Support Us

މަންމާއެވެ. އަހަންނަށް އެންމެ "ޕީސްކޮޅެއް" ހޯދައިދޭށެވެ.

އެއީ މުސްލިމް ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ދުނިޔޭގައި އޭނާ އެދޭނަމަ އެދޭ އެންމެހާ އުފާތަކާއި އަރާމްތައް މައިންބަފައިން އޭނާއަަށް ހޯދައިދެއެވެ. އެގޮތުން އެ ޒުވާނާއަކީ މުއްސަނދިކަމާއި މުދަލާއި ފައިސާގެ ފުންކަނޑުގައި ފީނަމުން، ގެނބެމުން ދިޔަ ޒުވާނެކެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މި ޒުވާނާއާ ކުރިމަތިލާން ޖެހުނީ ވަރަށް ވަރުގަދަ އިމްތިހާނަކާއެވެ. އެގޮތުން އޭނާ ދިރިއުޅެމުންދާ ގެޔާ ވަރަށް ކައިރީގައި މިސްކިތެއް ހުރެއެވެ. އަދި މިސްކިތްމަގުން ހިނގާބިނގާވެ އުޅުމުގެ ތެރޭގައި މިސްކިތު އިމާމާ ބައްދަލުވެ ދެކެފަރިތަ، ގާތްގުޅުމެއް އުފެދުނެވެ. އެހެންކަމުން ދެމީހުން ދެމެދުގައި ވާހަކަ ދެކެވި ގުޅުން ބަދަހިވެ އިމާމް މީހާ މިޒުވާނާއަށް އިސްލާމްދީނުގެ މަތިވެރި އަޚުލާޤާއި އުޞޫލުތައް ކިޔައިދޭން ފެށިއެވެ. އިސްލާމްދީނުގެ ދަޢުވަތުދީ ޤުރުޢާނުގެ ތިލާވަތު އިއްވަންފެށިއެވެ.

އިސާހިތަކު މިޒުވާނާ ހިތުގައި ހިދާޔަތުގެ ނޫރުގެ ހުޅުކޮޅެއް ދިއްލުނެވެ. އަދި މަޑުމަޑުން އެ އަލިކަން އޭނާ ހިތުގެ އެންމެ ހިމަނާރާ ހަމަޔަށް ފޯރައިފިއެވެ. އެހިނދު މިޒުވާނާ ﷲ ތަޢާލާގެ ވަޖުހަފުޅަށްޓަކައި ދިރިއުޅުމުގެ މުޅިން އާބާބެއްގެ ބިންގާ އެޅިއެވެ. އެގޮތުން މައިންބަފައިންގެ ފަރާތުން ލިބެމުންދިޔަ ދުނިޔެވީ އެންމެހާ އުފާތަކުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބި އިސްކުރިއެވެ. ރެޔާއި ދުވާލު ލަވަޔާއި މިޔުޒިކުގެ އަޑުން ގުގުމާފައި ހުރި ޒުވާނާގެ ކޮޓަރި ހިމޭންވެ ޤުރުއާނުގެ ސާދާ ތިލާވަތުގެ އަޑުން ކޮޓަރިތެރެއަށް އަމާންކަން ދޭން ފަށައިފިއެވެ. އަވަށްޓެރިންނަށް މުޞީބާތަކަށް ވެގެން ދިޔަ ލަވަޔާއި މިއުޒިކުގެ އަޑު އަބަދުގެ އަބަދަށް ކެނޑިއްޖެވެ. ބުރުޞޫރައާއި ފޭރާން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށް ކަރުގައާއި ހަތަރެސްފައިގައި އަޅާފައި ހުރި "ތަކަހޮޅި" ތަކަށް އަލްވަދާޢު ކިޔައިފިއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައި ﷲ ތަޢާލާއަށް އަޅުކަންކޮށް ތަޢުބާވެ އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންފެށިއެވެ.

މާކަ ގިނަދުވަސްތަކެއް ނުވެ ޒުވާނާގެ މައިންބަފައިންނަށް މިކަން ރޭކާލައިފިއެވެ. އަދި ޒުވާނާއަށް އައި މިބަދަލަކީ އެމީހުން ރުހޭ ކަހަލަ ބަދަލަކަށް ނުވިއެވެ. އޭނާގެ ބައްޕަ ބުނާކަމުގައި ވެއެވެ. "އަބަދާއި އަބަދު މިގޭތެރެއިން މި އިވެނީ ކޮން ޤުރުއާނުގެ އަޑެއް ހެއްޔެވެ؟ މީހަކު މަރުވެގެން އުޅެނީ ހެއްޔެވެ؟" އެހެން ކަމުން އެގޮތް ދޫކޮށްލުމަށް އޭނާއަށް ނަޞޭހަތްދޭން ފެށިއެވެ. އެއަށްފަހު ޒުވާނާ އެކަން ދޫކޮށްލާތޯ މަޖުބޫރު ކުރުމުންވެސް ކަމުފޮޅާ ގޮތް ނުވުމުން އެންމެފަހުން ތަޅައި އަނިޔާކުރަންވެސް ފެށިއެވެ. އެހެންނަމަވެސް އެޒުވާނާ ކެތްތެރިކަމާ އެކު ސާބިތުވެ ހުއްޓެވެ. މައިންބަފައިން ފަރާތުން ލިބެމުން ދިޔަ އެންމެހާ ނިއުމަތްތަކުން މަހުރޫމްކުރުމުންވެސް ބަދަލުވާ ގޮތެއް ނުވިއެވެ. ފަޖުރުގެ ވަގުތު ވުމުން މައިންބަފައިންނަށް ގޮވާ ނަމާދު ނުކޮށް ނުނިދުމަށް ނަޞޭހަތްތެރިވެއެވެ. ޒުވާނާގެ މި އަމަލުތަކުގެ ސަބަބުން އޭނާގެ ބައްޕަގެ ރުޅިވެރިކަން އިންތިހާ ދަރަޖައަށް ދިޔައެވެ. އެހެންކަމުން އޭނާ އަށް އިތުރު އަނިޔާތައްދީ ގެއިން ނެރެ ހެދިއެވެ. ނަމަވެސް އެއްވެސް ބަދަލެއް ނައެވެ. މައިންބަފައިން ކަންބޮޑުވެ ހަދާނެ ގޮތް ހުސްވިއެވެ.

ކޮންމެއަކަސް ޒުވާނާގެ މައިންބަފައިން އެގޮތްމިގޮތުން ހޯދި ހޯދުންތަކުން އެޒުވާނާއަށް ދަޢުވަތުދެނީ އިމާމުކަން އެނގިއްޖެއެވެ. އެހެންކަމުން އެޒުވާނާގެ ބައްޕަ އިމާމުމީހާ ގާތަށް ގޮސް އޭނާއާ ދިމާލަށް ބުންޏެވެ. "ކަލޭ މަގޭ ދަރި ހަލާކު ކޮށްފީމުއެވެ." ޖަވާބުގައި އިމާމު ބުންޏެވެ. "އަހަރެން ކަލޭގެ ދަރި ހަލާކުކޮށެއް ނުލަމެވެ. ﷲގެ ހަޟުރަތުން އޭނާއަށް އެވަނީ ތެދުމަގު ލިބިފައެވެ. އަދި މިހާރު އޭނާ އެވަނީ އެވެނި މިވެނި ސޫރަތަކާ ހަމަޔަށް ޤުރުއާން ހިތުދަސްކޮށްފައެވެ. ކަލޭމެން މިކަމާ އުފާކުރާށެވެ." މި ޖަވާބާއެކު އެޒުވާނާގެ ބައްޕަގެ ހިތުގައި އަނދައަނދައި ހުރި ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އެހެން ކަމުން އިމާމާ ދިމާލަށް ފުންމައިގެން ގޮސްފައި ބުންޏެވެ. "ކަލޭ މީގެ ފަހުން މަގޭ ދަރިޔާ އެއްވެސް ގުޅުމެއް ބާއްވައިފިކަން އެނގިއްޖެ ނަމަ އަހަރެން ކަލޭ ކަރުކަނޑާލާނަމެވެ." މިހެން ބުނެފައި އިމާމުގެ މޫނަށް ކަރުކެހިފައި ކުޅެއްޖަހާފައި ހިނގައްޖެއެވެ. ބަދަލުގައި އިމާމް ބުންޏެވެ. ކަލެއަށް ﷲ ހިދާޔަތް ދައްކަވާށިއެވެ.

ދެންފަހެ މި ދެމަފިރިން މިކަންތައް ބޮޑުވެ ރަނގަޅު ހައްލެއް ހޯދުމަށް ވިސްނަންފެށިއެވެ. އެގޮތުން ޒުވާނާގެ ބައްޕަ އޭނާގެ ގާތްތިމާގެ ކުއްޖަކާ މަޝްވަރާކުރުމަށްފަހު އޭނާއާ އެކު އެޒުވާނާ ދުވަސްކޮޅަކަށް ފުރާންސަށް ފޮނުވަން ނިންމައިފިއެވެ. އެކަމުގެ ފަހަތުގައި ވަނީ ކޮންފަދަ ނުބައި ރޭވުމެއް ކަމެއް އެޒުވާނާއަކަށް ރޭކާނުލައެވެ. އެހެންކަމުން ޒުވާނާ މީނާއާ އެކު ފުރާންސަށް ދިޔައެވެ. ދެމީހުން މަޑުކޮށްލުމަށްޓަކައި މި ތިމާގެ ކުއްޖާ ބެލީ ވީހާވެސް ފާހިޝް ކަންތައް ބޮޑު، ނައިޓުކުލަބުތައް ގިނައިން ހުންނަ ހޮޓަލެކެވެ. ޒުވާނާ، އިވެމުން ދިޔަ އަޑުތަކާއި ފެންނަމުންދިޔަ ބަރަހަނާ މަންޒަރުތަކަށް ކެތްތެރިކަމާ އެކު ފުރަގަސްދީ ނޫނެކޭ ބުނަމުން ދިޔައެވެ. ރޭގަނޑުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ތިމާގެ ފިރިހެން ކުއްޖާ ވިސްނިންތެރިކަމާ އެކު މަޑުމަޑުން އެޒުވާނާ މަގުފުރައްދަމުން ދިޔައެވެ. ކުލަބުތަކު މަޖާ ވާހަކަ ދައްކައި ރީތި އަންހެންކުދިން އޭނާ ގާތަށް ގެނެސް ތާރަފްކުރަމުން ދިޔައެވެ. ރަލުގެ މީރުކަމާއި އަރާމުކަން އޭނާއަށް ވިސްނައިދެމުން ދިޔައެވެ. އެކަމުގެ ސަބަބުން ފަހަރަކަށްވުރެ ފަހަރެއް ޒުވާނާގެ ހިތް އުރެދުންތަކާ ދިމާލަށް ލެނބެންފެށިއެވެ.

މައިންބަފައިން ދިޔައީ އެޒުވާނާ "އިސްލާޙް" ކުރުމަށްޓަކައި ފައިސާ އޮއްސަމުންނެވެ. ނަތީޖާއަކަށް ވީ އެޒުވާނާ ކުލަބުތަކަށް ވަންނަމުން ދިޔުމެވެ. ކަސްބީ އަންހެންކުދިންގެ ޖާދޫގައި ޖެހި ނަފްސު ކޮންޓްރޯލް ކުރުމަށް ނުކުޅެދި ޒިނޭކޮށް ރާބޯންފެށުމެވެ. އެނބުރި ކޮޓަރިޔަށް ގޮސް ކުރެވެމުންދިޔަ ކަންތަކާ ހިތާމަކޮށް ރޮއިވެސް ހަދައެވެ. ނަމަވެސް އެކަމުން މިންޖުވާ ވަރަށްވުރެ މާބޮޑަށް ހައްދުފަހަނަޅައި ހިނގައްޖެއެވެ. އެންމެފަހުން މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައްވެސް ބޭނުންކުރަން ފަށައިފިއެވެ. ނަމާދާއި އެހެނިހެން އަޅުކަންތައް ހަނދުމަނެތި ގޮސް ތާއަބަދު ބިތްޖެހިފައި ކުލަބުތަކުގައި އިންނަން ފަށައިފިއެވެ. މި ހިސާބަށް ކަންތައް ދިޔުމުން އޭނާގެ ތިމާގެ ކުއްޖާ ޒުވާނާގެ މައިންބަފައިންނަށް ޚަބަރުކޮށްފިއެވެ. "މިހާރު ހުރިހާ ކަމެއްވެސް ރަނގަޅެވެ. އެނބުރި ޤައުމަށް ދާންވީއެވެ." ނަމަވެސް އެޒުވާނާ ގާތުގައި ޤައުމަށް އެނބުރި ދާވާހަކަ ބުނުމުން އޭނާ ބުނެއެވެ. "އަހަރެންގެ ޤަޢުމެއް ގެދޮރެއް މައިންބަފައިންނެއް ޢާއިލާ މީހެއް ނުހުރެއެވެ. އަހަރެންގެ ގެދޮރަކީވެސް މިއެވެ. ކާނާއަކީ ވެސް މިއެވެ. އަހަރެން ނުދާނަމެވެ."

ކޮންމެއަކަސް ވަރަށް މަސައްކަތުން އެޒުވާނާ އެނބުރި ޤައުމަށް ދިޔައެވެ. މަރުޙަބާ ކިޔުމަށްޓަކައި މައިންބަފައިން އުފަލުންފޮޅިފައި ތިބެ އެއަރޕޯޓަށް ދިޔައެވެ. ނަމަވެސް ޒުވާނާ ފެނުމާ އެކު މައިންބަފައިންނަށް ލިބުނީ ސިހުމެކެވެ. ދަރިފުޅުގެ ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނިފައެވެ. އުޖާލާކަން ގެއްލި އަނދިރިވެފައިވާ މޫނު ފެނިފައެވެ. މަސްތުވެފައިވާ ހާލުގައި ހުރެ އެންމެ ފުރަތަމަވެސް މަންމަ ގައިގައި އޮޅުލައިގެންފައި ބުންޏެވެ. "މަންމާއެވެ. މަށަށް އެންމެ ޕީސްކޮޅެއް ހޯދައިދޭށެވެ. އަހަރެން މިހުރީ ވަރަށް 'ސިކު’ވެފައެވެ."

މަސްތުގެ ވަބާގައި ޖެހި ބަނގުރޫޓުވެފައިވާ އެޒުވާނާ ފެނުމުން މައިންބަފައިން ފެންކަޅިވެފައި ތިއްބެވެ. ގެޔަށް އެނބުރި ދިޔުމަށްފަހު އެޒުވާނާގެ ކަމަކީ މައިންބަފައިން އަތުން ލާރި ހޯދައިގެން މަސްތުވުމެވެ. ތާއަބަދު ހުންނަނީ މަސްތުގެ ހާލަތުގައެވެ. އެކަން ކުރުމަށް ލާރިނުދީފި ނަމަ މައިންބަފައިންނާ އަރައިރުންވެ ލާރި ވަގަށްވެސް ނަގަން ފަށައިފިއެވެ.

ކޮންމެއަކަސް ބިރުވެރިކަން އިންތިހާއަށް ދިޔުމުން މިޒުވާނާގެ ބައްޕަ ގޮތްހުސްވެ އިމާމްގެ މަތިން ހަނދާންވިއެވެ. އަދި އަވަހަށް ގޮސް އިމާމާ ބައްދަލުކުރިއެވެ. އިމާމު ގާތުގައި ގިސްލަގިސްލާފައި ރޮއި އާދޭސް ކުރިއެވެ. "ހެޔޮނުވާނެއެވެ. އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދޭށެވެ. މަސްތުވާތަކެތީގެ ވަބާއިން އެނާ ސަލާމަތްކޮށް ހެޔޮލަފާ މީހަކަށް ހަދައިދޭށެވެ."

އެހިނދު ޖަވާބުގައި އިމާމު ބުންޏެވެ. "ތިބާގެ ދަރި އިސްލާހުކުރުމުގެ ބާރު ލިބިގެންވަނީ އަހަންނަކަށް ނޫނެވެ. އެކަމަކު ﷲ އަށެވެ. ތިބާ ﷲ އަށް ތަޢުބާވެ އެއިލާހުގެ ހަޟުރަހުން މަދަދަށް އެދޭށެވެ. އެކަލާނގެ އެދިވޮޑިގެންފި ނަމަ ތިބާ ތިޔަ މުޞީބާތުން މިންޖުކުރައްވަފާނެއެވެ."

މި ހާދިސާއަށް ފަހު އިމާމު ބުނެފައިވެއެވެ. "ﷲ ގަންދީ ބުނަމެވެ. އޭގެ ދެހަފްތާ ފަހުން އެޒުވާނާގެ މަންމައާއި ބައްޕަގެ ސަންދޯއް މި މިސްކިތަށް ޖަނާޒާއަށް ގެނެވުނެވެ. ޚަބަރު ބެލިއިރު އެ ޒުވާނާއަށް މަސްތުވާތަކެތި ގަތުމަށް ފައިސާ ނުދީގެން އޭނާ ރުޅިގަދަވެ ވަޅިން ހަމަލާދީ އެ ދެމީހުން މަރާލީއެވެ." އަދި އެ ދެ މީހުންނަށް އެ ޒުވާނާ ބުނިކަމުގައި ވެއެވެ. "ކަލޭމެން ދެމީހުންނަށް މިއަދަބު ހައްޤުވެގެން ވެއެވެ. ކަލޭމެންނީ އަހަރެންގެ ދުނިޔެއާއި އާޚިރަތް ބަރުބާދުކޮށްލި މީހުންނެވެ. އަހަންނަކީ މިހާރު ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ ބޭކާރު މީހެކެވެ."

އަސްތަޣުފިރުﷲ އެވެ. ކޮންފަދަ ނުބައި ނިމުމެއްތޯއެވެ؟ އަޅުގަނޑުގެ ދުޢާއަކީ މިފަދަ އެންމެހާ ނުބައި ކަންތަކާއި މަގުފުރެދުންތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން ރައްކާތެރިކުރައްވައި ސަލާމަތްކުރައްވާށިއެވެ. އާމީން

މަސްދަރު: އަލް ޤަސަސް 1

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *