...

Support Us

ގާނޫނު ލަޓިބުރިއަކަށް ވުން!

މިއީ އަމިއްލަ މީހަކާ ބެހޭ އޭނާގެ އަމިއްލަ ވާހަކައެކެވެ. ކައިރި މާޒީގައި ރާއްޖޭގައި 'ސިޔާސީ ކުނި' ޖެހި 'ސިޔާސީ ކަޅު' ލިސްޓުގައި ހިމެނިފައި އޮންނަ މީހުން އުޅުނެވެ. މި ބުނާ މީހަކީ ވެސް އެފަދަ ކުންޏެއް ޖެހި ކަޅު ލިސްޓުގައިވާ މީހެކެވެ. އެހެންވެ، ދޭތެރެ ދޭތެރެއިން ސިފައިންގެއަށް ގެންދެވި، ސުއާލުކުރެވެއެވެ.

އެ ގޮތުން އެއްފަހަރެއްގައި އޭނާ ސިފައިންގެއަށް ގެންދެވުނެވެ. އޭރު މިބުނާ ފަދަ ސިޔާސީ ކުނި ޖެހޭ މީހުންނާ މެދު 'ތަހުގީގެއް' ކުރާއިރު، މަގުސަދަކަށް ވެފައި އޮންނަނީ ކޮންމެ ވެސް ގޮތަކުން ގާނޫނީ ގޮޅިއަކަށް ފައްތާލުމެވެ. އެ ގޮތުން ފައްތާލަން އެންމެ ފަސޭ ގޮޅިއަކަށް އޮންނަނީ 'ސަރުކާރާއި ރައްޔިތުންނާ ޖެއްސުމުގެ' ގާނޫނީ ގޮޅިއެވެ. މިއީ ވަރަށް ފަސޭހައިން މީހުން ފައްތާލެވޭ ގޮޅިއެކެވެ. މީހަކު ބުނާ އެއްޗެއްގެ ސަބަބުންނެވެ. ނުވަަތަ އެއްޗެހި ލިޔެ އުޅޭ މީހެއް ނަމަ، ލިޔުނު އެއްޗެއްގެ ސަބަބުންނެވެ.

މިސާލެއް ލިޔެލާނަމެވެ. އެއް ދުވަހަކު ބަޔަކު ހޮޓަލެއްގައި ސައިބޯން ތިބެފައި އެތާ އިން މީހެއް ކުރެން، އެ މީހާގެ ބޭބެ ބަންދުކުރި ކަމުގެ ޚަބަރު ލިބުނު ކަމާއި އެއީ ކީއްވެތޯ ސުއާލުކުރިއެވެ. ދެން ޖަވާބުގައި ސުއާލުކުރެވުނު މީހާ ބުންޏެވެ. މާ ބޮޑު ސަބަބެއް ނެތަސް ބަންދުކުރެވިދާނެ ނޫން ހެއްޔެވެ؟ އޭގެ އަނެއް ދުވަހު، މިހެން ބުނި މީހާ ސިފައިންގެއަށް ގެންގޮސް، ތަހުގީގުކުރެވި، ސަރުކާރާއި ރައްޔިތުންނާ ޖައްސައި ފިތުނަ އުފެއްދި ކަމުގެ ގާނޫނީ ގޮޅިއަށް ފެތި، ޝަރީއަތްކުރެވި އަރުވާލެވުނެވެ.

އަދިވެސް، އެހެން މިސާލެކެވެ. ނޫހެއްގައި ލަވައާއި މިޔުޒިކަކީ ތަރައްގީގެ މަސައްކަތް ފުރިހަމަ ވެފައިވާ މީހުންގެ މަސައްކަތެއް ކަމާއި ތަރައްގީގެ މަސައްކަތް ނުވެސް ފެށިގެން އުޅޭ ބަޔަކު ލަވަޔާއި މިޔުޒިކަށް އަހައްމިއްޔަތުކަމެއް ދިނުމަކީ އެދެވޭ ކަމެއް ނޫންކަމަށް ލިޔުމުން، އެއީ ވެސް ސަރުކާރާއި ރައްޔިތުންނާ ޖައްސައި ފިތުނަ އުފެއްދުން ކަމުގައި މިމައްސަލަ ތަހުގީކުރި ސިފައިންގެ އޮފިސަރު ބުންޏެވެ.

ކޮންމެ އަކަސް އަޅުނގަޑުމެން ވާހަކައިން ކުނި ޖެހޭ މީހާގެ ވާހަކައަށް އެނބުރިލަމާތޯއެވެ؟ އަނެއްކާ ވެސް ކުންޏެއް ޖެހިގެން ސިފައިންގެއަށް އޭނާ ގެންދެވުނެވެ. މިފަހަރުގެ މައްސަލަ ގުޅުވާލީ ތަރުޖަމާއަކާއެވެ. އެހެންވެ، މައްސަލައަކަށްވީ ދެއްކި ވާހަކައަކީ ތަރުޖަމާތޯ ނުވަތަ ތަރުޖަމާއިން ބޭރު އަމިއްލަ ވާހަކަތޯއެވެ. މިކަން ކަނޑައެޅޭ ގޮތް ނުވުމުން، އިންޒާރުދީ ބިރު ދެއްކުމުގެ ގޮތުން ސިފައިންގެ އޮފިސަރު ބުންޏެވެ. "ގާނޫނުގެ އަތް ވަރަށް ދިގުވާނެއެވެ!" އާދެ، މިފަހަރު ސަލާމަތް ވެވުނަސް، ގާނޫނުގައި ދާދި ފަސޭހައިން ފައްތާލެވޭނޭ ގޮޅިގޮޅި ހުންނާނެއެވެ!

ދެން، މި ވާހަކަ، ގާތް އެހެން މީހެއް ގާތު މި ކުނިޖެހޭ މީހާ ބުންޏެވެ. ދެން އެ ގާތް މީހާ ބުނި ކަމަށް ވަނީ ކޮންމެ ފަދަ އެއްޗަކަށް ގާނޫނޭ ކިޔަން ހެޔޮ ނުވާނޭ ކަމެވެ. ގާނޫނުގެ އަތް ދިގު ވާހަކަ އެ ދައްކަނީ އަހަރުމެންގެ ތެރޭގައި ގާނޫނު އަދާ ކުރަނީ ވެރި މީހާއަށް ލިބިފައި އޮންނަ ލަޓި ބުރިއެއްގެ ދައުރެވެ. ބޭނުން ވެއްޖެ ހިނދެއްގައި އެ ލަޓިބުރިން ރައްޔިތުންގެ ގައިގާ ވެރި މިހާ ތަޅައެވެ. އަދި، ވެރި މީހާ ފައިކައްސާލައިގެން ބިންމައްޗަށް ވެއްޓެންދާ ވަގުތު ވަގުތު އެ ލަޓިބުރި އަސާއަކަށްވެ، އޭގައި ވެރި މީހާ ހިފަހައްޓައި ކޮޅަށް ހުރެއެވެ!

ގާނޫނީ ލަޓިބުރި މަތިން ހަނދާންވީ މިހާރު ނިކުންނަން އުޅޭ އާ ގާނޫނުގެ ވާހަކަ ނޫސްތަކުން ކިޔާލުމުނުންނެވެ. މީހާކާ ދިމާއަށް ލާދީނީއޭ ކާފަރެކޭ މިފަދަ ބަސްތައް ބުނެފި ނަމަ ކުށްވެރިވެ، ޖަލު ހުކުމެއް އަންނަ ގާނޫނުގެ ވާހަކައެވެ. ޝައްކެއް ނެތެވެ. މީސް މީހުންނާ ދިމާއަށް ކާފަރެކޭ ލާދީނީއޭ ގޮވިގެން ނުވާނެއެވެ. ނަމަވެސް ސުއާލަކީ ގާނޫނަކުން މިކަން ހުއްޓިދާނެ ހެއްޔެވެ؟ ތިމަންނާ ލާދީނީއޭ ނޫނީ ކާފަރޭ ބުނީ މީހަކާ ދިމާއަކަށް ނޫނޭ އޭނާ ބުނި ވާހަކަ ނުވަތަ މިވެނި އަމަލެއް ސިފަ ކުރުމުގެ ގޮތުންނޭ ބުނެފިނަމަ ދެން އެކަން ވެސް މި ގާނޫނުގެ ތެރޭގައި ހިމެނޭނެ ބާވައެވެ!

މިމައްސަލަ ވާނީ ޝޭކްސްޕޔާރގެ މާޗަންޓް އޮފް ވެނިސްގައި އެއްވެސް ލޭތިއްކެއް ބޭރު ނުކޮށް، ޝައިލޮކު އެއް ރާތާ މަސް އެންތޯނިޔޯގެ މޭމަތިން ނަގަން އުޅުނު ކަހަލަ ކަމަކާއެވެ! އާދެ، ގާނޫނުގެ އަތް ދިގުކުރަން އުޅުމުން ގާނޫނުގެ ހަގީގީ މަގުސަދު- އާންމު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުން- ގެއްލި ގާނޫނަކީ ރައްޔިތުންގެ ގައިގާ ތަޅަން ބޭނުންކުރާ ލަޓިބުރިއަކަށާއި ވެރިން ފައިކައްސާލާ ވަގުތު ހިފަހައްޓަން އޮންނަ އަސާއަކަށްވެގެން ދެއެވެ! މިހާރު ހަދަން މިއުޅޭ ލާދީނީއޭ ކާފަރޭ ގޮވުން މަނާކުރުމުގެ ގާނޫނު މި ގޮޅިއަށް ފެތޭހެން ހީވެއެވެ!