...

Support Us

ޔަހޫދީ ވަޒަންވެރިން ބާއްވާފައިވާ ހިނގައިލުމެއް - ރޮއިޓަރ

ޤުދްސުގައި ޔަހޫދީންގެ ހިނގައިލުން ނުބޭއްވުމަށް އިސްރާއީލު ފުލުހުން އަންގައިފި

ޙަމާސް: ފަށައިފިނަމަ ފަށާނަން

ޔަހޫދީ ވަޒަން އިރުމަތީ ޤުދުސްގައި މިއަންނަ ބުރާސްފަތި ދުވަހު ބާއްވަން ރާވައިފައިވާ ހިނގައިލުން ނުބޭއްވުމަށް އިސްރާއީލު ފުލުހުން އެމީހުންނަށް އަންގައިފިއެވެ. އިސްރާއީލު ފުލުހުން މި ހިނގައިލުން ބޭއްވުމަށް ހުއްދަ ދިނުމުށްފަހު މި ހުއްދަ ބާޠިލު ކުރީ ޣައްޒާގެ ޙަމާސް ޖަމާޢާތުގެ ނާއިބު ރައީސް ޚަލީލުއް ޙައްޔާ ދެއްވި އިންޒާރަކާ ވިދިގެން ކަމަށް ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލު ފުލުހުން ބުނާގޮތުގައި މި ހިނގައިލުމުގައި ޔަހޫދީ ވަޒަންވެރީންގެ އެތައް ހާސް ބަޔަކު ބައިވެރިވާނެއެވެ. މި ހިނގައިލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބާބުލް ޢާމޫދު ސަރަޙައްދުގައެވެ. މި ހިނގައިލުމުގައި ބައިވެރިވާ މީހުންނަށް ބޭނުންވާ ޙިމާޔަތް އިސްރާއީލު ފުލުހުން ދޭނެއެވެ. މިއީ 1967ގައި އިސްރާއީލުން ޤުދްސު ހިފުމުގެ ޒިކުރާ އައުކުރުމަށް ޓަކައި ބާއްވަން ރާވައިފައިވާ ހިނގައިލުމެކެވެ. އެ ދުވަސްވަރު މި ހިނގައިލުން ކެންސަލް ކުރަން މަޖްބޫރުވީ އެ ދުވަސްވަރު ޤުދުސް ސަހަރު ކެކި އުތުރި އަރާފައިވާތީއެވެ.

އިސްރާއީލު ފުލުހުން މި ހިނގުން ބޭއްވުން މަނާކުރުމުން އިސްރާއީލުގައި އެކަމާ ދެކޮޅަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިސްރާއީލުގެ ކަނާތު ފިޔައިގެ ޕާޓީތައް ތުހްމަތު ކުރާގޮތުގައި މިއީ ޙަމާސަށް ދިން އަމާން ދިނުމެކެވެ. މި ހިނގައިލުމަކީ ޤުދްސުގެ ޢަރަބި ވަޒަންވެރީންނަށް ބިރުދައްކައި އެމީހުންގެ ބިންތަކުން ބޭރަށް ލުމަށް ޔަހޫދީން ކުރަމުންދާ ކަމެކެވެ.

ޙަމާސްގެ އިންޒާރު

އިސްރާއީލު ފުލުހުން މި ހިނގައިލުން މަނާކުރުމަށް ނިންމީ ޙަމާސުގެ ނާއިބު ރައީސް އަލްޙައްޔާ އިސްރާއީލަށް އިންޒާރު ދެއްވިތާ ދެތިން މިނެޓް ފަހުންނެވެ. އޭނާ މި އިންޒާރުގައި ވިދާޅުވިއެވެ. "ޢަދުއްވުންގެ އަނގައިގައި ކަސްތަޅު އަޅުވާ މައިތިރިކުރާނެ ގޮތް ޙަމާސަށް އެނގެއެވެ." އޭނާ ވިދާޅުވިއެވެ. "إن عدتم عدنا– ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، އަހުރެމެން ޢުޤޫބާތް ދިނުމަށް އެނބުރި އަންނަހުށީމެވެ." ޙައްޔާ ވިދާޅުވިގޮތުގައި 11 މޭގެ ކުރީގެ ޙާލަތަށް އެނބުރި ދިޔުން "ތާހިރެއް" ނުވާނެއެވެ. އެއީ ޙަމާސްގެ ރޮކެޓް ޙަމަލާތައް ފެށުމުން ޔާހޫދީން ބާއްވަން އުޅުނު ހިނގައިލުން ހުއްޓުނު ހިސާބެވެ. ޙައްޔާ ވިދާޅުވިއެވެ. "ހަނގުރާމަ ޤުދްސާ ހަމައަށް ދިޔުމުން ދެން ރަތް ރޮނގުތަކެއް ނޯންނާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި "ޤުދުސް ކަނޑީ"ގެ ހަނގުރާމައަކީ ފަލަސްޠީނު ރައްޔިތުންގެ އެއްބައިވަންތަކަމުގެ ރަމްޒެވެ.

ދިދައިގެ ހިނގައިލުން "ޖެއްސުންކުރުމުގެ" ހިނގައިލުމެއް

ދިދައިގެ ހިނގައިލުމުގެ ނަމުގައި މި ބާއްވާ ހިނގައިލުމަކީ ޤުދްސުގައި ދިރިއުޅޭ އަސްލު ވަޒަން ވެރީން ކަމުގައިވާ ފަލަސްޠީނު މީހުންނަށް ޖެއްސުންކުރުމަށާއި އެމީހުން ބިރުގެންނެވުމަށް ޓަކައި ޤުދްސުގައި ވަޒަންވެރި ކުރުވުމަށް ނިންމާފައިވާ ޔަހޫދީން ބާއްވާ ހިނގައިލުމެކެވެ. ބާބުލްޢާމޫދު އަވަށުން ފެށިގެން ބާއްވާ މި ހިނގައިލުން ޤުދްސުގެ މަގުތަކުގައި ބުރުޖެހުމަށްފަހު  ނިންމާލުމަށް ހަމަޖެހިފައި ވަނީ ބުރާޤު ފާރާ– ނުވަތަ ޔަހޫދީން އެ ކިޔާ ރޮއިހޭރޭ  ފާރު-އާ ހަމައަށެވެ. މި ހިނގައިލުމަށް ދިދައިގެ ހިނގައިލުން ކިޔުމަށް ނިންމީ މި ހިނގައިލުމުގައި އިސްރާއީލުގެ ދިދަ ވަރަށް ގިނައިން އުފުލޭނެތީއެވެ.

އިސްރާއިލުގެ އަމްނާ ބެހޭ ވަޒީރު ބަނީ ގެންޓްސް އާދީއްތަ ވިލޭރޭ ވަނީ މި ހިނގައިލުން ކެންސަލް ކުރުމަށް އެދިވަޑައިގެންފައެވެ. އޭނާ ހާމަކުރެއްވިގޮތުގައި ޤަދީމީ ޤުދްސުގެ އަވަށްތަކުގައި މި ހިނގައިލުން ބޭއްވިއްޖެނަމަ އެއީ ޖެއްސުންކުރުމުގެ ޢަމަލެއް ކަމުގައި ފަލަސްޠީނު މީހުން ދެކޭނެއެވެ. މި ކަމުގެ ސަބަބުން މިހާރު ކުރެވެމުންދާ ސިޔާސީ މަސައްކަތްތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޠުނުލް ހަވާ އަވަށް، ޖައްރާޙު އަވަށަށް ވެދާނެ

ފަލަސްޠީނުގެ މަޞްދަރުތައް ބުނާގޮތުގައި އިރުމަތީ ޤުދްސުގެ ސިލްވާން ސަރަޙައްދުގެ ބަޠުނުލް ހަވާ އަވަށުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކަކީ އައްޝައިޚު އައްޖައްރާޙު އަވަށުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ އެއްފަދަ ޣައިރު ޤާނޫނީ މަސައްކަތްތަކެކެވެ. ބަޠުނުލް ހަވާ އަވަށުގައި އުޅޭ މީހުންގެތެރެއިން އަށެއްކަ ސަތޭކަ މީހުން އެމީހުންގެ ގެދޮރުން ބޭރަށްލުމަށް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ 15 ވަރަކަށް ޢިމާރާތެވެ. ޔަހޫދީ ޖަމްޢިއްޔާއެއް ކަމުގައިވާ "ޢަޠީރަތު ކޯހާނީމު" ން އިސްރާއީލުގެ ކޯޓުތަކުގެތެރެއިން މަސައްކަތް ކުރަނީ ފަލަސްޠީނު މީހުން އެމީހުންގެ ގެދޮރުން ބޭރަށް ލެވޭތޯއެވެ. ބަޠުނުލް ޙަވާ އަވަށަކީ އަލްމަސްޖިދުލްއަޤްޞާގެ ދެކުނު ފަރާތުގެ ޙިމާޔަތެވެ. ނަތަންޔާހޫގެ ރޭއްވެވުމުގައި އޮތީ އައްޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ޤުދްސުގެ ރަސްވެހީންނާއި ބަޠުނުލް ހަވާ އަވަށުގެ ފަލަސްޠީނު މީހުން އެ އަވަށްތަކުން  ބާލައި އެ ތަންތާނގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށެވެ. ޣައްޒާގެ އެންމެފަހު ހަނގުރާމަ ހިނގީ އައްޝައިޚު ޖައްރާޙު އަވަށުގެ ސަބަބުންނާއި ޔަހޫދީން  އަޤްޞާ މިސްކިތުގެ ޙުރްމަތް ހުއްޓާނުލައި ކަނޑަމުން ދިޔުމާއި ރަމަޟާންމަހުގައި މި ޙަރަންފުޅުގައި މުސްލިމުންނަށް އަޅުކަން ކުރުމަށް ދަތިކުރުމުގެ ސަބަބުންނެވެ.

