Support Us

ބައެއް އަރަބި ގައުމުތަކާ ބެހޭ ގޮތުން ބުނާ ބުނުމަކާއި އެއާ ގުޅޭ އެހެން ބުނުމެއް

"إذ تركت ابنك أمام شاشة العربية وعدت له بعد سنة ستجده تطوع في جيش الإحتلال الصهيوني"

ބައެއް އަރަބިން މިހާރު ބުނެ އުޅެއެވެ. "ކަލޭގެ ކުޑަ ދަރިފުޅު އަރަބި ޓީވީ އިސްކުރީނެއްގެ ކުރިމަތީ ބައިންދާފައި އަހަރެއް ފަހުން އެ ދަރިފުޅު ކައިރިއަށް ކަލެއަށް އާދެވިއްޖެ ނަމަ، ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ (ފަލަސްތީނު މީހުންނަށް އަނިޔާކުރަމުންދާ) ޒައިނިސްޓު ސިފައިންނާ އެދަރިފުޅު ބައިވެރިވާން އަމިއްލައަށް އެދޭތަން ފެންނާނެއެވެ!"

މި އިބާރަތް އަޅުގަނޑުމެންނަށް ފެތޭ ގޮތަށް ބަދަލުކޮށްލެވިދާނެއެވެ. އިންޑިޔާއިން ރާއްޖޭގައި ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން އަދުގެ ސަރުކާރުގެ އިސްމީހުންގެ ވާހަކަތަކަށާއި އަދި އެވާހަކަތަކަށް ތާއީދުކުރާ މީހުންގެ ވާހަކަތައް އަޑު އަހާ މީހަކަށް ހީވާނީ އިންޑިޔާގެ މިއަދުގެ އެންމެ މުހިއްމު މަގުސަދަކީ، އިންޑިޔާ ވެސް ތަރައްގީ ނުކޮށް، އަދި އިންޑިޔާއަށް އިންޑިޔާ ތަރައްގީ ނުކުރެވުނަސް، ނޫނީ ކުރަން ނޭނގުނަސް، އިންޑިޔާގެ ފައިސާއާއި އިންޑިޔާގެ ހުނަރު ހިލޭ ސާބަހަށް ރާއްޖެއަށް ދީ، އިންޑިޔާގެ އެފައިސާއާއި ހުނަރު ބޭނުންކޮށްގެން ރާއްޖެ ކުރިއަރުވައި، އެއްވަނަ ދުނިޔޭގެ ގައުމަކަށް ރާއްޖެ ހަދާލުމަށެވެ! އަދި، މިވާހަކަ ގަބޫލުނުކުރާ މީހުންނަކީ ފިތުނަ އުފައްދަން އުޅޭ ނޫނީ ހަގީގަތް ނޭނގޭ، ނޫނީ ރާއްޖެއާއި އިންޑިޔާގެ ގާތް ގުޅުން ނޭނގޭ ނޫނީ ހަމައެކަނި ވެރިކަމަށް ދަހިވެތިވެ، ވައްކަންކުރުމުގެ ފުރުސަތު ނުލިބިގެން އުޅޭ ބައިގަނޑެއް ކަމެވެ!

ދެން ހެއްޔެވެ؟ މަތީގައި އޮތް އަރަބިންނާ ބެހޭ ވާހަކަ ކިޔައިފައި އަރަބި ސިޔާސީވެރިންނަށް ހީނ މަލާމާތްކުރާނެއެވެ! ނަމަވެސް، ތިރީގެ ވާހަކައާ މެދު ނުރުހި ރުޅިއަންނާނެއެވެ. އާދެ، ހަތް ގުދުގެ ވެރިޔާއަށް ފެންނަނީ އެއްގުދުލީ މީހާއެވެ! ވާނީ ވެސް އެހެންތާއެވެ! ވަރަށް ވެސް ބޮޑުނަސީބެކެވެ! އިންސާނާގެ ލޯ ކުރިމަތީގައި ލެއްވިފައިވާތީއެވެ. އޭނާގެ ފުރަގަސް ނުފެންނަ ގޮތަށެވެ!

ނަމަވެސް، ހަގީގަތަކީ ހެއްޔެވެ؟ ދިވެހިންނަށް އިންޑިޔާއަށް ދެވެނީ ކިޔު ހަދައިގެން ވިސާ ހޯދައިގެންނެވެ! އޮންލައިންކޮންނާއި ވާސިލުވުމުން ވިސާދެވޭނޭ ގޮތް ހަމަޖައްސައިދިނުން އޮއްވައެވެ. ދިވެހިން އިންޑިޔާއަށް ދަނީ އެތަނުން ވަޒީފާ ހޯދާކަށް ނޫނެވެ. ދިވހެިންގެ ފަރާތުން އިންޑިޔާގެ އާންމު ރައްޔިތުންނަށް ލިބޭ މާއްދީ ފައިދާ އިންޑިޔާގެ އާންމު ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ލިބޭ މާއްދީ ފައިދާއަށް ވުރެ ހަމަ ގައިމު ވެސް ކުޑައެއް ނުވާނެއެވެ. ދެން، މަލިކު ފަދަ ބައެއް ތަންތަނަކީ، ވިސާއެއް އޮތަސް، ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ ދިވެހިންނަށް ނުދެވޭނޭ ތަންތަނެވެ. މީގެ އިތުރުން، ޓުރިވެންޑުރަމްގައި ސަގާފީ މަރުކަޒެއް ހަދާކަށް އިންޑިއާއިން އަދި ވެސް ހުއްދައެއް ނުލިބޭ ވާހަކައެއް ވެސް ދެކެވެއެވެ. ދެން ވެސް އިތުރު ދަތިތަކާއި ފިއްތުންތަކެވެ. އިންޑިޔާއިން ރާއްޖެއަށް އިމްޕޯޓުކުރެވޭ ފިޔާ އަލުވި، ހިލަވެލި ފަދަ މުދަލުގެ ކޯޓާތައް ކަނޑައަޅައި ދަތިކުރެއެވެ. އެ ކޯޓާތަކަށް އުނިއިތުރު ގެނައުމުގެ ހައްގު އޮންނަނީ އިންޑިޔާގެ އަތްމަތީގައެވެ. ކޯޓާ ކަނޑައަޅައި ނިންމާފައިވެސް، އިންޑިޔާ ބޭނުމިއްޔާ ބަދަލުކުރެވެއެވެ. މިއީ ޚާއްސަކޮށް ކޮންމެ ރޯދަ މަހެއްގައި ގަންނަ ގަނޑެކެވެ. އޭގެ އަސަރު އެންމެނަށް ވެސް ފޯރައެވެ. އަލުއްވާއި ފިޔާ ފަދަ މުދަލުގެ އަގު ބާޒާރުގައި މައްޗަށްދާތީއެވެ. މިއީ ދޭދޭ ރަނގަޅު ގުޅުމެއް އޮތް ކަމަށް ދައުވާ ކުރާ ބަޔަކު ކުރާނޭ ކަންކަން ހެއްޔެވެ؟ މިފަދަ ކަންކަން ކުރާނީ އެކަން ކުރާ ބަޔަކު އެކަން ރައްދުވާ ބަޔަކަށް އެއްވެސް ކަހަލަ އިތުބާރެއް ނުކުރާތީއެވެ! އަދި އެ މީހުން ކޮންޓުރޯލުކޮށްގެން ގެންގުޅެއް ބޭނުންވާތީއެވެ!