...

Support Us

ސާބަސް މައިމޫނާ!

ކޮވިޑް19 ގައި ރާއްޖޭގައި އެންމެ ގަދަޔަށް ހިނގި އެއް ނަމަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، މައިމޫނާ އަބޫބަކުރުގެ ނަމެވެ. ސަބަބަކީ ކޮވިޑްގެ އާލަމީ ވަބާގައި މުޅިދުނިޔެ އާއި ރާއްޖެ ހާސްކަމުގެ ތެރެއަށްދިޔައިރު، ރާއްޖޭގެ ސިއްހަތާ ބެހޭ އެފަދަ ހުރިހައި ކަމެއްގައި ކަންކަން ނިންމުމަށް ގާނޫނުން ބާރުތައް ދީފައިވާ އެއް ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަމަށް ވެފައި، އެ މަގާމުގައި އެ ވަގުތު އިންނެވީ މައިމޫނާ ކަމަށްވީމަ އެވެ. އެ މަގާމަކީ އެހާ މުހިންމު މަގާމެއް ކަމާއި، އެއީ ކިހާ ބާރުގަދަ، ކިހާ ޒިންމާދާރު މަގާމެއް ކަމުގެ އިތުރުން، އެ މަގާމުގައި އިންނެވީ މައިމޫނާކަން ވެސް އާންމުކޮށް އެންމެނަށް އެނގިގެންދިޔައީ ވެސް ކޮވިޑާ ގުޅިގެންނެވެ.

ކޮވިޑާ ގުޅޭ އެކިއެކި ނިންމުންތަކާއި އެންގުންތަކާއި އަމުރުތައް ކުއްލިކުއްލިއަށް ނެރެމުންދިޔައީ މައިމޫނާގެ ސޮޔާއެކުގަ އެވެ. މިގޮތުން އެކިއެކި މިސްކިތްތަކާއި ރަށްރަށާއި އެއާޕޯޓުތަކާއި ރިސޯޓުތަކާއި ގޭގެއާއި ކެފޭ ހޮޓާތަކާއި ފިހާރަތަކާއި ޕާކުތަކާއި ބީޗުތަކާއި މާރުކޭޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަން މޮނީޓަރިން ހާލަތަށް ގެނައުމާއި ބަންދުކުރުމާއި ލުއިދިނުމުގެ އިތުރުން، އެކިއެކި މީހުން އެކަހެރި ކުރުމާއި ކަރަންޓީނުކުރުން ފަދަ ހުރިހާ އަމުރުމައުރޫފެއްގައި ރެއެއް ދުވާލެއް ނެތި އަބަދުމެ ސޮއިކުރައްވަމުން ގެންދެވީ ވެސް މައިމޫނާ އެވެ.

ފާއިތުވި ހަތަރު ފަސް މަަހެއްހާ ދުވަސް ތެރޭގައި މައިމޫނާ ސޮއިކުރެއްވި މި ދެންނެވި ޒާތުގެ ލިއުންތަކުގެ އަދަދު، މީހަކު ގުނައި ހިސާބުޖެހި ނަމަ، ހަމަ ގައިމު ވެސް، ހާހުން މައްޗަށް ދާނެކަން ޔަގީނެެވެ. ފަހަރުގައި އެއީ ހަތަރު ފަސް މަަހެއްހާ ދުވަސް ތެރޭގައި އެހެން އެއްވެސް ބޭފުޅަކަށް މިހާތަނަށް ކުރެވިފައިނުވާހާ ގިނަ އަދަދެއްގެ ސޮއިކަމަށް ވުން ވެސް ވަރަށް އެކަށީގެންވެއެވެ.

"ދުވާލަކު ސޮއިކުރި ވަކި އަދަދެއް ބެލިފައެއް ނެތް. އެކަމަކު އެކަން އެނގެން ހުންނާނެ. ބައެއް ދުވަސްދުވަހު ތިރީހަށްވުރެ ގިނައިން ވެސް ސޮއިކުރެވިފައި ހުންނާނެ،" ކޮންމެ ދުވަހަކު ވެސް ގިނަ ވަގުތު، ނެޝަނަލް އިމަޖެންސީ ސެންޓަރުގެ މަސައްކަތުގައި ހޭދަކުރެއްވި މައިމޫނާ ވިދާޅުވިއެވެ. "އަޅުގަނޑު ސޮއިކުރިޔަސް، މިއީ ހުރިހައި ބޭފުޅުންގެ މަސައްކަތް."

މައިމޫނާ، ސަރުކާރަށް ހިދުމަތްކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހުރިހައި ދުވަހު ވެސް ހިދުމަތްކުރެއްވީ ސިއްހީ ދާއިރާގަ އެެވެ.

މައިމޫނާގެ ބަސް ނާހައި، އޭނާގެ އަމުރާ ޚިލާފަށް، ކޮވިޑް ލޮކްޑައުން ތެރޭގައި ގެއިން ބޭރަށް ނުކުމެ އުޅެނިކޮށް ފުލުހުން އަތުލައިގަތް އެތައް ސަތޭކަ ބަޔަކު ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ބަންދު ވެސް ކޮށްފަ އެވެ. ބައެއް މައްސަލަތައް ވަނީ ޝަރީއަތުގެ މަރުހަލާގަ އެވެ. އެހެންވެ ކޮވިޑާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތައް ހުއްޓި، އިގްތިސޯދު އިނދަޖެހިގެންދިޔަ ދަނޑިވަޅު، މައިމޫނާގެ ސޮއިގެ ސަބަބުން ދައުލަތަށް ރަނގަޅު އާމްދަނީއެއްވެސް ލިބުނެވެ. އެއީ ލޮކްޑައުންގައި ގެއިން ބޭރަށް ނުކުމެ އުޅެނިކޮށް ފުލުހުން އަތުލައިގަތް މީހުންގެ ޖޫރިމަނާ އަށް ލިބުނު އެތައް މިލިއަން ރުފިޔާއެކެވެ.

މައިމޫނާގެ މަސައްކަތަށް ގިނަ ބަޔަކު ހިތްވަރުދީ، ތައުރީފުކުރަމުންދިޔައިރު، ލޮކްޑައުން ދިގުދެމިގެންދާތީ އޭނާގެ އިސްތިއުފާއަށް މަޖިލިސްތެރޭގައި ވެސް ގޮވި އެވެ. އެހެން ނަމަވެސް، އެއިން އެއްވެސް ކަމަކަށް ބެއްލެވުމެއްނެތި، ފަސްޖެހުމެއް ނެތި، މައިމޫނާ ކުރިއަށް ވަޑައިގެންނެވީ އިސްތަށިފުޅުގައި އެޅިފައިވާ ގާނޫނީ އަދި ގައުމީ މަސްއޫލިއްޔަތާއެކުގަ އެވެ.

މައިމޫނާ އަދިވެސް ތި ގޮތުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ތިއީ ހަމަ ފިސާރި ކަނބަލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *