Support Us

ކޮލަމް: ތައުރު

"ބިލްކޮޅު ބޭނުންތޯ؟"

"ބިލްކޮޅު ބޭނުންތޯ؟" މިއީ ސުޕަރމާކެޓު ތަކުން ވިޔަފާރި ކުރާއިރު މިއީ ވަރަށް ގިނައިން މުޚާޠަބްވެވޭ ސުވާލެކެވެ. ތިޔަ ބޭފުޅުންނަށްވެސް އިވިވަޑައިގެންފައި ވާނެ ސުވާލެއް ކަން ކަށަވަރެވެ. ލަފާކުރެވޭ ގޮތުގައި މި ސުވާލުގެ ޖަވާބުގައި ގިނަ ބޭފުޅުން ގިނަ ފަހަރަށް ވިދާޅުވާނީ "ނޫން" ކަމަށެވެ. އިތުރު ކަރުދާސް ކޮޅެއް އަތުލައި ކުނިގިނަ ކުރާން ކީއްކުރާ ބިލްކޮޅެއް ދޮގެއްތޯ އެވެ. އެހެނަސް އަޅުގަނޑު ބުނެ ކިޔައިގެންވެސް އެ ބިލްކޮޅު އަތުލަމެވެ. ކަރުދާސް އެއްކުރާ ހިތް ވާތީއެއް ނޫނެވެ. ކުނި ގިނަކުރާން ވެގެންނެއް ވެސް ނޫނެވެ. އަޅުގަނޑު އެ ބިލްކޮޅު އަތުލަނީ އެކިއެކި ސުޕަރމާކެޓުތަކުގައި އެއްބާވަތެއްގެ ތަކެތި ލިބެން ހުންނަ އަގު އަޅާބެލުމުގެ ނިޔަތުގައެވެ. އެހެނަސް ގިނަ ފަހަރަށް މިކަން އޮންނަނީ ނުވެފައެވެ. މަސައްކަތުގައި އަވަދިނެތި އުޅެވޭތީ އެކަމަށް ދޭނެ ވަގުތު ނެތިގެންނެވެ. އެކަމަށް އެހާބޮޑު މުހިންމު ކަމެއް ނުދެވޭތީ ވެސް މެއެވެ.

އާންމުކޮށް އަޅުގަނޑު ވިޔަފާރި ކުރަން ގޮސް އުޅޭ ސުޕަރމާކެޓަކުން ދާދި މިދާކަށް ދުވަހަކު ވިޔަފާރިއެއް ކުރުމަށް ފަހު އަޅުގަނޑު އަމިއްލައަށް އެދިގެން ބިލްކޮޅު އަތުލީމެވެ. އަޅުގަނޑުގެ ކުރިޔަށް ކިޔުގައި ތިއްބެވި ކަސްޓަމަރުން ކުރެއްވީ ބޮޑު ވިޔަފާރި އެކެވެ. އެބޭފުޅުންގެ ބިލަށް އެއްހާސް ކޮންމެވެސް ވަރެއް އެރިއެވެ. ހުރިހާ އެއްޗެހިން އަގުކެނޑުމަށް ފަހު ބިލްކޮޅު ބޭނުންތޯ އެހުމުން އެބޭފުޅުންގެ ޖަވާބަކަށްވީ ނޫނެކޭ އެވެ. އަޅުގަނޑާ ޖެހުނު އިރު އެ ކޭޝިއަރު ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރިހެން އަޅުގަނޑަށް ހީވިއެވެ. މަސައްކަތުގައި އެހެން އުޅެއުޅެ ވަރުބަލިވެފައި ކަމަށް އަޅުގަނޑު ނިންމީމެވެ. ކޮންމެއަކަސް އަޅުގަނޑު ގަތް އެއްޗެއްސަކަށް މާގިނަ ލާރިއެއް ނާރައެވެ. އެރީ ދުއިސައްތަ ކޮންމެވެސް ވަރެކެވެ. އެހެނަސް ބިލްކޮޅު ދިނުމަށް އަޅުގަނޑު އެދުނީމެވެ.

އަޅުގަނޑު ގަތް ސާމާނު ހިފައިގެން ގެއަށް ގޮސް އެއްޗެހި ބަދަލު ކޮށްލުމަށް ފަހު އެއްކަލަ ބިލްކޮޅު ހިފައިގެން ސޯފާގައި އިށީނދެ ބިލްކޮޅު ބަލަމުން ދިޔައިރު ކުޑަ ހައިރާން ކަމެއް ލިބުނެވެ. ބިލްގެ އެންމެ ފަހު އައިޓަމަކަށް އޮތީ އަޅުގަނޑު ގަތް އެއްޗެއް ނޫނެވެ. ކޮންމެވެސް ޒާތެއްގެ ކޮފީ މޯކާ އެކެވެ. އަގަކަށް އޮތީ 22 ރުފިޔާ ލާރި ކޮޅެކެވެ. އަޅުގަނޑު ގަސްދުކުރީ އެ ބިލްކޮޅުގައި އޮތް ނަންބަރަށް ގުޅާލާށެވެ. އިރުކޮޅަކު ރަނގަބީލު ވުމަށް ފަހު ފޯނު ނެންގެވި ބޭފުޅަކު އަރިހުގައި ބިލްކޮޅުގައި އަޅުގަނޑު ނުގަންނަ އެއްޗެއް އޮތް ވާހަކަ ދެންނެވީމެވެ. އެބޭފުޅާ ވިދާޅުވީ ބިލްކޮޅު ހިފައިގެން އެ ފިހާރައަށް އައުމަށެވެ. އަޅުގަނޑު އިނީ އެއްޗެހި ވެސް ބަދަލުކޮށްގެން ކަމަށްވުމާއެކު، "މިރޭ ނުގޮސް މާދަމާ ދިޔަޔަސް" އެންމެ ރަނގަޅުތޯ ދެންނެވީމެވެ. އެ ބޭފުޅާ ވިދާޅުވީ އަނެއް ދުވަހުގެ ޝިފްޓުގައި ތިބޭނީ އެހެން ބައެއް ކަމަށް ވާތީ އެރޭ އައުމަށެވެ. ބާރަ ޖަހަންދެން އެތަން ހުޅުވާފައި ހުންނާނެ ކަމަށެވެ. އެހެންކަމުން އެއްޗެހި ބަދަލުކޮށްލައިގެން އަނެއްކާވެސް އެތަނަށް ހިނގައްޖައީމެވެ. ކައުންޓަރު ކައިރިއަށް ގޮސް އެތާނގައި ހުންނެވި މުއައްޒަފު އަރިހުގައި އަޅުގަނޑު އައިސް ހުރި ބޭނުން ދެންނެވީމެވެ. އެންމެ 22 ރުފިޔާ ވީމާ އަޅައިނުލާން ހިތަށް އެރި ކަމާ އެހެނަސް ވިޔަފާރި ކުރާ ކޮންމެ ފަހަރަކު 22 ރުފިޔާ ގެއްލުންވާން ވެއްޖެއްޔާ އިސާހިތަކު ވަރަށް ބޮޑު އެއްޗަކަށް ވެދާނެ ކަމަށް ދެންނެވީމެވެ. މައްސަލައައިގެން މިއައީ އެހެންވެގެން ކަމަށް ދެންނެވީމެވެ. އޯކޭ ވާނެ ކަމަށާއި މިބަލާލަ ދެނީ ކަމަށް އަޅުގަނޑާ ވާހަކަ ދެއްކެވި ދެބޭފުޅުން ވިދާޅުވިއެވެ. މި ދެ ބޭފުޅުންނަކީވެސް އެ ފިހާރައިގެ ކޭޝިއަރުންނެވެ. އަޅުގަނޑާ ވާހަކަ ދެއްކެވި ތަނުން އެއްބޭފުޅަކު ފިހާރައިން ނިކުމެވަޑައިގެން ކޮންމެވެސް ދިމާއަކަށް ވަޑައިގަތެވެ. އޭނާ އެވަޑައިގަތީ އަޅުގަނޑުގެ މައްސަލަ ހައްލު ކޮށްދެއްވަން ކަމަށް ދެން ހުންނެވި ބޭފުޅާ އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ.

އަޅުގަނޑުގެ ބިލްކޮޅުން އަޅުގަނޑަށް ފާހަގަ ކުރެވުނު އެހެން ކަމެއްވެސް އޮތެވެ. އެއީ އަޅުގަނޑު 37 ރުފިޔާއަށް ކަމަށް ބަލާފައި ނެގި ކަދުރު ޕެކެޓުގެ އަގަކަށް 105 ރުފިޔާ އަރާފައި އޮތް ކަމެވެ. އެހެންކަމުން އަޅުގަނޑަށް އޮޅުނީތޯ ބަލާލަން ކަދުރު ނެގި ހަރުގަނޑު ކައިރިއަށް ޖެހިލާފައި ބަލައިލީމެވެ. އެއީ 37 ރުފިޔާ އަށް 100 ގުރާމު ކަމަށް ވާނަމަ އަޅުގަނޑު ގަތް ޕެކެޓުގެ ބަރުދަނަށް ބަލާފައި 105 ރުފިޔާ ވެސް އަރާފާނެތީއެވެ. އެހެނަސް އަޅުގަނޑު އަލުން ބެލުމުން ޔަގީންވީ އެ ކަދުރުގެ އަސްލު އަގަކީ ހަމަ 37 ރުފިޔާ ކަމެވެ. ބިލްކޮޅުގައި އޮތް ހެން 105 ރުފިޔާ ނޫން ކަމެވެ! މިހެންކަމުން މި ވާހަކަ ވެސް އެބޭފުޅާ އަރިހުގައި ދެންނެވީމެވެ. ދެން އޭނާ އެ ހަރުގަނޑު ކައިރިއަށް ވަޑައިގެން އަޅުގަނޑުގެ ވާހަކަ ސައްހަތޯ ޔަގީން ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. "އާނ! އެ އެހެރީ 37 ރުފިޔާއަށް ދޯ؟ ކީއްވެބާ ތި އަގު އެއޮތީ؟" މިއީ އަޅުގަނޑަށް ޖަވާބު ދެވޭނެ ސުވާލަކަށް ނުވާތީ އަޅާނުލާ ހުރީމެވެ.

އިރުކޮޅެއް ފަހުން ކުރިން ބޭރަށް ވަޑައިގަތް ބޭފުޅާ އެނބުރި ފިހާރަޔަށް ވަޑައިގަތެވެ. އޭނާ އަޅުގަނޑު ގާތުގައި "މަސްދަޅުވެސް ގަތިން ދޯ، އެކަމު ބިލްކޮޅުގަ މަސްދަޅެއް ނެތް ދޯ؟" އޭ ސުވާލު ކުރެއްވިއެވެ. އަޅުގަނޑަށް އެކަން ފާހަގަނުވާ ވާހަކަ ދެންނެވީމެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު މި ބޭފުޅުންގެ ވަގުތުތަކެއް ނަގާލެވެނީއޭ ހިތަށް އަރާތީ ދެތިން ފަހަރަކު މާފަށް އެދި "ސޮރީ" އޭ ދެންނެވީމެވެ. ކޮންމެ ފަހަރަކު ވެސް އެބޭފުޅުން ވިދާޅުވަނީ "އިޓްސް އޯކޭ" އެވެ. އެބޭފުޅުންނަށް ހެއްދެވުނު ގޯހަކުން އަޅުގަނޑަށް މި ދަތުރު ޖެހުނީތީ އެބޭފުޅުން އެއްފަހަރު ވެސް މާފަށް އެދިވަޑައެއް ނުގަންނަވައެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މި މީހުންނަށް ކަސްޓަމަރ ސަރވިސް ބުނެދެވިފައި ނެތީތާއެވެ. އަޅުގަނޑަށް އެއްޗެހި ވިއްކެވި ކޭޝިއަރާ ދިމާއަށް އެހެން ބޭފުޅަކު ވިދާޅުވިއެވެ. "މާރިޔަތު (އަސްލު ނަމެއް ނޫން) ގާތުގައި ބުނީމެއް ނޫންތަ މިސްޓޭކު ނުހަދައްޗޭ، ދެން އަހަރުމެން މުޅި ރޭ މިތާ ތިބެން ޖެހޭނީ ލަސް ވަންދެން!" އަޅުގަނޑާ ހެދި މި މީހުންނަށް މި ޖެހުނީ ކިހާ ބޮޑު ކަމެއްހޭ ހިތަށް އެރިއެވެ. ކޮންމެއަކަސް ހުރިހާ ކޭޝިއަރުން ވެގެން މި މައްސަލަ ހައްލުކޮށް ނިމުނު އިރު، އަޅުގަނޑު ގަތް މަސްދަޅުގެ އަގުވެސް ކެނޑުމަށްފަހު އަޅުގަނޑަށް 25 ރުފިޔާއާއި ލާރިކޮޅެއް ވެސް އެބޭފުޅުން ދެއްވަން ޖެހިވަޑައިގަތެވެ.

މިކަން މިހެން ދިމާވުމުން އަޅުގަނޑު އާއިލާގެ މީހުން ގާތުގައްޔާއި ބައެއް ރައްޓެހީން ގާތުގައި ވެސް މި ވާހަކަ ދެއްކީމެވެ. މީގެ ތެރެއިން ބަޔަކު "ތިވީ ގޮތުން ދެން އަބަދުވެސް ބިލްކޮޅު އަތުލާނަމޭ" ބުންޏެވެ. އެމީސްމީހުންނަށް ދިމާވެފައިވާ މިކަހަލަ ތަޖުރިބާތަކުގެ ވާހަކަވެސް ބައެއް މީހުން އަޅުގަނޑާ ހިއްސާ ކުރިއެވެ. މީގެ ތެރެއިން ވާހަކައެއް ތިޔަ ބޭފުޅުންނާ ހިއްސާ ކޮށްލާނަމެވެ.

އަޅުގަނޑުގެ އާއިލާގެ މީހަކު ފިހާރައަކަށް އެއްޗެހި ގަންނަން ދިޔައީ ގަންނަން ބޭނުންވާ އެއްޗެހީގެ ހިސާބު ޖަހައިގެން އެއަށް ހޭދަވާނެ ވަރުވެސް ބަލާފައެވެ. އޭނަ ގޮސް އެއްޗެހި ނަގައިގެން ލާރިދައްކަން ޖެހޭ ހިސާބަށް ދިއުމުން، އެ ތަކެއްޗަށް ހަތަރު ހާސް ކޮންމެވެސް ވަރެއް އަރާ ކަމަށް ބުންޏޯލައެވެ. މިވަރު ނާރާނެކަން އޭނާއަށް އެނގޭތީ އެކަން އަލުން ބެލުމަށް އޭނާ އެދުނެވެ. އޭނާގެ ފަހަތުގައި ކިޔުގައި ތިބި މީހުން ވެސް ހިތްހަމަނުޖެހުމުގެ ގަދަނޭވާލައި ޗުސްޖަހާ ވެސް ހެދިއެވެ. އެހެނަސް އޭނާގެ އެ އެދުން ތަކުރާރުކޮށް ބުނުމުން ކައުންޓަރުގައި އިން މީހާ އެ އެއްޗެހި އަލުން ޗެކު ކުރިއެވެ. މިފަހަރު އެރީ ދެހާސް ކޮންމެސް ވަރެކެވެ! މިއީ މިއަށް އަރަންވާނެ ކަމަށް އޭނާ ކުރި ހިސާބުން ވެސް ދެއްކި ވަރެވެ. ކައުންޓަރުގައި އިން މީހާ ބުނި ކަމަށް ވަނީ ނުބައި ކޯޑެއް ޖެހުނީ ކަމަށެވެ! މި ހިސާބުން ކިޔުގައި ފޫހިވެފައި ތިބި މީހުންގެ ނަފުރަތުގެ އަމާޒު ބަދަލުވިއެވެ.

މި ވާހަކަތައް މީހުންނަށް ކިޔައިދިނުމުގެ ތެރެއިން އަޅުގަނޑަށް ވަރަށް ހައިރާން ކުރުވަނިވި ކަމެއް އެކި މީހުންގެ ފަރާތުން އެނގުނެވެ. މިހެން ސުޕަރމާކެޓު ފަދަ ތަންތަނުގައި ކޭޝިއަރުންނަށް ތިބޭ މީހުން އެއްޗެހި ގަންނަ މީހުންގެ ބިލުގެ ތެރޭގައި އެމީހުން ގެއަށް ގެންދަން ބޭނުންވާ ބައެއް އެއްޗެހި ހިމަނާ ކަމަށް ވެއެވެ. ބިލްކޮޅު ނާތުލަންޏާ، އަމުދުން އެ ބިލްކޮޅު ޗެކު ނުކުރަންޏާ، މި ކަމެއް ނޭނގޭނެތާއެވެ. އަޅުގަނޑަށް އެރޭ އެ ހުއްޓުވާލެވުނީ ބޭފުޅަކު ގެއަށް ގެންދަވަން ބޭނުންފުޅުވި ކޮފީމޯކާ ތާއޭ ހިތަށް އެރިއެވެ. އަޅުގަނޑަށް އޭނާ މާފުކުރާނެ ބާވައޭ ވެސް ހިތަށް އެރިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1732222

3 Responses

  1. އިއްޔެ ތިހެން ދިމާވެއްޖެ
    އަގުހަދައިގެން އެއްޗެހި ނެގީ އެކަމަކު އަގަށް ވުރެ އަށާރަ ރުފިޔާ ބޮޑުވީމަ ސުވާލު ކޮށްގެން ބުނީ ކޯޑު މައްސަލަ އެކޭ
    ކަސްޓަމަރ ސަރވިސް އެއީ ކޮންއެއްޗެއްކަމެއްވެސް ދަންނަބަޔަކު އުޅޭތަ

  2. ދިވެހިންގެ ކަންނެތްކަމާއި ހިސާބު ބެލެހެއްޓުމުގެ ނާގާބިލްކަމާއި ފައިސާވެރިކަން ދެއްކެއްކުމުގެ ފައިދާ، ދޭސީ ސޭޓުންނާއި ބިދޭސީ ސޭޓުންނާއި ބޭސްފިހާރަތަކުން ނާއި ހޮޓާ ކެފޭތަކުން ނަގަމުން ގެންދަނީ އަތްފަޔަށް އޮބިއޮންނަ ވަރަށް ވުރެމާބޮޑަށް. ހާއްސަކޮށް އިންޑިޔާގައި ދިވެހިން ވިޔަފާރިކުރާއިރު މިކަން އާދަޔާހިޔާފަށް ބޮޑު. ސޭޓުންނަށް އެނގޭ ދިވެހިންނަކީ ބާކީ ފައިސާ ނުގުނައި ވަގުތުން ވޮލަޓަށް ލާބައެއް ކަން. އެހެންވުމުން އަބަދުވެސް ބާކީ ދޭއިރު 100 ނުވަތަ 500ރުފިޔަގެ ނޫޓެއް އުނިކޮށްފަ ދޭނީ. ގުނާނީ ބަރަށް މަދު މީހަކު. މަދުކަންއެނގިގެން ބުނެފިޔާ ހަމައަށް ދޭނެ. ގެއަށްގޮސް އައިސް އެވާކަ ބުނެފިއްޔާ އެއްބަހެއް ނުވާނެ. ބިލް ހޯދައި ބާކީފައިސާ ގުނުނާލުމަކީ ރީތި ސިފައެއް. ހަޑިކަމެއްނޫން.

  3. ތީ ވަރަށް ގިނައިން ދިމާވާ ކަމެއް. ހަމަ އަޅުގަނޑުވެސް ބިލްކޮޅު ބުނެކިޔައިން އަތުލައިގެން ގެއަށްގޮސް އެއްޗެހި ބަދަލުކޮށްފައި ބިލް ޗެކް ކުރާގޮތް ލިޔުމުގަ ސިފަކިރައްވާފަ ތިވަނީ. ލިޔުން ވަރަށް ފުރިހަމަ. ތަކެތީގެ އަގު ނުޖަހާ ހުންނަ ވާހަކަ ދައްކަވާލެއްވިނަމަ އަދި އިތުރަށް ފުރިހަމަވީސް. އަގު ނުޖަހާ ހުރުމުގެ އިތުރުން ތަރުކާރީ ކިރަން ތިބެނީ ބަންގާޅު ބޭފުޅުން. އަޅުގަނޑު ކިއުކަންބާ ގަތީމަ އޮތީ ޓޮމާޓޯގެ ކޯޑް ޖަހާފަ ކިރާފަ ކައުންޓަރުން އެމީހުން ޖަހާފަ އިންނަ ބާކޯޑު ސްކޭންކޮށްލާފަ މިއަގު ހަދަނީ. އަޅުގަނޑު ވިޔަފާރިކުރަނީ ރެޑްވޭވް އިން. މިމައްސަލަ ވަރަށް ގިނައިން ދިމާވޭ. އެކަމަަކު ބިލްކޮޅު ބަލާލެވެނީ ގެއަށްގޮސް ހަމަ. އަނެއްކާ އެއްޗެހި ބަދަލުކޮށްގެން އަލުން ހަމަ ދާންޖެހެނީ. ��

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *