Support Us

ޗައިނާގެ ގުއަންޜައުއިން ކޮރޯނާގެ އާ ވައްތަރެއް ފެނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ޗައިނާގެ ދެކުނު ޗައިނާގެ ޕްރޮވިންސް ކަމަށްވާ ގުއަންގޑޮންގގެ މަޝްހޫރު ސިޓީއެއް ކަމަށްވާ ގުއަންޜައުއިން ކޮރޯނާ ވައިރަހުގެ އާވައްތަރެއް ކަމަށްވާ ޑެލްޓާ ފެނިގެން އެ ސިޓީގައި ވަރަށް ފުޅާ ދާއިރާއެއްގައި ކޮވިޑަށް ޓެސްޓްކުރަމުން އެބަ ގެންދެވެއެވެ. އަދި ކޮވިޑް އަލުން ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށް ޓަކައި އެ ސިޓީގެ ބޮޑުބައެއް ވަނީ ފުރަބަންދުކޮށްފައެވެ.

އެ ސިޓީއިން ވަނީ ކޮވިޑުގެ ތަފާތު އާ ވައްތެރެއް ކަމަށްވާ "ޑެލްޓާ" ފެނިފައެވެ. ޑެލްޓާ އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިން ކަމަށް ވާތީ އެ ތަފާތު ވައްތަރަށް، އިންޑިއާ ވޭރިއަންޓްގެ ނަންދީ މީޑިއާގައި އެ ގޮތަށް ބޭނުންކުރާން ފެށިއެވެ. ނަމަވެސް އެއީ އިންޑިއާގެ ތަޞައްވުރު ހުތުރުކުރާން ކުރާ ކަމެއް ކަމަށް ބުނެ ޝަކުވާ ކުރިއެވެ. އަދި އެ ގޮތަށް އެ އާވައްތަރަށް ނަންކިޔާ މީހުންނަށް ޢުޤޫބާތް ކަނޑައެޅިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ އެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކޮވިޑްގެ އާ ހުރިހާ ވައްތަރަކަށް ވެސް ކުރު ނަމެއް ދީފައެވެ. އެ ގޮތުން އިންޑިއާއިން ފެނުނު ތަފާތު އާ ވައްތަރަށް މިހާރު ބޭނުންކުރާ ނަމަކީ "ޑެލްޓާ"އެވެ.

ގުއޮންޑޯންގެ ވެރިރަށް ކަމަށްވާ ގުއޮންޜައުއިން މިފަހަރު ފެނުނު ސަތޭކަ ވޭދަނައިގެ ތެރެއިން 96 ވޭދަނައަކީ "ޑެލްޓާ"ގެ ނަން ދީފައިވާ އާ ވައްތަރުކަމަށް ވަނީ ބެލެވިފައެވެ.

ޗައިނާއަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން މުޅިދުނިޔެއަށް ފެތުރި ކޮންޓްރޯލުން ނެއްޓި ޢާލަމީ ވަބާއެއްކަމުގައި އިއުލާނުކުރެވުނެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގައި މި ބަލި ޗައިނާއިން ކޮންޓްރޯލްކުރިއެވެ. އެހެންނަމަވެސް މި ބަލީގެ އިހާތައް ޤައުމުގެ އެކި ސަރަހައްދަށް ފެތުރިފައިވެއެވެ. މީގެ ތެރޭގައި ޤައުމުގެ މައި ވެރިރަށް ބެއިޖިންގާއި މާލީ މައި ހަބް ކަމުގައިވައި ޝަންހާއީ ވެސް ހިމެނެއެވެ.

މިކަން މިހެން އޮތް އިރު ގުއޮންޜައުގެ ވޭދަނަތަކާ މެދު މާ ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. ސަބަބަކީ ކޮރޯނާގެ ތަފާތު އާ ވައްތަރެއް ކަމަށްވާ "ޑެލްޓާ" އަކީ މާ އަވަހަށް ފެތުރިގަންނަ އެއްޗެއްކަމަށް ފާހަގަކުރެވިފައިވުމެވެ.

ފުރަބަންދު

ގުއޮންޜައު ސިޓީގެ ހުޅަނގުމަތީގެ އަވަށެއް ކަމަށްވާ "ލިވާން"ގެ ރަށްވެއްސެއް ކަމަށްވާ، ޢުމުރުން 75 އަހަރުގެ އަންހެނަކަށް މި ވައިރަސްގެ އަސަރުކޮށްފައިވާކަމަށް ފާހަގަކުރެވުނީ މޭ މަހު 21 ގައެވެ. އޭރު މީނާ ވަނީ ރެސްޓޯރަންޓްތަކަށް ވެސް ގޮސްފައެވެ. އަދި އޭނާގެ ފުށުން އޭނާގެ ފިރިމީހާއަށް ވެސް މި ވައިރަސް ވާޞިލުވި ކަމަށް ފާހަގަކުރެވެނެވެ. މި ހިސާބުން މި ވައިރަސް މުޅި ސިޓީއަށް ފެތުރިގަތްކަމަށް ބެލެވެއެވެ.

އެންމެ ބޮޑަށް ބަލި ފެތުރިފައިވާ އަވަށް ކަމަށްވާ ލިވާންގެ ބައެއް މަގުތައް ވަނީ އެއްކޮށް ފުރަބަންދުކޮށްފައެވެ. ބައެއް ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ ޢިމާރާތްތަކުން ނުކުތުން ވެސް ވަނީ މަނާކުރެވިފައެވެ. މި ސަރަހައްދުގެ ހަރަކާތްތައް ބެލުމަށް ޓަކައި މީހުން ފާސްކުރާ ނުކުތާތައް ވަނީ ގާއިމުކުރެވިފައެވެ. އަދި ރެސްޓޯރަންޓްތަކާއި މުނިފޫހިފިލުވާ ތަންތަން ވަނީ މުޅިން ބަންދުކުރެވިފައެވެ.

ނަމަވެސް މި ސިޓީއާއި ޕްރޮވިންސްގެ އެހެން ސަރަހައްދުތަކަށް ވެސް މިހާރު ވަނީ ވައިރަސް ފެތުރިފައެވެ. ގުއަންޜައުއާ ޖެހިގެން ހުޅަނގު ދެކުނަށް އޮންނަ ފޮޝާން އިން ވެސް ވަނީ ވޭދަނައެއް ރިޕޯޓްކޮށްފައެވެ. ޖޫން މަހު 4 ގައި، ގުއަންޜައުގެ ނަންޝާ އަވަށުން އެއް ޢާއިލާއަކުން ހަ މީހަކު ފައްސިވިއެވެ.

ޗައިނާގެ ފަންނިއްޔާތުގެ މައި ސަރަހައްދުކަމަށްވާ ޝެންޒެންއާއި ފަންނިއްޔާތުގެ ކުންފުނިތައް ކަމަށްވާ "ހުއާވެއި" އާއި "ޓެންސެންޓް" ފަދަ ކުންފުނިތަކުން ވެސް ވަނީ ވޭދަނަތައް ފެނިފައެވެ.

ފުޅާ ދާއިރާއެއްގައި ޓެސްޓުކުރުމާއި ދަތުރުކުރުމުގެ ހަރުކަށި ފިޔަވަޅު

ގުއަންޜައުއިން ފުރަތަމަ ވޭދަނަ ފެނުމާއެކު ލިވާން އަވަށުގައި ފުޅާ ދާއިރާއެއްގައި ކޮވިޑަށް ޓެސްޓުކުރާން ފަށައި މިއަދާ ހަމައަށް ވެސް އެ ކަން ގެންދަނީ ފުޅާކުރަމުންނެވެ.

ޒޫޖިއާން ނިއު ޓައުންގެ ގޮތުގައި މަޝްހޫރުވެފައިވާ ވިޔަފާރީގައި މަޝްހޫރު އަވަށުގެ އެންމެންނަށް ވަނީ އެ ބައިމީހުންގެ އެޕާޓްމަންޓްތައް ކައިރީގައި ޤާއިމުކުރެވިފައިވާ ޓެސްޓްމަރުކަޒުތަކުން ހުކުރުދުވަހާއި އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓުކުރާން އެންގިފައެވެ. މި ގޮތުގެ މަތީން މި ދިޔަ މޭމަހު 26ން ފެށިގެން ޖޫން 5 ވަނަ ދުވަހުގެ މެންދަމާ ހަމައަށް 16 މިލިއަން މީހުން ވަނީ ޓެސްޓުކުރެވިފައެވެ. ޓެސްޓްކުރާން ކިޔޫގައި ޖެހިފައިވާ މީހުންގެ ސަފުތަކުން ވަނީ މަގުތައް ފުރިފައެވެ.

ގުއަންޜައުގައި ވަނީ ދަތުރުފަތުރުކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅިފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ސިޓީއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ކޮންމެހެން ވެސް ދަތުރެއް ކުރާން މަޖުބޫރުވެއްޖެ މީހަކު ނަމަ، ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ކޮށްފައިވާ ނިޔުކްލިއިކް އެސިޑް ޓެސްޓެއްގެ ނައްސި ނަތީޖާ ދައްކާންޖެހެއެވެ. މީގެ ކުރީން މި މުއްދަތު ބަލައި އުޅުނީ 72 ގަޑިއިރަށެވެ.

އަނެއްކޮޅުން ގުއަންޜައުގެ ބައިޔޫން ބައިނަލްއަޤުވާމީ ވައިގެ ބަދަރުން އެތެރޭގެ އުދުހުންތަކުގެ އެތައް ސަތޭކަ އުދުހުންތަކެއް ވަނީ ކެންސަލްކޮށްފައެވެ.

މީހަކު ނެތި ދުއްވާ ކާރުގެ ޚިދުމަތް

ގުއަންޜައު މިހާރުވަނީ މީހަކު ނެތި ދުއްވާ ކާރު ކުންފުނިތަކުން އެބައިމީހުންގެ ކާރުތައް މަގުމަތީގައި ޓެސްޓްކުރުމުގެ ހަބަކަށް ވެފައެވެ. ލިވާން އަވަށް ފުރަބަންދުކޮށްފައިވާތީ މިފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ދުއްވާ ވެހިކަލްތައް މެދުވެރިކޮށް މުދާ އުފުލުމުގެ ޚިދުމަތް ފުޅާކޮށްފައެވެ.

ގުއަންރައުގައި މަރުކަޒުކުރެވިފައިވާ "ވީރައިޑް" ކުންފުންޏައި "ޕޮނީއައި" ކުންފުނީން ވެސް ވަނީ މުދާ އުފުލުމަށް ޓަކައި އެ ކުންފުނިތަކުގެ އަމިއްލައަށް ދުއްވާ ވެހިކަލްތައް ފޮނުވައިފައެވެ.

ޗައިނާގެ އިންޓަރނެޓްގެ މައި ކުންފުނި ކަމަށް ބެލެވޭ "ބައިޑޫ"އިން ވެސް ވަނީ މީހަކު ނެތި ދުއްވާ އެ މީހުންގެ ވެހިކަލްތައް، ކާބޯތަކެއްޗާއި ޞިއްޙީ މީހުން އުފުލުމުގައި ބޭނުންކުރާން ފަށައިފައެވެ.

މި ފަދަ ފިޔަވަޅުތަކުގެ ސަބަބުން ކުރިއެކޭ އެއް ފަދައިން މި ފަހަރު ވެސް ކޮވިޑްގެ ތަފާތު އާވައްތަރު ފެތުރުން ދާދި އަވަހަށް ކޮންޓްރޯލް ކުރާނެ ކަމަށް ބެލެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *