Support Us

އޭއްޗަށް އޯގާތެރިވުމަށް ކަދުރު ރުކުގެ ގަސްގަނޑު ރަސޫލާއަށް ދެންނެވުން

ޣައިރު މުސްލިމުންނަކީ އަބަދުވެސް ކީރިތި ރަސޫލާ ﷺ ގެ މުޢުޖިޒާތްތަކަށް ހަޖޫ ޖަހައި އެ މުޢުޖިޒާތްތައް ދޮގުކުރެވޭތޯ މަސައްކަތް ކުރާ ބައެކެވެ. މާތްﷲ އެމީހުންގެ އަތްމަތިން އެމީހުން ބޭޒާރު ކުރައްވައި މި މުޢުޖިޒާތްތަކުގެ ތެދުކަން ދައްކަވައެވެ. ޒަމާނީ ޢުލޫމުގެ ހޯދުންތަކުގެ ތެރެއިން އެމީހުންނަށް ﷲގެ ބަސްފުޅުތަކާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތަކުގެ ޢިލްމީ މުޢުޖިޒާތް ވެސް ދަނީ ދައްކަވަމުންނެވެ. މާތްﷲ ވަޙީކުރައްފައިވާ ފަދައިން ((حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ- فصلت: 53– މާނައީ: އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާންދެނެވެ.))

ކީރިތި ރަސޫލާ ﷺ ޚުޠުބާ ދެއްވަން ހުންނަވާއިރު ލެނގިވަޑައިގެން އަތްޕުޅު އަޅުއްވައިގެން ހުންނެވި ގަސްގަނޑު ދޫކޮށްލެއްވުމުން އެ ގަސްގަނޑު އެކަމާ ދެރަވެ ހިތާމަ ފާޅުކޮށް ވޭންވެރިކަމުގެ އަޑުތައް ނެރުނެވެ. ކުޑަކުއްޖަކު ރޮއެހަދާ ގޮތަށް ރުއެވެ. މި އަޑު އެތާނގައި ތިއްބެވި ކީރިތި ރަސޫލާ ﷺ ގެ މިތުރު ޞަޙާބީންނަށް ވެސް އިވިވަޑައިގެންފައި ވެއެވެ. މި ގަސްގަނޑުގެ އާހުގެ އަޑު ހުއްޓުނީ ކީރިތި ރަސޫލާ ﷺ ގެ މާތް އަތްޕުޅުން އެ ގަސްގަނޑުގައި ފިރުމައިލެއްވުމުންނެވެ. 

ކީރިތި ރަސޫލާ ﷺ ގެ މިފަދަ ބަސްފުޅުތައް ދޮގުކުރަން އުޅޭ މީހުން ބުންޏެވެ. ގަސްގަނޑަކުން މި ފަދަ އަޑެއް ނުކުންނާނީ ކިހިނެއް ހެއްޔެވެ؟ އަދި ކިއެއްހެއްހެއްޔެވެ؟ ގަސްގަހާގެއްސަށް ހިތާމަކުރުމުގެ އިޙްސާސެއް ލިބިގެންވޭ ހެއްޔެވެ؟ سبحان الله… ޣައިރު މުސްލިމުންގެ މިއަދުގެ ދިރާސާތަކުން ކީރިތި ރަސޫލާ ﷺ ގެ މި މުޢުޖިޒާތަކީ ޞައްޙަ މުޢުޖިޒާތެއްކަން ވަނީ ކަށަވަރުވެފައެވެ. އިސްލާމްދީނަކީ ޚުރާފާތުގެ ދީނެއް ނޫންކަން ވަނީ ފާޅުވެފައެވެ. އެއީ ޢިލްމާއި މަންޠިޤުގެ ދީނެއްކަން ވަނީ ސާބިތުވެފައެވެ.

