Support Us

ޖަންގަލިން ފިލަން ދުވި އެތެއްގެ ވާހަކަ

އެއްދުވަހަކު، ޖަންގަލީގެ ތެރެއިން އެތެއް ދުވެފިލަން ދަނިކޮށް ބުޅަލަށް ފެނިގެން އެތް ހުއްޓުވާފައި އެއްސެވެ. "ރަހުމަތްތެރިޔާއެވެ! ކަލޭ ފިލަން ތިޔަހާ ބާރަށް ތި ދުވަނީ، އަނެއްކާ ކީއްވީ ހެއްޔެވެ؟"

ޖަވާބުގައި އެތް ބުންޏެވެ. "ރަހުމަތްތެރި ބުޅަލާއެވެ! ޖަންގަލީގެ ސިންގާ ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅުގެ ވާހަކަ ކަލޭ ނާހަމު ހެއްޔެވެ؟"

އެވާހަކަ ނާހަމޭ އެތުގެ ރަހުމަތްތެރި ބުޅާ ބުނުމުން، އެކަން އެތް ސާފުކޮށްދިނެވެ. "ޖަންގަލީގެ ގާނޫނުގައި ކެއުމުގެ ބޭނުމުގައި ނޫން ގޮތަކަށް ޖަނަވާރުން ނުމަރަން އޮވޭ ނޫން ހެއްޔެވެ؟ މިކަން މިހާރު އިސްލާހުކޮށްފިއެވެ. ސިންގާ ރަސްގެފާނުގެ އައުވާނުންގެ އެދުމުގެ މަތިންނެވެ. މިކަމުގައި އިސްނަގައިގެން އުޅުނީ ހިޔަޅެވެ. މި އާ އިސްލާހު ގެނެސް، ހިޔަޅު ނިންމީ ޖަންގަލީގައި އުޅޭ ހުރިހާ ޖިރާފުތައް މަރައި ނެތިކުރުމަށެވެ.

ބުޅާ ހައިރާންވެފައި ބުންޏެވެ. އެކަމުގައި ކަލެއަށް އޮތީ އަޅެ ފަހެ ކޮން ނުރައްކަލެއް ހެއްޔެވެ؟ ތި ގާނޫނުގެ ނުރައްކާ އޮތީ ޖިރާފުނަށް ނޫން ހެއްޔެވެ؟ ކަލެއަކީ އެތެއް ނޫން ހެއްޔެވެ! އެހެންވެ، ކަލޭ އެކަމާ ކަލޭ ކަންބޮޑުވާންވީ ކީއްވެހެއްޔެވެ؟

ޖަވާބުގައި އެތް ބުންޏެވެ! "ތިޔާ ބުނީ ހަމަ ވަރަށް ވެސް ރަނގަޅު ވާހަކައެވެ. ނަމަވެސް، ކަލެއަށް ވެސް އެނގޭނޭ ފަދައިން ސިންގާ ރަސްގެފާނު މިއަދު އޮންނެވީ މުސްކުޅިފުޅުވެ ވިސްނުންފުޅު ކޮށިވެފައެވެ. ރަސްގެފާނަށް މިހާރު ވާގޮތަކީ ކަމަކާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާ ފިކުރުކޮށްލައްވައިފި ނަމަ ހަމަ ކީރިތި ކުރެއްވެނީއެވެ. ރަސްގެފާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރަސްގެފާނުގެ ހަމަބުއްދިފުޅުވެސް ފިލައި ހިނގައްޖެއެވެ. މި ދަނޑުވަޅު ބަލައި ރަސްގެފާނުގެ ފަރާތްޕުޅުން އަމުރުފުޅުތައް ނެރެނީ ރަސްގެފާނާ މާ ގާތް ކަމެއް މިހާރު ބަހައްޓަމުންގެންދާ ހިޔަޅޭ މީހުން ބުނާތީ އަހަމެވެ. މިހާރުގެ ހަގީގީ ރަސްކަލަކީ ހިޔަޅެވެ.

ކޮންމެ އަކަސް ރަސްގެފާނުގެ އަމުރުފުޅު އެކުލެވިގެންވީ އާ ގާނޫނު ކިޔައި އެ އަމުރުފުޅު ތަންފީޒުކުރުމުގެ މަސައްކަތް ހިޔަޅު ބަޔަކާ ހަވާލުކޮށްފިއެވެ. އެކަން އޭނާ ހަވާލުކުރީ ހިމާރުންގެ ބައިގަނޑަކާއެވެ. ކަލެއަށް ވެސް އެނގޭނޭ ފަދައިން މި ހިމާރުންގެ ބައިގަނޑަކީ ލިޔަންކިޔަން ވެސް ރަނގަޅަށް ނޭނގޭ ބައިގަނޑެކެވެ. އަދި އެއްޗެއް ކިޔަސް، އެ ކިޔާ އެއްޗެއް، އެވެރިންނަކަށް ރަނގަޅަށް ނުވެސް ވިސްނޭނޭ ބައިގަނޑެކެވެ. އެންމެފަހުން، ރޯދަކުރުކުރުމުގެ ގޮތުން އަހަރުމެން ހަފްތާއަކު އެއްދުވަހު ބޭއްވި ހެއްވާ ވާހަކަ ދެއްކުމުގެ މަޖުލިހުގައި ކަންތައްވީ ގޮތް ކަލެއަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ ފުރަތަމަ ހަފްތާގައި މުސަޅު ކިޔައިދިން ހެއްވާ ވާހަކަވީ ކިހާ މަޖާ ވާހަކައަކަށް ހެއްޔެވެ؟ ދެން، އެވާހަކަ އަޑުއަހައި ހުރިހާ ޖަނަވާރުތައް ކިހާ ވަރަކަށް ހުނުނު ހެއްޔެވެ؟ ނަމަވެސް، ހިމާރުންގެ ބައިގަނޑު ތިބީ ހަނު އެއް ނޫން ހެއްޔެވެ؟ ދެން، އެއް ހަފްތާ ފަހުން، ހިމާރުންތައް ހޭން ފެށިނޫން ހެއްޔެވެ!؟

އަމިއްލަ ބޮލެއް ނެތް މިވަރުގެ ބަޔަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެނޫން ހެއްޔެވެ؟ ރަސްގެފާނުގެ އަރިސް ހިޔަޅު ހިމާރުންގެ ބައިގަނޑަކާ މިކަން ހަވާލުކުރީ ވެސް ހަމަ މިހެން ވެގެންނެވެ. ހިޔަޅު އެދޭ ގޮތަށް އެބައިގަނޑު ކަންތައް ކުރާނެތީއެވެ. އެތަކާއި ޖިރާފުވެސް ވަކިކުރަން އެބައިގަނޑަކަށް ނޭނގޭނެއެވެ. ދެން އެޔެއް މިޔެއް ނުބަލައި ޖެހުނު އެއްޗެއް ހިފައި، ގަޔަށް ބޮލަށް އަރައި އަނިޔާކޮށް ގަތުލުއާންމެއް ވެސް ހިންގަފާނެއެވެ. ޖިރާފޭ ހީކޮށް އެއްތައް މަރަން ފަށައިފާނެއެވެ. އެހެންވެ، އަހަރެން ގަސްދުކުރީ އަހަރެންގެ ޖާނައިގެން އަހަރެން މި ޖަންގަލިން އަވަހަށް ނިކުމެގެން ދިޔުމަށެވެ. ކަލޭ ވެސް ވިސްނާލުން ބުއްދިވެރިއެވެ. ހިމާރަށް ބުޅަލާއި ޖިރާފުވެސް ވަކިކުރަން ނޭނގިދާނެއެވެ.