...

Support Us

ކޮރޯނާ ވައިރަސް ނެތް ޤައުމުތައް ދުނިޔޭގައި އެބަހުރިތަ؟

މީގެ ދޮޅުއަހަރެއްހާ ދުވަސްކުރީން، 2019 ވަނަ އަހަރު ޑިސެންބަރުމަހުގެ ތެރޭގައި ސީނުކަރައިން ކޮރޯނާއޭ ކިޔާ ފާޑެއްގެ ވައިރަހެއް ފެނި، އެކަން ދުނިޔޭގެ ސަމާލުކަމަށް އައެވެ. އޭރު ބެލެވުނީ މިއީ ހަމަ އެކަނި އެ ސަރަހައްދަށް ފެތުރުނު އާދައިގެ ސަރަހައްދީ ރޯގާއެއް ކަމަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި ވައިރަހުން ޖައްސާ ބައްޔަކީ ކޮވިޑް19 ކަމަށް ނަން ދެވުނު މި ބަލި، މުޅި ދުނިޔެއަށް ފެތުރި އެއީ ޢާލަމީވަބާއެއްކަމުގައި އިޢުލާމުކުރެވުނެވެ.

ނޭވާލާ ނިޒާމަށް އަސަރުކުރާ މި ބަލި ޖައްސާ ވައިރަހަކީ ހަށިގަނޑުގައި ހުންނަ ކުޅު ފަދަ ދިޔަވަރުގެ ކަވި ތިކިތަކުން ގައިންގަޔަށް އަރާ އެއްޗެއްކަމަށް ބެލެވެއެވެ. މިހާރު މަދުވެގެން 188 ގައުމެއްގައި މި ބަލި ވަނީ ފެތުރިފައެވެ.

ސައެންސްވެރީންނާއި ސިއްޙީ އޮފިޝަލުން ސިޔާސީ މީސްމީހުން ވެސް ރައްޔިތުންނަށް އިލްތިމާސްކުރަނީ ވީވަރަކުން އިޖުތިމާޢީ އަދި ފަރުދީ ގައިދުރުކަން އިޚުތިޔާރުކުރުމަށެވެ. އަދި ކޮންމެހެން ގެއިން ބޭރަށް ނުކުންނާންޖެހިގެންނޫނީ ގެއއިން ނުނިކުމެ ގޭގައި ތިބުމަށެވެ. އަދި އެހެންމީހަކާ މުޢާމަލާތުކުރާނަމަ މޫނުމަތި އެޅުމަށެވެ. މިއަދު ދިވެހިރާއްޖޭގައި މި ވަނީ ފުރަބަންދެއް އިޢޫލާނު ނުކުރެއްވިޔަސް ބުދަ ދުވަހުން ފެށިގެން "ފުރަބަންދަކަށް" ގެންދާ ގޮތަށް ހަމަޖެހިފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީއިން އެއްކޮށްފައިވާ ޑޭޓާއަށް ބަލާއިރު 29 މިލިއަންއަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް ޖެހިއްޖެއެވެ. އަދި ނުވަ ލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެއްޖެއެވެ. ބަލިޖެހި ރަނގަޅުވެފައި ވަނީ 19 މިލިއަނެއްހާ މީހުންނެވެ.

މި ކަންކަން މިހެން އޮތް އިރު، އަޅުގަނޑުމެންނަށް ގަބޫލުކުރާން އުނދަގޫ ވިޔަސް މިހާތަނަށް ކޮވިޑްގެ އެއްވެސް ވޭދަނައެއް ފެނިގެން ރިޕޯޓުކޮށްފައި ނުވާ ގައުމުތައް ވެސް އެބަހުއްޓެވެ. ދުރާލައި، އަވަހާ ފިޔަވަޅު އެޅުނުނަމަ، ދިވެހިރާއްޖޭގެ ނަން މި ލިސްޓްގައި އޮތީހެވެ. އެއީ ދިވެހިރާއްޖޭގެ ޖުޣުރާފީ މަޤާމާއި ޙިކުމާތީ ނުކުތާގެ ސަބަބުން އެކަން އެ ގޮތަށް ވުމުގެ ފުރުޞަތު އޮތީތީއެވެ. ކޮންމެއަކަސް އެ ޝަރަފެއް ނުލިބުނެވެ. އެ ޝަރަފު ހޯދި ޤައުމުތައް ތިރީގައި ލިސްޓްކޮށްލާނަމެވެ. އާބާދީގެ ކުޑަބޮޑުމިނަށް ބަލައި ބޮޑުން ކުޑައަށެވެ.

މި ލިސްޓްގައި މި ބަޔާންކުރާ ޤައުމުތަކުގެ އިތުރަށް އިތުރު ހަތަރު ގައުމެއްގެ ނަން ކުރީން މި ލިސްޓްގައި އޮތެވެ. އެއީ އެ ގައުމަކުން 3 އޮކްޓޫބަރުގައި ފުރަތަމަ ވޭދަނަ ފެނުނު "ސޮލަމަން އައިލެންޑަސް"އާއި  29 އޮކްޓޫބަރު 2020 ގައި ފުރަތަމަ ދެ ވޭދަނަ ރިޕޯޓްކޮށްފައިވާ "މާރޝަލް އައިލެންޑްސް"އާއި 11 ނޮވެންބަރ 2020ގައި ކޮވިޑްގެ ފުރަތަމަ ވޭދަނައެއް ފެނިފައިވާ "ވަނުއާޓޫ"އާއި 8 ޖަނަވަރީ 2020 ގައި ފުރަތަމަ ވޭދަނަ އިޢުލާނުކޮށްފައިވާ "މައިކްރޯނޭޝިއާ" ހިމެނެއެވެ. މި ދެންނެވި ޤައުމުތަކުން، ދެންނެވުނު ތާރީޚުތަކުގައި ކޮވިޑްގެ ވޭދަނަތައް ފެނުމާއެކު ކޮވިޑް ނާންނަ ގައުމުތަކުގެ ލިސްޓުން އެ ގައުމުތައް ވަނީ އުނިކުރެވިފައެވެ.

މި ދެންނެވި، ކޮރޯނާ ވައިރަހުގެ އެއްވެސް ވޭދަނައެއް ރިޕޯޓްކޮށްފައި ނުވާ ގައުމުތަކަށް ތަންކޮޅެއް ތަފުސީލުކޮށް ބަލައިލަމާތޯއެވެ! އަދި އެ ޤައުމުތަކަށް ކޮރޯނާ ވައިރަހަށް އެރުމުގެ ފުރުޞަތު ﷲގެ މިންވަރުފުޅުން ނުލިބުނީ ކޮން ސަބަބުތަކެއް މެދުވެރިވެގެންތޯ ވެސް ބަލައިލަމާތޯއެވެ!

  1. އުތުރުކޮރެޔާ، އޭޝިއާ (އާބާދީ:25،778،816)

ކޮވިޑަށް ޝައްކުކުރެވުނު ފުރަތަމަ ވޭދަނަ އުތުރުކޮރެއާގައި ރިޕޯޓްކުރެވުނީ 26 ޖުލައި 2020ގައެވެ. މި ރިޕޯޓާ ގުޅިގެން ކައެސޮންގގެ ދެކުނު ސަރަހައްދު ކުއްލި ޙާލަތަށް ގެނެވުނެވެ. ނަމަވެސް ފަހުން ޔަގީންކުރެވުނީ އެއީ ކޮރޯނާ ވައިރަހުގެ ވޭދަނައެއް ނޫން ކަމަށެވެ.

އުތުރުކޮރެއާއަކީ ސަރަހައްދީ، އިން ބަންދުކުރި ފުރަތަމަ ޤައުމެވެ.

ސީނުކަރައިގެ އަވަށްޓެރިއެއް ކަމުގައިވެ އޮވެ، ޖަނަވަރީ 21 ވަނަ ދުވަހު އެ ޤައުމުގެ އިން ބަންދުކޮށްލި ގޮތަށް އަދި ވެސް އޮތީ ނުހުޅުވައެވެ. އަދި ޤައުމަށް އެތެރެވާ މީހުން ޢަމަލުކުރާންޖެހޭ ހަރުކަށި އުޞޫލުތަކެއް ކަނޑައަޅައި އެ އުޞޫލުތައް މިހާރު ވެސް ގެންދަނީ ތަންފީޒުކުރަމުންނެވެ. އެ ހަރުކަށި އުޞޫލުގެ ދަށުން ގައުމަށް އެތެރެވާ ދޭސީންނާއި ބިދޭސީން ވެސް ހިމެނޭ ގޮތުން މަސް ދެމަސް ވަންދެން ކަރަންޓީނުގައި ތިބޭން ޖެހެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސީނުކަރައިގެ ބަނޑުދޮށުގައި އޮތް އުތުރުކޮރެއާގައި ކޮރޯނާވައިރަސް ވޭދަނައެއް ރިޕޯޓުކުރެވިފައި ނުވަނީ ހަމަ ހަގީގަތުގައި ވެސް އެ ގައުމަށް ކޮވިޑު އެތެރެނުވަތީތޯ ސުވާލު އުފެދޭ ނަމަ، އެހެން ވަސީލަތްތަކުން އެކަން ކަށަވަރުކުރެއްވުމުގެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑެއް ނެތެވެ.

  1. ތުރްކްމެނިސްތާން، އޭޝިއާ (އާބާދީ:6،031،200)

ތުރްކްމެނިސްތާނަކީ ކަޒަކްސްތާނާއި އުޒްބަކިސްތާނާއި ތަޖިކިސްތާނާއި އީރާނާއި އަފްޣާނިސްތާނާ އިންވެގެން އޮންނަ މެދުތެރޭ އޭޝިއާގެ ޤައުމެކެވެ. ތުރްކްމެނިސްތާނާ އިންވެގެން އޮންނަ މި ދެންނެވި އެހެން ހުރިހާ ޤައުމަކުން ވެސް ވަނީ ކޮވިޑްގެ ވޭދަނަތައް ފެނިފައެވެ. މި ޤައުމުތަކާ ބިމުން އިންވެގެން އޮންނަ ހުރިހާ ގައުމެއްގެ އިން ސަރަހައްދު މަސްދުވަސްކުރީން ވަނީ ބަންދުކުރެވިފައެވެ. ތުރްކްމެނިސްތާނަށް ޗައިނާއިން އައިސް ގޮސްވާ ގިނަ މަތީންބޯޓުތައް އަދި ހުރިހާ މަތީންދާ ބޯޓުތަކެއް އައިސްގޮސްވުން ވަނީ ފެބްރުވަރީމަހު ކުރީކޮޅު ބަންދުކުރެވިފައެވެ.

  1. ކިރިބަތީ، އޯޝޭނިއާ (އާބާދީ:119،551)

ކިރިބަތީގައި ވެސް ކޮވިޑްގެ ވޭދަނައެއް އިޢުލާނުކޮށްފައެއް ނެތެވެ. މާރިޗް 30 އިން ފެށިގެން ޤައުމުގައި ވަނީ ޢާންމު ކުއްލި ޙާލަތު އިޢުލާމުކޮށްފައެވެ. ދެ ހަފުތާއަށް ހުރިހާ އިސްކޫލުތަކެއް ބަންދުކުރިއެވެ.

  1. ތޮންގާ، އޯޝޭނިއާ (އާބާދީ:105،695)

ތޮންގޯއިން ވަނީ ފެބްރުވަރީއިން ފެށިގެން ދަތުރުފަތުރުކުރުމުގެ ގަވާއިދު ހަރުކަށިކޮށްފައެވެ.

ފިޖީއިން ކޮރޯނާގެ ފުރަތަމަ ވޭދަނަ އިޢުލާނުކުރުމާއެކު ތޮންގާއިން އެ ގައުމުގެ ސަރަހައްދީ އިން ބިދޭސީންނަށް ބަންދުކޮށްލިއެވެ. ނަމަވެސް އެ ގައުމުގައި ތިބި ބިދޭސީންނަށް އެ މީހުންގެ ގައުމުގެ މަތީންދާބޯޓުތަކުގައި އެ ގައުމުން ބޭރުވާން ހުއްދަ ދިނެވެ. މާރޗް 29ގައި އެ ޤައުމު ފުރަބަންދުކުރިއެވެ.

ތޮންގާގެ ރައްޔިތުން ފިޖީއިން އަނބުރައި ގެނައުމަށް ޓަކައި މި ދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި އުދުހުންތަކެއް ހަމަޖެއްސިއެވެ. މިއިން ކޮންމެ އުދުހުމެއްގައި، ބޯޓަކަށް އަރުވާންޖެހެނީ އެންމެ 60 މީހުން ކަމުގައި ކަނޑައެޅިއެވެ. މި ގޮތަށް ގައުމަށް ގެނެވޭ މީހުން ފުލުހުންގެ ޚާއްޞަ ބެލުމުގެ ދަށުން ކަރަންޓީނު ހޮޓަލަށް ގެނެވެއެވެ. އަދި އެ ހޮޓާ ހުންނަ މަގު ވެސް އެކީއެކަށް ބަންދުކުރެވުނެވެ.

މި ގައުމުން މިހާތަނަށް ކޮވިޑަށް ޝައްކުކުރެވުނު އަށް ވޭދަނައެއް ޓެސްޓުކުރެވުނެވެ. ނަމަވެސް ހުރިހާ ވޭދަނައެއްގެ ނަތީޖާ ވެސް ދެއްކީ ނައްސިކަމަށެވެ.

  1. ޕެލާއު، އޯޝޭނިއާ (އާބާދީ:18،094)

ގުއާމުން އައި މި ޤައުމުގެ ރައްޔިތަކު ކޮވިޑަށް ޝައްކުވެގެން ޓެސްޓުކުރެވުނެވެ. ނަމަވެސް ޓެސްޓްގެ ނަތީޖާ ދެއްކީ ނައްސިކޮށެވެ. މި ވަގުތު ކޮވިޑަށް ޝައްކުކުރެވޭ އެއްވެސް ވޭދަނައެއް އެ ގައުމުގައެއް ނެތެވެ.

  1. ތުވާލޫ، އޯޝޭނިއާ (އާބާދީ:11،793)

ތުވަލޫއަކީ އެންމެ މަދުން ފަތުރުވެރީން ޒިޔާރަތްކުރާ އެއް ގައުމުކަމުގައި ބުނެވެއެވެ. އެހެންކަމުން މި ކަންވީ މި ކުޑަކުޑަ އާބާދީ އޮތް މި ޤައުމަށް ކޮވިޑުން ރައްކާތެރިވެގެން ތިބޭން އޮތް ފަހި ފުރުޞަތަކަށެވެ.

  1. ނައުރޫ، އޯޝޭނިއާ(އާބާދީ:10،823)

ނައުރޫއަކީ ވަރަށް ކުޑަކުޑަ ގައުމެކެވެ. މުޅި ގައުމުގައި އެއް ދުވަހުން ހިނގައިލެވޭހާ ކުޑަކުޑަ ގައުމެކެވެ. އެހެންކަމުން މިއީ މި ޤައުމަށް ކޮވިޑް އަޔަނުދީ ކޮންޓްރޯލްކުރުމަށް ލިބުނު ފަހި ފުރުޞަތެކެވެ. ތުވަލޫ ފަދައިން މި ގައުމަކީ ފަތުރުވެރީން އެންމެ މަދުން ޒިޔާރަތްކުރާ އެއް ގައުމެވެ.

މަތީގައި މި ހާމަކޮށްލީ މިހާރު ކޮވިޑް ނެތް ހުރިހާ ގައުމެއް ނޫނެވެ. މިއީ އަދި މިހާތަނަށް އެއް ގޮތަކަށް ވެސް ކޮވިޑް އެތެރެވެފައި ނުވާ ގައުމުތަކެވެ. ކޮވިޑްގެ ވޭދަނަތައް ފެނި މިހާރު މުޅީން ރަނގަޅުވެފައި ހުރި ގައުމުތައް މި ލިސްޓްގައި ހިމަނައިފައެއް ނުވާނެއެވެ. މި ޤައުމުތަކުގެ ހާލަތާއި މި ގައުމުތަކުން އެޅި ފިޔަވަޅުތަކަށް ބަލާއިރު މިއީ ދިވެހިރާއްޖެއަށް ވެސް ކޮވިޑް އަޔަނުދީ އެޅޭން ހުރި ފިޔަވަޅުތަކެކެވެ. ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރައްވާން ތަޖުރިބާކާރު ޢިލްމީ ޤާބިލު އިޚުލާޞްތެރި ބަޔަކު ތިއްބެވި ނަމަ، މި ލިސްޓްގައި ދިވެހިރާއްޖޭގެ ނަން ވެސް ލިޔެވުނީހެވެ.

ކޮވިޑަށް ޓެސްޓްކުރުމަށް ކުޅުދުއްފުށީގައި ސާމްޕަލް ނަގަނީ.. -ފޮޓޯ: ކުޅުދުއްފުށި ހޮސްޕިޓަލް/އެފް.ބީ

ފުރަތަމަ މި ރާއްޖެއަށް ކޮވިޑް ތަޢާރަފުވާން ދިމާވި ސަބަބުތަކާއި މިއަދު ދިވެހިރާއްޖެ މި ނުރައްކާތެރި ޙާލަތަށް ވެއްޓި ކޮވިޑްގެ އާ ބާންޏެއް ކުރިމަތިވެ، ދުވާލެއްގެ މައްޗަށް ފައްސިވާ ޢަދަދުތައް ހާހުން މަތިވެފައިވާއިރު މަރުވާ މީހުންގެ ޢަދަދު ދުވަހުން ދުވަހުން އިތުރުވަމުންދާއިރު، މި ރާޅު ދިވެހިރާއްޖެއަށް މި ބިންދައިލީ ކީއްވެގެން ކޮން ސަބަބަކާހުރެކަން، މީޑީއާގެ ރިޕޯޓްތައް ދިރާސާކޮށްލައްވައިފި ނަމަ އެނގިވަޑައިގަންނަވާނެއެވެ. އެ ހިތާމަވެރި ލަދުވެތި ވާހަކަތައް ތަކުރާރުކުރާކަށް އަޅުގަނޑެއް ނެތީމެވެ. އަޅުގަނޑު ހަމައެކަނި މި ފާހަގަކޮށްލީ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ކޮވިޑުން ސަލާމަތްވެގެން ތިބެވިދާނެކަން ސާބިތުކޮށްދީފައިވާ ގައުމުތަކެއްގެ ނަންތަކެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ ކޮވިޑްގެ ނުރައްކާތެރި ވަބާއިން ދިވެހި ޤައުމު ސަލާމަތްވުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމެވެ.

މައުލޫމާތު: https://koryogroup.com

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.