...

Support Us

ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބު

މިއަހަރުގެ ހައްޖާ ބެހޭ ސިޔާސަތު ވަރަށް އަވަހަށް އިޢުލާނުކުރަނީ

ކޮވިޑް19ގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކާއި އުނދަގޫތައް ވަޒަންކޮށް ފުރިހަމަކުރުމަށްފަހު މި އަހަރުގެ ޙައްޖާބެހޭ ކަންކަން ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށް ސައޫދީ ޢަރަބިއްޔާގެ މީޑިއާއާ ބެހޭ ވުޒާރާ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑރ. މާޖިދުލްޤަސަބީ ވިދާޅުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އިއްޔެ ބޭއްވި، ނޫސް ކޮންފަރެންސެއްގައި، އަލްޤަސަބީ ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ޢާލަމީވަބާގެ އަދާހަމަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މި ކަންކަމަށް ބެއްލެވުމަށްފަހު ނިންމަވާ ނިންމެވުމެއް، ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރާއި ޞިއްޙަތާ ބެހޭ ވަޒީރު ދާދި އަވަހަށް އިޢުލާނުކުރައްވާނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑުގެ އާ ތަފާތަރުތަކުގެ ސަބަބުން ވައިރަސް ފެތުރި ލިބިދާނެ ގެއްލުންތައް ވަރަށް ރަނގަޅަށް އަދި އެހާމެ ފަރުވާތެރިކަމާއެކު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. "މި އަހަރުގެ ހައްޖަކީ ސައޫދިއްޔާއަށް ނުވަތަ މުޅި އިސްލާމީ ދުނިޔެއަށް ބަލިފަތުރާނެ ވާސިޠާއަކަށް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވެއެވެ." އޭނާ ތަފުޞީލުކޮށްދެއްވިއެވެ.

ކޮވިޑްގެ ޚާއްޞަ ޙާލަތާ ގުޅިގެން އުފެދިފައިވާ މާހައުލަށް އަމާޒުކުރައްވައގެން ޙައްޖާއި ޢުމުރާގެ ދާއިރާގެ ޚިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުކޮށް ފަސޭހަކޮށްދެއްވުމަށް ޓަކައި ޙައްޖާއި ޢުމުރާއާ ބެހޭ ވުޒާރާއިން ގިނަގުނަ މަސައްކަތްޕުޅުތަކެއް މިހާރު ވެސް ވަނީ ކުރައްވައިފައެވެ.

މިއަހަރުގެ ޙާއްޖާބެހޭ ކަންކަން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޢުލާންކުރެވޭނެކަމަށް ސަޢޫދީން އުންމީދުކުރޭ

މި ދިޔަ އަހަރު ޙައްޖާއި ޢުމުރާގައި ވަނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރި ގޮތްތަކެއް، ޒަމާނީ ފަންނިއްޔާތާއި ސުމޭކަށް އަމާޒުކޮށްގެން، ތަރައްޤީކޮށް ފަހިކޮށްދީފައެވެ. ޙައްޖުވެރީންނާއި ޢުމުރާވެރީންނަށް ބޭނުންވާނެ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ތަފާތު އިޚުތިޔާރުތަކާއެކީގައެވެ.

ފަންނިއްޔާތަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި، މައްކާއާއި މަދީނާގައި ތިބެފައި ވެސް ތަފާތު ކަންކަމަށް އެދެވޭނެ އެޕްލިކޭޝަނެއް ވަނީ ތަޢާރަފުކުރައްވައިފައެވެ. "އިޢުތަމަރުނާ"ގެ ނަމުގައި ތަޢާރުފުކުރެއްވި މި އެޕްލިކޭޝަން މެދުވެރިކޮށް މައްކާ ނުވަތަ މަދީނާގެ މިސްކިތްތަކަށް ވަނުމުގެ ހުއްދައާއި ރައުޟާގައި ނަމާދުކުރުމުގެ ހުއްދަތައް ފަދަ ހުއްދަތަކަށް ފަސޭހަކަމާއެކު އެދެވޭނެއެވެ. (ސައުދީ ސަރުކާރުން މިހެން ވިދާޅުވި ނަމަވެސް މި އެޕްލިކޭޝަން ބޭނުންކޮށްފައިވާ ޢުމުރާވެރިން ބުނެފައިވަނީ މި އެޕްލިކޭޝަން ބޭނުންކުރުމަކީ ވަރަށް ބޮޑު ތަކުލީފެއްކަމަށާއި ގިނަ ފަހަރަށް ހުންނަނީ "ތަތްވެ ތާށި"ވެފައި ކަމަށެވެ. އަދި ބޭނުން ވަރަކަށް ހުސްވަގުތު ލިބިގެން މިކަން ކުރާން ތިބެވޭނެ ބަޔަކަށް ނޫނީ އެ ތައް މިލިއަން ބަޔަކު ބޭނުންކުރާން ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަންގެ ސަބަބުން ފަސޭހައެއް ނުލިބެއެވެ. މިއީ ދިވެހި ރާއްޖޭގައި ދިރާގާއި އުރީދޫގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުން ވެސް ކުރާ ބާވަތުގެ ޝަކުވާ ތަކެކެވެ.)

ސަޢުދީ ސަރުކާރުން ހާމަކުރައްވައިފައިވާ ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން މި ދިޔަ އަހަރު އެކަނި ވެސް 20 މިލިއަނަށް ވުރެ ގިނަ މީހުނަށް ފައިދާކުރިއެވެ. އަދި ބޭރު ޤައުމުތަކުން އަންނަ މެހުމާނުންނަށް ޚިދުމަތްކުރުމަށް ޓަކައި މައްކާއާއި މަދީނާގައި ޤާއިމުކުރެވިފައިވާ "ހޭހަން މަރުކަޒު"ތަކުން ފޯރުކޮށްދިން ޚިދުމަތްތައް މި އެޕްލިކޭޝަން މެދުވެރިކޮށް 30 ހާހަށްވުރެ ގިނަ މީހުން ހޯދައިފައިވެއެވެ.

ސައުދީ ޢަރަބިއްޔާއިން ވަނީ ޙަޖުވެރީންނާއި މަސްޖިދުލްޙަރާމަށް ޒިޔާރާތްކުރާ މީހުންނަށް ހަތަރު ދިމާއަކުން ވަނީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ވެސް ޤާއިމުކޮށްދެއްވައިފައެވެ.

ޙައްޖާއި ޢުމުރާއާ ބެހޭ ވުޒާރާގެ ވަކީލުގެ އެހީތެރިޔާ ހިޝާމް ޢަބްދުލްމުނީމް ސަޢީދު ނޫސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި އެކި ޚިދުމަތަށް އެދުމުގައި އެޕްލިކޭޝަން މެދުވެރިކޮށް ފަންނިއްޔާތާއި ސުމޭކުގެ ތެރެއިން ޚިދުމަތަށް އެދެވޭ ގޮތަށް ހެއްދެވީ މަސްދިދުލްޙަރާމަށް ބޮނޑިވާ އެތައް ބަޔަކަށް ފަސޭހަކަމާއެކު ރައްކާތެރި ސަލާމަތްތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައެވެ. ޒަމާނީ މި ޚިދުމަތުގެ ސަބަބުން ޙައްޖާއި ޢުމުރާވެރީންގެ މުހުތާދުތައް ފުރިހަމަކުރާން ފަސޭހަވާނެއެވެ.

ހިޝާމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި "އިޢުތަމަރުނާ" އެޕްލިކޭޝަން ތަރައްޤީކޮށް އުފެއްދީ ސަޢުދީ ޢަރަބިއްޔާގެ  "ޑޭޓާއާއި ޞިނާއީ ވިސްނުމާބެހޭ އިޚުތިޔާރު" (ސަޢޫދީ ޑޭޓާ އެންޑް އާރޓިފިޝަލް އިންޓެރިޖަންސް އޮތޯރިޓީ) އިންނެވެ. އަދި މި ކަމަށް ކަމާބެހޭ އެހެން ފަރާތްތަކުގެ ރުހުން ވެސް ވަނީ ލިބިފައެވެ.

ހިޝާމު ވިދާޅުވި ގޮތުގައި ޙައްޖުވެރީންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ އަމިއްލަ ޖަމާއަތްތަކާއި ޢާންމުންނާއި ދަރުމަވެރީންނާއި އެންމެން ގުޅިގެން ހިންގޭ ވަރަށް ބޮޑު ޙަރަކާތެކެވެ.

"ޙައްޖާއި ޢުމުރާއާ ބެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކޮށްދީ ފުރިހަމަ ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޙައްޖާއި ޢުމުރާއާ ބެހޭ ވުޒާރާއާއި ދާޚިލީ ވުޒާރާއާއި ޞިއްޙަތާބެހޭ ވުޒާރާއާއި ދެ ޙަރަމްފުޅު ބަލަހައްޓާ ޚާއްޞަ އިދާރާއާއި ކަމާ ބެހޭ ހުރިހައި ފަރާތްތަކެއް ގުޅިގެން ވަރުބަލިކަމެއް ނެތި ގެންދަވާނީ އެކުވެ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.