Support Us

މައްކާގެ މުޝްރިކުން އަޖައިބުކޮށްލި ހާދިސާ!

ސަލާމާއި ސަލަވާތް ލެއްވި ރަސޫލުﷲގެފާނު މިޢުރާޖަށް އަރާވަޑައިގެންނެވި ރޭގެ ފަތިހުގައި އެކަލޭގެފާނު އެވާހަކަފުޅު ޤައުމުގެ މީހުން ގާތު ދެއްކެވުމަށް ގަސްތުކުރައްވައިގެން ހަރަމްފުޅުގެ ތެރެއަށް ވަދެވަޑައިގަތެވެ. އަދި މީސްތަކުން މިވާހަކަފުޅު ދޮގުކޮށްގަންނާނޭ ހީފުޅުކުރައްވާ އެކަމާ ހިތާމަކުރައްވާ އިށީނދެވަޑައިގަތީ ގުރައިޝްވަންހައިގެ މަޖިލިސްތަކާ ވަކީން ދުރުގައެވެ.

‎ހަމަ އިށީނދެ ވަޑައިގަތްތަނާ އަބޫޖަހުލު އައިސް އެކަލޭގެފާނާ އަރައި ހަމަކޮށްފައި މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ކޮބާ ކޮބާ މިއަދު އާ ޚަބަރެއް ނެތްތޯއެވެ؟ އެކަލޭގަފާނު ހަދީސްކުރެއްވިއެވެ. ނޫނެކެވެ. ރޭގައި ތިމަންކަލޭގެފާނު ގޮވައިގެން ވަރަށް ދުރަށް ހިންގެވުނެވެ. އަބޫޖަހުލު ދެންނެވިއެވެ. އަނެއްކާ ކޮންތާކަށްތޯއެވެ؟ ހަދީސްކުރެއްވިއެވެ. ބައިތުލް މަގުދިސް އަށެވެ. އެކަލޭގެފާނު މިހެން ހަދީސްކުރެއްވުމުން އަބޫޖަހުލު ހިތަށް އެރިއެވެ. މީ ހަމަ ޔަޤީނުންވެސް އެންމެން ދޮގުކުރާނޭ ވާހަކައެކެވެ. މިފަދަ ބަސްފުޅެއް ދުވަހަކުވެސް ދެން އެކަލޭގެފާނުގެ ފަރާތްޕުޅުން އަޑުއިވޭނެ ކަމެއް ނޭނގެއެވެ. މިބަސްފުޅު އަހުރެން އެކަނި ދޮގުކޮށްފި ނަމަ ދެން އެހެން މީހެއް ގާތުގައި އެކަލޭގެފާނު ވިދާޅުވާނެ ކަމެއްވެސް ނޭނގެއެވެ. ވީއިރު މީކީ އަހުރެން އެކަނި އިނދެ ދޮގުކޮށްގެން ވާނޭ ވާހަކަފުޅެއް ނޫނެވެ.

‎މިކަމާ އަބޫޖަހުލު ފިކުރުކޮށް އިސްޖަހައިގެން އިނދެފައި ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ. ތިޔައީ ވަރަށްބޮޑު އަޖައިބު ވާހަކައެކެވެ. ފަހެ އަހުރެން ކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެއްކުރީވިއްޔާ އެމީސްތަކުންނަށް ތިޔަ ޚަބަރު ކުރައްވާނަންތޯއެވެ؟" މާތް ނަބިއްޔާ އާނއެކޭ ހަދީސްކުރެއްވުމުން އަބޫޖަހުލު ފުންމައިގެން ތެދުވެ އެންމެތަކުންނޭ ކިޔާފައި ހަޅޭއްލަވައިގެންފިއެވެ. މިއަޑުއިވުމާ އެކު މީސްތަކުން އަބޫޖަހުލާއި ކީރިތި ރަސޫލާ ﷺ ކަމަކަށް އެއްބަސްވަނީއޭ ހިތާ ދުވެފައި އެތަނަށް ޖަމާވެއްޖެއެވެ.

‎ދެން އަބޫޖަހުލު ދަންނަވައިފިއެވެ. ކަލޭގެފާނު ދެންމެ އަޅުގަނޑު ގާތުގައި ދެއްކެވި ވާހަކަފުޅު ކަލޭގެފާނުގެ ޤައުމުގެ މީހުން ގާތުގައި ދައްކަވާބައްލަވާށެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. އެވާހަކައަކީ ރޭގައި ތިމަންކަލޭގެފާނު ގޮވައިގެން ވަރަށް ދުރަށް ހިންގެވުނެވެ. އެބައިމީހުން ދަންނަވައިފިއެވެ. އަނެއްކާ ކޮންތާކަށްތޯއެވެ؟ ހަދީސްކުރެއްވިއެވެ. ބައިތުލް މަގުދިސްއަށެވެ. އެތާނގައި ތިމަންކަލޭގެފާނާއި ނަބީބޭކަލުންނާ ބައްދަލުކުރެއްވުނެވެ. އޭގެތެރޭގައި އިބުރާހިމްގެފާނާއި މޫސާގެފާނާއި އީސާގެފާނުވެއެވެ. ތިމަންކަލޭގެފާނު އެބޭކަލުންނައިގެން ނަމާދުފުޅުކުރައްވައި އެބޭކަލުންނާ ވާހަކަފުޅު ދެއްކެވީމެވެ.

‎މިހެން ހަދީސްކުރެއްވުމުން އަބޫޖަހުލު އިނދެފައި މަލާމާތުގެ ރާގެެއްގައި ބުނެފިއެވެ. ކޮބާ ކޮބާ އެބޭކަލުންގެ ސިފަ ވިދާޅުވެ ބައްލަވާށެވެ. އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. އީސާގެފާނު ދަންނައެވެ. އެކަލޭގެފާނަކީ އިސްކޮޅު މެދުމިންވަރުގެ ބޭކަލެކެވެ. ދިގު ބޭކަލެއް ނޫނެވެ. ރަތް ދޮންކުލައިގެ ބޭކަލެކެވެ. ތުނބުޅިފުޅުން ރަންމުތްތަކެއް އޮހޮރޭ ކަހަލައެވެ. އަދި މޫސާގެފާނު ދަންނައެވެ. އެކަލޭގެފާނަކީ ސަމަންތަރަ ހެޔޮ އޮޅަލި ބޭކަލެކެވެ. ޝަނޫއަތުގެ ބޭކަލެއް ކަހަލައެވެ.

‎މި ހިސާބަށް ހަދީސްކުރެއްވިތަނާ މިބައިމީހުން ހަޅޭއްފަޅޭއް ޖަހައިގަތެވެ. ބައެއްމީހުން އަތްތިލަބަޑިތަޅައި ބައެއްމީހުން އަޖައިބުވެގެން ބޮލުގައި ދެއަތް އަޅައިގެން ތިއްބެވެ. އަދި ދެންނެވިއެވެ. ކަލޭގެފާނު މިއަދު ތިޔަދައްކަވާ ވާހަކަތަކުން ކަލޭގެފާނަކީ ބޮޑު ދޮގުވެރިއެއްކަން ސާބިތުވެއްޖެއެވެ. އަޅުގަނޑުމެން ބާރަށްދުވާ އަސްތަކުގެ މައްޗަށް ސަވާރުވެ އޭގެ މޭގައި ތަޅަމުން ދަތުރުކުރީމައި ތިޔަތަނަށް ދެވެނީ މަސްދުވަސް ވަންދެން މައްޗަށް އަރަން އޮންނަ މަގެއް ކަޑައްތުކޮށް އަނެއް މަސްދުވަހު ތިރިޔަށް ފައިބައިގެންނެވެ. ކަލޭގެފާނު ތިޔަ ހީފުޅުކުރައްވަނީ އެންމެ ރެޔަކުން އެތަނަށް ވަޑައިގެންފައި ހަމަ އެރޭ މިތަނަށް ވަޑައިގެންނެވިދާނެ ކަމަށެވެ. އައްލާތަ އާއި އުއްޒާ ގަންދީ ބުނަމެވެ. އަހަރެމެން ތިޔަ ވާހަކަ ޤަބޫލެއް ނުކުރާނަމެވެ. ތިޔައީ ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ.

‎ދެން އެކަލޭގެފާނުގެ ވާހަކަފުޅު ދޮގުކުރަމުން މިބައިމީހުން ބުންޏެވެ. ކަލޭގެފާނު އެހެންވިއްޔާ ބައިތުލް މަގުދިސް ސިފަކޮށްބަލާށެވެ. އަހަރެމެން ތިޔަތަން ރަނގަޅަށް ދަންނަމެވެ. އެބައިމީހުން ގަސްތުކުޅައީ އިތުރު އެކަލޭގެފާނުގެ ބަސްފުޅު ދޮގުކަން މީސްތަކުންނަށް ފާޅުކުރުމަށެވެ. އަބޫބަކުރުގެފާނަށް މިކަން ވިސްނިވަޑައިގެން ދެންނެވިއެވެ. އެއީ ތެދެކެވެ. އަޅުގަނޑުވެސް އެތަނަށް ދިޔައިމެވެ. އެތާނގެ ސިފަ ވިދާޅުވެބައްލަވާށެވެ. އަބޫބަކުރުގެފާނު ގަސްތުކުރެއްވީ އެއްވެފައިވާ މީހުންނަށް އެކަލޭގެފާނުގެ ތެދުވެރިކަން ހާމަކޮށްދިނުމަށެވެ. އެކަލޭގެފާނު މި މަޖިލީހަށް ގެނައީވެސް މިބައިމީހުންނެވެ. ގޭގައި ހުންނަވަނިކޮށް މީހަކު ފޮނުވައިގެން، ކަލޭގެފާނުގެ މިތުރު މިއަދު މާ އަޖައިބުވަނިވި ބޮޑު ވާހަކައެއް ދައްކަވާ ދުވަހެކޭ ކިޔާ ޚަބަރުކުރައްވައިގެނެވެ. މިޚަބަރު ދިނުމުން އެކަލޭގެފާނު އެބައި މީހުންނަށް ވިދާޅުވިއެވެ. ރަސޫލުﷲ ގެފާނު ތިޔަހެން ހަދީސްކުރައްވައިފިއްޔާ ތިޔަވާނީ ތެދަކަށެވެ. އަހުރެން މިހުންނަނީ ތިޔަށްވުރެ ދުރުން މަލާއިކަތަކުން މެދުވެރިކޮށް ގެންނަ ޚަބަރުތައްވެސް ތެދުކޮށްގެނެވެ. އެދުވަހު ކީރިތި ރަސޫލާ ﷺ އަބޫބަކުރުގެފާނަށް ސިއްދީގުއޭ ކިޔާ ނަންދެއްވިއެވެ.

‎ދެންފަހެ ކީރިތި ރަސޫލާ ﷺ ބައިތުލް މަގުދިސް ސިފަކުރައްވަން ފެއްޓެވުމުން ޖިބުރީލްގެފާނު ވަޑައިގެން އެހެރީއޭ ވިދާޅުވެ ދެއްކެވުމުން ބައިތުލްމަގުދިސް އޮތީ އެކަލޭގެފާނުގެ ކުރިމަތިފުޅުގައި ދިމާއަށް ފެނިވަޑައިގަންނަވާ ގޮތެއްގައެވެ. ބައްލަވަން އިންނަވަމުން އެތަނުގެ ހުރިހާ ތަނެއް ރަނގަޅަށް ސިފަކޮށްދެއްވައި އެމީހުން ކުޅަހާ ސުވާލަކަށް ޖަވާބު ދެއްވުމުން މުޝްރިކުން ބުނެފިއެވެ. ކަލޭގެފާނަކީ ހަމަ ކުޅަދާނަ ސިހުރުވެރިއެކެވެ. ނޫނީ އެތަނަށް ތިޔަ މީސްތަކުންކުރެ އައްސަވައިގެން ދަސްފުޅުކުރައްވާފައިވާ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ. އަދި ކަލޭގެފާނު އެތަނަށް ވަޑައިގެންނެވިކަން އަހުރެމެން ޤަބޫލްކުރާނޭ އެހެން އަލާމާތެއް ދައްކަވާށެވެ. ތިޔަ ވަޑައިގެން މަގުމަތީގައިވާ އަހުރެމެންގެ ވިޔަފާރި ގާފިލާތައް ހުރިތަންތަން ނިކަން ވިދާޅުވެ ބައްލަވާށެވެ.

‎އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. އެވެނި ވަންހައެއްގެ މިވެނި ގާފިލާއަކާއި ތިމަންކަލޭގެފާނު ބައްދަލުވީ މިވެނި ވާދީއަކަށް ފައިބާ ތިއްބައެވެ. އަދި ތިމަން ކަލޭގެފާނު ގަރާރުވެ އިންނެވި ބުރާގުފުޅު ދެކެފައި މިވެނި މީހެއްގެ ޖަމަލު ސިހިގެން ދުއްވައިގަތެވެ. އެޖަމަލު ފަހަތުން ދުވުނު މީހާއަށް ވިދާޅުވީމެވެ. ކަލޭގެ ޖަމަލު އެދަނީ މިވެނި ދިމާލަކަށެވެ. އޭރު ތިމަންކަލޭގެފާނު ޝާމްކަރަޔަށް ދަތުރު ކުރައްވަނީއެވެ. ދެން އަނެއްކާ ވަޑައިގަންނަވަނިކޮށް އެވެނި ހިސާބަކުން މިވެނި ވަންހައެއްގެ ގާފިލާއާ ދިމާވިއެވެ. އެބައިމީހުން ތިބީ ނިދާފައެވެ. އެތާނގައިވާ ކަންވާރެއްގައި މިވެނި ބާވަތެއްގެ މައްޗެއް ޖަހާފައިވަނިކޮށް ދެކެވަޑައިގަތީމެވެ. ދެން ވަޑައިގަންނަވަނިކޮށް މިވެނި ގާފިލާއަކާ ބައްދަލުވިއެވެ. އެގާފިލާ ކައިރިޔަށް ދަނިކޮށް ބުރާގުފުޅު ދެކެފައި މިވެނި މީހެއްގެ ޖަމަލު ބަޑިޖަހާފައި ދުއްވައިގަތެވެ. އެ ޖަމަލުގައި އޮތީ މިވެނި ޒާތަކަށް ރޮނގުދަމާފައި އޮތް ދެ ބަސްތާއެވެ. އޭރު އެމީހުން އުޅެނީ ޖަމަލެއް ގެއްލިގެންނެވެ. ތިމަންކަލޭގެފާނު އެމީހުންނަށް ގޮވާލާފައި ދެންނެވީމެވެ. ތިޔަ ޖަމަލު ވަނީ މިވެނި ހިސާބެއްގައެވެ. އަދި އެމީހުން އެއީ މުޙައްމަދުގެފާނުގެ އަޑުފުޅޭ ވިދާޅުވި އަޑުވެސް އެއްސެވީމެވެ.

‎ދެންފަހެ މިކާފަރުންތައް މިގާފިލާތަކުގެ އިންތިޒާރުގައި ތިބެ އެބައިމީހުން އައިމައި ސުވާލުކޮށް އެކަލޭގެފާނު އެވިދާޅުވި ގޮތަށް ހުރިހާ ކަމެއް ހިނގިކަން ސާބިތުވީމައި ބުންޏެވެ. މުޙައްމަދުގެފާނުގެ ސިހުރަކީ އަޖައިބެއް ފަދަ ސިހުރެކެވެ.

ކޮންމެއަކަސް ‎މިކަމުންވެސް ކާފަރުންގެ މަގުފުރެދުންވީ އިތުރެވެ. އީމާންވެގެން ތިބި މީހުންގެ އީމާންތެރިކަން އިތުރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *