Support Us

މެލޭޝިއާގެ ޚާރިޖީ ވަޒީރު ކޮވިޑަށް ނައްސި، ނަމަވެސް ކަރަންޓީނުގައި ހުންނަވާން މަޖުބޫރު

މެލޭޝިއާގެ ޚާރިޖީ ވަޒީރު ދާތޫ ސްރީ ހިޝާމުއްދީން ތޫން ޙުސައިން، ކަރަންޓީނުގައި ހުންނަވާން މަޖުބޫރުވެވަޑައިގަތުމުގެ ސަބަބުން މިއަދު ސީނުކަރައިގެ ޗަންގޗިންގައި އޮންނަ "އާސިއާން-ޗައިނާގެ ޚާރިޖީ ވަޒީރުންގެ ޖަލްސާއަށް ވަޑައިގަންނަވާން ހުރަސް އެޅިއްޖެއެވެ. އަދި އެ ޖަލްސާއަށް ފަހު މިޞްރަށާއި ކުވައިތަށާއި ޤަޠަރަށް ކުރައްވާން ހަމަޖެހިފައި އޮތް ދަތުރުފުޅެއް ވެސް މި ކަމާ ގުޅިގެން ވަގުތީ ގޮތުން ކެންސަލްކުރައްވާންޖެހިވަޑައިގެންފިއެވެ.

ހިޝާމުއްދީން ކަރަންޓީނުގައި ހުންނަވާން މަޖުބޫރުވެވަޑައިގަތީ ކޮވިޑްޖެހިފައިވާ މީހަކާ އެ މަނިކުފާނު އެއްތާވެވަޑައިގެންފައިވާތީއެވެ. ނަމަވެސް ހިޝާމުއްދީން ހެއްދެވި ޕީސީއާރު ދެ ޓެސްޓުން ވެސް ދެއްކީ އެ މަނިކުފާނު ކޮވިޑަށް ނައްސި ކަމަށެވެ. މި ކަމާ ބެހޭ ގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑަށް ފައްސިވެފައިވާ މީހަކާ ވަޒީރު އެއްތާވެވަޑައިގަތުމުގެ ސަބަބުން ކަރަންޓީނުގައި ހުންނަވާން މަޖުބޫރުވެވަޑައިގަތީ ކަމަށެވެ.

"ވަޒީރު ޕީސީއާރު ދެ ޓެސްޓު ހެއްދެވިއިރު ނެގެޓިވް ކަމަށް ދެއްކި ނަމަވެސް ޞިއްޙަތާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ އުޞޫލުގައިވާ ގޮތުގެ މަތީން ކޮވިޑަށް ފައްސިވެފައިވާ މީހަކާ އެއްތާވާ ކޮންމެ މީހަކު ވެސް ކަރަންޓީނުވާން މަޖުބޫރުވާ އުޞޫލުން ވަޒީރު ވެސް ކަރަންޓީނުގައި ހުންނަވާށާއި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ހުންނަވާން މަޖުބޫރުވާނެއެވެ."  ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ޚާރިޖީ ވަޒީރަށް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވުމުން އެ މަނިކުފާނުގެ ބަދަލުގައި މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނީ މެލެޝިއާ ވަފުދުގެ އިސްވެރިޔެއްގެ ހައިސިއްޔަތުން، ޚާރިޖީ ވަޒީރުގެ ނާއިބު ދާތޫ ޤަމަރުއްދީން ޖަޢުފަރެވެ.

ސީނުކަރައިގައި އޮންނަ ޖަލްސާއަށް ފަހު، މިޞްރަށާއި ކުވައިތަށާއި ޤަޠަރަށް ހިޝާމުއްދީން ކުރައްވާން އޮތް ދަތުރުފުޅު މިހާރު ވަނީ ފަހުން ކަނޑައެޅޭ ތާރީޚަކަށް ފަސްކުރައްވައިފައެވެ.

މެލޭޝިއާގައި ކޮވިޑާ ގުޅިގެން ކަނޑައަޅައިފައި ހުންނަ މިންގަނޑުތަކަށް ޢަމަލުކުރުމުގައި ޢާންމުންނެކޭ ވަޒީރެކޭ، ބޮޑުވަޒީރެކޭ އެއްވެސް ތަފާތެއް ނުކުރެއެވެ. އެއްވެސް އިސްތިސްނާއެއް ޚާއްޞަ ހުއްދައެއް ހަމަ އެކަކަށް ވެސް ނުލިބޭނެއެވެ. މެލޭޝިއާގެ ސަރުކާރުން ކުރީން ހާމަކުރައްވައިފައިވާ ގޮތުގައި ކޮވިޑާ ގުޅިގެން އެ ޤައުމުން ޢަމަލުކުރާނީ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންނާއި ސައެންސީން ދެއްވާ ލަފާ އެކަންޏެވެ. ސިޔާސީ މީހުންނާއި އިޤުތިޞާދީ މީހުންގެ ލަފާ ކޮވިޑާ ގުޅިގެން ގަބޫލެއް ނުކުރާނެއެވެ.

(މެލޭމެއިލް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *