Support Us

‏ސޫފިޔާނާ ވާހަކަކޮޅެއް

ހިނގަމުން ދިޔަ ހަނގުރާމައަކާ ބެހޭ ޚަބަރައިގެން މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ އަރިއަހަށް މީހަކު އައެވެ. އަދި، އެ ހަނގުރާމައިގައި މުސްލިމުންނަށް ނަސްރު ލިބުނު ކަމުގެ އުފާވެރި ޚަބަރު ދެންނެވިއެވެ.

ދެން އުމަރުގެފާނު އޭނައާ ސުއާލުކުރެއްވިއެވެ. "ހަނގުރާމަ ފެށުނީ ކޮން އިރަކު ހެއްޔެވެ؟ އަދި ހަނގުރާމަ ނިމުނީ ކޮން އިރަކު ހެއްޔެވެ؟"

ޖަވާބުގައި އެމީހާ އުމަރުގެފާނަށް ދެންނެވިއެވެ. "ހަނގުރާމަ ފެށުނީ މައި އިރާއެވެ. ހަނގުރާމަ ނިމުނީ އިރު އޮއްސެނިކޮށެވެ."

ދެން އުމަރުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަމާ ހައިރާންވެ، އެ މީހާ ދެންނެވިއެވެ. ތިމާންނާ މިއައީ އަޅުގަނޑުމެންނަށް ނަސްރު ލިބުނު ކަމުގެ އުފާވެރި ޚަބަރާއިގެން ނޫންތޯއެވެ؟ ދެން، އެ ޚަބަރު އައްސަވާފައި މަނިކުފާނު ކީރިތި ކުރައްވަނީ ކީއްވެތޯއެވެ؟"

ދެން އުމަރުގެފާނު ވިދާޅުވިއެވެ. ނަސްރު ލިބުމަށް ތިހާ ގިނަ ވަގުތު ތި ނެގީ ކަލޭމެން ހަނގުރާމަވެރިންގެ ނޫނީ އަހަރެންގެ ކުށްފާފަތައް ގިނަވުމުންނެވެ. އަހަރުމެންނަށް ނަސްރު ލިބުން އޮންނަނީ ހަމައެކަނި އަހަރުމެންގެ ލަޝްކަރުގެ ވަރުގަދަކަމާއި އަދި، އަހަރުމެންގެ ހަތިޔާރު މޮޅުވުމުގެ މައްޗަކަށް ނޫނެވެ. އަހަރުމެންގެ ކުށްފާފަތަކުގެ މަދުކަމުގެ މައްޗަށް ވެސް މެއެވެ. އަހަރުމެންގެ ނަފްސުގެ ތާހިރުކަމުގެ މައްޗަށް ވެސް މެއެވެ. އަހަރުމެންގެ ކުށްފާފަތަކާއި އަހަރުމެންގެ އަދުއްވުންގެ ކުށްފާފަތައް އެއްވަރުވެއްޖެ ނަމަ، ދެން، ނަސްރުލިބުން ބިނާވެގެން ދާނީ ލަޝްކަރާއި ހަތިޔާރުގެ ބާރުގަދަ ކަމުގެ މައްޗަށެވެ."

އާދެ، ސޫފިޔާނާ މި ވާހަކަކޮޅުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ މި ވާހަކަކޮޅުން ދެކަމެއް ފާހަގަކޮށްލަން ބޭނުންވެއެވެ. ފުރަތަމަ ކަމަކީ ފުރަތަމަ ޖީލުގެ މުސްލިމުންގެ ކިބައިގައި ހުރި ރޫހާނިއްޔަތުގެ ސިފަ ދިރުވުމުގެ އެދުން ބޮޑުކަމެވެ. އަދި، އެކަމަށް އުނިކަމެއް އަތުވެދާނެތީ ހޭލުންތެރިވެ، އެކަމަށް ސަމާލުވެ، ތިބޭ ތިބުމެވެ. އާދެ، އެކަމުގެ ހޭވެރިކަން ނަފްސުގެ ކިބައިގައި ބޮޑުކަމެވެ.

މިވާހަކަކޮޅުން ދެން ފާހަގަކޮށްލަން ބޭނުން ކަންތައް ގުޅެނީ މި ނަންގަތް ފުރަތަމަ ކަމާއެވެ. އެފަދަ ހޭލުންތެރިކަމަކާއި ހޭވެރިކަމެއް ލިބިފައި އޮތުމުން، އެކަން ކުށްފާފަތަކާއި ދުރުވުމަށް ހިއްވަރުދެއެވެ. އަދި، އެ މަސައްކަތުގައި ދެމި ހުރެ، ދުވަހަކުން ދުވަހަކަށް ތިމާގެ ނަފްސު ތާހިރު ކުރުން މަތީ ހުރުމަށް ބާރުއަޅައެވެ. މީހަކު، މިކަން ކުރަމުންދާ ނަމަ، މާތްރަސްކަލާނގެ ނަސްރު އެމީހަކާ އެކުގައި ވާނޭ ކަމުގެ އުފާވެރި ޚަބަރު ވެސް އޮތްކަން މި ވާހަކަ ކޮޅުން ދޭހަވެއެވެ. މިކަމަށް ކީރިތި ގުރުއާނުން ވެސް ބާރުލިބެއެވެ. قد أفلح من زكاها މިއާޔަތުންނެވެ. އާދެ، މިއާޔަތުގައި މުއުމިނާއަށް ބުނެފައި އޮތީ ހަަމަ ކަށަވަރުން ފަލާހު، އެންމެ ފުރިހަމަ ކާމިޔާބު، ލިބެނީ އޭނާގެ ނަފްސު، [ކުށްފާފަތަކާއި ދުރުކުރުވައި އެ ނަފްސު] ތާހިރުކުރާ މީހާއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *