...

Support Us

ކުރު ވާހަކަ: ވިނައިގެ ކުލައަކީ ރީނދުލެވެ!

އެއްދުވަހަކު ޖަންގަލީގައި ހިމާރާއި ހިޔަޅާ ދެމެދު ބަހުސެއް ކުރެވުނެވެ. ވިނައިގެ ކުލައަކީ ކޮބައި ކަމާ މެދުގައެވެ.

ހިމާރުގެ ދައުވާއަކީ ވިނައަކީ ރީނދޫ ކުލައިގެ އެއްޗެއް ކަމެވެ. ހިޔަޅު ބުނަމުން ގެންދިޔައީ ވިނައިގެ އަސްލުކުލައަކީ ފެހި ކަމެވެ.

މައްސަލަ ހައްލު ނުވުމުން، ހިމާރާއި ހިޔަޅު ގަސްދުކުރީ ޖަންގަލީގެ ރަސްގެފާނު ސިންގާ ކައިރިއަށް ދާށެވެ. ގޮސް، އަދި، މައްސަލަ ފައިސަލާކޮށްދިނުމަށް ސިންގާ ރަސްގެފާނުގެ ކިބައިން އެދޭށެވެ!

ކޮންމެ އަކަސް، މައްސަލަ ބަލަން ސިންގާ ރަސްގެފާނު ގަސްދުކުރިއެވެ. އަދި، މައްސަލައާ ބެހޭ ހިމާރާއި ހިޔަޅު ގެނައެވެ. ސިންގާ ރަސްގެފާނުގެ ކޯޓުގައި އެހެން ހުރިހާ ޖަނަވާރުން ވެސް ހާޒިރުވެ ތިއްބެވެ. އަދާލަތުގެ ތިލަފަތް ބުރަވެގެން ދަނީ ހަގީގަތުގައި ވެސް އަދާލަތުގެ ކޮޅަށްތޯ ބެލުމުގެ ގަސްދުގައި ވެސް މެއެވެ.

ދެ ޚަސްމުންގެ ވާހަކަ ސިންގާ ރަސްގެފާނު އެއްސެވެ. ވިނައަކީ ރިނދޫ ކުލައިގެ އެއްޗެއް ކަމަށް ބުނެ ހިމާރުކުރާ ދައުވާއާއި ވިނައަކީ ފެހި ކުލައިގެ އެއްޗެއް ކަމަށް ބުނެ ހިޔަޅު ކުރާ ދައުވާ ވެސްމެއެވެ.

ހިމާރާއި ހިޔަޅުގެ ވާހަކަތައް އަޑުއަހައިފައި ސިންގާ ރަސްގެފާނު މައްސަލަ ނިންމީ ހިމާރާ އެއްކޮޅަށެވެ. ވިނައަކީ ރީނދޫ އެއްޗެއް ކަމަށެވެ.

މިކަމާ އެންމެން ވެސް ހައިރާން ވިއެވެ. ދެން، މުސަޅު ތެދުވެ ރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑު ވެސް ވަރަށް ގިނައިން ވިނަ ކައި އުޅެމެވެ. ވިނައަކީ ފެހި ކުލައިގެ އެއްޗެއް ނޫންތޯއެވެ؟

ދެން ޖަވާބުގައި ސިންގާ ރަސްގެފާނު ބުންޏެވެ. ތިޔަ ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ވިނައަކީ ފެހި ކުލައިގެ އެއްޗެކެވެ.

ދެން ސިންގާ ރަސްގެފާނު ގާތު މުސަޅު ބުންޏެވެ. އެހެން ކަމަށްވާ އިރު، މައްސަލަ ހިޔަޅާ އިދިކޮޅަށް ނިންމީ ކީއްވެ ހެއްޔެވެ؟

ޖަވާބުގައި ސިންގާ ރަސްގެފާނު ބުންޏެވެ. އެކަން އެ ގޮތަށް ނިންމަން ޖެހުނީ ހިޔަޅަށް އެއްޗެއް އަންގައިދިނުމަށްޓަކައެވެ. އެންމެ ފުރަތަމަ ހިމާރާ ޒުވާބުކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ހިމާރަށް ހިމާރޭ ކިޔެނީ އެއްޗެއް ނުވިސްނޭނެތީއެވެ. ކީރިތި ގުރުއާނުގައި ވެސް އިލްމީ ފޮތްތައް ހިމާރު އުފުލި ކަމުގައި ވިޔަސް އެއިން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެ ވާހަކަ އޮވޭ ނޫން ހެއްޔެވެ؟ އެހެންވެ، ހިޔަޅަށް އެކަން އެނގެން ޖެހޭނެއެވެ. ތިމާއަށް ތިމާއަށް ނޭނގޭ ކަންވެސް ނޭނގޭ އަދި، އެއްޗެއް ކިޔައިދިނަސް އެކަން ވިސްނައިގަންނަން ނޭނގޭ ހިމާރަކާ ހިޔަލު ޒުވާބުކޮށްގެން ނުވާނެއެވެ. ނަމަވެސް، ހިޔަޅު އެކަން ކޮށްފިއެވެ. އެހެންވެ، ހިޔަޅަށް އަދަބު ހައްގުވީއެވެ. މައްސަލަ ހިމާރުކޮޅަށް ނިންމައި ހިޔަޅު ދެން އެކަހަލަ ކަމެއް ކުރުން ތަކުރާރުކޮށްފާނޭތީ އަދަބެއްގެ ގޮތުގައި އެއް މަސް ދުވަސް ވަންދެން ހިޔަޅު ޖަލަށްލާން ޖެހެއެވެ.

އާދެ، ސިންގާ ރަސްގެފާނު ބުނިހެން ހިމާރުންނާ ބަހުސްކުރުމުގެ ބޭނުމެއް ނޯންނާނެއެވެ! ސަބަބަކީ ނޭނގޭކަން ވެސް ނޭނގުމެވެ. އެއްޗެއް ބުނެދިނަސް އަމިއްލައަށް ވިސްނައިގަންނަން ނޭނގުމެވެ!