Support Us

ވެރިކަމަށް ޓަކައި ނަޞާރާދީން ޤަބޫލު ކުރެއްވި ރަސްރަސްކަލުންނާއި ބައިބަޔަށް އަންދަލުސް ވިއްކައިލެއްވި އަމީރުން- 3

އަންދަލުސްގެ ޚިޔާނަތްތައް

ތާރީޚަށް ބަލާއިރު އިރުމަތީ ބިތުގެ (މަޝްރިޤު) ޚިޔާނަތްތަކުގެ މައްޗަށް ކުރި ހޯދައިފައި ވަނީ ހުޅަނގު ބިތުގެ (މަޣްރިބުގެ) ރަށްތަކުގެ ޚިޔާނަތްތަކެވެ. އިސްކަން ދިން ސަބަބު ވާނީ ދެންނެވިފައެވެ.

އަންދަލުސްގެ އިސްލާމީ ސަހަރުތަކުގައި ހިނގާފައިވަނީ ޚިޔާނާތުގެ ސިލްސިލާތަކެކެވެ. އެ ރަށްތަކުގެ ވެރިކަމަށް އިސްވެވަޑައިގެންފައިވާ ބައެއް އިސްވާރުންނާއި އަމީރުންނަކީ ޝަޚްޞިއްޔަތުގައި ޝަރަފުވެރިކަން ކުޑަ، އެބޭބޭފުޅުންގެ މެދުގައި ހަތުރުވެރިކަން ބޮޑު ބައެކެވެ. މި ކަމުގެ ސަބަބުން ކުރު ރާސްތާގެ އެދުންތަކެއް ޙާޞިލުކުރުމަށް ޓަކައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ދުޝްމަނުންނާ އަތުގުޅާލައިފައި ވެއެވެ. މި ކަމުގެ ބަލާވެރިކަމާއި ސުންޕާކަން ވަނީ މި ބިންތަކުގައި ޤާއިމުކުރެވުނު އިސްލާމީ ދައުލަތަށާއި ޙަޟާރަތަށް އެތައް މުޞީބާތްތަކެއް ކުރިމަތި  ކުރުވައިފައެވެ.

އުމަވީ އަމީރު އަލްޙަކަމު ބިން ހިޝާމު (އަވަހާރަވީ 821ގައި) އަންދަލުސްގައި ޤާއިމު ކުރެވުނު އުމަވީ ދައުލަތުގެ ވެރިކަމަށް އިސްވެވަޑައިގަތުމުން އޭނާގެ ދެ ބޮޑުބޭބޭފުޅުން ކަމުގައިވި ސުލައިމާން (އަވަހާރަވީ 800 ގައި) އާއި ޢަބްދުﷲ (އަވަ 823 ގައި) އެކަމާ ހިތްޕުޅާ ހަމައެއް ނުކުރެއްވިއެވެ. މި ދައުލަތުގެ ބާނީ ޢަބްދުއްރަޙްމާނުއް ދާޚިލު (އަވަހާރަވީ ހިޖްރައިން 172ގައި) ވަހާރަވީނީ އޭނާގެ ބޭބޭފުޅުންގެ ތެރެއިން ހިޝާމަށް އިސްކަން ދެއްވާ އޭނާއަށް ވެރިކަން ދެއްވައިފައެވެ. މިހެންވެ ދެ ބޮޑުބޭބޭފުޅުން ވަނީ އުތުރު އަންދަލުސްގެ ސަރްޤަސްޠާ ސަރަޙައްދުގެ ބާޣީންނާއެކު އެއްބާރުލައްވައިފައެވެ. އެއަށްފަހު މި ދެ ބޮޑުބޭބޭފުޅުން ވަނީ ފަރަންޖީންގެ ރަސްގެފާނާއި ފަރަންޖީ އިސްވާރު ޝާރލްމަން (މަރުވީ 814 ގައި) އާ އެކު އެއްބާރު ލައްވައިފައެވެ.

"ދައުލަތުލް އިސްލާމި ފިލް އަންދަލުސް" ނަމަކަށް ކިޔާ ފޮތުގައި މުޙައްމަދު ޢަބްދުﷲ ޢިނާނު (އަވަހާރަވީ 1986ގައި) ލިޔުއްވާފައިވާ ގޮތުގައި މި ޚިޔާނަތަށް ޓަކައި އަދި ޢަދުއްވުންނާއެކު އެއްބާރު ލެއްވުމަށް ޓަކައި މި ދެ ބޮޑުބޭބޭފުޅުން ޤުރްޠުބާއިން 2100 ކީލޯމީޓަރުގެ ދިގު ދަތުރުފުޅެއް ކުރައްވާފައި ޖަރްމަނަށް ވަޑައިގެންނެވިއެވެ.

އޭނާ މި ފޮތުގައި ހާމަކުރައްވާފައިވާ ގޮތުގައި ޙަކަމާ ހަނގުރާމަ ކުރެއްވުމަށްޓަކައި އޭނާ އަންދަލުސްގެ އުތުރު ކޮޅަށް ދަތުރުކުރެއްވިއެވެ. އެއަށްފަހު ބަރްނޭ ފަރުބަދަތައް ހުރަސް ކުރައްވާ ފަރަންޖީންގެ ރަށަށް (ފަރަންސޭސި ވިލާތަށް) ވަޑައިގެން ޖަރްމަނުގެ މިހާރުގެ އާޚިން ސަހަރުގައި ޝަރލްމަންއާ ބައްދަލު ކުރައްވައި އޭނާގެ ފަރާތުން އެހީއާއި ވާގިވެރިކަން ހޯއްދެވިއެވެ. ފަރަންޖީންގެ ރަސްގެފާނު އޭނާއަށް ކަމޭހިތައި އެހީވިއެވެ. މިއީ އަންދަލުސްގެ ކަންތައްތަކާ ބެހުމަށް އޭނާއަށް ލިބުނު ރަނުގެ ފުރްޞަތެއް ކަމަށް އޭނާ ޤަބޫލު ކުރިއެވެ. ޝާރލްމަނާ އޭނާގެ ދަރި އަކޫތީން، ބަރްނޭ ހުރަސްކޮށް އެތެރެއަށް ވަދެ ޖީރޫނާ ސަހަރު ފަތަޙަ ކުރިއެވެ. އެއަށްފަހު އެންމެ އުސް ފަރާތުގެ މައިދާނުގެ ސަހަރަށް އެހީ ފޮނުވާ ޙަކަމުގެ ވެރިކަމާ ދެކޮޅު ހަދާ މީހުންނާ އެއްބައިވިއެވެ. ސުލައިމާނާއި ޢަބްދުﷲގެ ޚިޔާނަތާއި ޝަރްލްމަނާއެކު އެއްބާރުލެއްވި އެއްބާރުލެއްވުން ނާކާމިޔާބުވިޔަސް ފަރަންޖީންނަށް ބަރސެލޯނާ ސަހަރު ލިބުނީ މި ދެ ބޭފުޅުންގެ ޚިޔާނަތުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ. ސުލައިމާނު ޤަތުލުވެގެން ދިޔައީ ޝަރލްމަނާއެކު ހަނގުރާމަ ކުރައްވަނިކޮށްނެވެ. ޢަބްދުﷲ ފިއްލަވައިގެން ވަޑައިގަތީ އިޓަލީއަށެވެ.

ދައުލަތް ވެއްޓުމުގެ ބާގަނޑު

ބަރސެލޯނާ ފަރަންޖީންގެ ބާރުގެ ދަށަށް ދިޔުމުގެ ސަބަބުން ނަޞާރާއިންނަށް އިސްލާމީ ދައުލަތާ ތޮޅުމަށް ދޮރެއް ހުޅުވިގެން ދިޔައެވެ. މި ކަމުގެ ސަބަބުން ފަރަންޖީންނަށް "އައްޘުޣްރުލް އަންދްލަސީ" ނުވަތަ "އައްޘުޣްރުލް ޤޫޠީ"ގެ ނަމުގައި ޕްރޮވިންސެއް ޤާއިމު ކުރުމަށް މަގު ތަނަވަސްވިއެވެ. މި ކަން ވެގެން ދިޔައީ އިސްލާމީ ދައުލަތުގެ އުނަގަނޑަށް ހަރައިލެވުނު ވިހަ ގަދަ ކަށްޓަކަށެވެ.

އަލްޙަކަމު އަލްމުސްތަންޞިރު 977 ގައި އަވަހާރަވުމުން ވެރިކަމަށް އިސްކުރެވުނީ އޭނާގެ ތުއްޕުޅު ދަރިކަލުން ހިޝާމުލް މުއައްޔަދު ބިﷲ (އަވަހާރަވީ 1013 ގައި) އެވެ. އޭނާގެ ފަރާތްޕުޅުން ވެރިކަން ކުރައްވަމުން ގެންދެވީ އޭނާގެ ޙާޖިބު އަލްމަންޞޫރު ބިން އަބީ ޢާމިރެވެ. އިބްނު ޢާމިރުގެ މަކަރުވެރިކަމާއި ގީދަޅުކަމުން އޭނާއާ ވާދަވެރި ވަޒީރު ޖަޢުފަރު ބިން ޢުޘްމާނުލް މުޞްޙަފީ (އަވަހާރަވީ 983 ގައި) ރަސްކަމުގެ ދަރުބާރުން ބޭރުކޮށްލެއްވިއެވެ.

ބިން ޢާމިރު އޭނާގެ އެދުންތައް މި ހިސާބުން ނިންމައެއް ނުލެއްވިއެވެ. އެ ހިސާބުން އޭނާ އަންދަލުސްގެ އިސްލާމީ ދައުލަތުގެ ވަރަށް ވަރުގަދަ ކޮމާންޑަރެއް ކަމުގައިވާ ޣާލިބު ބިން ޢަބްދުއް ރަޙްމާނުއް ނާޞިރީ ނައްތައިލުމުގެ މަސައްކަތް ފެށްޓެވިއެވެ. އައްނާޞިރީ އޭނާގެ ވާދަވެރީންނާ ވާހަކަދައްކަވައިގެން މަސްއަލަ ޙައްލު ކުރެއްވުމުގެ ބަދަލުގައި ނަޞާރާ ދުޝްމަނުންނާ ގުޅިވަޑައިގެން އިސްލާމީ ދައުލާތާ ދެކޮޅަށް ނުކުމެވަޑައިގަތެވެ. އެހިނދު އަބޫ ޢާމިރު އިސްލާމީ ލަޝްކަރައިގެން ނުކުމެވަޑައިގެން ދެއްވި ޙަމަލާތަކުގައި ޣާލިބަށް ނާކާމިޔާބު ލިބިވަޑައިގަތެވެ.

އަންދަލުސްގައި ބަނީ އުމައްޔަތު ވަންހައިގެ ދަރީން ދީނަށާއި ދައުލަތަށް ވަމުން ދިޔަ ޚިޔާނަތްތައް ޠަވާއިފުންގެ ވެރިކަމުގެ ތެރެއިން ވަނީ  ފާޅުވެފައެވެ. އެ ވެރިކަމުގެ ތެރޭގައި ވެސް ފަރަންޖީންނާ އެއްބައިވެ ވަޠަނުގެ ލޭންދޭނުގައި ޝަޚްޞީ ފައިދާތައް ނަންގަވާފައިވާ އަމީރުން ވަރަށް ގިނައެވެ. ހަވަނަ އަލްފެންސޯ (މަރުވީ 1108 ގައި) ގެ ވެރިކަމުގައި ޠަވާއިފުންގެ ރަސްރަސްކަލުން ތިއްބެވީ ބިރުފުޅުން ފިތްކެނޑޭ މިންވަރެއްގައެވެ. މި ބިރުވެރިކަން އެންމެ ބޮޑުވެފައި ވަނީ އިޝްބީލިޔާއާއި ޤުރްޠުބާގެ ރަސްގެފާނު އަލް މުޢުތަމަދު ބިން ޢިބާދު (އަވަހާރަވީ 1095 ގައި)ގެ ވެރިކަމުގައެވެ. އިބްނު ޙަޒްމު އޭނާގެ މަޝްހޫރު ފޮތް "ރިސާލަތުއް ތަލްޚީޞް ލި ވުޖޫހިއް ތަޚްލީޞި"ގައި ލިޔުއްވާފައި ވެއެވެ. "ޞަލީބަށް އަޅުކަންކުރުމުން ޤައުމުގެ ކަންތައްތައް ހިންގޭނެކަން އެނގިވަޑައިގެންނެވިނަމަ އެ ބޭފުޅުން އެ ކަން ވެސް ކުރައްވާނެތެވެ. އެބޭފުޅުން ނަޞާރާއިންގެ ކިބައިން ވާގި ހޯއްދަވާފައި ވެއެވެ. އެބޭފުޅުން އެ ރަށްރަށަށް މުސްލިމުން އަސީރުކޮށްގެން ގެންގޮސް ދެއްވާފައިވާ ތަން އަހުރެމެން ދުށީމެވެ. ބައެއް ފަހަރަށް އިސްލާމީ ރަށްތަކާއި ކިއްލާތަކުން މުސްލިމުން ބާލައި އެ ތަންތާނގައި ފައްޅިތައް އާރާސްތު ވެސް ކުރިއެވެ."

ހަލާކު ކުރަނިވި ކޯރާޑިތަކެއް

އިބްނު ޙަޒްމު ވިދާޅުވިފަދައިން ހަވަނަ އަލްފެންސޯ އެއްވެސް ހަނގުރާމައަކާ ނުލައި މުސްލިމުންގެ އެތައް ސަހަރުތަކަކާއި ކިއްލާތަކެއް ހިފައިފައި ވެއެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން ބައެއް ރަސްރަސްކަލުން ނަޞާރާއިންގެ ލަޝްކަރުގައި އެބޭބޭފުޅުންގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާފައި ވަނީ މަދެއްކޮށެއްނޫނެވެ. އެ ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ދެ ރަސްކަލަކު ވެއެވެ. އެއީ ޠުލައިޠިލާގެ ރަސްގެފާނު އަލްމައުމޫން ބިން ޛިއްނޫނި (އަވަހާރަވީ 1074 ގައި) އާއި އޭނާގެ ކާފަ ދަރިކަލުން ޤަޝްތާލާގެ ރަސްގެފާނު އަމީރު އަލްޤާދިރު ބިން ޛިއްނޫނި (އަވަހާރަވީ 1092 ގައި) އެވެ. އޭނާ ފައިސާގެ ދަހިވެތިކަމުގައި "ސަރިއްޔާ" ކިއްލާއާއި "ފަތޫރިއްޔާ" ކިއްލާއާއި "ޤަނާލިޝް" ކިއްލާ ފަރަންޖީންނަށް ވިއްކާލެއްވިއެވެ. އޭނާ މިވަރުން ނިންމަވާލެއްވީއަކީއެއްނޫނެވެ. އޭނާގެ ރަސްކަމުގެ ވެރިރަށް ދޫކޮށްލައްވައި ބޭރަށް ނުކުމެވަޑައިގެން ބަލަންސިއްޔާ ފަތަޙަކުރުމަށް އަލްފަންސޯއަށް ވާގިވެރިވެ ވަޑައިގަތެވެ. އޭނާ ބަލަންސިއްޔާ ފަރަންޖީންނާ ޙަވާލު ކުރެއްވީ އެމީހުން ހުށައެޅި ޝަރްޠުތަކުގެ މަތިންނެވެ. ޤަޝްތާލީގެ ބާރުތައް މި ރަށަށް އަރާ މި ރަށް ޚަރާބުކޮށް އެ ރަށުގެ މުއްސަނދިކަން ފޭރިގަތެވެ. މި ޚިޔާނަތަށް ޓަކައި ފަރަންޖީން އަންފެންސޯއަށް ތަބާވާ ޙާކިމެއްގޮތުގައި އޭނާ ބެހެއްޓިއެވެ.

މުރާބިޠުން ޒައްލާޤާ ހަނގުރާމައިގައި ޤަޝްތާލީން ބަލިކުރުމާ ވިދިގެން ބަލަންސިއްޔާގެ ރައްޔިތުން މި ރަސްގެފާނާ ދެކޮޅަށް ނުކުމެ އިންޤިލާބެއް ގެނެއެވެ. މި އިންޤލާބުގެ ޒަޢީމު ޖަޢުފަރު ބިން ޖައްޙާފު (އަވަހާރަވީ 1095ގައި) ޚާއިނު ރަސްގެފާނުގެ އިސްތަށިފުޅު ބުރިކޮށްލައްވާ ދަނޑި ބުރިއެއްގެ ކޮޅުގައި މި އިސްތަށިފުޅު ޖައްސަވައިގެން ރަށުގެ މަގުތައްމަތީގައި ބުރު ޖެއްސެވިއެވެ. އެއަށްފަހު އިބްނު ޖައްޙާފު ރަސްގެފާނުގެ ހަށިކޮޅު ކުނިގޮނޑަކަށް އެއްލައިލެއްވިއެވެ. އޭނާ ހަށިކޮޅު ފެނުނު ވިޔަފާރިވެރިއަކު ކުނާގަނޑަކަށް ލައިފާ ކަފުންވެސް ނުކޮށް ވަޅުލިއެވެ.

ހަމަ މި މޭރުމުން މުވައްޙިދީން، މަޝްހޫރު "ޢިޤާބު" ހަނގުރާމައިގައި (1212 ގައި) ބަލިވުމުން މުވައްޙިދީންގެ ތެރެއިން ޚިޔާނަތްތެރި އަމީރުންނާއި ވާލީން ފެނިގެން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *