Support Us

ގައުމީ ޓީމާއެކު ދަގަނޑޭ ދުބާއީގައި ޕްރެކްޓިސް ކުރަނީ. ކޮވިޑަށް ޕޮޒިޓިވްވުމުން މިހާރު ވަނީ ޓީމާ އެކަހެރިކޮށްފައި -ފޮޓޯ: އެފް.އޭ.އެމް/އެފް.ބީ

ގައުމީ ޓީމަށް ޗައިނާއަކަށް ނުދެވުނު، މެޗުތައް ދުބާއީގައި ކުޅެން ހަމަޖެހޭތޯ ބަލަނީ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތައް ޗައިނާގައި މިއަދު ފެށި ނަމަވެސް، ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ ޓީމަށް ޗައިނާގެ ސޫޒޯއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބުމުން އެ މެޗުތައް ދުބާއީގައި ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމުގައި އެފް.އޭ.އެމުން ބުނެފިއެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް މިއަދު ވިދާޅުވީ ސޫޒޯއަށް ފުރުމުގެ ވީސާ މިއަދު ނުލިބުމުން ގައުމީ ޓީމު ދުބާއީގައި މަޑުކޮށްފައިވާ ކަމަށެވެ. ދުބާއީގެ، ފަސް ތަރީގެ "އަލުތް ދެއިރާ" ހޮޓެލްގައި ޓީމު މަޑުކުރަން ނިންމީ، ދުބާއީގައި ކޭމްޕްކޮށްގެން ތިބި ރާއްޖެ އާއި ސީރިޔާ ޓީމުގެ ކުޅުންތެރިން ސޫޒޯއަށް ގެންދަން ޗައިނާ ފުޓްބޯލް އެސޯސިއޭޝަން މެދުވެރިގެން ޗާޓަރުކުރި ފްލައިޓު ދުބާއީ އަށް ދިޔަވެސް ފަހުންނެވެ.

ސޫޒޯއަށް ފުރުމުގެ ކުރިން، ލޭ ނަގައިގެންނާއި ނޯށާއި އަނގަޔަށް ކަފަބުރު ބާނައިގެން އެންމެ ފަހުން ހެދި ޕީ.ސީއާރް ޓެސްޓުގައި، ދިވެހި ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާ އެކަހެރިކޮށްފައެވެ. މާލޭގެ ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕުކުރިތަނާ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެގެން، އޭނާ ޓެސްޓް ހެދިއިރު އޭރު ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ހުރިހާ ޓެސްޓަކުން ވެސް ދަގަނޑޭ ވަނީ ފާސްވެފައެވެ.

ކޮވިޑާ ދެކޮޅަށް ޗައިނާއިން ހަދައިފައިވާ ހަރުކަށި ސިއްހީ ގަވައިދުތައް ބުނާ ގޮތުން ޗައިނާ ވީސާ ހޯދުމަށްޓަކައި އޮންލައިންކޮށް ފުރަންޖެހޭ "ހެލްތު ޑެކަލަރޭޝަން ސެޓްފިކެޓް" ނުވަތަ އެޗް.ޑީ.ސީ ފުރުމުން، ރަތް ކުލަ އަރައިފި ނަމަ، އެ ކުޅުންތެރިޔަކަށަށް ވީސާއެއް ނުލިބެއެވެ. ޓެސްޓްތައް ހަދަންޖެހެނީ ވެސް ޗައިނާ ސަރުކާރުން ގަބޫލްކުރާ ކްލިނިކަކުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކަށް ފެހި ސެޓްފިކެޓެއް ނުލިބެއެވެ. އޭގެ ސަބަބެއް ނޭނގެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދުބާއީގައި ކޭމްޕުކޮށްގެން ތިބި ސީރިޔާ ޓީމުގެ ހަ ކުޅުންތެރިޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ރަތްވެފައެވެ. އެ ކުޅުންތެރިން ނުލާ ޗައިނާއަށް ދާން ސީރިޔާ ޓީމުން ބޭނުންނުވީއެވެ. އަދި މެނީލާގައި ތިބި ފިލިޕީންސް ޓީމުގެ ވެސް ހަ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ޓީމަށް ވެސް ސޫޒޯއަށް ދިއުމުގެ ހުއްދައެއް ނުލިބުނެވެ.

ބައްސާމް ވިދާޅުވީ ގްރޫޕު މެޗުތައް ދުބާއީގައި ވީހާ އަވަހަކަށް ފެށުމަށް އޭ.އެފް.ސީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަށް މާދަމާ ހިސާބުގައި ގޮތެއް ނިމޭނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރާ ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕު އޭގައި ހިމެނޭ ތިން ޓީމު ޗައިނާ އަށް ނުދިޔަ ނަމަވެސް، ގުއާމް ޓީމު ސޫޒޯއަށް ދިއުމުން، މެޗުތައް މިއަދު ވަނީ ފަށައިފައެވެ. ގުއާމާއި ޗައިނާ ވާދަކުރި އެ މެޗު 7-0 އިން ކާމިޔާބުކުރީ ޗައިނާއެވެ.

ދެ ވަނަ ބުރުގައި ގުއާމާއެކު ރާއްޖެ ކުޅެން ޖެހޭ ދެ މެޗު ވެސް 2019 ގައި ވަނީ ކުޅެ ނިމިފައެވެ. މާލެ އަދި ގުއާމުގައި ކުޅުނު އެ ދެ މެޗުން ވެސް ރާއްޖެ ވަނީ މޮޅުވެފައެވެ. އެހެންކަމުން ރާއްޖެ ދެން ވާދަކުރަންޖެހޭނީ ޗައިނާ، ސީރިޔާ އަދި ފިލިޕީންސާއެވެ. މި ޓީމުތަކާއެކު ފުރަތަމަ ބުރުގެ މެޗުތައް ރާއްޖެ ވަނީ ކުޅެފައެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ޗައިނާއާ ވާދަކުރަން އޮތީ އަންނަ މަހުގެ 3 ގައެވެ. ދެ ވަނަ މެޗުގައި ސީރިޔާއާ ބައްދަލުކުރަން ހަމަޖެހިފައި އޮތީ އަންނަ މަހު 7 ގައެވެ. އަދި ފަހު މެޗުގައި ފިލިޕީންސާ ވާދަކުރަން އޮތީ އަންނަ މަހުގެ 15 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *