...

Support Us

ނަހްޟާ ޑޭމް ޙިމާޔަތް ކުރުމަށް އިތިޔޯޕިއާގެ ޢަސްކަރީން ތިބީ ތައްޔާރަށް

އިތޮޔޯޕިޔާއިން ބިނާކޮށްފައިވާ ނަހްޟާ ޑޭމް ދެވަނަފަހަރަށް ފުރާލުމުގެ މަސައްކަތް ފެށުން ކައިރިވަމުންދާ ވަގުތެއްގައި އެ ޤައުމުގެ ވައިގެ ސިފައިންގެ ވެރިޔާ ޔެލްމާ މިރްދާސާ މިޞްރަށާއި ސޫދާނަށް އިންޒާރެއް ދެއްވައިފިއެވެ. އޭނާވިދާޅުވިގޮތުގައި މި ޑޭމަށް ދެވިދާނެ ކޮންމެ  ޢުދްވާނަކުން ޑޭމް ޙިމާޔަތް ކުރުމަށް އިތިޔޯޕިއާގެ ވައިގެ ލަޝްކަރުތައް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މި ޑޭމާ ބެހޭގޮތުން މިޞްރާއި ސޫދާނާއި އިތިޔޯޕިއާ ދެމެދުގައި ދެކެވެމުންދާ ވާހަކަދެއްކުންތައް 10 އަހަރަށް ދެމިގެން ދިޔައިރުގައި ވެސް އަދި ވެސް އޮތީ ނަތީޖާއަކާ ހަމައަށް ނުދެވިއެވެ. މި ޑޭމްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނީ ސޫދާނަށާއި މިޞްރަށެވެ. މި ދެ ޤައުމުގެ ނީލަކޯރުގެ ގޮފިތަކަށް ފެން ލިބެނީ އިތިޔޯޕިއާގެ ފަރުބަދަތައް މައްޗަށް ވެހޭ ވާރޭއިންނެވެ. މި ޑޭމް ހެދުމުން މިޞްރަށާއި ސޫދާނަށް ލިބޭ ފެން ކޮންޓްރޯލް ކުރުމުގެ ބާރު އޮންނާނީ އިތިޔޯޕިއާ އަތުގައެވެ. މި ޑޭމަށް ފެންފުރުމުން މިޞްރަށާއި ސޫދާނަށް ލިބޭ ފެން މަދުވެގެންދާނެއެވެ. މިކަމުގެ ސަބަބުން އެ ދެ ޤައުމުގގެ ދަނޑުވެރިކަމަށާއި ކަރަންޓް އުފެއްދުމަށް ނުބައި އަސަރުތަކެއް ކުރާނެއެވެ.

އިތިޔޯޕިއާގެ ސިފައިންގެ މަސްއޫލުވެރިއާ މިރްދާސާ ވިދާޅުވިއެވެ. "ޑޭމް ޙިމާޔަތްކުރުމުގެ މަސައްކަތް ސިފައިން ވަރަށް ފުރިހަމައަށް އަދާކުރާނެއެވެ." އޭނާ އިތިޔޯޕިއާގެ ރަސްމީ ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޑޭމްގެ ވަށައިގެން އަހުރެމެން ވާނީ ހަށިފާރަވެރީން އިތުރުކޮށް ވަރުގަދަކޮށްފައެވެ. އެއީ ޤައުމުގެ ސިޔާދަތު ޙިމާޔަތް ކުރުމަށް ޓަކައެވެ. މީގެކުރިން ދުވަހަކުވެސް ތައްޔާރުނުވާ މިންވަރަށް މިއަދު މި ތިބީ ތައްޔާރުވެގެންނެވެ."

މިރްދާސާ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ވެސް މިފަދައިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވިއެވެ. "ސައުވީސް ގަޑިއިރު އަހުރެމެންގެ ވައިގެ ބާރުތަކުން މި ދަނީ ޑޭމް ޙިމާޔަތް ކުރަމުންނެވެ. އަހުރެމެންގެ ހުއްދަނެތި ދޫންޏަކަށް ވެސް އެ ސަރަޙައްދަކަށް ނުވަދެވޭނެއެވެ." އޭނާ ހާމަކުރެއްވިގޮތުގައި އެއްވެސް ބާރަކަށް މި ޑޭމް އަމާޒުފަތްގަނޑަކަށް ނެހެދޭނެއެވެ.

މިޞްރު ސިފައިންނާއި ސޫދާނު ސިފައިންގެ މުނާވަރާތަކަށް ވަޑައިގެންނެވި މިޞްރު ސިފައިންގެ އިސް ބޭފުޅުންނަށް ސޫދާނުން މަރްޙަބާ ދަންނަވަނީ

މިޞްރާއި ސޫދާނުވެސް ދަނީ ތައްޔާރުވަމުން

އަނެއްކޮޅުން ބަލާއިރު މި ހުސްވި މަހު މިޞްރާއި ސޫދާނުގެ ސިފައިންގެ ޢަސްކަރީ ތަމްރީނުތަކެއް ވަނީ ބާއްވައިފައެވެ. "ނީލުގެ ޙިމާޔަތްތެރިން"ގެ ނަމުގައި ބޭއްވި ޢަސްކަރީ މުނާވަރާތަކުގައި އެ ދެ ޤައުމުގެ ވަޔާއި އެއްގަމުގެ ދިފާޢީ ބާރުތަކާއި ޙަމަލާދޭ ބާރުތައް ބައިވެރިވިއެވެ. ސޫދާނުގެ ސިފައިން ބުނިގޮތުގައި މި މުނާވަރާތަކުގެ ބޭނުމަކީ "ދުޝްމަނުންނާއި ދަނޑިވަޅަށް ބަލަބަލާ ތިބޭމީހުންނަށް ރައްދު ދިނުމަށް ޓަކައި ހަނގުރާމަކުރުމުގެ ޤާބިލުކަން މަތިކުރުމެވެ."

ޤާނޫނީ ހުރިހާ ވަސީލަތްތަކަކުން

ސޫދާނުން ހޯމަ ދުވަހު ބުނިގޮތުގައި އެ ޤައުމުގެ އަމްނާއި ޤާނޫނީ އެންމެހާ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށާއި ފެނުގެ އެންމެހާ މުއްސަނދިކަން ރައްކައުތެރި ކުރުމަށް ޓަކައި ޤާނޫނީ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން އެ ޤައުމުން ހިފާނެއެވެ. މި ކަން އެ ޤައުމުން ހާމަކުރީ ނަހްޟާ ޑޭމްގެ މަސްއަލައާ ބެހޭ އެންމެ މަތީ ކޮމެޓީގެ ބައްދަލުވުމަށް ފަހުގައެވެ. މި ކޮމެޓީގެ ރައީސަކީ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކެވެ. ޙަމްދޫކު ވިދާޅުވިގޮތުގައި ހުރިހާ ފަރާތްތަކެއް އެއަށް ޢަމަލު ކުރަން ޖެހޭ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް ނުދެވެނިސް އެކަހެރި ގޮތެއްގައި އިތިޔޯޕިއާއިން  ޑޭމަށް ފެންއަޅައި ފުރަން އުޅުމަކީ ސޫދާނަށް ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ. އޭނާ ހާމަކުރެއްވިގޮތުގައި މި ކަމުގެ ސަބަބުން ނޫ ނީލުގައި ސޫދާނުން ބިނާކޮށްފައިވާ ރޫޞައިރިޞް ޑޭމަށާއި ސޫދާނުން ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށާއި ފެނުން ހަކަތަ އުފެއްދުމުގެ ނިޒާމުތައް ގަނޑުބަޑުވެގެންދާނެއެވެ. މީގެއިތުރަށް ނޫ ނީލުގެ އައްސޭރި ފަށުގައި ދިރިއުޅޭ ސޫދާނު މީހުންނަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ޑޭމާ ބެހޭ ވާހަކަ ދެއްކުންތައް ވަނީ ފޭލްވެފައި

ވޭތުވެދިޔަ ދިހަ އަހަރުގެތެރޭގައި މިޞްރާއި ސޫދާނާއި އިތިޔޯޕިއާއާ ދެމެދުގައި ޑޭމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އެތައް ބުރުތަކެއް ވަނީ ބޭއްވިފައެވެ. މި ވާހަކަ ދެއްކުންތައް ބޭއްވެމުން ދިޔައީ އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާގެ ބެލުމުގެ ދަށުންނެވެ. މިޞްރާއި ސޫދާނުން މިހާރު ހުށައަޅައފައިވަނީ މި ވާހަކަދެއްކުންތަކުގައި އދ އާއި ބޮޑެތި ޤައުމުތައް ބައިވެރިކުރުމަށެވެ. ނަމަވެސް އިތިޔޯޕިއާއިން ދަނީ މިކަމާ ދެކޮޅުހަދަމުންނެވެ. ނީލަކޯރުން މިޞްރަށް އަހަރަކު 55.5 ކޮޑި ބިލިއަން މީޓަރުގެ ފެން އަދި ސޫދާނަށް އަހަރަކު 18.5 ކޮޑި ބިލިއަން މީޓަރު ފެން ލިބެއެވެ. އިތިޔޯޕިއާގައި މި ހެދި ޑޭމްގެ ސަބަބުން ފެނުގެ މި ޙިއްޞާ މަދުވެގެންދާނެއެވެ.

މިޞްރުގެ ރައީސް ސީސީ މި ދިޔަ މާރިޗް މަހުގެ 30ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި "ނީލަ ކޯރުގެ ފެނަކީ ރަތް ރޮނގެކެވެ. މިޞްރުގެ ފެނާ ކުޅެފިނަމަ މުޅި ސަރަޙައްދަށް އެކަމުގެ އަސަރު ކުރާނެއެވެ." ޤާހިރާއާއި ޚުރްޠޫމު ބުނާގޮތުގައި އެ ދެ ޤައުމަށް ލިބެން ޖެހޭ ފެނުގެ މިންވަރު މަދުވެގެން ނުވާނެއެވެ.

އިތިޔޯޕިއާއިން ބުނާގޮތުގައި އެއްބަސްވުމަކާ ހަމައަށް އާދެވުނަސް ނާދެވުނަސް މި އަންނަ ޖުލައިމަހާއި އޮގަސްޓް މަހު އިތިޔޯޕިއާއިން ޑޭމަށް ފެންފުރަން ފަށާނެއެވެ. މި ހުސްވި އަހަރު ވަނީ ފުރަތަމަ ފަހަރަށް މި ޑޭމަށް ފެން ފުރައިފައެވެ.ނީލަ ކޯރަށް ލިބޭ ފެނުގެ އަސާސަކީ  އިތިޔޯޕިއާގެ އުސް ފަރުބަދަތަކުގެ މައްޗަށް ވެހޭ ވާރޭއެވެ. އިތިޔޯޕިއާ ބުނާގޮތުގައި އެ ޤައުމުން މި ޑޭމް ބިނާކުރީ އެ ޤައުމު ތަރައްޤީ ކުރުމަށް  ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *