...

Support Us

އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ސޮއިކުރައްވަނީ -ފޮޓޯ: އެޗް.ޑީ.ސީ

ހުޅުމާލޭގައި ފްލެޓް އަޅައި ވިއްކުމަށް އާރް.ސީ.ސީ އަށާއި އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

ހުޅުމާލޭ ފުރަތަމަ ފޭހުގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) އަށާއި އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

ވާޗުއަލްކޮށް އިއްޔެ ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އާރް.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ. ވޭޗުއަލްކޮށް މިއަދު ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ. މި ދެ އެއްބަސްވުމުގައި ވެސް އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

އެއްބަސްވުމުގައި އާރް.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު ސޮއިކުރައްވަނީ -ފޮޓޯ: އެޗް.ޑީ.ސީ

އެޗް.ޑީ.ސީން ބުނި ގޮތުގައި އާރް.ސީ.ސީއާ ހަވާލުކުރި މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލި ޕްރޮޖެކްޓެކެވެ. ޖުމްލަ 24،098.22 އަކަފޫޓު ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ. މީގެ ތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕްކުރެވި އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1.800 ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. އަދި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުގައި އެޗް.ޑީ.ސީން ފާހަގަކުރަމެވެ.

ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މި މަޝްރޫޢު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ ޝިހާދު އިބްރާހީމް ސޮއިކުރައްވަނީ -ފޮޓޯ: އެޗް.ޑީ.ސީ

އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާޅުކުރި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 26,969.06 އަކަފޫޓު ހުންނަ އެ ބިމުގައި 103 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ. އޭގެ ތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕްކުރެވި އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1987.23 ޖީ.އެސް.ޓީ ނުލައި ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއް ކަމަށާއި ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މި މަޝްރޫޢު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް، އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް އެޗް.ޑީ.ސީން ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި އެޗް.ޑީ.ސީން ފާހަގަކުރެއެވެ.