެ ބިން ދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޑިއާގެ ރާޑަރުތަކުން އިންޑިއާގެ މިލިޓަރީގެ ކަޅި މިޤައުމުގެ މައްޗަށް ވަނީ ހުއްޓުވާފައެވެ. ރާއްޖޭގެ ސަރަހައްދުން ދުއްވާ އެންމެ ކުޑަ ބޮއްކުރާގެ ހަރަކާތްވެސް އިންޑިއާ ސިފައިންނަށް އެނގޭނެއެވެ. ރާއްޖޭގެ ކަނޑު އަޑީގެ ޗާޓް ކުރަހަން ހަވާލު ކުރެވިފައިވަނީ އިންޑިއާ ސިފައިންނާ އެވެ. އެ ޗާޓް އޮތުމުން އިންޑިއާގެ ސަބްމެރީންތަކަށާއި މަނަވަރު ތަކަށް ދަތިކަމެއްނެތި ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރީގައި ބާރު ސްޕީޑުގައި ދުއްވޭނެއެވެ. ދިވެހީންނަށް ވާނުވާ ރޭކާވެސް ނުލާނެއެވެ.

އ.ދގެ އާއްމު މަޖުލީހުގެ ރައީސަކަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ރޭ ހޮވިވަޑައިގަތީ ދިވެހި ސަރުކާރުގެ މޮޅުކަމަކުން ނޫނެވެ. އެއީ ޝާހިދަށާއި އެމްޑީޕީގެ ސަރުކާރަށް އިންޑިއާއިން ކޮށްދިން ކަމެކެވެ. އ.ދގެ އާއްމު މަޖުލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ ކޮންމެހެން ދިވެއްސެއް ނޫނެވެ. އެއީ ސީދާ އިންޑިއާގެ ޕަޕެޓެކެވެ. އެކަމުގެ އަގު އިންޑިއާއަށް ދިވެހި ސަރުކާރާއި ޝާހިދު ދައްކާނީ އިންޑިއާ އެދޭ ބިންތަކާއި ބާރުތައް ދިވެހި ޤައުމުން ދީގެންނެވެ. މިކަމުން ދިވެހި ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިއީ ޝާހިދާއި އެމްޑީޕީ އަށާއި އިންޑިއާ އަށް ފައިދާ ހުރި މުއާމަލާތެކެވެ.

އެމްޑީޕީގެ ސަރުކާރާއި ރައީސް އިބޫ ސޯލިހާއި މަޖުލިސް ރައީސް މުހައްމަދު ނަޝީދާއި ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި ޚާރިޖީ ވަޒީރު  ޝާހިދުގެ، އިންޑިއާ ކޮޅަށް ބުރަވެފައިވާ ސިޔާސަތުތަކުގެ ސަބަބުން، ކަންބޮޑުވާ ދިވެހި ރައްޔިތުން ތިބީ ގޮތް ހުސްވާ ހިސާބުގައެވެ. މިކަން ނިންމަން މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުގެ އެކުލެވުންތެރިކަމެއް ނެތެވެ. އެއްގަލަކަށް ނާރައެވެ. ރައީސް ޔާމީނުގެ ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ވަނީ ރައީސް މައުމޫނުގެ އެމް.އާރ.އެމްއާ ޖެހިފައެވެ. އުމަރު ނަސީރާއި ދުންޔާ މައުމޫންގެ ޑީ.އެން.އޭ އާއި ޕީ.ޕ.ީއެމްއާ ގުޅުމެއް ނެތެވެ. ސަރުކާރު ކޯލިޝަންގައި ނަމަކަށް އޮތް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އެއްވެސް ސިޔާސީ ބާރެއް މި ސަރުކާރުގައި ނެތެވެ. ޝެއިހް އިމްރާން ހޯމް މިނިސްޓަރަކަށް ހުންނެވިއަސް، އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ ބައެއް ވަޒީރުން ތިއްބެވިއަސް މުހިއްމު އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގައި އަދާލަތާއި ޖުމްހޫރީ ޕާޓީގެ އެއްވެސް ބާރެއް ނެތްކަން އެ ދެ ޕާޓީގެ އެތެރޭން މައުލޫމާތު ލިބެއެވެ.

އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރަނީ 2023ގެ ރިއާސީ އިންތިހާބްގައި އެމްޑީޕީ ބަލިވެ، އިދިކޮޅުން ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ރައީސްކަން ލިބޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ރައީސް ނަޝީދު ކުރައްވަމުން  ގެންދަވާ މަސައްކަތުގެ ތެރެއިން 2023ގެ ކުރީން އެނިޒާމް ބަރުލަމާނީ ނީޒަމަކަށް ބަދަލުވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވިއަސް އެމް.ޑީ.ޕީގެ ރައީސަކު ވެރިކަމުގައި ބެހެއްޓުމަކީ އިންޑިއާއަށް މަރާއި ފުރާނަހާ މުހިއްމު ކަމަކަށް ވާތީ އެއްގޮތް ނެތިއްޔާ އަނެއް ގޮތުންވިއަސް އިންޑިއާއިން އެމް.ޑީ.ޕީގެ ވެރިކަން ދަމަހައްޓާނެއެވެ.

އަދި ނާދިރު ހާލަތެއްގައި 2023 ގައި އިދިކޮޅު ޕާޓީ އަކަށް އިންތިހާބް ކާމިޔާބު ކުރެވުނަސް، 2023 އަންނަންވާއިރަށް އިންޑިއާ އާއި އެމް.ޑީ.ޕީ ސަރުކާރު ގުޅިގެން ދެޤައުމުގެ ދެމެދުގައި ދިވެހީން މަރުތަޅުއެޅުވޭ ވަރުގެ އެގްރީމެންޓުތަކެއްގައި ސޮއެ ކުރުވާނެއެވެ. ކުރިއަށް އޮތް 100 އަހަރު ތެރޭގައިވެސް އިންޑިއާ ސިފައިން މި ފަސްގަނޑުން ނުބޭލުވޭ ވަރުގެ މަރުތަޅު އެގްރީމެންޓުތަކެއްގައި ސޮއެކުރުވާނެއެވެ. ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަކަށް، އަދި އިދިކޮޅު ޕާޓީ ތަކަށް ވެސް، 2023 އެއް ނުފެންނާނެއެވެ! ނުލިބޭނެއެވެ! އޮތް ހަމައެކަނި ފުރުސަތަކީ މިހާރެވެ. މިއަހަރެވެ!

ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ކުޑަވެސް އިޙްލާސްތެރި ކަމެއް ހުރި ނަމަ މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ ޕީ.ޕީ.އެމް އާއި ޕ.ީއެން.ސީ އިން ޖެހނީ އިދިކޮޅު އެހެން ފަރާތްތަކާ އެކު ހުރި ޚިޔާލް ތަފާތުވުންތައް އެއްކިބާކޮށް، ވަގުތީ ގޮތުން ނަމަވެސް، އެއްގަލަކަށް އަރާށެވެ. އިދިކޮޅު އެކި ފަރާތްތަކުގެ ހުރިީ އެކި ހުނަރު ނުވަތަ އެކި ސްޓްރެންތެވެ. ޕ.ީޕީ.އެމް އާއި ޕީ.އެން.ސީގެ ކިބައިގައި ބޮޑު އިދިކޮޅު ދެޕާޓީގެ ބާރުވެރިކަމެވެ. ޑީ.އެން.އޭ އާއި އުމަރު ނަސީރުގެ ކިބައިގައި ޖެހިލުންކުޑަކަމެވެ. ރައީސް މައުމޫނާއި އެމް.އާރ.އެމް އަށް ވެސް މުހިއްމު ދައުރެއް އިދިކޮޅު ކޯލިޝަނެއްގައި އަދާ ކުރެވޭނެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ދައުރުވެސް، އިދިކޮޅު އިއްތިހާދެއްގައި ބައިވެރިވެއްޖެ ނަމަ، ވަރަށް މުހިއްމު ވާނެއެވެ. ޕީ.ޕ.ީއެމް އާއި ޕީ.އެނ.ްސީ އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީގެ ހިތި ރަހަ އެމް.ޑީ.ޕީގެ ކަރުބުޑުގައި ވަނީ ލައިފައެވެ. އެމް.ޑީ.ޕީ އާއި އިންޑިއާ އިން އެ މިސްޓޭކް ރިޕީޓް ވިޔަކަ ނުދޭނެއެވެ. އަދި 2023 އެއް ނުލިބޭނެއެވެ.

މި ޤައުމު ސަލާމަތް ކުރާނަމަ ކުރަން ޖެހޭ ވަގުތަކީ މިއެވެ. މިއަހަރު ނިމުމުގެ ކުރީން ކުރެވުނު ކަމެއް ކުރާށެވެ. އޭގެ ކުރިން ނުވި ކަމެއްގެ ވާހަކަ ފަހުން ދެން ދެއްކުމުގެ ބޭނުމެއް ނެތެވެ. އެދުވަސް އަންނަ އިރު ޤައުމު އޮންނާނީ އަޅުވެތިވެފައެވެ. ކަފުންކޮށްފައެވެ. ވިސްނޭ ބަޔަކު ނަމަ ބޮޑާކަން އެއްކިބާކޮށް މިމެސެޖް އަޑު އަހާށެވެ! މިއީ ހަމަ ފަހަރުގައި ދިވެހި ޤައުމުގެ ހާލުގެ ދުލުން ގޮވާލާ އެންމެ ފަހުގެ ގޮވާލުން ކަމަށް ވެސް ވެދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
721112

6 Responses

  1. ގައުމުގައި ފިތުނަ އުފައްދާ ގައުމުގެ ހުރިހާ ނިޒާމެއް ހަލާކުކުރި ނާގާބިލު ބަޔަކަށް ގައުމުގެ މިހާރުގެ ހާލަތު ރަގަޅުކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

    ގައުމުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަށާއި އެހެން ފަރާތްތަކަށް ނުރައްކާވާން މެދުވެރިވަނީ ރައްޔިތުން ގަބޫލުކުރާގޮތަށް ކަންކަން ނުގެންދިއުމާއި ޒަމާނުއްސުރެން ރައްޔިތުން ގަބޫލުކުރަމުން އައި ކަންކަމަށް ގޮންޖެހުން. އިންސާފު ލިބެނީ ބާރާއި ފައިސާ އޮތް ފަރާތަކަށް ކަން ގިނަ ރައްޔިތުން ގަބޫލުކުރޭ. ވަޒީފާއާއި މުއްސަނދިވާން ފުރުސަތު ލިބެނީ ބާރާއި ފައިސާ އޮތް ފަރާތަކަށާއި އެފަރާތްތަކުގެ އާއިލާތަކާއި ރައްޓެހިންނަށް ކަން ރައްޔިތުންނަށް ދަނީ ފެންނަމުން. އިންސާފު ހޯދަން ދާނެ ތަނެއް ނެތްކަން އިހުސާސުވެ ގިނަ ރައްޔިތުން ދަނީ މާޔޫސްވަމުން. އެހެންކަމުން ގައުމު ސަލާމަތް ކުރަން އެންމެ ޚަރަދުކުޑަ ގޮތަކަށްވާނީ ހަމަހަމަ ކަމާއި އިންސާފު ގާއިމުކޮށް ދައުލަތް ހިންގުމުގެ ނިޒާމުތައް، ވައްކަންކުރާ މީހާ ވައްކަން ކުރިކަމާއި ދައުލަތުގެ ކަންކަމަށް ފަރުވާކުޑަކޮށް ނާޖާއިޒު ފައިދާ ނެގުމުން އެކަންކަން ވަގުތުން އެގޭ މިންވަރަށް ރަނގަޅުކުރުން.

  2. ވަރަށް ރަނގަޅު ލިޔުމެކެވެ. މީ ހަގީގަތެވެ. ހިތާމަ ހުށްޓެވެ. ދީނާއި ޤައުމަށް ލޯތްބެއް ނެތް ބަޔަކަށް ވެރިކަމުގެ އާރާއި ބާރު ލިބުމުގެ ހިތާމައާއި ދެރަ މިދަނީ ކިތައްމެ ރަނގަޅަކަށް ވެސް ފެންނަމުންނެވެ. މި ބޮޑު ކުށް ކުރީ އަހަރެމެން އާންމު ރައްޔިތުންނެވެ. ޕާޓީގެ ކަނު ލޯތްބާއި ފައިސާއަށް ވޯޓު ވިއްކުމާއި އަމިއްލަ ޖާހާއި މަންފާއަށް ޤައުމު ގުރުބާންކުރި ޚިޔާނާތްތެރިތަކެއްގެ ފަސްބައިގައި އެލިގަނެ، ތިމާމެންގެ ސަލާމަތް ބުއްދިން ފިކުރު ނުކޮށް ވޯޓު ދިނުމުގެ ހިތިކަން އަހަރެމެންގެ ކަރުބުޑުގައި މިދަނީ ލަމުންނެވެ. ކުރިމަގު ވެސް ފެންނަނީ އެފަދަ ގޮތަކަށެވެ. ޔާﷲ! އަޅަމެންގެ އިސްލާމްދީނާއި ދިވެހި ޤައުމަށް ލޯތްބެއް ނެތް ޚާއިނުންގެ ކިބައިން އަޅަމެންނާއި މި ދިވެހި ޤައުމު ސަލާމަތްކޮށް ދެއްވާނދޭވެ! އިބަ ﷲ މެނުވީ އަޅަމެން ރައްކާތެރިކޮށްދެވޭނެ ފަރާތެއް ނުވެއެވެ. އާމީން!

  3. ލިއުން ވަރަށް ރަނގަޅު. އަޅުގަނޑު ދެކޭގޮތުގާ ޕީޕިއެމް ރައީސަކަށް އައު މީހަކު ހަމަޖެހުމަކީ މިހާރު ވަރަށް ބޭނުންތެރިކަމެއް. އެއީ ޔާމީނުގެ ފަހަތަށް އަރައިގެން ޔާމީނާ ގުޅިގެން ކޯލިސަންހަދާން އެއްވެސް ސިޔާސީ ބުރަދަނުގެ ވެރިޔަކު މިހާރު ބޭނުންނުވާނެ. އެއީ ޔާމީނަށް އިތުބާރުކުރާ އެއްވެސް ސިޔާސީ ބުރަދަން ހުރި މީހަކު ބޭނުންނުވާކަން .އަޅުގަމޑުމެން ކަހަލަ އަމިއްލަ ވޯޓް އެކަނި ލިބޭ ބަޔަކު ޔާމީނު ފަހަތުގަ މުގޯލި އެޅިޔަސް ހާހުން ގުނާލެވޭ ވޯޓް ލިބިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ޔާމީނުގެ ފަހަތުން ދާން ބޭނުމެއްނުވޭ. ކުރިން ފާތުމަޔާ ޔާމީނު ހަވާލުކުރީ އުނދުޅިއެއް އެ އުދުޅިން ހަލުވާހަލުވާ ހުރިހާ އެއްޗެއް ކުނިކުރުވާފަ ޔާމީނުގެ ވެރިކަން ގެއްލުވާލާފަ ފާތުމަ އެވަނީ ޔާމީނު ޖަލަށް ލައްވާފަ. ދެން ޔާމީނު ވެރިކަމަށް ގެނެއްސިނަމަ ޔާމީނު ފާތުމަޔާ ހަވާލުކުރާނީ ކިހާވަރެއްގެ އެއްޗެއްކަމެއް ނޭނގެ. ވީމާ މިހާރުއްސުރެ ޔާމީނުއާއި ފަތުމަ ޕިޕީއެމުން ވަކިވެ ޕީއެންސީން އަބުދުއްރަހީމް ދުރަށްޖެހި މި ދެޕާޓީ އަށް އައު ވެރިން ހޮއްވަވާ ޕިޕިއެމް ޕީއެންސީ ޖޭޕީ އެމްރާރުއެމް ހިމެނޭ ކޯލިސަނެއް އުފައްދާ އެ ކޯލިސަންގެ ވެރިޔަކަށް ޕިޕިއެމްގެ ރައީސް. ނާއިބު ރައީސުންގެ ގޮތުގަ އަނެއް 3 ޕާޓީގެ ރައީސުން ހަމަޖެހުމާއެކު މިހާރު ވެރިކަމުގަ ހުންނެވި އިބޫ ސާލިހު އިސްތިއުފާދެއްވާ ގައުމުން ބޭރުވެވަޑައިގަތުން ވަނީ ދާދި ގާތުގަ.ވީމާ ބާރުގަދަ ކޯލިސަނެއް ގާއިމްކުރައްވާ. ފެންވަރު ހުރި ގާބިލް ލީޑަރެއް ޕީޕިއެމް އިން ނެރުއްވާ. އަވަސް އަވަސް

  4. މިއަދު އެންމެން އެކަތިގަނޑަކަށްވެ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ނުވެއްޖެނަ މިލޮބުވެތި ވަތަނުގަ ބުދުފައްޅި އެޅުމީ ނުވެ ނުދާނެކަމެއް
    ޢެންމެން އަވަސްވޭ

  5. އިންޑިޔާގައި މުސްލިމުން ވެރިކަން ކުރަމުން ދަނިކޮށް 1915 ގެ އަހަރު ތަކުގައި އިނގިރޭސި އިސްތިއުމާރުން އިންޑިޔާ އަޅުވެތި ކޮށްގެން އެތަނުގެ މުއްސަނދިކަން ފޭރިގަނެ އަޅުން ގެ ގޮތުގައި ގެންގުޅެ 1945 ގައި ހިންދޫންނަށް އެތަނުގެ ވެރިކަން ހޯދަދީ އަޑީގައި އިނގިރޭސިން ތިބެގެން އިންޑިޔާ މެދުވެރިކޮށް އަވައްޓެރި ޤައުމުތަކަށް ނުފޫޒުފޯރުވަނީ އިނގިރޭސިން އަދިވެސް އެމީހުންގެ ހަންފަތުރަން !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *