Support Us

އިންޑިޔާގެ ކޮންސަލޭޓެއްގެ ވާހަކަ

މިއީ ވަރަށް ވެސް ހައްސާސީ ވާހަކައަކަށް ވެދާނެއެވެ. މީހުންގެ ހިއްސުތަކާ ކުޅެލައި ޖަޒުބާތުތައް ހިލުވާލަފާނެތީއެވެ. އެއްކޮޅުން، އެއްބަޔަކު މިއީ އެންމެ ރަނގަޅު ކަމެއް ކަމުގައި ބުނެފާނެއެވެ. އަނެއް ކޮޅުން އެކަން ނުރަނގަޅުކޮށް، އަނެއް ބަޔަކު، އެކަން ކުރި ބަޔަކު ކުށްވެރި ވެސް ކޮށްފާނެއެވެ. މިއީ މައްސަލައަކަށް ވާކަށް ނުޖެހެއެވެ. ކޮންމެ ބަޔަކަށް ވެސް، ކޮންމެ މީހަކަށް ވެސް، އެ ބަޔަކު، އެމީހަކު ބޭނުންވާ ކޮޅު ނަގައިގެން ވާހަކަދެއްކެންވާނެއެވެ. އެހެން ނަމަވެސް، އެދެވިގެންވަނީ ހުރިހާ މައްސަލައަކާ ދޭތެރޭ ވެސް މައުޟޫއީ ސިފައެއްގައި ބުނާއެއްޗެއް ބުނުމެވެ. ބަހުސްކުރެވޭ މައުޟޫއުގެ މައްޗަށް ބަލައި، ސިޔާސީ ކުލަތަކާއި ޒާތީ މަސްލަހަތު ފަދަ އެހެން ހުރިހާ ކަންކަމުން އެއްކިބާވެ ހުރެ، ބަހުސްކުރެވޭ މައްސަލައިގެ މައްޗަށް ވިސްނާފައި، އެމީހަކަށް ފެންނަ ގޮތެއް ނިންމައި އެމީހަކު ބޭނުން ކޮޅެއް ނެގުމެވެ.

މައްސަލައަކީ ހެއްޔެވެ؟ މިހާރު ބައެއް ދިވެހި ނޫސްތަކުގެ މައި ސުރުޚީތަކުގެ ތެރޭގައި އަޅާލެވިފައިވާ ސުރުޚީއަކާ ގުޅޭ މައްސަލައެކެވެ. އާދެ، އައްޑޫގައި އިންޑިޔާގެ ކޮންސަލޭޓެއް ހުޅުވާ ވާހަކައެވެ. މި ޚަބަރުގެ ވާހަކަ ލިޔެފައި ހަވާލާދީފައި އޮތީ އިންޑިޔާގެ 'އޮރިއްސާ ޑައެރީ' މި ނޫހާއެވެ.

މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ވަރަށް ގިނަ ފަހަރު، ރާއްޖެއާއި އިންޑިޔާއާ ބެހޭ ބައެއް ކަހަލަ ގުޅުންތަކުގެ ޚަބަރުތައް އެނގެނީ އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށެވެ. ރާއްޖޭ ކަމާ ބެހޭ ރަސްމީ ފަރާތްތަކަކުން ނޫނެވެ. މިފަދަ ޚަބަރުތައް ފެންމަތިވުމުން، އާންމު ގޮތެއްގައި، ރާއްޖޭގެ ރަސްމީ ފަރާތްތަކުން އެކަމަށް، އެންމެ ފުރަތަމަ ކުރަނީ އިންކާރެވެ. ދެން، ދުވަސްކޮޅެއް ފަހުން، އެކަން އެއީ ހަގީގަތެއް ކަމަށް، ފާޑަކަށް، އެއްބަސް ވެއެވެ. އަދި، އެކަމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެ، ދައުވާކޮށް، އެކަން ދިފާއުކުރެއެވެ. ނަމަވެސް، ގިނަ ފަހަރަށް މިގޮތަށް ދިފާއުކުރަން ތިބެނީ ކުރިން އެކަން އިންކާރުކުރި ވެރިންނެއް ނޫނެވެ. އެކަން ދޫކޮށްލެވެނީ އެހެން ބަޔަކަށެވެ. ސަރުކާރުގެ ދެވަނަ ސަފުގައި ތިބޭ ވެރިންނަށެވެ. އަދި ސަރުކާރުގެ ރައުޔު ދިފާކުރަން ހަމަޖެހިފައި އޮންނަ ނޫސްތަކާއި މަގުމަތީ ހަރަކާތްތެރިންނަށެވެ.

މީގެ އެންމެ ރަނގަޅު އެއް މިސާލަކީ ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ހަދައި، އިންޑިޔާގެ ސިފައިން ބޭތިއްބުމުގެ މައްސަލައެވެ. އިންޑިޔާގެ ބައެއް ނޫސްތަކުގައި މިކަން އޮތީ މިހެން ކަމަށް އިޝާރަތްކޮށް ވާހަކަ ދައްކަމުން ދިޔަ އިރު ވެސް، އެކަންތައް ދެން އިތުރަށް އިންކާރު ނުކުރެވޭ ދަރަޖައަށް ހާމަވެ ފާޅުވުމަށް ދަންދެން، ރާއްޖޭގެ ރަސްމީ ފަރާތްތަކުން ދިޔައީ އެއީ ހަގީގަތެއް ނޫންކަމަށް ބުނަމުންނެވެ. ނަމަވެސް އެކަމަށް ރާއްޖޭ އާންމު ރައުޔު ދިޔައީ ތައްޔާރުކުރަމުންނެވެ. 'ރާއްޖެ އޮތީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައޭ ގޮވާ ގޮވެލި ގޮވަމުންނެވެ.' (މި ދަރަނިތަކުގެ ހަގީގަތާއި ބެހޭ މުހިއްމު ލިޔުމެއް: (https://edition.cnn.com/…/maldives-india…/index.html)

އެންމެ ފަހުން، އެކަން އިންކާރު ނުކުރެވޭނޭ ހިސާބަށް ދިޔުމުން، އެއީ އެންމެ ރަނގަޅު ކަމެކޭ ރާއްޖޭގެ ބައެއް އިސްވެރިން ބުންޏެވެ. ދެން ވެސް، އަނެއް ބަޔަކު އެކަމަށް ދިޔައީ ހުއްޓާނުލައި އިންކާރަމުންނެވެ! މިއީ ގަސްދުގައި އޮޅުވާލައި އާންމު ރައްޔިތުންނަށް ހަގީގަތް ސާފުވެ ދިޔުމަށް ހުރަސް އެޅުމަށް ކުރެވޭ ކަމެކެވެ. އިޒުރޭލުގެ ނިޔުކިލަރު ހަތިޔާރު އޮތްތޯ ނެތްތޯ އިޒުރޭލުން ސީދާ އެއްބަސް ނުވެ، ނަމަވެސް އެކަމަށް މާ ބޮޑު އިންކާރުތަކެއް ނުކޮށް އޮންނަ ގޮތަށެވެ! އާދެ، މިއީ ރާއްޖެއަށް ތައާރުފުވި ޒަމާނީ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ޒަމާނީ ގޮތެވެ. އޮޅުވާލުމާއި މަކަރު ހެދުމެވެ. ގައުމީ މަސްލަހަތަކީ ޕާޓީތަކުގެ އިސްކޮށް ތިބޭ ދެތިން މީހަކު، އެމީހުންގެ ހިތަށް ފެންނަ ގޮތަކަށް، އެމީހުންގެ އަމިއްލަ ޒާތީ މަސްލަހަތު ނިޔާކުރާ ގޮތަކަށް ކަނޑައަޅާލުމެވެ. ރާއްޖެއަށް، ތައާރަފުކުރެވުނު މި ޑިމޮކުރަސީގެ އުސޫލުތަކުގެ ރައްޔިތުން ބޭނުންވަނީ ކިހިނެއް ކަމެއް ބެލުމެއް ނެތް ކަހަލައެވެ. ރަނގަޅު ގޮތް އެނގޭނީ އެކަކަށެވެ. ދެން އެންމެން ޖެހޭނީ އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާށެވެ! އާދެ، ރާއްޖެއަށް ތައާރުފުކުރެވުނީ ފިރުއަނުގެ ޑިމޮކުރަސީތާއެވެ! ފިރުއަނުވެސް ބުނަމުން އައީ އަހަންނަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް، ކަލޭމެންނަށް ބުނެ، އިއްވައި، ދައްކާކަށް، އަހަންނެއް ނޫޅެމެވެ. އެހެނީ ހިކުމަތާއި މޮޅުކަން އެކުލެވިގެންވަނީ ހަމައެކަނި، އަހަންނަށް ފެންނަ، އަދި އަހަރެން ދައްކާ ގޮތުގައެވެ.' އާދެ! އޭނާއަށް ފެންނަގޮތް ނޫން ގޮތެއް އޭނާގެ ގައުމުގެ މީހުންނަށް ނެތްކަމާއި ހުރިހާ މޮޅަކާއި ހިކުމަތެއް އޮތީ އެ ގޮތުގައިކަން ފިރުއައުނު ބުންޏެވެ. އަޅުގަނޑުމެންނަށް ވެސް މި އޮތީ ފިރުއަނުގެ ޑިމޮކުރަސީއެއްތާއެވެ! ރަނގަޅު ގޮތް ބުނަން އެނގެނީ، އަދި ރަނގަޅު މަގުދެއްކުމުގެ ހައްގު އޮތީ ޕާޓީގެ އިސްވެރިޔާގެ އަތުގައެވެ. އެއީ ހަމައެކަނި އޭނާއަށް ލިބިފައިވާ ބާރަކާއި އިޚްތިޔާރެކެވެ! ރައްޔިތުންނަށް އޮންނަނީ ހަމައެކަނި ވޯޓު ދިނުމެވެ. އެ ހިސާބުން ރައްޔިތުންނަށް އޮންނަ ޑިމޮކުރަސީ ނިމެއެވެ!!

ކޮންމެ އަކަސް، އިންޑިޔާގެ އޮރިއްސާޑައަރީގައި ޝާއިއުކުރެވުނު ކޮންސަލޭޓުގެ ޚަބަރާ ހަވާލާދީ، ނޫސްތައް ބުނާ ގޮތުގައި، އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ރާއްޖޭގައި ކޮންސަލޭޓެއް ހުޅުވުމަށް ހުއްދަދީ އެކަން ނިންމައިފައި ވެއެވެ. މިއީ އޭގެ ޒާތުގައި މައްސަލައަކަށް ނުވެ ހިނގައިދާނެއެވެ. ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ގައުމުތަކުގައި ހުޅުވޭތާއެވެ. ރާއްޖޭގެ އެމްބަސީތަކާއި ކޮންސަލޭޓުތައް ވެސް އެހެން ގައުމުތަކުގައި ވެސް ހުޅުވިފައި އެބަ ހުރިތާއެވެ. ނަމަވެސް މިކަން މައްސަލައަކަށް ވެދާނޭ ކަންތައްތަކެއް ހުރުމުން، އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލަން ގަސްދުކުރަމެވެ.

ފުރަތަމަ ކަމަކީ ކޮންސަލޭޓެއް ހުޅުވޭނީ އެކަމަށް ބޭނުމެއް އޮވެގެން ކަމެވެ. އެ ބޭނުން ގުޅިފައި އޮންނަނީ ކޮންސަލޭޓު ހުޅުވަން ބޭނުންވާ ގައުމުގެ ގިނަ އަދަދެއްގެ މީހުން، ކޮންސަލޭޓު ހުޅުވޭ ރަށުގައި އުޅުމެވެ. ނުވަތަ އުޅެން ހަމަޖެހިފައި އޮތުމެވެ. މީގެ މާނައަކީ، އައްޑޫގައި އިންޑިޔާގެ ކޮންސަލޭޓެއް ހުޅުވޭނީ އައްޑޫގައި ގިނަ އަދަދަކަށް އިންޑިޔާގެ މީހުން އުޅޭތީ ނުވަތަ އުޅެން ހަމަޖެހިފައި އޮތީމަތާއެވެ. މިއީ ވެސް މައްސަލައަކަށް ނުވެ ހިނގައިދާނެއެވެ. ރާއްޖޭގެ ކޮންސަލޭޓެއް ވެސް ޓްރިވެންޑުރަމުގައި ހުރޭތާއެވެ. ގިނަ އަދަދެއްގެ ދިވެހިން އެތަނުގައި އުޅޭތީ އެ މީހުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ދިނުމަށްޓަކައެވެ. ބޭސްފަރުވާއަށާއި އަދި ކިޔެވުމަށްޓަކައި އެ ރަށުގައި ވަގުތީ ގޮތުން ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށެވެ.

އައްޑޫގައި އިންޑިއާ އިން ބިނާކުރާ ޕޮލިސް އެކަޑަމީ

ދެން އުފެދޭ ސުއާލަކީ އައްޑޫގައި އެފަދަ ޚިދުމަތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އިންޑިޔާ މީހުން އުޅެނީ ނުވަތަ އުޅެން ހަމަޖެހިފައި އޮތީ ކީއްކުރަން ބާވައެވެ. ކިޔަވަން ބާވައެވެ؟ ސިއްހީ ޚިދުމަތް ހޯދަން ބާވައެވެ؟ އެކިއެކި ވަޒީފާތަކުގައި ބާވައެވެ؟ ނުވަތަ، އެއްބަޔަކު ކިޔާ، ޕޮލިސް އެކެޑަމީ ނޫނީ އަނެއް ބަޔަކު ދެކޭ ގޮތުގައި، އިންޑިޔާގެ އަސްކަރީ މަރުކަޒުގައި އުޅެން ހަމަޖެހިފައި ތިބި މީހުންގެ ޚިދުމަތުގައި ބާވައެވެ؟ ކޮންމެ އަކަސް ކޮންސަލޭޓު ހުޅުވޭނީ އެކަމަށް ބޭނުމެއް އޮތީމައެވެ!

އޮރިއްސާޑައެރީގައި އޮތް ޚަބަރު ކިޔާލުމުން ދޭހަވަނީ، އަސާސީ ގޮތެއްގައި، އާދެ، އަސާސީ ގޮތެއްގައި، މިކަން ގުޅެނީ ސަރަހައްދީ ސަލާމަތާކަމެވެ. މާނައަކީ މިއީ ރާއްޖެ އޮތް ސަރަހައްދު، އިންޑިޔާގެ އަސްކަރީ ބާރުގެ ދަށުގައި ބޭއްވުމުގެ މަސައްކަތާ ގުޅިފައިވާ ކަމެއް ކަމެވެ. މި ކޮންސަލޭޓު ހުޅުވުމުގެ ދެވަނަ ބޭނުމެއްގެ ގޮތުގައި އޮރިއްސާ ޑައިރީގައި ލިޔެވިފައި އޮތީ އިންޑިޔާގެ ކުންފުނިތަކަށް އައްޑޫގައި ވިޔަފާރިކުރުމުގެ މަގު ފަހިކޮށްދިނުމެވެ. މާނައަކީ އައްޑޫއަކީ އިންޑިޔާގެ މުދާ ބާޒާރުކުރެވޭ މާރުކޭޓަކަށް ހެދުމެވެ. ތިންވަނަ ކަމެއް ގޮތުގައި ފާހަގަކުރެވިފައި އޮތީ ތަނުގެ، އާދެ، އައްޑޫގެ އުފެއްދުންތެރިކަމާއި ވިޔަފާރިތައް ދިރުވުމެވެ.

އިންޑިޔާގެ ކޮންސަލޭޓެއް އައްޑޫގައި ހުޅުވައި، މަތީގައި ނަންގަނެވުނު މަގުސަދުތައް ހާސިލުކުރުމަށްޓަކައި ބާރުއަޅައިދޭ ކަންކަން ހުރިކަން ވެސް އޮރިއްސާ ޑައެރީގައި ފާހަގަކޮށްފައި ވެއެވެ. ދުވަސްވީ އެކުވެރިކަމާއި ވިޔަފާރިއާއި ސިއްހީ އަދި މީގެ އިތުރުން ބަހަވީ ގުޅުމެއް ވެސް، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް ހައިރާންވަނީ، މި ގާތް ގުޅުމުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު ގާތް ދީނީ ގުޅުމެއް ވެސް އޮތް ވާހަކަ އޮރިއްސާޑައެރީގައި ލިޔެވިފައި އޮތުމެވެ! ދެން އުފެދޭ ސުއާލަކީ ވުޖޫދުގައި އޮތް ގުޅުމެއްގެ ތެރެއަށް ވުޖޫދުގައި ނެތް ގުޅުމެއްގެ ވާހަކަ ގެނައުމުގެ މާނައަކީ ކޮބާ ހެއްޔެވެ؟ ބޭނުމަކީ ހަގީގަތުގައި ވެސް ގުޅުންތަކެއް އޮތް ވާހަކަ ބުނުން ބާވައެވެ؟ ނޫން ނަމަ، ތިމާމެން ކުރަން ބޭނުންވި ކަމެއް ކުރުމުގެ ހަގީގީ މަގުސަދު ފޮރުވަން ވެގެން، ލިޔާ އެއްޗެއްގެ މައްޗަށް މާ ބޮޑަށް ވިސްނައިނުލައި އޭތި މީތި ކިޔުން ބާވައެވެ؟

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ދީނީ ގޮތުން ބަލާއިރު ރާއްޖެއާއި އިންޑިޔާއާ ދެމެދު މާ ބޮޑު ގުޅުމެއް ނެތެވެ! ރާއްޖެއަކީ މުސްލިމު ބޮޑު އަޚުލަބިއްޔަތެއް އޮތް ތަނަކަށް ވެފައި އިންޑިޔާއަކީ ބޮޑު ހިންދީ އަޣުލަބިއްޔަތެއް އޮތް ތަނަކަށްވާތީއެވެ. މީގެ އިތުރުން، އިންޑިޔާގައި މިވަގުތު ވެރިކަން ކުރާ ބީ.ޖޭ.ޕީ. ޕާޓީއަކީ ހަރުކަށި ކަނާތުފިޔައިގެ ހިންދީ ދީނީ ގައުމީ ޕާޓީއަކަށްވެ، މުސްލިމުންނާ ފާޅުގައި އިދިކޮޅު ހަދާ ބަޔަކަށްވާތީ ވެސް މެއެވެ. މި އިދިކޮޅުވުން ތިން ގޮތަކަށް މިހާރު ވެސް ފެނިގެން ދެއެވެ. އިންޑިޔާގެ ކަޝްމީރުގައި މުސްލިމުންނާ އިދިކޮޅަށް ހިންގާ އަނިޔާވެރި، ލާއިންސާނީ ހަރަކާތްތަކެވެ. ހައްގަކާއި ނުލައި މީހުންނަށް އަނިޔާކުރުމާއި މީހުން މެރުމެވެ. މީހުން ބަންދުކުރުމެވެ.

ދެވަނަ ކަމަކީ އިންޑިޔާގެ މުސްލިމުންނާ ދޭތެރޭ އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކެވެ. އެކި އެކި ހައްގުތަކުން މުސްލިމުން މަހުރޫމުކުރުމެވެ. މުސްލިމުން އަތުން ތަކެތި ނުގަތުމަށެވެ.

ދާދި ފަހުންވެސް، އިންޑިޔާގެ ގާނޫނީ އިދާރާތަކުގެ ނިންމުންތަކާ ދެކޮޅަށް، ސަތޭކަ އަހަރުވެފައި ހުރި މިސްކިތެއް ތަޅާލިއެވެ. އިންޑިޔާގެ ބޮޑެތި ސިޔާސީވެރިން މުސްލިމުން ނެތިކޮށްލުމަށް ގޮވާ ގޮވުންތަކެވެ. (މިކަން ކުރެވެނީ ފާޅުގައިކަމުން، ބޭނުން މީހަކަށް މިގޮވާ ގޮވުންތަކުގެ ވީޑިޔޯތައް ފެނިދާނެއެވެ.) މި މިސްކިތް ތަޅާލުން ރަމްޒުކޮށްދެނީ އިންޑިޔާގެ ހިންދީންގެ ދީންވެރި ކަމެއް ނޫނެވެ. ނުވަތަ އިންޑިޔާގެ އާންމު ހިންދީން އެހެން ދީންތަކާ އަދާވާތްތެރިވާ ވާހަކައެއް ވެސް ނޫނެވެ. ހިންދީ ދީނަކީވެސް އެހެން ދީންތަކުގެ މީހުންނަށް އެމީހުންގެ ދީނަށް އުޅުމުގެ މިނިވަންކަންދޭ ދީނެކެވެ. ނަމަވެސް، އެކަން ރަމްޒުކޮށްދެނީ ހިންދީ ކަނާތުފިޔައިގެ ހައްދުފަހަނާއަޅާފައި ތިބި ބައެއްގެ ގައުމިއްޔަތު ނިޔާކުރާ ގޮތެކެވެ. އިންޑިޔާގައި މިހާރު ގާއިމުވެފައި އޮތް ސަރުކާރު، އިސްލާމް ދީނާ ދެކޮޅުކަމާއި އަދި އެކަން، ބޭނުންކޮށްގެން އާންމުންގެ ތާއީދު ހޯދަން އުޅޭ ކަމެވެ. ކޮވިޑުގެ ވަބާގައި ރަނގަޅު ކަންތައްތަކެއް ނުކުރެވި، އިންޑިޔާގެ ސަރުކާރު ބަދުނާމުވަމުންދާ ވަގުތެއްގައި ތާއީދު ހޯދަން ކުރެވެން އޮތް އެއް ކަމަކީ މިއީ ކަމަށްވާތީއެވެ! ތިންވަނަ ކަމަކީ އިންޑިޔާގެ މަލިކުގައި މުސްލިމުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކެވެ. މަލިކުގައި އޮތް ބޮޑު މުސްލިމު އަޚުލަބިއްޔަތު ބަދަލުކޮށް، ކުރިމަގުގައި އެތަނަކީ ވެސް ހިންދީ އަޣުލަބިއްޔަތެއް އޮތް ތަނަކަށް ހަދާލުމުގެ ނިޔަތުގައެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިކަމާ ބެހޭ ގޮތުން، އައްޑޫގައި އިންޑިޔާގެ ކޮންސަލޭޓެއް ހުޅުވުމާ ބެހޭ ގޮތުން، ދިވެހި ގައުމުގެ އެންމެ އިސްވެރިޔާގެ ބަސްފުޅެވެ. އެކަމަކީ އެ މަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމެއްކަމާއި، އިންޑިޔާއިން އެ ނިންމުން ނިންމުމަކީ ރާއްޖެއާ ބެހޭ ކަމެއް ނޫންކަން ދޭހަވާ ގޮތަށް ވިދާޅުވި ބަސްފުޅެވެ. ބޭރު ގައުމަކުން އެހެން ގައުމެއްގައި ކޮންސަލޭޓެއް ހުޅުވުމުގެ އިއުލާނެއް ކުރާނީ ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ދެއްކުމަށް ފަހުގައިތާއެވެ. ދެގައުމުގެ ދެމެދުގައި ކަމާ ބެހޭ ވާހަކަ ދައްކަން ނުޖެހޭނީ އެއް ގައުމެއްގެ ބާރުގެ ދަށުގައި އަނެއް ގައުމު އޮތީމަތާއެވެ. މިސާލަކަށް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އިންޑިޔާ އޮތް އިރު، އިންޑިޔާގައި އިނގިރޭސިން ކުރަން ބޭނުން ކަމަކާ މެދު، އިންޑިޔާއާ މަޝްވަރާކުރާކަށް ނުޖެހޭނެތާއެވެ! އެކަން ކުރެވެން ނުވެސް އޮންނާނެތީއެވެ. އެހެންވެ، ވެރިޔާ އެ ވިދާޅުވަނީ އަނެއްކާ ރާއްޖެ އޮތީ އިންޑިޔާގެ ދަށުގައި ކަމާ، އެހެންވެ، އެފަދަ ނިންމުންތަކަކީ އިންޑިޔާގެ އެކަނި ކަމެއް ކަމުގެ ވާހަކަ ބާވައެވެ؟ އެހެން ނޫން ނަމަ، މި ފަދަ ކޮންސަލޭޓުތައް ރާއްޖޭގައި ހުޅުވުމުގެ މިނިވަންކަން، ރާއްޖެއާ އެއްވެސް މަޝްވަރާކުރުމެއް ނެތި، އިންޑިޔާއަށް ލިބިގެންވާ ވާހަކަ ވިދާޅުވެފާނެ ބާވައެވެ!

ނަމަވެސް، މި ވާހަކައާ ފުށުއަރާ އެހެން ވާހަކަތަކެއް ވެސް ނޫސްތަކުގައި ލިޔެވި ޝާއިއުކުރެވިފައި އެބަ އޮތެވެ. މިކަމަކީ ކުރިއްސުރެން ދިވެހި ސަރުކާރާ މަޝްވަރާކުރެވި، އަދި ރާއްޖެއިން ވެސް އެކަމާ އެއްބަސްވުމުން، އިންޑިޔާއިން ނިންމި ނިންމުމެއް ކަމެވެ. އާދެ، ރާއްޖޭގެ ޚާރިޖިއްޔާގެ ފަރާތުން މިކަމުގެ މަޝްވަރާކޮށް މިކަން ކުރުމަށް ނިންމާފައިވާކަމެވެ.

ދެން އުފެދޭ ސުއާލަކީ ވެރިޔާ އެ ވިދާޅުވި ބަސްފުޅު ވިދާޅުވީ ކީއްވެ ބާވައެވެ! ވެރިޔާއަށް ނޭނގި ސަރުކާރުގެ އިދާރާތަކުން ކަންތައްތައް ކުރަމުން ގެންދާ ވާހަކަ ބާވައެވެ؟ ނޫނީ ވެރިޔާ ހަނދުމަފުޅަށް މައްސަލައެއް ދިމާވީ ބާވައެވެ؟ ވެރިޔާގެ ސަރުކާރުގެ އިދާރާއަކުން ކުރިކަމެއް ވެރިޔާ ހަނދުމަފުޅުނެތުނީ ބާވައެވެ؟ ނޫނީ ކަމެއް ފޮރުވަން އުޅުއްވުމުން ގަސްދަކައި ނުލައި ވިދާޅުވެވުނު ވާހަކައެއް ބާވައެވެ؟ ކުރިން އިޝާރަތްކޮށްލި ފަދައިން އިންޑިޔާގެ ސިފައިން ނުތިބޭނޭ ވާހަކަ ދެއްކެވުނު ފަދައިންނެވެ.

ނަމަވެސް، ކޮންސިލޭޓެއް ހުޅުވުމަކީ އެހާ ސިއްރު ކުރަން ޖެހޭނޭ ކަމެއް ބާވައެވެ؟ އެއީ އޭގެ ޒާތުގައި އެއްވެސް މައްސަލައަކަށް ނުވާއިރު، އެކަން ފޮރުވަން އުޅެން ޖެހިދާނެ ބާވައެވެ؟ އަނެއްކާ އެކަން ވެސް، އެ ބުނާ އިންޑިޔާގެ ސިފައިންނާ ގުޅޭ ކަމަކަށް ވަނީ ބާވައެވެ؟ ބައެއް ބުނުންތައް ބުނާ ގޮތުގައި ކޮންސަލޭޓުގެ ބޭނުމަކީ އިންޑިޔާގެ އެ ބުނާ ޕޮލިސް އެކަޑަމީ ނުވަތަ އަސްކަރީ މަރުކަޒުގައި ތިބޭ އިންޑިޔާ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި ހުޅުވޭ އިދާރާއެކެވެ. ކޮންމެ އަކަސް މިއީ މުއުތަބަރު ވާހަކައަކަށް ނުވެއެވެ. ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ. ޔަގީންވާ ކަމަކީ އިންޑިޔާގެ ކޮންސަލޭޓެއް ހުޅުވާނީ އިންޑިޔާގެ މީހުންނަށް ޚިދުމަތް ދިނުމަށެވެ. އެފަދަ ޚިދުމަތަކަށް ބޭނުންވާ އިންޑިޔާގެ ޖަމާއަތެއް މިވަގުތު އައްޑޫއަކު ނެތެވެ! އިންޑިޔާގެ އެ ފަދަ ޖަމާއަތެއް ކިޔަވަން ނޫނީ ސިއްހީ ބޭނުމެއް ޖެހިގެން އައްޑޫއަށް ހިނގައިދާނެ ބާވައެވެ؟ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ވަންޏާ، އެފަދަ ޖަމާއަތެއް އައުން ގާތީ އެބުނާ ފުލުހުން ތަމްރީނުކުރާ ނުވަތަ އިންޑިޔާގެ އަސްކަރީ މަރުކަޒު ހިންގުމަށްޓަކައިތާއެވެ! އެހެންވެ، ބޮޑަށް ލަފާކުރެވެނީ ކޮންސަލޭޓެއް ހުޅުވެނީ، އަސާސީ ގޮތެއްގައި، އައްޑޫ މީހުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަކަށް ނޫންކަމެވެ. އަސާސީ ގޮތެއްގައި އެކަން ގުޅެނީ އައްޑޫގައި ގާއުމުވެގެންދާނޭ އިންޑިޔާގެ އަސްކަރީ މަރުކަޒުގައި މަސައްކަތްކުރަން ތިބޭ އިންޑިޔާގެ އަސްކަރީ މީހުންނަށް ޚިދުމަތް ދިނުމާއެވެ.

ދެން އޮތީ މި ޚަބަރުގެ ރައްދު ފިއުލުގެ ވާހަކައެވެ. މި ކަމާ ބެހޭ ގޮތުން ޚާއްސުންނާއި އާންމުން ދެކޭ ގޮތުގެ ވާހަކައެވެ. މީގެ އެންމެ އަޅައިގަންނަ ކަމަކީ މިކަމަކީ ނިންމިފައި ނެތް ކަމެކޭ ގައުމުގެ ވެރިޔާ ވިދާޅުވަމުންދާ އިރު، ބައެއް ޚާއްސުންނާއި އާންމުންގެ ވާހަކަވެސް ހުރީ މިއީ މުޅިން ނިމިފައި އޮތް ކަމެކޭ ބުނެވޭ ފަދަ ރާގެއްގައެވެ. މަޖުލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ބައެއް ވެސް ދެކެނީ ދެކެނީ މިއީ ވަރަށް ރަނގަޅު ކަމެއް ކަމާއި މިކަން އަވަސް ކުރަން ވެއްޖެކަމެވެ. މިއީ އައްޑޫ ތަރައްގީވެ ކުރިއަށް ދިޔުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމެވެ. ގައުމުގެ ރައީސަށް އެނގިވަޑައިނުގަތަސް މި މީސްމީހުންނަށް މި ކަމުގެ ހަގީގަތް އެނގެނީތާއެވެ! އާދެ، ކުރީގައި އިންޑިޔާގެ އަސްކަރީ މަރުކަޒުގެ ވާހަކަތައް ފެންމަތިވަމުން ދިޔައިރު، ވާހަކަ ދެއްކުނު ފަދައިންނެވެ. ސަރުކާރުގެ އެއްބަޔަކު އެކަމަށް އިންކާރުކުރަމުން ދާއިރު، ސަރުކާރުގެ އަނެއް ބަޔަކާއި ސަރުކާރަށް ތާއީދުކުރަމުންދާ މީހުން އެކަމަކީ ހަގީގަތެކޭ ބުނި ފަދައިންނެވެ.

ދެން އޮތް ސުއާލަކީ ކޮންސަލޭޓެއްގެ ޚިދުމަތް އަމާޒުވަނީ އެ ކޮންސަލޭޓުގެ ގައުމުގެ މީހުންނަށް ޚިދުމަތް ދިނުންކަމަށްވާ އިރު، ކޮންސަލޭޓެއްގެ ސަބަބުން އެ ކޮންސަލޭޓު ހުންނަ ގައުމަށް އަންނާނީ ކޮން ތަރައްގީއެއް ހެއްޔެވެ؟ އެ ގައުމުގެ މީހުންގެ ވިޔަފާރިއަށާއި މަސައްކަތްތަކަށް އަންނާނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ކޮންސަލޭޓެއްގެ ސަބަބުން ގައުމެއްގެ ވިޔަފާރިއާއި އުފެއްދުންތެރިކަން ކުރިއަރައި ދިޔަ އެހެން ގައުމެއްގެ މިސާލެއް ފެންނަން އެބަ އޮތް ބާވައެވެ؟

މީގެ އިތުރުން، ކޮންސަލޭޓު ހުޅުވަން ތާއީދުކޮށް ވާހަކަދައްކާ މީހުން ގެންނަ އެއް ވާހަކައަކީ މި އިދާރާގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށް އިންޑިޔާއަށް ދިޔުމުގެ ވިސާ ހޯދަން ފަސޭހަވެގެން ދާނޭ ކަމެކެވެ. އެކަން އެހާ ފަސޭހަ ކުރަން ބޭނުން ކަމަށް ވަންޏާ ވިސާ ހޯދުމުގެ މަސައްކަތް މާ ފަސޭހައިން ކުރެވޭނޭ ގޮތްތައް މިހާރު އެބަ ހުއްޓެވެ. 'އޮންލައިން' މެދުވެރިކޮށެވެ. ހުޅަނގުގެ ބައެއް ގައުމުތަކަށް މިހާރު ވެސް މި ގޮތަށް ވިސާ ހޯދަމުން ދިވެހިން އެބަދެއެވެ. މި ކޮންސަލޭޓު ހުޅުވެނީ ދިވެހިންގެ ބަޔަކަށް ފަސޭހައިން ވިސާ ހޯދުން ކަމަށް ވަންޏާ، ދިވެހިންނަށް ފަސޭހަވެފައި އިންޑިޔާއަށް ފައިދާ ބޮޑުވާނީ އޮންލައިންކޮށް ވިސާ ލިބޭ ގޮތް ހެދީމަތާއެވެ!

ދެންވެސް، ދައްކާ ވާހަކައެކެވެ. އިންޑިޔާގެ ބޮޑެތި ބޮޑެތި މަޝްރޫއުތައް އައްޑޫގައި ހިންގާ ކަމާއި އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ފައިދާ ކުރާނޭ ކަމެވެ. ޝައްކައް ނެތް ގޮތުގައި، އެފަދަ މަޝްރޫއުތައް ހިންގައި އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބި، އަދި، އައްޑޫގެ ވިޔަފާރިވެރިންގެ މުދާ އައްޑޫގައި ތިބޭ އިންޑިޔާގެ ރައްޔިތުންނަށް ވިއްކޭ ގޮތް ވެއްޖެ ނަމަ، އައްޑޫއަށް ފައިދާ ކުރާނެއެވެ. އައްޑޫގައި އިނގިރޭސިން ތިބި އިރުވެސް އައްޑޫގެ ރައްޔިތުންނަށް ފައިދާކުރީ ވަޒީފާގެ ފުރުސަތުތައް އޮތުމުންނެވެ. އަދި، މުޅި ރާއްޖެއަށް ހުޅުވާލެވިފައި އޮތް، ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ހިލޭ އިނގިރޭސިން ފޯރުކޮށްދިނުމުންނެވެ. ނަމަވެސް، އެބުނާ މިލިޔަން މިލިޔަން ޑޮލަރުގެ މަޝްރޫއުތައް ހިންގާއިރު، ވަޒީފާގެ ކިތައް ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ލިބުނު ހެއްޔެވެ؟

މިކަންކަން،- ވިސާލިބުމާއި ވަޒީފާގެ ފުރުސަތުގެ ވާހަކަ– ފާހަގަކޮށްލަން ބޭނުންވަނީ، މިފަދަ ވާހަކަތައް ދައްކާ މީހުން އެވާހަކަތައް ދައްކަނީ މިކަންކަމާ މެދު ވިސްނައި، ކަން ހިނގަމުންދާ ގޮތް ބަލާފައި ބާވައޭ ސުއާލުކުރުމެވެ! އަޅުގަނޑު އެ ފަދަ މައުލޫމާތު ހޯދާލުމަށް ގުޅާލުމުން ޖަވާބު އަންނަނީ މުޅިން އެހެން ގޮތަކަށެވެ. ވަޒީފާގެ އެއްވެސް ފުރުސަތެއް އަދި ނެތްކަމެވެ. މިހެން ކަމަށް ވާއިރު، އެ ފަދަ ވާހަކަތައް ދައްކާ މީހުން ދައްކަނީ ހަގީގަތެއް ބަޔާން ކުރާކަށް ނޫން ހެން ހީވެއެވެ. ވަކި ގޮތެއް ދިފާއުކުރުމުގެ ބޭނުމުގައި ކަމެވެ!

އަދިވެސް އެހެން ސުއާލެކެވެ! ހަތްދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ އިރުވެސް، އިންޑިޔާ އެއުޅެނީ އިންޑިޔާއަށް އަމިއްލައަށް ކުރިއަރައި ނުގަނެވިގެންނެވެ. ތަނުގެ ފަގީރުކަމާއި އާންމުންގެ ބޮޑު ބައެއްގެ މައީޝީ ހާލަތަށް ހެޔޮ ބަދަލެއް ގެނުވާނޭ ނިޒާމެއް ގާއިމު ނުކުރެވިގެންނެވެ. އެންމެ ކުޑަވެގެން އާންމުންނަށް ފަސޭހައިން ފާޚާނާކުރެވޭނޭ ގޮތެއްވެސް ނުހެދިގެންނެވެ. މިފަދަ ގޮތެއްގައި އިންޑިޔާގެ ހާލު އޮތް އިރު، ރާއްޖޭގެ ބައެއްގެ އާންމު ދިރިއުޅުން ރަނގަޅު ކުރާނޭ ފިޔަވަޅެއް އެމީހުންނަށް އަޅަން އެނގިދާނެބާވައެވެ؟ އެމީހެއްގެ އަތުގައި ނެތް އެއްޗެއް އެހެން މީހަކަށް ދެވިދާނެ ކަމަށް ގަބޫލުކުރުމަކީ އިންސާނީ ހަމަ ބުއްދި ގަބޫލުކުރާނޭ ހެއްޔެވެ؟

އައްޑޫގައި އިންޑިޔާގެ ކޮންސަލޭޓު ހުޅުވުމަށް ތާއީދުކޮށް، އައްޑޫގެ ތަރައްގީއަށް ބޭނުންވާ އެވަރުގެ ހަރުދަނާ ފިޔަވަޅެއް ނެތްކަމަށް ބުނެ އެއް ބަޔަކު ދައުވާ ކުރަމުންދާއިރު، އަނެއް ބަޔަކު ބުނަނީ މިއީ ރާއްޖޭގައި އިންޑިޔާގެ ހަން ފެތުރުމަށް ކުރާ ކަމެއް ކަމުގައެވެ. މިހެން ބުނާ މީހުންގެ ބަހަށް ބާރު ލިބޭ ކަންކަން ވެސް އެބަހުއްޓެވެ. ރާއްޖޭގެ އެތަން މިތަނުގައި އިންޑިޔާގެ އަސްކަރީން ތިބޭ ގޮތް ހަމަޖެހެމުންދާތީއެވެ. އައްޑޫގެ އިތުރުން ތިލަދުންމަތީގައެވެ. ހަނިމާދޫގައްޔާއި ދައްޕަރުގައެވެ. މީގެ އިތުރުން މެދުރާއްޖޭގައި ލާމުގައި ވެސް މެއެވެ. މިވަރުން ވެސް ނުފުދި، މާލެ އަތޮޅު އުތުރުތިލަފަޅުގައި ވެސް މެއެވެ. މިހުރިހާ ތަނެއްގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމުގެ ބޭނުމަކީ ރާއްޖެ ތަރައްގީކޮށް ތިންވަނަ ދުނިޔެއިން ރާއްޖެ ނެރެ އެއްވަން ދުނިޔެއަށް ރާއްޖެ ވެއްދުން ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ ހާދަ ރަނގަޅެވެ! ކުރިން ވެސް ބުނިހެން، ހަތް ދިހަ އަހަރުވީ އިރު، އިންޑިޔާ އަމިއްލައަށް ތިންވަނަ ދުނިޔެއިން ނިކުމެ އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ ސަފުގައި ފައިހަރުކޮށްލަން ނޭނގުނު އިރު، ރާއްޖެއަށް އެކަން ކޮށްދޭނޭ ގޮތް އެނގި އެކަން ކުރަން އުޅޭތީއެވެ! ހާދަހާ އަމިއްލަ އެދުން ކުޑަ ބައެއްތާއެވެ! ނަމަވެސް އައްޑޫގައި އިންޑިޔާގެ ކޮންސަލޭޓު ހުޅުވުމާ އިދިކޮޅު މީހުން ބުނަނީ މިއީ އިންޑިޔާއިން ކޮށްފާނޭ ކަމެއް ނޫންކަމެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ސަފުން ރާއްޖެ ނެރެ އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ ތެރެއަށް ރާއްޖެ ވައްދާކަށް އިންޑިޔާއިން ނޫޅޭނޭ ކަމެވެ. މިމީހުން ދެކޭ ގޮތުގައި ކޮންސަލޭޓާއި އަދި އިންޑިޔާގެ އެކިއެކި މަރުކަޒުތައް ރާއްޖޭގައި ހެދުމުގެ ބޭނުމަކީ އިންޑިޔާގެ މުށުގެ ތެރޭގައި ރާއްޖެ ބޭއްވުމެވެ. އަދި، މިމީހުންގެ ނަޒަރުގައި މިކަމަށް މަގުފަހިކޮށްދެނީ އަދުގެ ސަރުކާރެވެ. އަދުގެ ސަރުކާރުގެ އެންމެ އިސް މަގުސަދަކީ ރާއްޖޭގެ މަސްލަހަތެއް ނޫނެވެ. އިންޑިޔާގެ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރުމެވެ. އެމީހުންގެ ވާހަކައަށް ބާރު ލިބެނީ މިއަދުގެ ސަރުކާރުގެ އިސް ސަފުގައި ތިބި ބައެއް މީހުންނަކީ، ބޭރު ރާއްޖެއެއްގެ ޓީވީއެއް މެދުވެރިކޮށް، ރާއްޖެ ހިފުމަށް އިންޑިޔާގެ އަސްކަރީ ބާރަށް ދައުވަތުދީ އާދޭސްކުރި ބައަކަށްވާތީ ވެސް މެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. ޑޮކުޓަރުގެ ތިޔަ ވާހަކަތައް ވަރަށް ފުރިހަމަ އެވެ. ގައުމު ދިވެހީންގެ އަތުން ދަނީ އެވެ. ﷲގެ ރަޙުމަތާ އެކު ގައުމު ސަލާމަތް ކޮށްދޭނެ ތަކުރުފާނަކަށް މިއަދު ބޭނުންވެ އެވެ.

  2. ވަރަށް ފުރިހަމަ އާޓިކަލެއެ
    ޙަމަަ ހައްގުު ތެދުު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *