...

Support Us

ދަގަނޑޭ ދުބާއީގައި ކޮވިޑް ޓެސްޓް ހަދަނީ... ފޮޓޯ: އެފް.އޭ.އެމް/އެފް.ބީ

ޓެސްޓުތަކަށްފަހު ދަގަނޑޭ އާއި ތޮއްޕޭ އަށް ޓީމާ ގުޅެވޭނީ މާދަމާ ރޭ

ކޮވިޑަށް ޕޮޒިޓިވްވެގެން ގައުމީ ޓީމާ އެކަހެރިވެގެން ތިބި ރާއްޖޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ޓެސްޓުތަކަށްފަހު، އެންމެ އަވަހަށްވެސް ޓީމާ ގުޅެވޭނީ މާދަމާ ރޭ ކަމަށް އެފް.އޭ.އެމުން ބުނެފިއެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް މިއަދު ވިދާޅުވީ ޔޫ.އޭ.އީގެ ގަވައިދު ބުނާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކުޅުންތެރިޔަކު 10 ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނެ ކަމަށާއި ކަރަންޓީނުގެ މުއްދަތު ހަމަވުމުން 24 ގަޑިއިރު ތެރޭގައި ޕީ.ސީ.އާރް ދެ ޓެސްޓު ހަދަންޖެހޭ ކަމަށެވެ. އެ ދެ ޓެސްޓުން ފާސްވެއްޖެ ނަމަ، އެކްސްރޭ ނަގައި އެންޓިބޮޑީ ޓެސްޓެއް ވެސް ހަދަންޖެހޭ ކަމަށެވެ.

"އޭގެ ފަހުން ޓީމުގެ 'ސެކިޔޯރ ބަބްލް' ތެރެއަށް ވަދެވޭނީ،" ބައްސާމު ވިދާޅުވިއެވެ. "ދެ ކުޅުންތެރިންގެ ފުރަތަމަ ޕީ.ސީ.އާރް މިއަދު ހަދާނެ. ދެ ވަނަ ޕީ.ސީ.އާރް މާދަމާ. އޭގެ ފަހުން އެކްސްރޭ އާއި އެންޓިބޮޑީ ޓެސްޓު ހަދާނެ މާދަމާ ހަވީރު. އުންމީދު މި ކުރަނީ ޓެސްޓުތަކަށްފަހު ދަގަނޑޭ އާއި ޝާމިސް މާދަމާ ރޭ ޓީމާ ގުޅެވޭނެ ކަމަށް."

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތަކަށް ދުބާއީ އަށް ގޮސް ތިބެފައި މިދިޔަ މަހު 30 ގައި ހެދި ޓެސްޓުން ޕޮޒިޓިވްވުމުން ދަގަނޑޭ އާއި ތޮއްޕޭ ވަނީ ޓީމާ އެކަހެރިކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ހެދި ކޮވިޑް ޓެސްޓުން ދަގަނޑޭ ފާސްވި ނަމަވެސް ތޮއްޕޭ ފާހެއްނުވިއެވެ.

ދަގަނޑޭ އާއި ތޮއްޕޭގެ ކަރަންޓީނުގެ މުއްދަތު ހަމަވާނީ މާދަމާއެވެ.

މާލޭގެ ހޮޓެލް ޖެންގައި މިދިޔަ މޭ މަހު ގައުމީ ޓީމު ކޭމްޕުކުރިތަނާ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެގެން، އޭނާ ޓެސްޓް ހެދިއިރު އޭރު ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ޓެސްޓަކުން ވެސް ދަގަނޑޭ ވަނީ ފާސްވެފައެވެ. ދަގަނޑޭ ޕޮޒިޓިވް ވީ ދުބާއީން ޗައިނާ އަށް ފުރަންވެގެން ހެދި ޓެސްޓުންނެވެ.

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ދުބާއީގެ ޝާރުޖާ ސްޓޭޑިމްގައި ސީރިޔާއާ ވާދަކޮށް 4-0 އިން ވަނީ ބަލިވެފައެވެ. ފަސް ޓީމު ވާދަކުރާ މި ބުރުގައި، ރާއްޖެ-ޗައިނާ ވާދަކުރާނީ މި މަހު 11 ގައެވެ. ފަހު މެޗުގައި ފިލިޕީންސާއި ރާއްޖެ ވާދަކުރާނީ މި މަހު 15 ގައެވެ.

ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ޗައިނާ މެޗާއި ފިލިޕީންސް މެޗުގައި ދަގަނޑޭ އާއި ތޮއްޕޭ އަށް ކުޅެވޭނެ ކަމަށާއި ނަމަވެސް ފުރަތަމަ 11 އަށް އެ ކުޅުންތެރިން އެރުވުމާއި ނޭރުވުން އެއީ ކޯޗު ނިންމާނެ ނިންމުމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *