Support Us

މޮޅު އިތުރުވެގެންވީ ހިމާރު

ރަސްގެފާނަށް އަވަހާރުފުޅު ލެއްޕެވޭ ގޮތެއް ނުވިއެވެ. ރަސްގެފާނުގެ ހިތްޕުޅުގައި އޮތް ސުއާލެއްގެ ޖަވާބު ނުލިބިގެންނެވެ. މޮޅު އިތުރުވެގެންވަނީ ނަސީބު އަތުގައި ހިފުންތޯ ނުވަތަ މާތްކަމުގެ ހެދުމެއް ލުންތޯ، މި ސުއާލުގެ ރަނގަޅު ޖަވާބަކީ ކޮބައިކަމާ މެދު ފިކުރުކުރެއްވުމުގައި ރޭގަނޑުގެ ވަގުތައް ހޭދަކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

ކޮންމެ އަކަސް، ރަސްގެފާނު ނިންމެވީ ރަސްގެފާނުގެ އެންމެ ބުއްދި މުސްތަޝާރު ގެންނަވައި އޭނާގެ ލަފައެއް ހޯއްދެވުމަށެވެ.

ރަސްގެފާނުގެ މުސްތަޝާރު ހާޒިރުވެ، ރަސްގެފާނަށް ކުރުނީސްކޮށް ސަލާންކުރުމުން، ރަސްގެފާނު ވިދާޅުވިއެވެ. "އޭ މުސްތަޝާރެވެ! އަހުރެން ދެކޭ ގޮތުގައި، އިނބައަކީ އަހުރެންގެ ދަރުބާރުގައި ހުރި އެންމެ ބުއްދިވެރި މީހާއެވެ! އަޅެ، އަހުރެންގެ މި ސުއާލަށް ޖަވާބެއް ދީބަލާށެވެ! މޮޅު އިތުރުވެެންވަނީ ނަސީބުއައިސް އަތުގައި ހިފުން ހެއްޔެވެ؟ ނުވަތަ މާތްކަމުގެ ހެދުމެއް އެޅުން ހެއްޔެވެ؟"

ކުޑަ ހިނދުކޮޅަކު ވިސްނާލުމަށް ފަހު، މުސްތަޝާރު ރަސްގެފާނަށް ދެންނެވިއެވެ. މޮޅު އިތުރުވެގެންވަނީ މާތްކަމުގެ ހެދުމެއް އެޅުމެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. ތިޔަ ހެނެއް ނުވާނެއެވެ. މޮޅު އިތުރުވެގެންވަނީ ނަސީބު އަތުގައި ހިފުންކަން، ހެއްކާއެކު މާދަމާ އިނބައަށް އަހުރެން ދައްކާނަމެވެ.

އަނެއް ދުވަހު ރަސްގެފާނުގެ މުސްތަޝާރާއެކު ރަސްގެފާނު ރަށުތެރެއަށް ނިކުމެވަޑައިގެން ބާޒާރަށް ވަޑައިގަތެވެ. އަދި، ބާޒާރުން ދިމާވި ސަލާން ޖަހާ މީހަކު ގަނޑުވަރަށް ގެންނަވައި، އޭނާއަށް ކަމޭ ހިތްތެވިއެވެ. އަދި، އޭނާއަށް މޮޅު ފޭރާމުގެ ހެދުން ދީ، އޭނާ ރީތިކޮށްގެން ގެނައުމަށް ގަނޑުވަރުގެ ޚާދިމުންނަށް އަމުރު ކުރެއްވިއެވެ. އޭނާ އައުމުން، އޭނާއަށް ވަޒީރުކަން ދެއްވައި އޭނާ އުޅޭނެ ގެއެއްވެސް ހަމަޖައްސަވައި ދެެއްވިއެވެ.

ދެން، ރަސްގެފާނު ވަޒީރު ގާތު ވިދާޅުވިއެވެ. ކޮބާ މިހާރު އިނބަ ބުނާނީ ކީކޭ ހެއްޔެވެ؟ މާތްކަމުގެ ހެދުން އެޅުމަށް ވުރެ މޮޅު އިތުރުވެގެންވަނީ ނަސީބު އަތުގައި ހިފުން ނޫން ހެއްޔެވެ؟

އަނެއްކާވެސް، އިސްދަށަށް ޖަހާލައި ވިސްނާލުމަށް ފަހު، މުސްތަޝާރު ރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑަށް ކުޑަ ފުރުސަތެއް ދެއްވާށެވެ! ނަސީބު އަތުގައި ހިފުމަށް ވުރެ މާތްކަމުގެ ހެދުން އެޅުން މޮޅު އިތުރުވެގެންވާ ކަން އަޅުގަނޑު ސާބިތުކޮށްދޭނަމެވެ!

ދެން އަނެއް ދުވަހު، މުސްތަޝާރު ރަށުތެރެއަށް ނިކުމެ، މަގުމަތީ ބަލިވެފައި އޮތް ހިމާރެއްގެ ކައިރިއަށް ޖެހިލައި އެ ހިމާރުގެ ބުރިކަށި މަތީ ފިރުމަން ފެށިއެވެ. އަދި، މީސްތަކުންނަށް ގޮވައި ގެނެސް، ވާހަކަ ދައްކަން ފެށިއެވެ.

"ތިޔަބައި މީހުން ދެނަހުރީމު ހެއްޔެވެ؟ މި ހިމާރުގެ ދިހަ ވަނަ ކާފައަކީ ބަނޫ އިސްރާއީލު ބާގައިގެ ނަބީބޭކަލަކު އޭގެ ބުރިކަށި މައްޗަށް ސަވާރުވެ ވަޑއިންނެވި ހިމާރެވެ. މިއީ ވަރަށް ވެސް މާތް ބަރަކާތްތެރި ހިމާރެކެވެ. މިވާހަކަ މިވެނި ފޮތެއްގައި އެވެނި އެވެނި ބޭކަލުން ރިވާކުރައްވާފައިވެއެވެ.

ދެން އިސާހިތަކު މީސްތަކުން އެ ހިމާރުގެ އެތަން މިތާނގައި ފިރުމައި އަތް ކާއްތަން ފެށިއެވެ. އެކަކު ހިމާރުގެ ކެހެރިއެއް އުފުރާލިއެވެ. އޭނާ ބޭނުންވާ ކަމަނާއާ ކައިވެނި ކުރުމަށްޓަކައި ފަންޑިތައެއް ހެދުމަށެވެ. އަނެކަކު އައިސް އޭގެ ފޫކޮޅުގައި ފިރުމާލިއެވެ. ދަރިއަކަށް އެދިގެންނެވެ. އަނެކަކު އައިސް ހިމާރު ފެންވެރުވިއެވެ. އެހެން މީހަކު އައިސް އެއަށް ކާންދިނެވެ.

އެންމެ ފަހުން އެންމެން ނިންމީ ހިމާރު ޚާއްސަ ގެއެއްގައި ބޭއްވުމަށެވެ. މީސްތަކުން އެގެއަށް އައިސް ބަރަކާތް ލިބިގަތުމަށްޓަކައި ހިމާރުގެ ބުރިކަށީގައި ފިރުމުގެ ފުރުސަތު އެންމެނަށް ވެސް ލިބިފައި އޮތުމަށެވެ.

ދެން، މުސްތަޝާރު އެނބުރި ރަސްގެފާނު އަރިހަށް ގޮސް، ހިމާރުގެ ވާހަކަ ދެންނެވިއެވެ. އަދި، މިހާރު ހިމާރަކީ މާތް މުގައްދަސު ހިމާރެއްކަމާއި މީހުން ގަދަރުކޮށް ނަދުރުވެސް ބުނަމުން ގެންދާ ހިމާރެއްކަން ރަސްގެފާނަށް ދެންނެވިއެވެ. އެއަށް ފަހު، ރަސްގެފާނު އަރިހުގައި ދެންނެވިއެވެ. މާތް ރަސްގެފާނެވެ! ދެން އަޅެ ވިދާޅުވެ ބައްލަވާށެވެ! މޮޅު އިތުރުވެގެން ވަނީ ނަސީބު އަތުގައި ހިފުންތޯއެވެ؟ ނުވަތަ މާތްކަމުގެ ހެދުމެއް އެޅުންތޯއެވެ؟

ރަސްގެފާނު ވެސް އެއްބަސްވެވަޑައިގަތީ މޮޅު އިތުރުވެގެން ވަނީ މާތްކަމުގެ ހެދުމެއް އެޅުން ކަމުގައެވެ. ދެން، ރަސްގެފާނު އެހެން ސުއާލެއް ވެސް މުސްތަޝާރާ ކުރެއްވިއެވެ. މާތް ކަމުގެ ހެދުން އެޅުން ނަސީބު އަތުގައި ހިފުމަށް ވުރެ މޮޅު އިތުރުވެގެންވަނީ ކީއްވެތޯއެވެ؟

ރަސްގެފާނުގެ ސުއާލުގެ ޖަވާބުގައި މުސްތަޝާރު ދެންނެވިއެވެ. ރަސްގެފާނެވެ. ރީތި ހެދުމާއި ގެއާއި މުދަލާއި ފައިސާއަކީ ނެތި ހިނގައިދާނޭ އެއްޗެކެވެ. ނަމަވެސް، މާތް ކަމަކީ އެހެން އޮންނަ ކަމެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް ނިގުޅައިގަނެވޭ އެއްޗެއް ނޫނެވެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް، މާތްކަމުގެ ހެދުން އަޅުވައި ގޮނޑިގޮނޑީގައި ބައިތިއްބާފައި ތިބޭ ހިމާރުން ވަރަށް ވެސް ގިނައެވެ. ދެން، އެފަދަ މާތް މުގައްދަސު ހެދުން އަޅައިގެން ތިބޭ ހިމާރުން ކޮންމެ ފަދަ ދެކޮޅު ނުޖެހޭ ވާހަކައެއް ދައްކަން ވެސް ޖެހެލުން ނުވެއެވެ. ދުވާލަކީ ރޭގަނޑޭ، ރޭގަނޑަކީ ދުވާލޭ ބުނަން ވެސް ޖެހެލުން ނުވެއެވެ. އަނެއްކޮޅުން މާތް މުގައްދަސު ހިމާރުންގެ އެފަދަ ދެކޮޅު ނުޖެހޭ ވާހަކަތައް އަޑުއަހައި، އާންމުން އެވާހަކަތައް ގަބޫލުކޮށް، ހިމާރަށް 'އަޅުވެތިވެ، އަޅުކަންކުރުމުގައި' ދެމިތިބެއެވެ.