ގަސްގަހާގެހީގެ ދުނިޔޭގައި ސައެންސީން ކުރައްވާފައިވާ ޢިލްމީ ދިރާސާތަކެއް ބުނާގޮތުގައި ވޭންދެނިވި ޙާލަތުތަކެއްގައި ގަސްގަހުން ރުއިމުގެ އަޑުތަކުން ވަނީ ރެކޯޑުކުރެވިފައެވެ. ޑިސެންބަރު 5، 2019 ގައި އެމެރިކާގެ ނިއު ސައެންޓިސްޓް ވެބް ޞަފްޙާ ބުނެފައިވާ ގޮތުގައި ގަސްގަހާގެހީގ ެވެސް ހަނދާން ހުރެއެވެ. ކަންތައްތައް އިޙްސާސް ކުރެއެވެ.

އިސްރާއީލުގެ ތައްލު އަބީބު ޔުނިވަރސިޓީގެ ސައެންސީންގެ ޓީމެއް ބުނާގޮތުގައި ބައެއް ބާވަތުގެ ގަސްގަހާގެހިން 20 ކީލޯ ހާރޓްޒްއާއި 100 ކީލޯ ހާރޓްޒްއާ ދެމެދުގެ ފްރިކްއެންސީތަކެއް ބޭރު ކުރެއެވެ. އަދި ބައެއް ގަސްގަހާގެއްސަށް އެހެން ގަސަގަހާގެހީގެ ވޭންތަކާއި ރުއިންތައް އިޙްސާސް ކުރެވެއެވެ. އެ ރުއިންތަކަށް އިޖާބަ ވެސް ދެއެވެ. ބައެއް ގަސްގަހަށް ފަނިފަކުސަތަކުގެ ނުރައްކަލަކާ ކުރިމަތިވުން އެހެން ގަސްގަހަށް އެ ކަމަށް ސަމާލުވުމަށް އިންޒާރުދީ ވެސް ހަދައެވެ. މި ފަނިފަކުސަތަކުން ރައްކައުތެރި ވުމަށް ޓަކައި މި ގަސްގަހުން ނުބައި ވަސްތައް ބޭރު ކުރާ ކަމަށް މި ޓީމުގެ ދިރާސާތައް ބުނެފައި ވެއެވެ.

މިއިން އެނގެނީ ގަސްގަހާގެއްސަކީ އިންސާނުންނަށް ހެޔޮ އެދޭ، ދީލަތި، ބަރަކާތްތެރި އެއްޗެއް ކަމެވެ. ގަސްގަހާގެއްސަކީ އެހެން އެއްޗެއްސަށް ލާބައާއި ފައިދާ ލިބުމަށް އެދޭ އެއްޗެކެވެ. އިންސާނާގެ ޠަބީޢަތާ ގަސްގަހާގެހީގެ ޠަބީޢަތް ކިހާ ތަފާތު ތޯއެވެ؟

އޮސްޓްރޭލިއާގެ ޤައުމީ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޕީޓަރ ކްރިސްޕް 2016 ވަނަ އަހަރު ހާމަކުރައްވާފައިވާ ގޮތުގައި ގަހަކީ (އެ ގަހުން ފަތް ކެނޑުމުން ނުވަތަ ގަސް އަންދާލުން ފަދަ) އޭއްޗާ ކުރިމަތިވާ ހިތާމަވެރި ހިނދުކޮޅުތައް ހަނދުމަ ހުންނަ ވެސް އެއްޗެކެވެ.

ޖަރްމަންގެ ބޮން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ފްރޭންޓިސޭކް ބަލޫސްކާ އަކީ ގަސްގަހާގެހީގެ ވިސްނުން ދިރާސާ ކުރެއްވި ޢާލިމެކެވެ. އޭނާގެ މި ދިރާސާތައް ބުނާގޮތުގައި ހިތާމަވެރި ވޭންދެނިވި ޝުޢޫރުތައް ގަސްގަހުގެ ހަނދުމައިގައި ކުޑައިރުކޮޅަކަށް ހުރެއެވެ.

މި ހުރިހާ ދިރާސާތަކުން އެނގެނީ ގަސްގަހާގެއްސަށް އިޙްސާސީ ބާރަކާއި ހަނދާން ހުރުމުގެ ބާރެއް ލިބފައިވާ ކަމެވެ. މި ދިރާސާތަކުން އެނގޭގޮތުގައި ގަސްގަހުން އަޑުތައް ވެސް ނުކުމެއެވެ. މި އަޑު އިވުމުގެ ބާރު ލިބިފައިވާ ފަރާތްތަކަށް މި އަޑުތައް އިވިދާނެކަމެވެ. ކީރިތި ރަސޫލާ ﷺ ކަދުރު ރުކުގެ ގަސްގަނޑު ދޫކޮށްލެއްވުމުން މި ހިނގި ކަންތައްތަކަކީ ޢިލްމީ ގޮތުން ހިނގާފާނެ ކަމެކެވެ. އެ ގަސްގަނޑު  ދެރަވެގެން ހިތާމަ ފާޅުކުރިއެވެ. އެ ގަސްގަނޑަށް އެކަމުން އަސަރު ކުރިއެވެ. ދެރަވިއެވެ.

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ((كانَ النبيُّ ﷺ يَخْطُبُ إلى جِذْعٍ، فَلَمّا اتَّخَذَ المِنْبَرَ تَحَوَّلَ إلَيْهِ فَحَنَّ الجِذْعُ فأتاهُ فَمَسَحَ يَدَهُ عليه- صحيح البخاري ٣٥٨٣ – މާނައީ: ޚުޠުބާ ދެއްވުމަށް ޓަކައި އަރައިވަޑައިގެން ހުންނަވާނެ މިންބަރުކޮޅެއް ކީރިތި ރަސޫލާ ﷺ އަށް ލިބިވަޑައިގަތުމުން ޚުޠުބާ ދެއްވަން ކުރިން ހުންނެވި ގަސްގަނޑު ދޫކޮށްލެއްވިއެވެ. އެހިނދު އެ ގަސްގަނޑު އެކަމާ ދެރަވެ ހިތާމަ ފާޅުކޮށް ވޭންވެރިކަމުގެ އަޑުތައް ނެރުނެވެ. އެހިނދު އެ ކަލޭގެފާނު އެ ގަސްގަނޑު ކައިރިއަށް ވަޑައިގެން އޭތީގައި އަތްޕުޅު ބީއްސަވާ ފިރުމައިލެއްވިއެވެ.))

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ((رسولَ اللهِ ﷺ كان يخطُبُ إلى جِذْعٍ، فلمّا اتَّخَذَ المِنبرَ تَحَوَّلَ إليه، فحَنَّ الجِذعُ، حتى أتاهُ فاحتضَنَه فسكَنَ، فقال: لو لم أَحتضِنْهُ لَحَنَّ إلى يومِ القيامةِ – شعيب الأرنؤوط ، تخريج مشكل الآثار ١٠‏/٣٧٧ ،  إسناده صحيح على شرط مسلم ކީރިތި ރަސޫލާ ﷺ ޚުޠުބާ ވިދާޅުވާން ހުންނަވާފައި ވަނީ ގަސްގަނޑެއްގެ މަތީގައެވެ. އެކަލޭގެފާނު މިންބަރެއް ހެއްދެވުމުން އެ ގަސްގަނޑު ދޫކޮށްލެއްވިއެވެ. އެހިނދު އެ ގަސްގަނޑު އެކަމާ ދެރަވެ ހިތާމަ ފާޅުކޮށް ވޭންވެރިކަމުގެ އަޑުތައް ނެރުނެވެ. އެކަލޭގެފާނު ވަޑައިގެން އެ ގަސްގަނޑުގައި ބައްދައިލައްވައިފުމަށް ދާންދެނެވެ. ފަހެ އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނު އޭތީގައި ބައްދާ ނުލެއްވިނަމަ އޭތި ޤިޔާމަތާ ޖެހެންދެން ހިތާމަކުރުން މަތީގައި ދެމިހުންނާނެތެވެ.))

ބުޚާރީގެ ރިވާއަތުން އެނގޭ ގޮތުގައި އެއީ ކަދުރު ރުކުގެ ގަސްގަނޑެކެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. ((أنَّ النَّبيَّ ﷺ كانَ يَقُومُ يَومَ الجُمُعَةِ إلى شَجَرَةٍ -أَوْ نَخْلَةٍ- فَقالتِ امْرَأَةٌ مِنَ الأنْصارِ -أَوْ رَجُلٌ-: يا رَسولَ اللَّهِ، أَلا نَجْعَلُ لكَ مِنْبَرًا؟ قالَ: إنْ شِئْتُمْ، فَجَعَلُوا له مِنْبَرًا، فَلَمّا كانَ يَومَ الجُمُعَةِ دُفِعَ إلى المِنْبَرِ، فَصاحَتِ النَّخْلَةُ صِياحَ الصَّبِيِّ، ثُمَّ نَزَلَ النَّبيُّ ﷺ فَضَمَّهُ إلَيْهِ، تَئِنُّ أَنِينَ الصَّبِيِّ الذي يُسَكَّنُ. قالَ: كانَتْ تَبْكِي على ما كانَتْ تَسْمَعُ مِنَ الذِّكْرِ عِنْدَها-  صحيح البخاري ٣٥٨٤– މާނައީ: ކީރިތި ރަސޫލާ ﷺ ހުކުރު ދުވަހު ޚުޠުބާ ދެއްވަން ހުންނަވަނީ ގަހެއްގެ– ނުވަތަ ކަދުރު ރުކެއްގެ– ގަސްގަނޑެއް މަތީގައި ހުންނަވައިގެންނެވެ. ފަހެ އަންޞާރުންގެ އަންހެން ބޭފުޅަކު– ނުވަތަ ފިރިހެން ބޭފުޅަކު- ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް ޓަކައި އަޅުގަނޑުމެން މިންބަރުކޮޅެއް ހަދައިދެންތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ތިޔަބައިމީހުން އެދޭނަމައެވެ. ފަހެ އެބައިމީހުން އެކަލޭގެފާނަށް މިންބަރުކޮޅެއް ހަދައިދިނެވެ. ދެން އައި ހުކުރު ދުވަހު މި މިންބަރުކޮޅު ރަސޫލާއަށް އެރުވުމުން އެ ކަދުރު ރުއް ކުޑަ ކުއްޖަކު ރޯގޮތަށް ރޯން ފެށިއެވެ. ދެން ކީރިތި ރަސޫލާ ﷺ މިންބަރުކޮޅު މަތިން ފައިބާވަޑައިގެން އެ ރުއްދޮށަށް ވަޑައިގެން އޭތީގެ ގައިގައި ބައްދައިލެއްވިއެވެ. އޭތި ކުޑަކުއްޖަކު ގިސްލާގޮތަށް ހުއްޓައިނުލައި ގިސްލަމުން ދިޔައެވެ. އޭތި ރުއީ އޭއްޗަށް އިވެމުންދިޔަ ޛިކްރުތަކާ ހެދިއެވެ.))

ކީރިތި ރަސޫލާ ﷺ އަށް މާތްﷲ ދެއްކެވި މި ޙާދިސާއަކީ މުޢުޖިޒާތެކެވެ. އެހެނީ އެ ގަސްގަނޑުން ނުކުތް އަޑުތައް ނެރުއްވާފައި މި ވަނީ އިންސާނާއަށް އަޑުއިވޭ ފްރިކްއެންސީއެއްގެ ތެރޭގައެވެ. ސައެންސީންގެ ދިރާސާތަކުން ބަލާފައިވާ އަޑުތަކަކީ އާދައިގެ އަޑަށްވުރެ މަތީ މަޖާލެއްގައިވާ ފްރިކްއެންސީތަކެކެވެ. މި ދިރާސާތަކުން އެމީހުންނަށް އެނގުނީ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުގެ ތެދުކަމެވެ. ގަސްގަހާގެހީގައި ވެސް އިޙްސާސް ހުންނަ ކަމެވެ. މުލްޙިދުން ދަޢުވާކުރާ ފަދައިން އިސްލާމްދީނަކީ ޚުރާފާތާއި އަބާޠީލުގެ ދީނެއް ނޫންކަމެވެ. ﷲގެ ހުސްޠާހިރުވަންތަކަމާއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *