ލޮލުގެ ތެރެއިން ނަފްސުގެ އެތެރެ ހިތަށް ފެންނަ ގޮތެވެ
ހިތުގެ އެދުން ލޮލަށް އެނގޭ ގޮތެވެ.
ދެން، ހިތާއި ލޮލާ ދެމެދު ވާހަކަ ދެކެވޭ ގޮތެވެ.
އެ ވާހަކަތައް އުފައްދާ ވަރުގަދަ ގުޅުމެވެ. އެ ގުޅުމުގެ ސިއްރެވެ.
މިކަންކަން އަޅެ، އަހަންނަށް އޮޅުންފިލުވައިދީ ބުނެދޭނު ހެއްޔެވެ؟
އެ ގުޅުމުގެ ސަބަބުން ހިތުގައި އުތުރި އަރާ ޝުއޫރުތަކެވެ.
އެ ޝުއޫރުތައް ލަފްޒުތަކަކަށްވެ، ދުލުން، ބޭރުވާ ގޮތެވެ.
އެ ލަފްޒުތައް ކިޔައިދޭ ހިތްގައިމު ލަވަތަކެވެ.
އެ ލަވަތަކުގެ ސާހިރީ މަސްތީ އުފާވެރި ރާގުތަކެވެ.
އެ ލަވަތަކާއި ރާގުތައް ހިތަށް ގެނެސްދޭ ފިނިކަމެވެ.
މިކަންކަން އަޅެ، އަހަންނަށް އޮޅުންފިލުވައިދީ ބުނެދޭނު ހެއްޔެވެ؟
ހިތް އެދެނީ ކާކުކަން، ހިތް އަމިއްލައަށް ފާހަގަކުރާ ގޮތެވެ.
ދެން، ބޭ އިޚްތިޔާރުގައި، އޭނައާ ދިމާއަށް ނަފްސު ގެންދެވޭ ގޮތެވެ.
ދެން އޭނާއާ ނަފްސު ގުޅުވާލައި ބަނދެލެވޭ ގޮތެވެ.
އަދި، އެ ގުޅުމުގެ ތެރެއަށް އަމިއްލަ ނަފްސު ގެއްލޭ ގޮތެވެ.
ދެން އޭނާއަކީ ހަމަ އަހަރެން ކަމުގައި ވެގެންދާ ގޮތެވެ.
މިކަންކަން އަޅެ، އަހަންނަށް އޮޅުންފިލުވައިދީ ބުނެދޭނު ހެއްޔެވެ؟
އޭނާގެ ބަލައިލުމުގައި އެވާ ސާހިރީ އަސަރެވެ.
އެ ބަލައިލުން އެހެން ބަލައިލުންތަކާ ތަފާތުވާ ގޮތެވެ.
އެ ބަލައިލުމަށް އަބަދުމެ އަބަދު އެދެވޭ އެދުމެވެ.
ކަޅިއާއި ކަޅި ބައްދަލުވާ ހިނދު، ލޮލުގެ ދޫ ކިޔައިދޭ ވާހަކަތަކެވެ.
އެ މަންޒަރު، އެ ވާހަކަތަކުގެ ރައްދު އަޑު، ފެނި އިވި ހުންނަ ގޮތެވެ.
މިކަންކަން އަޅެ، އަހަންނަށް އޮޅުންފިލުވައިދީ ބުނެދޭނު ހެއްޔެވެ؟