Support Us

ނަތަންޔާހޫގެ ވެރިކަން ވެއްޓުމާއެކު އިސްރާއީލުގެ އެތެރެ ގަޑުބަޑުވެދާނެ ކަމުގެ އިންޒާރު

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލުމާއެކު އެތާނގެ އެތެރޭގައި ގަޑުބަޑުތައް ފެށި ހަމަނުޖެހުތައް އިތުރުވެދާނެކަމުގެ އިންޒާރު އިސްރާއީލުގެ ދާޚިލީ އަމްނާ ބެހޭ އިދާރާ "ޝިން ބޭތު" އިން ދީފިއެވެ. މި ގަޑުބަޑުތަކުގެ ސަބަބަކަށް ވާނީ ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ލިބިވަޑައިނުގަތުންކަމަށް ރިޕޯޓަރުން ބުނެއެވެ.

އޭނާއަށް ވެރިކަމުން ފައިބާވަޑައިގަތުމުށް މަޖްބޫރުވެ ވަޑައިގަތީ ކޯލިޝަން ސަރުކާރެއް އެކުލަވައިނުލެއްވުމުންނެވެ. ނަތަނަޔާހޫއަކީ އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ކަނާތު ފިޔައިގެ ހަރުކަށި ޒަޢީމެވެ. މި ދިޔަ ބުދަދުވަހު އިސްރާއީލުގެ އިދިކޮޅު ޒަޢީމު ޔާއީރު ލާބީދު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވުމުގައި ކާމިޔާބު ލިބިވަޑައިގަންނަވައިފި ކަން އިޢުލާން ކުރައްވައިފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާތައް

އަނެއްކޮޅުން ބަލާއިރު ނަތަންޔާހޫއާ ދެކޮޅަށް އެކުލަވައިލެވުނު "ސަޓަނި" ސަރުކާރަށް ތާއީދުކޮށް ޤުދުސް ސަހަރުގައި އިއްޔެ ވަނީ މުޒާހަރާތައް ބާއްވައިފައެވެ. ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި ހިފާފައިވާ ޤުދުސް ސަހަރުގެ ބޮޑު މައިދާނުގައި އިއްޔެ އެތައް ސަތޭކަ އިސްރާއީލީންނެއް މުޒާހަރާ ކުރިއެވެ. މި މުޒާހަރާ ބާއްވާފައިވަނީ ނަތަންޔާހޫގެ ރަސްމީ ގެކޮޅު ކައިރީގައެވެ.

އައު ކޯލިޝަން ސަރުކާރުގައި އަށް ޕާޓީއެއް ހިމެނެއެވެ. އެއީ މެދުމިން "އެތާނގައި ކުރިމަގެއްވޭ" ޕާޓީ (17 ގޮނޑި) އާއި ކަނާތު ފިޔައިގެ "ޔަމީނާ ޕާޓީ" (7 ގޮނޑި) އާއި ވާތު ފިޔައިގެ ލޭބަރ ޕާޓީ (7 ގޮނޑި) އާއި ކަނާތު ފިޔައިގެ "އައު އުންމީދު" ޕާޓީ (6 ގޮނޑި) އާއި މެދުމިން "ނޫ-ހުދު" ޕާޓީ (8 ގޮނޑި) އާއި ވާތު ފިޔައިގެ "މިރްތުސް ޕާޓީ (6 ގޮނޑި) އާއި ކަނާތު ފިޔައިގެ "އިސްރާއީލު އަހުރެމެންގެ ގެ" ޕާޓީ (7 ގޮނޑި) އާއި ޢަރަބީންގެ އެއްބައެއްވަންތަކަމުގެ ޕާޓީ (4 ގޮނޑި) އެވެ. އެހެންކަމުން މިއީ އެއްފަސްނުކުރެވޭނެ މަސްހުނިގަނޑެކެވެ.

މި ކޯލިޝަންގައި ވާތުފިޔައާއި ކަނާތުފިޔައާއި ޤައުމީ ދީނީ ޕާޓީތަކާއި ލިބަރަލް ޕާޓީއާއި އިސްލާމީ ޕާޓީއެއް ހިމެނެއެވެ. މިއީ އިސްރާއީލުގެ ސަރުކާރެއްގައި ޢަރަބި އިސްލާމީ ޕާޓީއެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ. ނަތަންޔާހޫ އިންޒާރު ކުރައްވާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި ވާތުފިޔައިގެ ކޯލިޝަނެކެވެ. މި ކޯލިޝަން ސަރުކާރުގައި ބޮޑުވަޒީރުކަން ކުރައްވާނީ ދައުރު ބައްސަވައިގެން ބިނީތާއި ލާބީދެވެ. ފުރަތަމަ ދެ އަހަރު ވެރިކަން ކުރައްވާނީ ކަނާތުފިޔައިގެ ހަރުކަށި ދީނީ ޒަޢީމު ބީނީތެވެ. ދެވަނަ ދައުރުގައި ވެރިކަން ކުރައްވާނީ މެދުމިން ލާބީދެވެ. ބީނީތު މި ކޯލިޝަންގައި ބައިވެރިވެވަޑައިގަތުމުން ކަނާތުފިޔައިގެ ބައެއް ޕާޓީތައް ވަނީ ވަރަށް ބޮޑަށް ރުޅި އައިސް ބިނީތާ ދެކޮޅަށް ޓްވީޓްތައް ގިނަކޮށްފައެވެ. އިސްރާއީލުގެ އިންތިޚާބީ ޙަމަލާތަކުގެ ތެރޭގައި ލާބީދު ވަނީ އެއްވެސް އަރަބި ޕާޓިއެއް ހިމެނޭ ކޯލިޝަނެއްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި ލާބީދާއެކު ކޯލިޝަނެއް ނުހައްދަވާނެއެވެ.

ޝިން ބޭތުގެ ރައީސް ނަދާފު އަރްގުމަން ހާމަކުރެއްވި ގޮތުގައި "ފަހަކަށް އައިސް ހަރުކަށި ޢަމަލުތަކަށް ހިތްވަރުދޭ ޓްވީޓްތަކާއި މެސެޖްތައް ވަނީ މީސް މީޑިޔާގައި ވަރަށް ގިނަވެފައެވެ." އޭނާ ވަކި މީހެއްގެ ނަމެއް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވިއެވެ. "މި މެސެޖްތަކުން އެނގޭގޮތުގައި ހަށިގަނޑަށް ގެއްލުން ލިބިދާނެ ފަދަ ޢަމަލުތަކެއް ހިނގައިފާނެކަމުގެ ބިރު ދަނީ އިތުރުވަމުންނެވެ."

ބީނީތު، ލާބީދުގެ ކޯލިޝަންގައި ބައިވެރިވެ ވަޑައިގަތުމާ ވިދިގެން އޭނާއަށް ދެވޭ ސަލާމަތީ ޙިމާޔަތް ވަނީ ވަރުގަދަކޮށްފައެވެ. އޭނާއާއި އޭނާގެ ޕާޓީގެ މެންބަރުން އައު ކޯލިޝަންގައި ބައިވެރިވަޑައިގަތުމާ ދުރުކުރުމަށް ޓަކައި އެ ބޭބޭފުޅުން އުޅުއްވާ ތަންތަނާ ކައިރި ހިސާބުހިސާބުގައި މުޒާހަރާތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

އަރްގްމަން އިސްރާއީލުގެ ސިޔާސީ ބޭފުޅުންނަށާއި ދީނީ ޒަޢީމުންނަށް ހަރުކަށި ޢަމަލުތަކަށް ހިތްވަރު ދެއްވުން ހުއްޓަވައި ލެއްވުމަށް ގޮވައިލެއްވިއެވެ. ކުރީގެ ބޮޑު ވަޒީރު އިސްޙާޤު ރަބީން 1995 ވަނަ އަހަރު އަވަހާރަކޮށްލެވިފައި ވަނީ މިފަދަ ހިތްވަރުދިނުންތަކެއްގެ ސަބަބުންނެވެ. ރަބީން އަވަހާރަކޮށްލީ ޔަހޫދީ ދީނުގެ ހަރުކަށި ޤައުމީ މީހަކު ދިން ބަޑީގެ ޙަމަލާއަކުންނެވެ. އެއީ ފަލަސްޠީނު މީހުންނާއެކު "ސުލްޙައަށް ޓަކައި ބިން" ބަދަލު ކުރުމުގެ މުޢާހަދާގައި ސޮއި ކުރެއްވުމުންނެވެ.

އެއްބައެއްވަންތަކަމުގެ ސަރުކާރެއް

އެ ދުވަސްވަރު އިދިކޮޅު ޒަޢީމަކަށް ހުންނެވީ ނަތަންޔާހޫއެވެ. ރަބީން އަވަހާރަކޮށްލުމަށް އެންމެ ބޮޑަށް ހިތްވަރުދެއްވި ބޭފުޅަކީ ނަތަންޔާހޫ ކަމަށް ތުހްމަތު ކުރެވުނެވެ. އެހެނަސް ނަތަންޔާހޫ މި ކަމާ ވަނީ ދެކޮޅު ހައްދަވައިފައެވެ.

ލާބީދާއި ބީނީތު ވިދާޅުވާ ގޮތުގައި އެ ބޭފުޅުންގެ "އެއްބައެއްވަންތަކަމުގެ ސަރުކާރެއް" އެކުލަވައިލެއްވުމުގެ ބޭނުމަކީ އިސްރާއީލުގައި މި ވަގުތު އޮތް ސިޔާސީ ބައިބައިވުންތައް ޙައްލުކޮށް ނަފްރަތްތެރިކަން ނައްތައިލުމެވެ.

އިސްރާއީލުގެ "އެން 12″ ޓީވީ ޗެނެލުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓެއް ބުނާގޮތުގައި ބީނީތު- ލާބީދު ސަރުކާރަށް އިސްރާއީލުގެ 46 އިންސައްތަ މީހުން ތާއީދު ކުރެއެވެ. އަލުން އިންތިޚާބެއް ބޭއްވުމަށް 38 އިންސައްތ މީހުން ތާއީދު ކުރެއެވެ. އެހެންވެއްޖެނަމަ މި އިންތިޚާބު ވާނީ ދެ އަހަރުގެ ތެރޭގައި ބޭއްވޭ ފަސް ވަނަ އިންތިޚާބަށެވެ. ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 15 އިންސައްތަ މީހުން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.

ލަފާކުރެވޭ ގޮތުގައި މި ހަފުތާގެތެރޭގައި އަނެއްކާވެސް ޤުދްސުގައި ހަމަނުޖެހުންތައް އިތުރުވެގެންދާނެއެވެ. އެއީ ޤުދްސުގެ ޤާދީމީ އަވަށުގެ ބާބުލް ޢާމޫދުގައި ކަނާތު ފިޔައިގެ ޔަހޫދީން ހިނގައިލުމެއް ބާއްވަން ރާވަމުންދާތީއެވެ.

އިއްޔެ ވަނީ އައްޝައިޚު ޖައްރާޙު އަވަށުގައި އަރާރުންތައް އަލުން ފެށިފައެވެ. މި އަރާރުންތަކުގެ ޚަބަރުތައް ހޯދާ ވީޑިއޯ ކުރަން އުޅުނު އަލްޖަޒީރާގެ ރިޕޯޓަރު ޖީވާރާ އަލްބުދައިރީ ވަނީ އިސްރާއީލު ފުލުހުން ހައްޔަރުކޮށްފައެވެ. އިސްރާއީލު ފުލުހުން އޭނާގެ ކެމެރާ ވަނީ ތަޅަލައިފައެވެ. އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ. އެހެނަސް އޭނާއަށް 15 ދުވަސް ވަންދެން ޝައިޚު ޖައްރާޙު އަވަށަށް ވަނުން ވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *