Support Us

މެޗުތައް ދުބާއީ އަށް ބަދަލުކޮށްފި، ތާވަލް އަދި ކަށަވަރުނުވޭ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ ބާކީ ހުރި މެޗުތައް ދުބާއީގައި ކުޅެން އޭ.އެފް.ސީން މިއަދު ނިންމައިފިއެވެ. މިގޮތަށް ނިންމި ނަމަވެސް، ފަސް ޓީމު ވާދަކުރާ މި ބުރުގެ މެޗު ޝެޑިއުލް އަދި ހަމައެއް ނުޖެހެއެވެ.

ދުބާއީގައި މެޗުތައް ކުޅެން ނިންމީ ޗައިނާގެ ސޫޒޯގައި ކުޅެން އޮތް މެޗުތަކަށް ދިއުމުގައި، ކޮވިޑްގެ ސަބަބުން، ރާއްޖެ ހިމެނޭ ގޮތަށް ތިން ޓީމަކަށް ހުރަސްތައް ކުރިމަތިވުމުންނެވެ. އެއީ ރާއްޖޭގެ އިތުރުން ސީރިޔާ އަދި ފިލިޕީންސް ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ދިވެހި ގައުމީ ޓީމު މިހާރު ވެސް ފަރިތަކުރަމުން އަންނަނީ ދުބާއީގައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް މިއަދު ވިދާޅުވީ ދުބާއިގައި މެޗުތައް ކުޅެން ހަމަޖެހުނު ނަމަވެސް، މިހާރު އޮތް ތަވާލާ އެއްގޮތަށް މެޗުތައް ކުރިއަށް ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޗައިނާގެ ސޫޒޯގައި ކުޅެން އޮތް މި ގްރޫޕުގެ ފުރަތަމަ މެޗުގައި ގުއާމާއި ޗައިނާ އިއްޔެ ވަނީ ވާދަކޮށްފައެވެ. އެ މެޗު 7-0 އިން ކާމިޔާބުކުރީ ޗައިނާއެވެ. މި ގްރޫޕުގައި ރާއްޖެ ފުރަތަމަ ވާދަކުރަންޖެހެނީ ވެސް ޗައިނާއާއެވެ. އެ މެޗު ކުޅެން އޮތީ އަންނަ މަހުގެ 3 ގައެވެ. ނަމަވެސް ސޫޒޯގައި މިހާރު ތިބި ޗައިނާ އާއި ގުއާމު ޓީމު ދުބާއީ އަށް ދަތުރުކުރަން ވަގުތު ބޭނުންވާތީ، އޭ.އެފް.ސީން ބޭނުންވަނީ ދުބާއީގައި މިހާރު ތިބި ދެ ޓީމު ކަމަށްވާ ސީރިޔާ އާއި ރާއްޖޭގެ މެޗު މި މަހު ތިން ވަނަ ދުވަހު ކުޅޭށެވެ. އެއީ އަންނަ މަހު 7 ގައި ކުޅެން އޮތް މެޗެކެވެ. ނަމަވެސް ދިވެހި ގައުމީ ޓީމުގެ ކޯޗު އެގޮތަށް ހިތްހަމައެއް ނުޖެހެއެވެ.

"މި ހުރިހާ ދުވަހު ތައްޔާރުވީ ޗައިނާ މެޗަށް. އެހެންވެ ސީރިޔާ މެޗަށް ތައްޔާރުވާން ވެސް އެކަށީގެންވާ ވަގުތު ބޭނުންވާނެ. އެކި ޓީމުތަކާ ދެކޮޅަށް ކުޅެން އެކި ގޮތަށް ތައްޔާރުވާނީ. އެހެންވެ މި މަހު 5 ގައި ޗައިނާ މެޗުން ފަށަން ރާއްޖެއިން މި މަސައްކަތްކުރަނީ،" ބައްސާމް ވިދާޅުވިއެވެ.

ޗައިނާ މެޗަށްފަހު ސީރިޔާއާ ވާދަކޮށް އަދި ފަހު މެޗުގައި ރާއްޖެ- ފިލިޕީންސާ ކުރިމަތިލާން އޮތީ އަންނަ މަހުގެ 15 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *