Support Us

އީސާ ޝަރީފު ކޮބާ؟

އީސާ ޝަރީފު އެންމެ ފުރަތަމަ މަޝްހޫރުވީ މޮޅު ކުރެހުންތެރިއެއްގެ ގޮތުގަ އެވެ. ފަހުން މޮޅު ފިލްމު އެކްޓަރެއްގެ ގޮތުގަ އެވެ. އަދި މޮޅު ފިލްމު ޑައިރެކްޓަރެއްގެ ގޮތުގަ އާއި މޮޅު ޅެންވެރިއެއްގެ ގޮތުގަ އެވެ.

ދިވެހި ލަވަ އަލްބަމް "ފޮނިކަރުނަ"އިގެ ޕޯސްޓަރު އީސަ ކުރަހަނީ -ފޮޓޯ: ފޭސްބުކް

ވަރަށް ގިނަ ކުރެހުންތައް އީސަ ކުރެހި އެވެ. ވަރަށް ގިނަ ލަވަތަކާއި ފިލްމުތައް ކުޅެ، ޑައިރެކްޓުވެސް ކުރި އެވެ. ވަރަށް ގިނަ ލަވަތަކުގެ ޅެން ވެސް ހެދި އެވެ.

އީސަގެ އެންމެ ފުރަތަމަ ފިލްމަކީ "ނުފޫޒު" އެވެ. ދެން ހެދި ފިލްމުތަކުގެ ތެރޭގައި، ކަރުނައިގެ އަގު، ނަސީބު، ޒަޚަމް ފަދަ ފިލްމުތައް ހިމެނެ އެވެ. އީސަގެ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމަކީ "ފަތިސްހަނދުވަރެ"ވެ. ދެން "ގިނިހިލަ" އެވެ.

މި ހުރިހައި މަސައްކަތެއް ކޮށް، އެހާ ބޮޑު މަޝްހޫރުކަމެއް ހޯދައިފައި، އީސަ މިހާރު ކޮބައިހެއްޔެވެ؟

އީސަ މިހާރު ވެސް އެބަ އުޅެ އެވެ. މާލެތެރެއިން އެއްގޮތަކަށް ވެސް އީސަ ނުފެންނަނީ އޭނާގެ ދިރިއުޅުން، މީގެ 15 އަހަރު ކުރިއްސުރެ ތ. ހިރިލަންދުއަށް ބަދަލުކޮށްފައިވާތީ އެވެ.

އުމުރުން 58 އަހަރުގެ އީސަ އާއި ހިރިލަންދުއާ އޮތީ ކޮން ގުުޅުމެއްހެއްޔެވެ؟ އެއީ އޭނާގެ މަންމަ އާއި އަންހެނުންގެ ރަށެވެ. އެ ދެމަފިރިންނަށް ހަތަރު ކުދިން ވަނީ ލިބިފަ އެވެ. އެއީ ދެ ފިރިހެން ކުދިންނާއި އެއްމާބަނޑު ދެ އަންހެން ކުދިންނެވެ.

އަންހެނުންނާއި ހަގު ދެބެންނާއެކު އީސަ ފޮޓޯއަކަށް ހުއްޓިގެން -ފޮޓޯ: ފޭސްބުކް

ހިރިލަންދޫގައި އީސަ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އީސަ ވަރަށް ގިނަ ކަންތައް ކުރެ އެވެ. ރެސްޓޯރަންޓެއް ހިންގަ އެވެ. ފައިބަރުގެ މަސައްކަތް ކުރެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާއިތުވީ ތިން އަަހަރު ވެސް އީސަ ކުރާ ކަމަކީ ޅެންވެރިކަމުގެ ކޯސްތައް ހިންގުމެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށް ގޮސްގެން ވެސް ކޯސްތައް ހިންގި އެވެ. ނަމަވެސް މިހާރު ކޯސްތައް ހިންގަނީ އޮންލައިންކޮށެވެ.

ފާއިތުވީ ދެ އަހަރު ތެރޭގައި 426 ބައިވެރިންނަށް އީސަ ވަނީ ޅެން ކިޔަވައިދީ ސެޓްފިކެޓް ދީފައެވެ. މި ވަގުތު ވެސް އެކި އުުމުރުފުރާތަކަށް އޮންލައިން ހަތަރު ކޯސް އީސަ އެބަ ކުރިއަށްގެންދެ އެވެ. އެއީ މެންދުރުކުރި އާއި މެންދުރުފަހާއި ރޭގަނޑު ދެ ދަންފަޅިއެއްގައެވެ. ޖުމަލް 65 ކުދިން އެ ހަތަރު ކޯހުގައި ބައިވެރިވެއެވެ.

"އީސަ އޮންލައިން ޕޮއެޓްރީ"ގެ ފަރާތުން ގިނަ ކޯސްތައް ބާއްވަނީ ހިލޭސާބަހަށް ކަމަށް ވިޔަސް، ފީ ނަގައިގެން ހިންގާ ބައެއް ކޯސްތައް ވެސް ހުރެ އެވެ. އީސަ ބާއްވަނީ ބޭސިކް، ލެވްލް 1 އަދި ލެވެލް 2 ގެ ކޯހެވެ.

ދިވެހި ބަހުގެ އަދަބިއްޔާތުގެ މުހިންމު ފިލާވަޅެއް ގިނަ ބަޔަކަށް ދަސްކޮށްދެވޭތީ އީސަ ހުރީ ވަރަށް ހިތްހަމަޖެހި، އުފާވެފައެވެ.

"މިއީ ވަރަށް އުފާވާ ކަމެއް،" އީސަ ބުންޏެވެ.

އޮންލައިން ޅެން ކޯހުގައި އީސަ ކިޔަވައިދެނީ -ފޮޓޯ: ފޭސްބުކް

ޅެންވެރިކަމަށް ގޮސް އީސަ މުޅިން ހުސްވީހެއްޔެވެ؟ އީސަގެ ކުރެހުމެއް ދެން ނުފެންނާނެ ހެއްޔެވެ؟ ފިލްމެއް ދެން ނުފެންނާނެ ހެއްޔެވެ؟ ލަވައަކުން ވެސް ދެން އީސައެއް ނުފެންނާ ހެއްޔެވެ؟ ލޯބީގެ ފިލްމުތަކުން އީސަ ދެނެއް ނުފެންނާނެ އެވެ. ނަމަވެސް ޚާއްސަ ދާއިރާއެއްގެ ފިލްމެއް އޭނާ ޑައިރެކްޓްކޮށްފާނެ އެވެ.

"ލޯބީގެ ފިލްމުތަކުން ދެން ނުފެންނާނެ. ކޮންވެސް ވަރަކަށް ވީޑިއޯ އާއި ޑިޒައިނިންގެ މަސައްކަތް އެބަކުރަން މިކޮޅުގައި ވެސް،" އީސަ ބުންޏެވެ.

އީސަގެ ޅެންތަކެއް ހިމެނޭ ދެ އަލްބަމް ކުރީ އަހަރުގެ ރޯދަ މަހު ބައިސްކޯފުން ވަނީ ނެރެފައެވެ. އެއީ "ޢާލަމް" އާއި ލޯބީގެ ޅެންތަކެއް ހިމެނޭ "ހަނދާންކުރައްޗޭ"އެވެ.

ފިލްމީ ދާއިރާގެ ބައެއް ރަހުމަތްތެރިންނާއެކު އީސަ -ފޮޓޯ: ފޭސްބުކް

މާލެތެރެއިން އީސަ މިހާރު ނުފެނުނެއް ކަމަކު، ފޭސްބުކް މެދުވެރިކޮށް އޭނާ ވަނީ ހުރިހައި ރައްޓެހިންނާ ގުޅިފަ އެވެ. އީސަ ކުރަމުން އަންނަ ހުރިހައި މަސައްކަތެއް ފޭސްބުކުން ފެނެ އެވެ. އެންމެ ގިނައިން ފެންނަނީ ޅެންތަކެވެ. ތަފާތު މައުލޫތަކަށް ހަދައިފައިވާ، މޮޅު ޅެންތަކެވެ. އޭގެ އިތުރުން އޮންލައިން ޅެން ކޯހާ ބެހޭ ހުރިހައި މައުލޫމާތެއް ވެސް ފޭސްބުކުން ލިބެ އެވެ. ކުރީގެ ބައެއް ފިލްމުތަކާއި ލަވަތަކުގެ ބައިތައް އޭގައި އެބަހުއްޓެވެ. އެހެންވެ އީސަ ދެން އާންމުކޮށް ފެންނާނީ އޮންލައިންކޮށް ކަމަށް ނިންމުން ނޫން ގޮތެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *