...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އެމް.ޑީ.ޕީ އާއި ނަޝީދުގެ ސިޔާސީ ކާމިޔާބަށް ޤުރުބާންކުރާ ކަންބަޅިއަކަށް އައްޑޫ ހެދުން!

ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ބޭއްވުނު އެމް.ޑީ.ޕީގެ ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ:

"މިއަތޮޅު (އައްޑޫ) މުހިއްމު ވަނީ ހަމައެކަނި ދިވެހި ރާއްޖެއަކަށް ނޫން. މިދުނިޔެ، އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން. އެކަނޑުގައި ހަނގުރާމައެއް އުފެދެމުން އެބަ އާދޭ. އިންޑިއާ އާއި ޗައިނާގެ އުދާސްތައް (ދެކޮޅުވެރިކަން) އެންމެ ފަހުން ތަހައްމަލް ކުރާނެ ތަނަކީ މި އައްޑު އަތޮޅު. އައްޑޫ ސިޓީ އަށް ނަޒަރު ހިންގައި މިސިޓީއާ ގުޅޭ ގޮތުން ވިސްނަނީ ހަމައެކަނި ދިވެހި ރާއްޖޭގެ ރައްޔިތުންނެއް ނޫން. މިސިޓީއާ ގުޅޭ އެންމެހައި ކަންކަން ބަލަމުން، އޮޅުންފިލުވަމުން ގެންދަނީ އެތައް ޤައުމަކުން."

ރައީސް ނަޝީދު މި ވިދާޅުވަނީ ކީކޭތޯ އެވެ؟ ދުނިޔޭގެ ބޮޑު ދެބާރެއް ކަމުގައިވާ އިންޑިއާއާއި ޗައިނާގެ މެދުގައި އުފެދެމުންދާ ފިނި ހަނގުރާމަ އަސްލު ހަނގުރާމައަކަށް ބަދަލުވާއިރު އެދެމެދުގައި ސުލްހަ ކުރާނީ އައްޑޫ ސިޓީއޭތޯއެވެ؟ ނުވަތަ އެ ދެމެދުގައި ފިތި، ދުނިޔޭގެ ސުލްހައަށް ޓަކައި ޤުރުބާން ކުރެވޭ ކަންބަޅިއަކަށް ވާނީ އައްޑޫ ސިޓީ އޭތޯއެވެ؟ ވަރަށް ސާފު އިބާރާތުން އެ ވިދާޅުވަނީ އައްޑޫއާ މެދު ވިސްނަނީ ހަމައެކަނި ދިވެހި ރާއްޖޭގެ ރައްޔިތުންނެއް ނޫން ކަމަށާއި އައްޑޫއާ ގުޅޭ އެންމެހައި ކަންކަން، ދުނިޔޭގެ އެތައް ޤައުމަކުން ބަލަމުން، އޮޅުންފިލުވަމުން ގެންދާ ކަމަށެވެ. ނަޝީދުގެ ވާހަކައިން ހީވަނީ މިއީ އައްޑޫ ރައްޔިތުން ނުވަތަ ދިވެހި ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. ދިވެހި އިސްލާމީ މި ޤައުމުގެ ފަސްގަނޑުގެ އެއްބަޔަށް ބޭރު މީހުން ކަޅިއަޅައި، މައުލޫމާތު އެއްކޮށް ހެދުމަކީ ދިވެހީން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމައްތޯއެވެ؟ ނޫނެކެވެ. މިއީ އާއްމުކޮށް މުޅި ދިވެހި ރާއްޖޭގެ، އަދި ހާއްސަކޮށް އައްޑޫގެ ދިރިދެމި އޮތުމަށް އޮތް ބޮޑުވެގެންވާ ނުރައްކަލެކެވެ. އެނގި ފެނި ތިބެ ގޮސް ދުނިޔޭގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް، ބޮޑު ފިނި ހަނގުރާމައެއްގެ ތެެރެއަށް ދިވެހި ރާއްޖޭގެ އެއްބައި ވައްޓާލުމަކީ އެމް.ޑީ.ޕީ އާއި ނަޝީދު ކުރައްވަމުން ގެންދަވާ ވަރަށް ނުރައްކާތެރި ކަމެކެވެ.

މިއީ ރައީސް ނަޝީދާއި އެމް.ޑީ.ޕީ އަށް ފައިދާ ހުރި މުއާމަލާތަކަށް ވެދާނެއެވެ. ނަމަވެސް ސިޔާސީ ރީތި ފަރިއްސަކުން އައްޑޫ ރައްޔިތުން ހައްލުވާލައްވާފައި އެމް.ޑީ.ޕީ އާއި ނަޝީދުގެ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރެއްވުމަށްޓަކައި އައްޑޫ ސިޓީ ޤުރުބާންކޮށް، އެއްލާލެއްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. މަތީގައި އިޝާރާތްކޮށްފައިވާ އެމް.ޑީ.ޕީގެ ސިޔާސީ ޖަލްސާގައި، އައްޑޫ ސިޓީއަށް ދުނިޔޭގެ އެތައް ޤައުމަކުން ކަޅިއަޅަމުންދާ ކަމަށް ވިދާޅުވެފައި ނަޝީދު ދެން ވިދާޅުވި ބަހުން ރައީސް ނަޝީދުގެ އެޖެންޑާ މުޅިން ސާފުވެގެން ދެއެވެ. ނަޝީދު ވިދާލުވިއެވެ:

"މި ސިޓީއާ ގުޅޭ އެންމެހައި ކަންކަން ބަލަމުން، އޮޅުންފިލުވަމުން ގެންދަނީ އެތައް ޤައުމަކުން. ޒަމާނުއްސުރެން ދިވެހި ރާއްޖޭގެ އެކުވެރީންނަކީ އިންޑިއާ. އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ދިވެހި ރައްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް. އައްޑޫސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ދިވެހި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫންކަން. ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މަބޮޑަށް ގުޅިފައިވާ ބައެއް."

އިންޑިއާގެ ނުފޫޒުން އައްޑޫ ސަލާމަތް ކުރުމަށް ހިންގާ "ސޭވް އައްޑޫ"ގެ ހަރަކާތްތަކުގެ ތެރެއިން.. ފޮޓޯ: ސޭވް އައްޑޫ/އެފްބީ

އަނެއްކާވެސް ނަޝީދު މި އިޝާރާތް ކުރައްވަނީ ދުނިޔޭގެ ޗާޓުގައި އައްޑޫ ސިޓީ އޮތް ތަނަކީ އިންޑިއާ، ޗައިނާ އަދި އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ޤައުމުތަކަށް ވެސް ވަރަށް މުހިއްމު ސަރަހައްދެއް ކަމެވެ. ކަނޑުމަގުން ދުނިޔޭގައި އުފުލޭ މުދަލުގެ ދެބައިކުޅަ އެއްބައި އުފުލެނީ އައްޑޫ ކައިރިން ލާފައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ހަނގުރާމަމަތީ މަނަވަރުތަކާއި ސަބްމެރީންތައް އައްޑޫ އަދި ހުވަދޫ ކަނޑުން ދުވާލަކު އެތައް ދަތުރެއް ކުރެއެވެ. ރާއްޖޭގެ އެންމެ އުތުރުން ހ.އ އަތޮޅާއި މަލިކާ ދެމެދު އޮތް ކަނޑުއޮޅި، އަދި ލ އަތޮޅާއި ހުވަދޫ އަތޮޅާއި ދެމެދު އޮތް ހުވަދޫ ކަނޑު، އަދި އައްޑޫ އަތޮޅުގެ ދެ ފަރާތުން އޮތް އައްޑޫ ކަނޑު ހިމެނޭ ގޮތަށް މިހަތަރު ކަނޑުއޮޅި އަކީ ދުނިޔޭގެ ވިޔަފާރި އާއި ދިފާއީ ދަތުރު ތަކުގައި އެހެން އެއްވެސް ސަރަހައްދަކަށް ލިބިފައި ނުވާ ވަރުގެ މުހިއްމުކަން ލިބިފައިވާ ހަތަރު ޗެނެލް އެވެ. އެހެން ކަމުން، މިދިޔަ ހުކުރު ދުވަހުގެ ރޭ "ސޭވް އައްޑޫ"ގެ ނަމުގައި ހިންގުނު ހަރަކާތުގެ ތެރެއިން ބޭއްވުނު ވާޗުއަލް ޕެނެލް ޑިސްކަޝަންގައި ކެޕްޓަން އަލީ އިހުސާން ވިދާޅުވި ފަދައިން ރާއްޖޭގެ މި ހަތަރު ދޮރާށިކައިރީ އިންޑިއާ ސިފައިން މިހާރު ޤާއިމްވެފައި ތިބުމަކީ އިއްތިފާގެއް ނޫނެވެ.

ހދ. ހަނިމާދޫގައި އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓަކާ އެކު އިންޑިއާ ސިފައިން އެބަތިއްބެވެ. ހުވަދޫ ޗެނެލް ކައިރިން، ލާމު އަތޮޅުން ކައްދޫ އެއާޕޯޓްގައި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރަކާއި އިންޑިއާ ސިފައިން އެބަތިއްބެވެ. އަދި އައްޑު އަތޮޅުގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި ކައިރިން، އައްޑޫ ގަމުގައި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރަކާއި އިންޑިއާ ސިފައިން އެބަތިއްބެވެ. މިފެންނަނީ ރައީސް ނަޝީދު އެ އިޝާރާތް ކުރައްވާ ކުޅިބައި އަތުރާލެވުމުގެ ފެށުމެވެ. މިކަން ނިމޭއިރު އިންޑިއާގެ މިލިޓަރީ ތިން ބޭސް، ހަނިމާދޫ، ލާމު އަތޮޅު، އަދި އައްޑޫ ސިޓީގައި ހުންނާނެއެވެ. މިއީ ރައީސް ނަޝީދަށް އެނގިވަޑައިނުގެން ހުންނަވައި ދެއްކެވި ވާހަކައެއް ނޫނެވެ. ކަމުގެ ބޮޑު ކަމާއި، މީގެ ސަބަބުން ދިވެހި ރާއްޖެއާއި އަދި އައްޑޫ ސިޓީއަށް ވެސް ދިމާވާނެ ނުރައްކާ ވެސް އެނގިވަޑައިގެން ހުންނަވައި ދެއްކެވި ވާހަކައެކެވެ. މިއީ އެއްވެސް ހާލެއްގައި އައްޑޫ ނުވަތަ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް ނޫނެވެ. މިއީ ސީދާ އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޗައިނާގެ މައްޗަށް އިންޑިއާ، އެމެރިކާ، އަދި އިނގިރޭސީންގެ ވިޔަފާރި އާއި އަސްކަރީ ބާރުވެރިކަން ހޯދުމަށް ރާވާލާ ކުޅިގަނޑެކެވެ. މިކަމުގައި އައްޑޫ އާއި ދިވެހި ރާއްޖެ ވާނީ ހަމަ ޤުރުބާން ކުރެވޭ ކަންބަޅިއަކަށެވެ.

މީގެ ސަބަބުން އިންޑިއާއާއި ޗައިނާގެ ދެމެދުގައި ކުރެވޭ ހަނގުރާމައިގައި އައްޑޫއާއި ދިވެހި ރާއްޖެއަށް އަމާޒުވާ ޗައިނާގެ މިސައިލްތަކުން ދިވެހީން ސަލާމަތަކޮށްދެއްވާކަށް ރައީސް ނަޝީދެއް ވަޑައެއްނުގަންނަވާނެއެވެ. އެ ހިސާބަށްދާއިރު ނަޝީދާއި އެމް.ޑީ.ޕީގެ އިސް ބޭފުޅުން ތިއްބަވާނީ ވިލާތުން ގެދޮރު ބައްލަވައިގެން ވިލާތަށް ހިޖުރަ ކުރައްވާފައެވެ. ހަނާވާނީ ދިވެހި ރައްޔިތުންނެވެ. ފަނާވާނީ ދިވެހި ޤައުމެވެ!

އިންޑިއާ ކުރިއަށް ނެރެގެން ދިވެހި ރާއްޖޭގައި އަސްކަރީ މަރުކަޒު ހެދުމުގެ އަޑީގައި ތިބޭނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔުނިއަން އެވެ. ޗައިނާއިން މުޅި ދުނިޔޭގެ ވިޔަފާރި އާއި ދުނިޔޭގެ އިގްތިސޯދަށް އަތްގަދަ ކުރަމުންދާ އިރު އެމެރިކާއާއި ޔޫރަޕަށް، ޗައިނާގެ މައްޗަށް އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ގަދަވެގަތުމަށްޓަކައި ދިވެހި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ މިހަތަރު ކަނޑުއޮޅި (ޗެނަލް) ވަރަށް މުހިއްމެވެ. މިކަމާ އެމެރިކާ އަދި އިނގިރޭސިން ގުޅޭ ގޮތް ވެސް ނަޝީދުގެ ތަޤްރީރުގައި ވިދާޅުވެއެވެ. ނަޝީދުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ:

"މި އައްޑޫ ސިޓީގެ ތަރައްޤީއަކީ ހަޤީގަތުގައި އިނގިރޭސީންގެވެސް މަސްއޫލިއްޔަތެއް. އެޤައުމުގެ ވެސް ޒިއްމާއެއް. އަޅުގަނޑަށް ޔަޤީން އަޅުގަނޑު މިތާ ހުރެ މިދަންނަވާ ވާހަކަ އިނގިރޭސި ސަރުކާރަށް ވެސް އަޑުއިވޭނެ."

އިންޑިއާގެ ނުފޫޒުން އައްޑޫ ސަލާމަތް ކުރުމަށް ހިންގާ "ސޭވް އައްޑޫ"ގެ ހަރަކާތްތަކުގެ ތެރެއިން.. ފޮޓޯ: ސޭވް އައްޑޫ/އެފްބީ

ނަޝީދުގެ މިވާހަކަ އަޑުއަހަން ތިބި އައްޑޫ ރައްޔިތުން އެ ދުވަހު އަތްތިލަބަޑި ޖެހީ އެމް.ޑީ.ޕީގެ ވެރިކަމެއް އައިސް، އެމް.ޑީ.ޕީގެ ރައީސަކު ޤައުމާ ހަވާލުވެ، ދިވެހި ރާއްޖެއާ އެކު މުޅި އައްޑޫ އަށް ގިނަގުނަ ތަރައްޤީ އަންނާނެ ކަމުގެ ޔަޤީންކަމާ އެކުގައެވެ. ނަޝީދުގެ އެ ތަޤްރީރަށް ތިން އަހަރު ފުރޭއިރު، އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމަށް ތިން އަހަރު ފުރޭ އިރު އައްޑޫއިން އެއްވެސް ތަރައްޤީއެއް އަދި ނުފެނެއެވެ. ހުރިހާވެސް ތަނަކީ ރައީސް ޔާމީން އަޅުއްވައިދެއްވި އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. އައްޑޫ ގަން އެއާޕޯޓް އިތުރަށް ވީ ވީރާނާއެވެ. އައްޑޫގައި އޮތް ތިން ރިސޯޓް އޮތީ ބަނދުކޮށްފައެވެ. ހުޅުވޭނެ ދުވަހެއްވެސް ނޭނގެއެވެ. އެމް.ޑީ.ޕީ ވެރިކަމަށް އައިސް އައްޑޫގައި އުފެއްދި ވަޒީފާއެއް ނެތެވެ. މިއަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި އައްޑޫ ރައްޔިތުން ހޮވި އެމް.ޑީ.ޕީއަށް ނިސްބަތްވާ މޭޔަރު އަލީ ނިޒާރުގެ ފަރާތުން ފެންނަނީ ނެގިމަޑުވެފައި ހުންނެވި ތަނެވެ. މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ހިންގުންތެރިކަން މަދު ދުވަސްކޮޅެއްތެރޭ ފެނި، މާލޭ ރައްޔިތުން އުފަލުން ފޮޅެމުންދާއިރު އައްޑޫ ރައްޔިތުންނަށް ފެންނަނީ އަލީ ނިޒާރު ވަޑައިގެން އައްޑޫ ސިޓީ ލޮކްޑައުން ކުރައްވައި، އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރައްވާ ތަނެވެ. އައްޑޫ އަށް ވީކަމެއް ނެތެވެ.

ޒަމާނުއްސުރެ އެމް.ޑީ.ޕީގެ އެންމެ ތާއީދު ބޮޑު ސަރަހައްދު ކަމުގައިވާ އައްޑޫ ސިޓީއަކީ ދިވެހި ރާއްޖޭގެ "ބަގީޗާ ސިޓީ" އަށް ހަދާނެ ކަމަށް އެމް.ޑީ.ޕީގެ ރިއާސީ ވައުދުނާމާގައި ބުނެފައި އޮތަސް، އައްޑޫ ވެގެން ގޮސްފައިވަނީ އިންޑިއާ އަތުން ފައިސާ ހޯދަން އެމް.ޑީ.ޕީ ސަރުކާރުން ރަހުނުކޮށް ވިއްކާލާ "ކަސްބީ އަންހެނަކަށެ"ވެ.

ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގައި ދިވެހި ރާއްޖެ ކުޅެމުން މިދަނީ ނުރައްކާތެރި ގޭމެކެވެ. ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގިވަޑައިގެން ހުންނަވަައި ރައީސް ނަޝީދުގެ ސާދާ އިބާރާތްތަކުން އައްޑޫ އަދި ދިވެހި ރައްޔިތުން އޮޅުވާލައްވަމުން ވަޑައިގަންނަވާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ދިވެހި ރައްޔިތުން މިއަދު މިވަނީ ފުން ނޭވާއެއްލާފައި ހޭލާން ފަށާފައެވެ. އިންޑިއާގެ ނުފޫޒުން އައްޑޫ ސަލާމަތް ކުރުމަށް، "ސޭވް އައްޑޫ"ގެ ނަމުގައި ހޭޝް ޓެގެއް ހަދައިގެން މި ހިންގޭ ހަރަކާތަކީ ހަމައެކަނި އައްޑޫގެ ކުރިމަގުގެ ސަލާމަތާ ގުޅިފައިވާ ހަރަކާތެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންނާއި، މުޅި ދިވެހި ޤައުމުގެ މިނިވަން ކަމާއި އިސްތިޤްލާލާއި ސަލާމަތާ ގުޅިފައިވާ ކަމެކެވެ.

މިކަން މިއަދު ނުހުއްޓުވިއްޖެ ނަމަ، ހުކުރު ދުވަހުގެ ޕެނަލް ޑިސްކަޝަންގައި ކެޕްޓަން އަލީ އިހްސާން އިޝާރާތް ކުރެއްވި ގޮތަށް މީގެ އަހަރު ތަކެއް ފަހުން ދިވެހި ޤައުމު ދެން ފެންނާނީ، އެމެރިކާގެ ބަޔަކަށް ހަވާއީ ވީފަދައިން، އަދި އިންޑިއާގެ ބަޔަކަށް މަލިކު ވީފަދައިން، ދިވެހި ޤައުމުވެސް އިންޑިއާގެ ބަޔަކަށް ވެގެންދާ ތަނެވެ. މިއީ އިނގިރޭސީންނާއި، ޔޫރަޕާއި އަދި އެމެރިކާއާއި އިންޑިއާއިން އެދޭނެ ގޮތެވެ. ނަމަވެސް އައްޑޫ ރައްޔިތުން ނުވަތަ ދިވެހި ރައްޔިތުން އެދޭނީ މިފަދައިންތޯއެވެ؟

ރައީސް ސޯލިހާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އަދި އެމް.ޑީ.ޕީގެ ސިޔާސީ އަމާޒު އެހެރީ މީގެ ދެތިން އަހަރު ކުރީން ރައީސް ނަޝީދު އެ ދެއްކެވި ވާހަކައިގައިވާ ފަދައިންނެވެ. ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ ވެރިކަން މި ޤައުމުގައި ދެމިއޮތުމަކީ އިންޑިއާ އެދޭނެގޮތެވެ. އިންޑިއާއިން އަތުރާލާފައިވާ ސިޔާސީ އަދި އަސްކަރީ ރާޒުވާ ކުޅިގަނޑު އެމީހުން ބޭނުންވާ ގޮތަށް ނިންމެން އޮތީ އެމް.ޑީ.ޕީ ވެރިކަމުގައި ބާއްވައިގެންނެވެ. ސުވާލަކީ ރައީސް ސޯލިހާއި އައްޑޫ މެމްބަރުންނާއި އައްޑޫގެ މޭޔަރަށް ރައްޔިތުންގެ އިހްސާސްތައް ވިސްނިވަޑައިގެން ރައީސް ނަޝީދާއި އިންޑިއާގެ މަސްލަހަތާ ދުރުވެ، ދިވެހީންނާއި ދިވެހި ޤައުމުގެ މަސްލަހަތު އިސްކުރައްވާނެ ވަގުތު ޖެހިއްޖެ ތޯއެވެ؟ އެވަގުތު މިހާރު ނުޖެހޭނަމަ ފަހުން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިއީ މިކަން ނިންމުމަށް ރައްޔިތުން ތެދުވާންވީ ވަގުތެވެ. އެވަގުތު މިވަނީ ޖެހިފައެވެ. އައްޑޫ ސަލާމަތް ކުރާށެވެ. ދިވެހި ޤައުމު ސަލާމަތްކުރާށެވެ. ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ހޯދަން ޖެހިފައި މިވަނީ ދިވެހި ރައްޔިތުންނަށެވެ. ފަރުދީ ޒިންމާ އަދާކުރާށެވެ. ތެދުވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
422

2 Responses

  1. މީގެން ނިހާދު މީ އެންމެ ކުރީގަ އުޅޭ ރޯނު އެދުރަކީ. ޢަމިއްލަ ފައިދާ އަށް ވިެްކާލަނީ އައްޑޫ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.