Support Us

ކޮލަމް: ވިނަވި

އަލް ޤާޟީ ޙަސަން ތާޖުއްދީން: ދިވެހި ތާރީޚަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކުރެއްވި މުއައްރިޚު 

އަލް ޤާޟީ ޙަސަން ތާޖުއްދީނަކީ ރާއްޖޭގެ ތާރީޚަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކުރެއްވި މުއައްރިޚޭ ބުނުމުން އެއާ ޖަދަލު ކުރާނޭ މީހުން މަދު ވާނެއެވެ. ހަމަ އެގޮތަށް، އޭނާއަކީ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ޢިލްމްވެރި އެއް ޤާޟީއޭ ވެސް ބުނެވިދާނެއެވެ.

ޙަސަން ތާޖުއްދީނަކީ ހައްދުންމަތީ ގަމަށް އުފަން ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ އެ ރަށު މަޙުމޫދެވެ. އޭނާ ދުނިޔެއަށް އުފަންވީ 1662 ގައެވެ. އޭނާގެ ހަޔާތުގެ ކުރީ ކޮޅާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އެނގޭކަށް ނެތެވެ. އެހެނަސް އޭނާއަކީ ތުއްޕުޅު އިރުވެސް ތަޢްލީމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެއްކަން އެނގެއެވެ. ޙަސަން ތާޖުއްދީނުގެ އެދުރުންގެ ތެރޭގައި މުޙައްމަދު ޝިރާޖުއްދީން، ފޮނަދޫ ޙަޠީބު ތަކުރުފާނާއި ސައްޔިދު ރަސްގެފާނު ހިމެނެއެވެ. އޭގެ އިތުރަށް އޭނާ މައްކާއިން ވެސް ޢިލްމް ހޯއްދެވިއެވެ.

ތާޖުއްދީންގެ ޒުވާން ދުވަސްވަރު ގަނޑުވަރާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދިޔަ އޮއިވަރާ ހިތްޕުޅު ހަމަނުޖެހިގެން ދުވަސްކޮޅަކަށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އެނބުރި ވަޑައިގަތީ 17 ޑިސެމްބަރ 1690 ގައެވެ. އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުޙައްމަދު ސިރީ މަނިނަންލޯކަ މަހާރަދުންނެވެ. ތާޖުއްދީން ވަޑައިގަތުމުން ކޮންމެވެސް ވަރަކަށް އަދަބު ލިބި އޭނާގެ ރަށް، ގަމަށް އަރުވާލެވުނެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން އައްސުލްޠާނު މުޙައްމަދު މުހުޔިއްދީނުލް ޢާދިލުގެ ރަސްކަމުގައި ތާޖުއްދީން މާލެ ގެންނަވައި ރަދުންގެ އިސް މުޝީރުކަން ދެއްވިއެވެ. އެ ރަސްކަން ނިމިގެން، ދެން ރަސްކަމަށް އިސްވީ މަޝްހޫރު ސައްޔިދު ރަސްގެފާނެވެ. އެ ރަދުންގެ އަރިހުން ތާޖުއްދީނު އިތުރަށް ކިޔަވައި ވިދާޅުވިއެވެ. އަދި ޤަވާއިދުން މިސްކިތުގައި ހަދީޘް ކިޔަވައިދެއްވާ ހެއްދެވިއެވެ.

ޙަސަން ތާޖުއްދީން ފަސްދާނު ލެވިފައިވާ ހުކުރު މިސްކިތު ޤަބުރުސްތާނު

އެ އިރު ފަނޑިޔާރަކަށް ހުންނެވި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު 5 ނޮވެމްބަރ 1692 ގައި ރަސްކަމަށް އިސްވެވަޑައިގަތުމުން ފަނޑިޔާރުގެ މަޤާމު ހުސްވިއެވެ. ރަދުން ފަނޑިޔާރުކަން ދެއްވީ ޙަސަން ތާޖުއްދީނަށެވެ. އެއީ 11 ނޮވެމްބަރ 1692 ގައެވެ.

ޖަނަވަރީ 21، 1701 ގައި ފަނޑިޔާރުކަން ދޫކުރައްވައި އާއިލާއާއެކު ތާޖުއްދީން މައްކާއަށް ވަޑައިގަތެވެ. ނަމަވެސް އެތަނަކު މާ ގިނަ ދުވަހަކު ނުހުންނެވުނެވެ. މާލޭގައި ރަސްކަން ބަދަލުވެ އިބްރާހިމް މުޡުހިރުއްދީނު ތާޖުއްދީން މާލެ ވަޑައިގަންނަވަން ދަޢްވަތު ދެއްވައި ސިޓީއެއް ފޮނުއްވިއެވެ. ޙަސަން ތާޖުއްދީނު ވަޑައިގަތުމުން ރަދުން އޭނާއަށް ވަރަށް ކަމޭ ހިއްތެވިއެވެ. ރަދުން 8 ޖަނަވަރީ 1704 ގައި ހައްޖަށް ފުރާވަޑައިގަންނަވަމުން އަރިހުގައި ތާޖުއްދީން ގެންދެވިއެވެ. އެ ދަތުރުގައި އެތައް ގިނަ ދަތިތަކާ ކުރިމަތިލެއްވުމަށްފަހު ރަދުންނަށް އެނބުރި ވަޑައިގެންނެވުނުއިރު އަނެއްކާ ވެސް މާލޭގައި އޮތީ ރަސްކަން ބަދަލުވެފައެވެ.

އެއިރު ތަޚުތުގައި އިންނެވީ އައްސުލްޠާނު މުޡައްފަރު މުޙައްމަދު ޢިމާދުއްދީނެވެ. ކުރީ ރަދުންނާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން އެ ފަހަރު ވެސް ތާޖުއްދީނަށް އަދަބު ލިބި، ގަމަށް އަރުވާލެވެނެވެ. ނަމަވެސް ދާދި އަވަހަށް މާލެ ގެންނަވައި އަލުން ފަނޑިޔާރުކަން ދެއްވިއެވެ. އެއީ 17 ފެބްރުވަރީ 1705 އިގައެވެ.

ތާޖުއްދީނުގެ ފަނޑިޔާރުކަމުގެ ދެވަނަ ދައުރުގައި ދިވެހި ތާރީޚަށް އަގު ނުކުރެވޭ ފަދަ މުހިންމު މަސައްކަތެއް ކުރައްވަން އޭނާ ފެއްޓެވިއެވެ. އެއީ "ތާރީޚް ދީބާ މަހަލް" ލިޔުއްވުމެވެ. އަރަބި ބަހުން ލިޔުއްވި އެ ފޮތަކީ އޭގެ ކުރިން އެކިއެކި މީހުން ލިޔެފައިވާ ލިޔުންތަކާއި ތުންތުންމަތިން ކިޔަމުން އައިސްފައިވާ ވާހަކަވާހަކަ މުޠާލިއާ ކުރައްވާފައި ލިޔުއްވި މުޢްތަބަރު ލިޔުމެކެވެ. އެ ފޮތް ކީ ކޮންމެ މީހަކަށް ތާޖުއްދީންގެ ޢިލްމްވެރިކަމާއި، ދިރާސާ ކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި ހަޤީޤަތް ހާމަކުރެއްވުމުގައި އޭނާގެ ޖެހިލުން ކުޑަކަން ފެނިގެން ދާނެއެވެ.

ތާރީޚް ދީބާ މަހަލްގައި ތާޖުއްދީނު އެންމެ ފަހުން ލިޔުއްވި ޢިބާރާތަކީ، "ޖުމާދުލް އަވަލް (1137 ހ.) އައްޑުވަހު މި ރަސްގެފާނުގެ އަނބި (ކަމަނާ) ޢާއިޝާ ކަނބާފާނު ދަރިކަނބަލަކާ ރައްކައުވިއެވެ. މި ދަރިކަނބަލުންނަށް އާމިނާ ރަނި ކިލެގެފާނޭ ކިޔައި ނަން ދެއްވިއެވެ." ތާޖުއްދީން އަވަހާރަވުމަށް ފަހު ތާރީޚު ދީބާ މަހަލް ލިޔުއްވުން ކުރިޔަށް ގެންދެވީ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ އަލް ޤާޟީ މުޙައްމަދު މުޙިއްބުއްދީން ޝައިޚުލް އިސްލާމެވެ.

ތާޖުއްދީންގެ އުފަން ރަށް ހައްދުންމަތީ ގަމުގެ މިހާރުގެ މަގެއް

ތާރީޚު ދީބާ މަހަލްގައި އަލި އަޅުވާލައްވާފައި ވަނީ ހަމައެކަނި ތާޖުއްދީނުގެ ދުވަސްވަރުގައި ހިނގި ކަންކަމަކަށް ނޫނެވެ. ރާއްޖެ އިސްލާމްވި ގޮތާމެދު ވެސް ދިރާސީ ނަޒަރަކުން ބައްލަވާފައި ވެއެވެ. އެފޮތުގައި ބުނާގޮތުން ރާއްޖެ އިސްލާމް ކުރެއްވީ އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީއެވެ. އެއީ 1920 ހިސާބުނަ ފެށިގެން ބައެއް ލިޔުންތެރިން ވިދާޅުވާ ގޮތާ ޚިލާފު ރައުޔުއެކެވެ. އެ ލިޔުންތެރިން ވިދާޅުވަނީ ރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ. އެހެނަސް އެންމެ ފަހުގެ ލިޔުންތެރިން، މިސާލަކަށް މުޙައްމަދު އިބްރާހީމް ލުތުފީއާއި މުޙައްމަދު ނާޖިހު ދީދީ ތާއީދުކުރައްވަނީ ތާޖުއްދީނުގެ ރައުޔަށެވެ.

އެ ފޮތުގައި ތާރީޚީ ފަލްސަފާގެ ބައެއް މައުޟޫއުތަކަށް ވެސް އިންޞާފު ކުރައްވާފައި ވެއެވެ. އެގޮތުން ދައުލަތްތައް އުފެދޭ ގޮތާއި ނެތިދާ ގޮތާއި އޭގެ ސަބަބުތައް ބަޔާން ކުރައްވާފައިވެއެވެ. އަދި ވެރިންގެ ޒިންމާތަކާއި ރައްޔިތުންނަށް ދެއްވަން ޖެހޭ ޚިދުމަތްތަކަށް ވެސް ބައްލަވާލައްވާފައި ވެއެވެ.

ސައްޔިދު ރަސްގެފާނުގެ ރަސްކަމުގައި ރަޖަބު މަހަށް ހަނދުބެލީއްސުރެ ރަމަޟާން މަސް ނިމޭންދެން ކޮންމެ ރެއަކު މަޣުރިބް ނަމާދާއި ޢިޝާނަމާދާއި ދެމެދު ހުކުރު މިސްކިތުގައި މީސްތަކުންނަށް ޙަދީޘް ކިޔަވައިދިނުމަށް ހަސަންތާޖުއްދީން އިސްކުރެއްވިއެވެ. ތާޖުއްދީންގެ ފަނޑިޔާރުކަމުގައި ކޮންމެ ހުކުރު ދުވަހަކު ޢަޞުރު ނަމާދަށް ފަހު އަމުރު މަޢުރޫފު ކުރައްވައި މުންކަރާތްތައް މަނާ ކުރައްވައި ހެއްދެވިއެވެ. އަދި މުންކަރާތެއް ފެނިއްޖެނަމަ އެކަން މަނާކުރައްވައި އެކަން ކުރި މީހަކު ތައުޒީރު ކުރައްވައި ހެއްދެވިއެވެ.

ޙަސްނަތާޖުއްދީނުގެ ފަނޑިޔާރުކަމުގައި އެދުވަސްވަރު ބޮޑުންގެ ތެރޭގައި އޮތް، މިނިވަން އަންހެނުން ލައްވއި އުޖޫރަ ނުދީ އަޅުންފަދައިން ހިލޭ މަސައްކަތްކުރުވުމާއި އެ އަންހެނުން އަޅުންހެން ގަނެ ވިއްކުން މަނާކުރެއްވިއެވެ. އަދި ދަރަނި ނުދެއްކިގެން ހައްޔަރު ވެފައިތިބި މީހުންގެ ދަރަނިތައް ލުއި ކުރެއްވިއެވެ.

ހަސަންތާޖުއްދީނުގެ ފަނޑިޔާރުކަމުގައި ޢިޝާނަމާދު ވަޤުތު އިރުއޮއްސި އެއްގަޑި ވިހިމިނިޓަށް ފަސްކުރުމަށް އަމުރު ކުރެއްވިއެވެ. އެކަންކުރެއްވީ ހަސަން ތާޖުއްދީން، އަހަރުގެ ދެ މޫސުމުގައި އަތިރިމައްޗަށް ދަރަޖަ ފުޅި ހިއްޕަވައިގެން ނިކުންނަވައި ނަމާދު ވަޤުތު ދިރާސާކުރައްވައި ކަށަވަރު ކުރެއްވުމަށް ފަހުގައެވެ. އޭގެ ކުރިން ޢިޝާނަމާދު ކުރަނީ އިރުއޮއްސި އެއްގަޑި އިރު ވީމައެވެ. އަދި މުންނާރުން ބަންގި ގޮވާން ފެއްޓެވީވެސް ހަސަން ތާޖުއްދީނު، ރަދުންނަށް ދަންނަވައިގެންނެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރީން ދިހަ ދަރަޖައިގައި ފަތިސް ނަމާދުގެ ފުރަތަމަ ބަންގި ދިނުމަށާއި ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމަށް ފަހު ދެވަނަ ބަންގި ދިނުމަށް ތާޖުއްދީން އަމުރުކުރެއްވިއެވެ.

ހަސަން ތާޖުއްދީން ރަދުންނަށް ދަންނަވައިގެން އެ ދުވަސްވަރުގެ އާދައެއް ކަމުގައިވާ، މާލޫދު ހަރުގޭގެ މެދަށް ކަށިމަލާއި އުނިމަލާއި އެހެނިހެން މާމެލާމެއްޔާއި ތަކެތި އެއްކޮށް ފުންޏަކަށް ޖަހައިގެން ހޭލާތިބުން މަނާކުރެއްވިއެވެ. އަދި އާޝޫރާ ދުވަހު ކައްކައިގެން އެއްޗެތި ގޭގެއަށް ބެހުންވެސް މަނާކުރެއްވިއެވެ.

އަލް ޤާޟީ ޙަސަން ތާޖުއްދީން އަވަހާރަވީ 28 ފެބްރުވަރީ 1727 ގައެވެ. އެއިރު އުމުރުފުޅަކީ 67 އަހަރެވެ. ފަސްދާނުލެވިފައި ވަނީ މާލޭ ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ. މިތަނުގައި ތާޖުއްދީން އަވަހާރަވި ކަމަށް ބުނެފައިވާ ތާރީޚުން، (1727ން)، އޭނާ އުފަންވި އަހަރު، (1662) ކަނޑާލީމާ ލިބޭ ނަތީޖާ އަކީ 65 އެވެ. މިއާ އޭނާ އަވަހާރަވިއިރުގެ އުމުރުފުޅު، (67) އާއި މުޅިން ސީދަލެއް ނޫނެވެ. މިހެން ވެފައިވަނީ މި ތާރީޚުތައް ތަފާތު މަސްދަރުތަކުން ނަގާފައި ވާތީއެވެ.

އަލް ޤާޟީ ޙަސަން ތާޖުއްދީނަކީ ދިވެހީން ވަރަށް ޤަދަރުކުރާ ބޭފުޅެކެވެ. މާލޭގެ މުހިންމު ސްކޫލަކަށް ދީފައި ވަނީ އޭނާގެ ނަންފުޅެވެ.

 

ކަވަރ ފޮޓޯގައި: ޙަސަން ތާޖުއްދީންގެ ނަންފުޅަށް ނިސްބަތްވާ ތާޖުއްދީން ސްކޫލްގެ ދަރިވަރުންކޮޅެއް. -ފޮޓޯ: ތާޖުއްދީން ސްކޫލް/ އެފް.ބީ

ރިފަރެންސް

  1. ތާޖުއްދީން، އަލް ޤާޒީ ޙަސަން (2020) "ތާރީޚް ދީބާ މަހަލް،" ފުރަތަމަ ދިވެހި އެޑިޝަން، ދިވެހިބަހުގެ އެކެޑަމީ ޞ. 5 ން 18 އަށާއި 116 އާއި 117
  2. ދިވެހި ބަހުގެ އެކެޑެމީ (2016) "ތާޖުއްދީން ސްކޫލްގެ ނަން ނިސްބަތްވާ ފަރާތް"
  3. ދިވެހި ވިކިޕީޑިއާ (2021) "އަލް ޤާޟީ ހަސަން ތާޖުއްދީން"