Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ

ތަސްވީރަކީ ހެއްޔެވެ؟ ތަސްވީރަކީ އިންސާނާއަށް ލިބިފައިވާ މުވާސަލީ ވަސީލަތްތަކުގެ ތެރެއިން ވަސީލަތެކެވެ. އިންސާނާގެ އިހުސާސުތަކާއި ޝުއޫރުތައް، އޭނާގެ ޚިޔާލާތުތަކާއި ފިކުރުތައް، ފާޅުކޮށް ބުނެދޭން، އޭނާއަށް ލިބިފައިވާ ވަސީލަތެކެވެ. މިފަދަ ތަފާތު ވަސީލަތްތައް އިންސާނާއަށް ލިބިފައި ވެއެވެ. ދުލުން ބުނެދޭ ވާހަކައެވެ. ގަލަމުން ލިޔެދޭ ލިޔުމެވެ. އަތްފައިން ކުރާ އިޝާރަތެވެ. މިޔުޒިކުގެ މިޔުޒިކީ އަޑެވެ. އަދި އަތުން ނުވަތަ އާލަތަކުން ކުރަހާލެވޭ ތަސްވީރެވެ.

މި ވަސީލަތްތަކަކީ އިންސާނާގެ ހިތުގައި އޮންނަ އެއްޗެއް ސާފުކޮށް ބުނެދިނުމުގައި އެއް ދަރަޖަ ލިބިފައި އޮންނަ ވަސީލަތްތަކެއް ނޫނެވެ. ބައެއް ވަސީލަތަކަށް، އެހެން ވަސީލަތްތަކާ އަޅާ ބަލާއިރު، ހިތުގައި އޮންނަ އެއްޗެއް ސާފުކޮށް ބުނެދިނުމުގެ އެކަށޭނަކަން ލިބިގެން ވެއެވެ. މިސާލަކަށް، ބަސް ބޭނުންކޮށް ފާޅުކުރެވޭ ހިތުގެ އިހުސާސުތަކާއި ޝުއޫރުތަކާއި ސިކުނޑީގެ ޚިޔާލުތަކާއި ފިކުރުތަކެވެ. ނަމަވެސް، ބަސް ވެސް، އެ ބޭނުން ކުރެވޭ ގޮތުން، ބުނާ އެއްޗެއް ތަފާތު ގޮތްގޮތަށް މާނަ ކުރުމުގެ އެކަށޭނަކަން އޮވެއެވެ.

މި ނަންގަތް ބަހުގެ ސާފު ނޫން ކަމަށް އިޝާރަތްކޮށް، ދިވެހިން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. "ބަހަކީ އިޝާރަތެކެވެ. މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ." މި އިބާރާތެވެ. މީގައި އެބުނާ ވާހަކައަކީ ލަފްޒަކުން، ނުވަތަ ވާހަކައަކުން، އިޝާރަތްކުރަނީ މާނައަކަށެވެ. ފޮތޭ ނުވަތަ އޭނާ ރަނގަޅޭ، މިހެން ބުނެ އެ އިޝާރަތްކުރަނީ އެ ބުނާ މީހާ ގަސްދުކުރާ މާނައަކަށެވެ. އެ މާނަ އޮންނަނީ ބުނާ މީހާގެ ހިތުގައެވެ. އާދެ، މާނައިގެ ހަގީގަތް އެނގޭނީ އެ ވާހަކަ ބުނާ މީހަކަށެވެ.

ހިތާއި ސިކުނޑީގެ އިހުސާސުތަކާއި ފިކުރުތައް އިބާރާތްކޮށް ފާޅުކުރުމުގެ އެހެން ބައެއް ވަސީލަތްތަކަށް ބަލާލާއިރު، އެކަންކަން އެހާ ސާފުކޮށް ބުނެދެވިފައި ނޯވެ ހިނގައިދާނެއެވެ. މިސާލަކަށް މިޔުޒިކީ ރާގަކުން އެއީ އުފާވެރި ރާގެއްކަން ނޫނީ ހިތާމައިގެ ރާގެއްކަން އިހުސާސުކުރެވި އެނގިގަނެވިދާނެއެވެ. އެއީ ހެނދުނުގެ ރާގެއްކަން ނުވަތަ ރޭނގަނޑުގެ ރާގެއްކަން ވިސްނައި އެ ވަގުތުތަކާ ބެހޭ މަންޒަރުތަކާއި ކަންކަމާ ގުޅުވާލެވިދާނެއެވެ. އުއްމީދާއި ދިރުމެވެ. ނުވަތަ މާޔޫސްކަމާއި ނިމުމެވެ. ހެނދުނު ވަމުން އަންނައިރު، ދުނިޔެއަށް ދިރުން ލިބި މަޑުމަޑުން އަންނަ ހަލަބޮލިކަމެވެ. ދުވާލުގެ ވަގުތު ނިމި، އިރުއޮއްސި ދެން އަންނަ މަޑުމައިތިރިކަމާއި ހިމޭންކަމެވެ. މިޔުޒިކީ ރާގުރާގު މިކަން ކަމާ ގުޅުވާލެވި، މިކަންކަން ވިސްނިދާނެއެވެ. ނަމަވެސް، މިޔުޒިކީ ރާގަކުން، އެ ކަންކަމުގެ ތަފްސީލެއް ބުނެދެވޭ ގޮތެއް ނުވެއެވެ. މިއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ދުލާއި ގަލަމުން ބުނެ އިބާރާތްކުރެވޭ ކަންކަން އަމާޒުކުރެވެނީ ހިތާއި ސިކުނޑިއަށެވެ. އެކަންކަން ވިސްނައިގަތުމުގެ ބޭނުމުގައެވެ. ނަމަވެސް، މިޔުޒިކީ ރާގަކުން އަމާޒުކުރެވެނީ ޚާއްސަ ގޮތެއްގައި ހިތަށެވެ. ޖަޒުބާތުތަކުގެ މަރުކަޒަށެވެ. ބޭނުމަކީ ހިތް ހިލުވާލައި އުފާކޮށްދީ މީހާގެ ރޫހު އުފުލާލުމެވެ. ނުވަތަ ހިތާމައިގައި ބައިވެރިކުރުވައި ހިތުގައި ހަމްދަރުދީ އުފެއްދުމެވެ.

ދެން އޮތީ ކުރެހުމާއި ތަސްވީރުގެ ވާހަކައެވެ. ކުރެހުމާއި ތަސްވީރު އަމާޒުކުރެވެނީ މައްސަލައަކާ ގުޅޭ މުހިންމު ނުކުތާއަކަށެވެ. ކުރެހުންތެރިޔާ ފާހަގަކުރާ މުހިއްމު ނުކުތާއެވެ. ދެން، ބެލުންތެރިންނަށް އޭނާގެ ކުރެހުން މާނަކުރަން ދޫކޮށްލައެވެ. ބައެއް ފަހަރު، ބެލުންތެރިންނަށް ކުރެހުންތެރިޔާގެ ނަޒަރުން ބަލައި އޭނާގެ ނުކުތާ ފާހަގަކުރެވި މައްސަލަ ވިސްނޭ ގޮތް ވެއެވެ. އަނެއްބައި ފަހަރު، ކުރެހުންތެރިޔާ ގަސްދު ނުކުރާ ކަމެއް ވެސް ބެލުންތެރިން ފާހަގަކޮށް، ކުރެހުންތެރިޔާގެ ކުރެހުމާއި ތަސްވީރަށް މުޅިން އެހެން މާނައެއް ވެސް ދެވޭތަން އާދެއެވެ.

ކުރެހުމަކީ އާންމު ގޮތެއްގައި މިފަދައިން އޮންނަ އެއްޗެކެވެ. އެކި ގޮތްގޮތަށް މާނަކުރެވި ކުރެހުންތެރިޔާ ގަސްދުނުކުރާ މާނައެއް ނެރެވިދާނޭ ގޮތަށް އޮންނަ އެއްޗެކެވެ. މަތީގައިވާ ކުރެހުމަށް ބަލައިލުމުން ފެންނަނީ ކޯރެކެވެ. ފަރުބަދަމަތިން ދެމެމުން އެ ކޯރަށް ސާފު ފެން އެޅެމުންދާ ތަނެވެ. މީގެ އިތުރުން ނަޖިސް ފެން ހޮޅިއެއްގެ ކޮޅު ކޯރާ ގުޅާލެވި، އެ ހޮޅިން ނަޖިސް ފެން ކޯރަށް އެޅޭތަން ވެސް ކުރެހުން ދައްކުވައިދެއެވެ. ދެން، ބައްޕައަކު އޭނާގެ ދަރިފުޅު ގާތު މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނާތަން ފެނެއެވެ. އިންސާނުންގެ ނުރަނގަޅު އަމަލުތަކުގެ ސަބަބުން، ކޯރުގެ ފެންގަނޑު ހަޑިވެ، ވެށި ހަލާކުވާ ވާހަކައެވެ. މިފަދައިން ބުނެ، ކުރެހުމުން ފެންނަ މަންޒަރު ސިފަކޮށްދީ، އެކަން ވެށްޓާ ގުޅާލައި ތަހުލީލުކުރެވިދާނެއެވެ.

މި ނޫން ގޮތްގޮތަށް ވެސް މި ކުރެހުން ތަހުލީލުކުރެވިދާނެއެވެ. މި ކުރެހުމުން ފެންނަ މަންޒަރުގެ ބައިތަކަކީ ރަމްޒެއް ކަމަށް ބުނެ، އެ ރަމްޒަކީ ކޮބައިކަން ބަޔާންކޮށްދީއެވެ. ކޯރުގެ ސާފު ފެން ރަމްޒުކޮށްދެނީ އިންސާނާގެ ސާފު ތަބީއަތަށޭ ބުނެއެވެ. އާދެ، އޭނާގެ ސަލާމަތް ފިތުރަތަށޭ ބުނެއެވެ. އޭނާ ހެއްދެވުމުގައި އޭނާގެ ކިބައިގައި ލެއްވިފައިވާ ހެޔޮކޮށް ކަންތައް ކުރުމުގެ ތަބީއަތަށެވެ. އެ ތަބީއަތް ބަދަލުނުވެ، ސަލާމަތުން އޮންނަ އޮތުމަށެވެ. އިންސާނާގެ ވެށީގެ ސަބަބުން، އެއީ އާއިލާގެ ވެށި ކަމަށް ވިޔަސް، ނޫނީ އޭނާގެ މަދަރުސާގެ ވެށި ކަމަށް ވިޔަސް ނޫނީ އޭނާގެ ރަހުމަތްތެރިންގެ ވެށި ކަމަށް ވިޔަސް، އޭނާގެ މި ސަލާމަތުން އޮންނަ ފިތުރަތަށް ބަދަލުނައިސް އޮންނަ އޮތުމަށެވެ. ދެން، ފަރުބަދަ މަތިން އަންނަ ސާފު ފެން ރަމްޒުކޮށްދެނީ އޭނާގެ ސަލާމަތް ފިތުރަތް އެ އޮތް ގޮތުގައި ސަލާމަތުން ދެމެހެއްޓުމަށް އެހީވުމުގެ މައްޗަށެވެ. މިކަން ކުރެވޭނީ އޭނާގެ ވެއްޓަކީ– އާއިލާގެ، މަދަރުސާގެ، ރަހުމަތްތެރިންގެ– ސަލާމަތުން އޮތް އޭނާގެ ފިތުރަތު އެ ގޮތުގައި ދެމެހެއްޓޭނޭ ވެއްޓަކަށް ހެދުމުގެ މައްޗަށެވެ. އާއިލާއާއި މަދަރުސާއާއި ރަހުމަތްތެރިން ވާންޖެހޭނީ، ހެޔޮ ގޮތްތައް، ބަހާއި އަމަލުން، އޭނާއަށް ފެނި ބުނެދޭ ވެއްޓަކަށެވެ. ދެން، ބައްޕަ ދަރިފުޅު ގާތު އެ ބުނަނީ މިވާހަކައޭ ވެސް ބުނެވިދާނެއެވެ.

ކޮންމެއަކަސް، އިންސާނާއަށް ތަފާތު މުވާސަލީ ވަސީލަތްތައް ލިބިފައިވާއިރު، އެ ވަސީލަތްތައް ބޭނުންކޮށްގެން އޭނާގެ ހިތުގައި އޮތް އެއްޗެއް ބުނެދިނުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިފައި އޮވެއެވެ. އެ ވަސީލަތްތައް ބޭނުންކޮށްގެން އެއްޗެހި ސާފުކޮށް ބުނެދިނުމުގައި ދަރަޖަތަކެއް ހުރި އިރު، ކޮންމެ ވަސީލަތަކަށް ވެސް ޚާއްސަ ގޮތްތަކެއް ވެއެވެ. ލިޔެކިޔުމުން، އެއްޗެހި ސާފުކޮށް ބަޔާންކޮށްދެވެއެވެ. ނަމަވެސް، ލިޔެވިފައި އޮތް އެއްޗަކުން ހިތުގެ އިހުސާސުތައް ހިލުވާލައި އަސަރުކުރުވާ ވަރަށް ވުރެ އަވަހަށް މިޔުޒިކު މެދުވެރިކޮށް އެކަން ކުރެވޭ ގޮތް ވެއެވެ. ހަމަ އެހެންމެ، ކުރެހުން ބޭނުންކޮށްގެން ބޭނުންވާ މުހިއްމު ނުކުތާ ލޮލަށް ފެންނަހެން ބުނެދެވެއެވެ. މީގެ އިތުރުން ކުރެހުމަށް ލިބިދޭ އެހެން ސިފައެއް ވެސް އޮވެއެވެ. ތައުލީމީ ވަސީލަތެއްގެ ގޮތުން ބޭނުންކުރާ އިރު، ކުރެހުމަކީ ކުދިންގެ ސިކުނޑި ހުޅުވާލައި ސިފަކުރުމާއި އެ ސިފަކުރުން ބުނެދޭ މާނަ އަކީ ކޮބައިކަން ބުނެ، ވާހަކަދެއްކުމަށް ކުދިންނަށް ހިއްވަރު ދޭން ބޭނުން ކުރެވޭ އަދި ކުރެވިދާނޭ ވަރަށް ވެސް މުހިއްމު ވަސީލަތެކެވެ.