...

Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ވިއްކާ ނުލި ހިމާރެއްގެ ވާހަކަ

މިވާހަކަ ގުޅެނީ ތަންކޮޅެއް ކުރީގެ ދުވަސް ވަރަކާއެވެ. ޔޫރަޕުގެ އިސްތިއުމާރުގެ ބާރުގެ ދަށުގައި ދުނިޔެ އޮތް ދުވަސްވަރާއެވެ. އެ ދުވަސްވަރު، ޔޫރަޕުގެ އެމްޕަރާއެއްގެ ދެކަނަބަލުން އަކު އެބޭކަލުންގެ ބާރުގެ ދަށުގައި އޮތް އަރަބި ގައުމަކަށް ޒިޔާރަތްކުރިއެވެ. އަދި، ރަށުތެރެ ބަލާލަން އުޅުމުގެ ތެރޭގައި ވަރަށް ރީތި ހުދުކުލައިގެ ހިމާރެއް ދެކެވަޑައިގަތެވެ. އެމްޕަރާގެ އަނބިކަނބަލުން މި ހިމާރާ ވަރަށް ހިއްޕުޅާ ހަމަކުރައްވިއެވެ. ދެން، އެ އަރަބި ގައުމު ހިންގުމާ ހަވާލުވެ ހުންނެވި ވެރިޔާ ނިންމެވީ ހިމާރުގެ ވެރިޔާ ހޯދައި، އޭނާ އަތުން ހިމާރު ގަނެ، ހަދިޔާއަކަށް، އެމްޕަރާގެ އަނބިކަނބަލުންނަށް އެރުވުމަށެވެ.

ކޮންމެއަކަސް ހިމާރުގެ ވެރިޔާ ހޯދުމަށް ފަހު، އޭނާ ކުރެން ހިމާރު ވިއްކުމަށް، ގައުމުގެ ހިންގުމާ ހަވާލުވެ ހުންނެވި ވެރިޔާ ވިދާޅުވިއެވެ. ނަމަވެސް، ހިމާރުގެ ވެރިޔާ އެކަމަށް އިންކާރު ކުރިއެވެ. އަދި، ކިތަންމެ ބޮޑު އަގެއް ދިނަސް ހިމާރު ނުވިއްކާނޭ ކަން، ވެރިޔާއަށް އޭނާ ދެންނެވިއެވެ. އަދިވެސް ބުންޏެވެ. އޭނާ އަތުގައި ވަރަށް ރީތި އަސް ވެސް ހުރިކަމާއި ހަދިޔާއަކަށް އެއަސްތަކުން ބޭނުންފުޅު އަހެއް ހިލޭ ދެވިދާނެ ވާހަކަ ވެސް ވެރިޔާއަށް ދެންނެވިއެވެ.

މިކަމާ ކުޑަކޮށް ހައިރާންވެ، ހިމާރުގެ ވެރިޔާކުރެން ގައުމު ހިންގަވަން ހުންނެވި ވެރިޔާ އެއްސެވިއެވެ. ހިމާރު ނުވިއްކަނީ ނުވަތަ ނުދޭނީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި ހިމާރުގެ ވެރިޔާ ބުންޏެވެ. ހިމާރު ދީފި ނަމަ، މާދަމާ ޔޫރަޕުގެ ނޫސްތަކުގައި ޖަހާފައި އޮންނާނީ މިފަދަ ސުރުޚީތަކެވެ. އަރަބިކަރައިގެ ހިމާރެއް އެމްޕަރާ ގެންނަވައިފި ވާހަކައެވެ. ނޫނީ ހިމާރެއް ނޫން އެއްޗެއް އަރަބި ކަރައަކުން އެމްޕަރާއަކަށް ފެނިވަޑައި ނުގަތެވެ. ނޫނީ އަރަބި ކަރައިން އެމްޕަރާއަށް ހިމާރެއް ކަމުދިޔަ ވާހަކައެވެ.

އާދެ، މި ވާހަކައިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ ގައުމުތަކުގެ އާދައިގެ މީހުންގެ ތެރޭގައި ގައުމުތަކުގެ ނަމަށް ހުތުރު އަރާފާނޭ ކަންކަން ނުކުރާނޭ މީހުން ތިބޭ ކަމެވެ. އަދި، ކަމެއް ކުރުމުގެ ކުރީގައި އެކަމުން ނިކުމެދާނޭ ނަތީޖާއާ މެދު ވިސްނާ މީހުން އުޅޭ ކަމެވެ. ނަމަވެސް، މިފަދައިން ވިސްނާ މީހުން، ސިޔާސީ ލީޑަރުންގެ ތެރޭގައި ނުތިބޭ ކަން ފާހަގަކުރެވެއެވެ. އެފަދަ ސިޔާސީ ލީޑަރުންގެ ހުރިހާ މަގުސަދަކަށް ވެފައި އޮންނަނީ އެމީހުންގެ ބޭރުގެ ސާހިބުން ރުއްސުމެވެ. އެފަދަ ސިޔާސީ ލީޑަރުންނަށް ހީވެފައި އޮންނަނީ އެމީހުންގެ އިއްޒަތާއި އަބަރު ގުޅެނީ އެކަން ކުރުމާ ކަމެވެ. ބޭރު މީހެއް ތިމާގެ ގާތް މީހަކަށް ހަދާލުމުން ތިމާ މަތިވެރިވާ ކަމަށް ދެކޭ ކަހަލައެވެ.

އަޅުގަނޑުމެންގެ ތެރެއިން ވެސް މި ފަދަ މަންޒަަރުތައް ފެނެއެވެ. މިސާލަކަށް މި ދޭތެރެއިން ނޫހަކުން ފެނުނީ، ގައުމު މިހާރު މި އޮތް ނުރައްކާ، ހިތާމަވެރި، ދަތި، ހާލަތުގައި އޮއްވައި، ރައްޔިތުންގެ އިހުސާސުތަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، ތިމާއާއި ތިމާގެ އައުވާނުންގެ ބަޔަކު ގޮވައިގެން ބޭރު ގައުމެއްގައި ބޮޑެތި ޚަރަދުތައް ކުރަމުންދާ ވާހަކައެވެ. ނަމުން ބޮޑު ވަޒީފާއެއް ހޯދުމުގެ ދަހިވެތިކަމުގައެވެ. ރައްޔިތުންގެ ފައިސާ މިފަދަ ބޭކާރު ގޮތެއްގައި، މި ދަނޑިވަޅުގައި ޚަރަދުކޮށް އިސާރާފުކުރުމުގެ ހައްގު މި މީސްމީހުން ލިބިގަތީ ކިހިނެއް ހެއްޔެވެ؟ މިފަދައިން ކަންތައް ކުރަމުންދާއިރު، ތަނުގެ ހާލަތު މިހާ ނިކަމެތި ހާލަތެއްގެ ތެރެއަށް ވެއްޓިފައިވާ އިރު، ރައްޔިތުންގެ އިހުސާސުތަކުގައި ބައިވެރިވުމަށް ނުކުޅެދިފައިވާ ސިޔާސީވެރިންނާ ދޭތެރޭގައި ބޭރުގެ ގައުމުތަކުގެ މީހުން ދެކެނީ، ހިމާރުގެ ވެރިޔާ އިޝާރަތްކުރާ ފަދައިން، ހިމާރުންގެ ގޮތުގައެވެ. އަމިއްލަ އެދުމުން ފުރިފައި ތިބި، އެކަމުގެ ބޭނުމުގައި، ތިމާމެންގެ އަމިއްލަ ގައުމަށް އަރައިގަތުމަށް، ބޭރުގެ އަސްކަރީ ބާރުތަކަށް ދައުވަތުދީ، ތިމާމެންގެ މުޅި ގައުމުވެސް ވިއްކާލަން ތައްޔާރަށް ތިބޭ ހިމާރުންގެ ގޮތުގައެވެ. މި މައްސަލައިގައި ހައިރާންވާން ޖެހެނީ މިފަދަ ހިމާރުން ގައުމުގެ ސިޔާސީ ލީޑަރުންނޭ ކިޔައިގެން ތިބީމައެއް ނޫނެވެ. އެކަމާ ރުހިފައި ތިބިގެން އެ ފަދަ ހިމާރުންގެ ކުޅިވަރު ބަލައި އަތް ޖަހަން ތިބޭ ރައްޔިތެއް އޮތީމައެވެ! މި ފަދަ މަންޒަރު ފެނުމުން ހިތަށް އަންނަނީ ކީރިތި ގުރުއާނުގެ މި އާޔަތެވެ. ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ (الروم 41). (ބިމުގައްޔާއި ކަނޑުގައި- އާދެ، ހުރިހާ ތަނެއްގައި – ފަސާދަވެދަނީ، ތަން ގޯސްވެ، ހަލާކުވެ ދަނީ، މީސްތަކުންގެ އަތްތަކުން ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ. ދެން، އެމީހުންގެ އަތްތަކުން އެކުރި ކަނތައްތަކުގެ ހިތި ނަތީޖާގެ ރަހަ އެމީހުންނަށް ލިބޭ ގޮތް މެދުވެރި ވެއެވެ. މާތް ރަސްކަލާނގެ މަގަށް އެމީހުން އެނބުރި ރުޖޫއަވެ، އިސްލާހުވެދޭތޯއެވެ!) [ފަހުން މިއާޔަތާ ބެހޭ އިތުރު ވާހަކަކޮޅެއް ގެނެސްދެވޭތޯ ބަލާނަމެވެ.] މިވަގުތު ބުނެލަން އޮތީ މިއާޔަތުން އިބުރަތް ހާސިލުކޮށް، ހިމާރީ ސިޔާސީ ލީޑަރުންނަށް ތާއީދުކުރު ހުއްޓާލައި، އެފަދަ ހިމާރީ ލީޑަރުންގެ އަތްމަތީ މުޅި ގައުމު ހަލާކުވާތަން ބަލަން ތިބުމަށް ނިމުން ގެނެސް، ހެޔޮ މަގަށް ރުޖޫއުވުމުގެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.