Support Us

ގައުމީ ޓީމާއެކު ދަގަނޑޭ ދުބާއީގައި ޕްރެކްޓިސް ކުރަނީ. ކޮވިޑަށް ޕޮޒިޓިވްވުމުން މިހާރު ވަނީ ޓީމާ އެކަހެރިކޮށްފައި -ފޮޓޯ: އެފް.އޭ.އެމް/އެފް.ބީ

ދަގަނޑޭ ކޮވިޑުން ސަލާމަތްވެއްޖެ، މާދަމާ ޓީމާ ގުޅެނީ

ކޮވިޑަށް ޕޮޒިޓިވްވެގެން ގައުމީ ޓީމާ އެކަހެރިވެގެން ހުރި ރާއްޖޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދު ހެދި ކޮވިޑް ޓެސްޓުން ފާސްވެ، މާދަމާ ޓީމާ ގުޅޭނެކަން ކަށަވަރުވެއްޖެއެވެ.

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތަކަށް ދުބާއީ އަށް ގޮސް ހުރެފައި މިދިޔަ މަހު 30 ގައި ހެދި ޓެސްޓުން ދަގަނޑޭ ޕޮޒިޓިވްވުމުން، ފާއިތުވި ފަސް ދުވަހު އޭނާ ހުރީ ޓީމާ އެކަހެރިކޮށްފައެވެ. މިއަދު ހެދި ކޮވިޑް ޓެސްޓުން ދަގަނޑޭ ފާސްވި ނަމަވެސް އޭ.އެފް.ސީގެ ގަވައިދު ބުނާ ގޮތުން އޭނާ އަށް ޓީމާ ގުޅެވޭނީ މާދަމާއެވެ.

މާލޭގެ ހޮޓެލް ޖެންގައި މިދިޔަ މޭ މަހު ގައުމީ ޓީމު ކޭމްޕުކުރިތަނާ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެގެން، އޭނާ ޓެސްޓް ހެދިއިރު އޭރު ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ޓެސްޓަކުން ވެސް ދަގަނޑޭ ވަނީ ފާސްވެފައެވެ. ދަގަނޑޭ ޕޮޒިޓިވް ވީ ދުބާއީން ޗައިނާ އަށް ފުރަންވެގެން ހެދި ޓެސްޓުންނެވެ.

ދަގަނޑޭ ކޮވިޑަށް ނެގެޓިވްވި ނަމަވެސް، ދަގަނޑޭއާ އެއްކޮށް ޕޮޒިޓިވްވި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) މިއަދު ހެދި ޓެސްޓުން ވެސް ދެއްކީ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖޭ ކުޅޭ ފުރަތަމަ މެޗުގައި މިރޭ މާލޭ ގަޑިން 9 ޖަހާއިރު ސީރިޔާއާ ވާދަކުރާނެއެވެ. ދުބާއީގެ ޝާރުޖާ ސްޓޭޑިމްގައި ކުޅޭ، ފަސް ޓީމު ވާދަކުރާ މި ބުރުގައި، ރާއްޖެ-ޗައިނާ ވާދަކުރާނީ މި މަހު 11 ގައެވެ. ފަހު މެޗުގައި ފިލިޕީންސާއި ރާއްޖެ ވާދަކުރާނީ މި މަހު 15 ގައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް ވިދާޅުވީ މިރޭ ނުކުޅެވުނަސް، ކުރިއަށް އޮތް ޗައިނާ މެޗާއި ފިލިޕީންސް މެޗުގައި ދަގަނޑޭ އަށް ކުޅެވޭނެ ކަމަށާއި ނަމަވެސް ފުރަތަމަ 11 އަށް އޭނާ އެރުވުމާއި ނޭރުވުން އެއީ ކޯޗު ނިންމާނެ ނިންމުމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *