ތަޢުރީފު އެކަނި އެހުމަށް ހާނައިފި ނަމަ ދެ ކަންފަތް
ދައުރާނަވާ މި ދުނިޔޭން އޮޅި ދާނެޔޭ ޙަގީގަތް
ކަން ހުރި ގޮތަށް ބުނީމާ އެ ބުނުމުގެ އަޑު އަހާލަން
ކަންފަތް ނުކުޅެދެނީ ނަމަ ނުބައީ އިނގޭ ޚަޞީލަތް
ތެދު ދޮގު ބަލާނެ ހިތްވަރު ނެތްނަމަ ތިމާ ކިބައިގައި
މެދުވެރި ފަހުން ވެދާނޭ އެތަކެއް ނުބައި މުޞީބާތް
ހިތުހުރި ގޮތެއް ހެދީމާ ބާރާ ނުފޫޒު އޮތަތީ
އިތުބާރު ގެއްލި ނެތި ގޮސް ކެނޑި ދާނެޔޭ ޙިމާޔަތް
އެންމެންގެ ބަސް ކަވާލާ އެންމެންގެ ހިތް މަރާލާ
އެންމެންގެ މޫނު ކެނޑުމުން އެނގިގެންދަނީ ޠަބީޢަތް
ވިސްނާ ފިކުރު ނުހިންގާ އިސްލާޙް ނުވެ އުޅެންޏާ
މިސްރާބު ގެއްލިގެން ގޮސް ނުވެދާނެޔޭ ސަލާމަތް
ދުނިޔޭގެ ކަން ހިނގާ މަގު ހޯދާ ބަލަން ތިބޭ އިރު
އުނިކަން ކަމާއި މެދުގައި ކޮށްލަންޖެހޭ ރިޢާޔަތް
ލިބިފައިވި ރަނުގެ ފުރުޞަތު ބޭނުން ހިފަން ނުއެނގުމުން
ތިބިހައި ބަޔަކު ބަލަން ތިބެ ހީނ ފައި ކުރޭ މަލާމާތް
ތަންދޮރު އޮޅުން ފިލާނަމަ ދަންނާށެ ބުއްދި ހުރި ނަމަ
ކަންކަން މިހެން ކުރާ ނަމަ ނެތިދާނެ ލިބުނު ޢިއްޒަތް
މުޅި ޢުމުރު ހުސްވެދާއިރު ރަނގަޅާ ނުބައި ނުފިލުމުން
ކުޅިފަސް ނުލިބި ޙަޔާތަށް ވާނީ އެ ހިނދު ގިޔާމަތް