ބޭނުމަކީ ބަޠުނުލް ހަވާގައި ޔަހޫދީ އާބާދީއެއް ހެދުން

ޢަޠީރަތު ކޯހާނީމު ޖަމްޢިއްޔާއިން މަސައްކަތް ކުރަނީ ބަޠުނުލް ހަވާ އަވަށުން ފަލަސްޠީނުގެ ޢަރަބީން ބޭރަށްލައި އެ އަވަށުގައި ޔަހޫދީ އާބާދީއެއް ހެދުމަށެވެ. ސިލްވާނު ސަރަޙައްދުގައި ޔަހޫދީން ވަނީ 2004ގައި ޔަޙޫދީ އާބާދީއެއް އަދި 2014ގައި އިތުރު އާބާދީއެއް ހަދައިފައެވެ. އެޕްރިލް 8، 2021 ގައި ޔަހޫދީން ވަނީ ބަޠުނުލް ހަވާގެ ދެ ޢިމާރާތަކަށް ވެރިވެގެންފައެވެ. ޢަޠީރަތު ކޯހާނީމު ޖަމްޢިއްޔާ އިން ދަޢުވާކުރާ ގޮތުގައި މި އަވަށުގައި ޢަރަބިން ވަޒަންވެރިވެފައި ވަނީ މި އަވަށުގައި އުޅުނު ޔަމަނުގެ ޔަހޫދީންތައް 1948ގެ ކުރިން ބޭރުކޮށްފައެވެ.

މި ޖަމްޢިއްޔާއިން 2018 ވަނަ އަހަރު ވަނީ މި އަވަށުގައި ޔަހޫދީ މަރްކަޒެއް ޤާއިމުކޮށްފައެވެ. މި މަރްކަޒަށް ދީފައިވާ ނަމަކީ "ޔަމަނުގެ ޔަހޫދީންގެ ތުރާސް މަރްކަޒު" އެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި މި މަރްކަޒު ބިނާ މި ކުރެވުނު ބިމަކީ 19ވަނަ ސައްތައިގައި ޔަމަނުގެ ޔަހޫދީންގެ ފައްޅިއެއް ހުރި ތަނެކެވެ.

އައްޝައިޚު ޖައްރާޙު އަވަށުގައި ރޯދަވީއްލުމަށް ތައްޔާރުކޮށްފައި ހުރި މޭޒުތަކަށް ޔަހޫދީން ޙަމަލާދެނީ

ބަޠުނުލް ހަވާ އަވަށުގެ ރައްޔިތުންގެ ކޮމެޓީގެ ރައީސް ޒުހައިރުއް ރަޖްބީ އަލް މޮނިޓަރަށް ދެއްވި ބަޔާނެއް ބުނާގޮތުގައި 2015ގައި ޢުޠައިރަތު ކޯހާނީމު ޖަމްޢިއްޔާއިން މި އަވަށުގެ ރައްޔިތުންނަށް ވަނީ އެ އަވަށް ދޫކޮށް ދިޔުމަށް އަންގައިފައެވެ. އޭނާ ހާމަކުރެއްވިގޮތުގައި އެ އަވަށުގެ މީހުން އެކަމަށް ބަދަލު ދޭން ޖެހޭނެކަމަށް ބުނެއެވެ.މިފަދަ މަސްއަލަތަކާ ބެހޭގޮތުން އިސްރާއީލުގެ ކޯޓްތަކަށް ހުށައެޅޭ ދަޢުވާތައް އަބަދުވެސް ނިމިފައި ވަނީ އެމީހުންނާ އެއްކޮޅަށެވެ. އައްރަޖްބީ ވިދާޅުވިގޮތުގައި "މި ބިންތަކުގެ ރަޖިސްޓަރީ އަހުރެމެންގެ އަތުގައި އެބަ އޮތެވެ. އަހުރެމެން މި ތާނގައި އުޅޭތާ 60 އަހަރުވެއްޖެއެވެ." އިސްރާއީލުން ވަނީ ޒުހައިރުއް ރަޖްބީ ހައްޔަރުކޮށްފައެވެ. މީގެ ތިން ދުވަސްކުރިން އިސްރާއީލު ފުލުހުން މި އަވަށަށް ވަދެ އިޙްތިޖާޖީ ފޭލިގެއެއް ޖަހައިގެން ތިބި ފަލަސްޠީނު މީހުންނަށް ވަނީ އަޑު ބޮންތަކުން ހަމަލާދީ އެމީހުން ބިރުގަންނުވައިފައެވެ. އިސްރާއީލު ފުލުހުން ވަނީ މި ފޭލިގެވެސް ހަލާކުކޮށް  އުފުރާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *