...

Support Us

ވެކްސިން ޖެހުން މުހިންމުވަނީ ކީއްވެ؟ ދެންކުރާންވީ ކޮން ކަމެއް؟

ވެކްސިނަކީ ކޮން އެއްޗެއް؟

ދިވެހި ބަސްފޮތް ބަޔާންކުރާ ގޮތުގައި ވެކުސިނަކީ "ބަލިބަލީން ދިފާޢުވުމަށް ޓަކައި ދޭ ބޭހާއި ޖަހާ އިންޖެކްޝަން"އެވެ. ތަންކޮޅެއް ތަފުސީލުކޮށް ދަންނަވާނަމަ، ވެކުސިނަކީ ބައްޔެއް ޖެހުމުގެ ކުރީން އެ ބައްޔަކުން އިންސާނާ ރައްކާތެރިކޮށްދިނުމަށް ޓަކައި، ނުވަތަ ބަލިޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ޓަކައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް "އެންޓިބޮޑީޒް" ތަމްރީނުކުރުމަށް ޓަކައި ހަށިގަނޑުގެ ތެރެއަށް (އާންމު ގޮތެއްގައި އިންޖެކްޝަނެއްގެ ގޮތުގައި) ފޮނުވައިލާ މާއްދާތަކެކެވެ. ވެކްސިންގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ "އެންޓީޖްން" (antigen) އެވެ. އެންޓީޖަނަކީ އެ ބައްޔެއް ޖައްސާ އެޖެންޓުގެ (ޖަރާސީމުގެ) ވަރަށް ކަވި މިންވަރެކެވެ. ނުވަތަ ވަރުދެރަކޮށް ބަލިކަށިކޮށްލައިފައިވާ ޖަރާސީމެކެވެ. ބޭނުމަކީ އެ ފަދަ އަސްލު ޖަރާސީމެއް ހަށިގަނޑަށް ވަދެއްޖެ ނަމަ، ހަށިގަނޑުގެ ދިފާއީ ލަޝްކަރު (އެންޓިބޮޑީޒްއަށް) އެކަން ދެނެގަނެވި، ހަށިގަނޑަށް ވަންނަ އެ ބާވަތުގެ ޖަރާސީމަށް ޙަމަލާދީ ނައްތައިލުމުގެ ތަމްރީނު ދިނުމެވެ. މީގެ އިތުރަށް އެ އެންޓީޖަނަކުން އިންސާނާއަށް ފަހަރެއްގައި ވެސް ނޭދެވޭ އަސަރެއް ފޯރިޔަ ނުދިނުމަށް ޓަކައި، އެހެން ބައެއް މާއްދާ ވެސް ވެކްސިނުގައި ހިމަނައެވެ. އެކި ބަލިބައްޔަށް އެކި މިންވަރަށް އެކި ބާވަތްތަކުގެ ވެކުސިނުގައި އެކި މާއްދާ ހިމަނައިފައި ހުރުން އެކަށީގެންވެއެވެ.

ވެކްސިންޖެހުމުގެ ފައިދާއަކީ ކޮބާ؟

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ދސޖ)ގެ ނަޒަރުގައި ކޮވިޑުން ސަލާމަތްވުމަށް ޓަކައި ވެކްސިން ޖެހުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ވެކްސިން ޖެހުމުން ސާރޒް-ކޮވް2 ވައިރަހާ ދެކޮޅަށް ދިފާޢީ އިޖާބައެއް ހަށިގަނޑުގެ ތެރޭގައި ތަރައްގީވުމުގެ ސަބަބުން ބައްޔާ އިދިކޮޅު ދިފާޢެއް (ހަށިގަނޑުގައި) އުފައްދައެވެ.

ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ދިފާޢެއް ތަރައްގީވުމުގެ މާނައަކީ އެ ބައްޔާއި ބަލީގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ކަންތައްތައް ހަށިގަނޑުގައި އިތުރަށް ބޮޑުވުމުގެ ހިރާސް ކުޑަވުމެވެ. ބަލީގެ ވައިރަސް ހަށިގަނޑަށް ވަދެއްޖެ ނަމަ، އެ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރާން މި ދިފާޢު އެހީވެދެއެވެ. އިނބަ ވެކްސިން ޖަހައިފި ނަމަ، އެ ކަމުގެ ސަބަބުން އިނބަގެ ވަށައިގެންވާ މީހުންގެ ދިފާޢަކަށް ވެސް އެކަންވެއެވެ. އެހެނީ އެ ބަލި ޖެހިގެން ނޭދެވޭ އަސަރު ފޯރުމުން އިނބަ ޙިމާޔަތްވެފައިވާތީއެވެ.

ކޮވިޑްގެ ސަބަބުން ޙާލު ބޮޑުވުމުގެ ފުރުޞަތު ބޮޑު (ހިރާސް މަތި) މީހުންނަށް ވެކްސިން ދިނުން އަދި މާ މުހިންމެވެ. މި ފަދަ ހިރާސް މަތި މީހުންނަކީ ޞިއްޙީ ހޭހަން ލިބެމުންދާ މީހުންނާއި މުސްކުޅީންނާއި އުމުރުން ދޮށީ މީހުންނާއި ބަލީގެ ސަބަބުން ބޭސްފަރުވާގެ އެހެން ޙާލަތެއްގައިވާ މީހުންނެވެ. އެންމެންނަށް ވެކުސިން ދިނުން މުހިންމު ނަމަވެސް މި ދެންނެވި ގިންތީގެ މީހުންނަށް ވެކްސިން ދިނުމުގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެގެންވެއެވެ. ދސޖ އިން ހާމަކޮށްފައިވާ ގޮތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި ވެކްސިން ރައްކާތެރިއެވެ. މީގެ ތެރޭގައި ގައިންގަޔަށް ނާރާ ދާއިމީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ނޭވާއަށް އުނދަގޫކުރުމާއި ކިޑްނީއާއި ހިތުގެ ބަލި މީހުން ހިމެނެއެވެ. ވެކްސިން ޖަހައިފި ނަމަ، އެ ބަލި އިނބަގެ ގަޔަށް އެރި ނަމަވެސް އެ ބަލީގެ ސަބަބުން ހާލު ބޮޑުވެ ސީރިއަސް ޙާލަތަކަށް ދިޔުމުން އިނބަ ޙިމާޔަތްކޮށްދެއެވެ.

ސީރިއަސް ޙާލަތަކަށް މީހާ ދިޔުމާއި ކޮވިޑް19ގެ ސަބަބުން މަރުގެ ޙާލަތަށް ދިޔުމަށް ވެކްސިންގެ ސަބަބުން އެހީތެރިވެއެވެ. ވެކްސިން ޖަހާތާ ފުރަތަމަ ފޮއިގެ ތެރޭގައި ފާހަގަކޮށްލެވޭފަދަ މަތީ ދަރަޖައަކަށް ދިފާޢު ނޫފެދުނަސް މަޑުމަޑުން ދިފާޢީ ބާރު އަންނާނީ އިތުރުވަމުންނެވެ. އެއް ޑޯޒުގެ ވެކްސިނުން ދިފާޢު އުފެދޭން ފަށާނީ ފޮއި ދުވަހުގެ ތެރޭގައެވެ. ދެ ޑޯޒު ޖަހާންޖެހޭ ވެކްސިނެއް ނަމަ ދިފާޢީ ބާރު ގަދަކުރުމަށް ޓަކައި ހަމަޖެހިފައިވާ ދުރުމިނެއްގައި ދެ ޑޯޒު ފުރިހަމަކުރުން ލާޒިމެވެ.

ކޮވިޑް ވެކްސިންގެ ސަބަބުން ބަލީގެ ސީރިއަސް ޙާލަތަކަށް ދިޔުމާއި ފުރާނައަށް ނުރައްކާވުމުން ރައްކާތެރި ވިޔަސް ބަލި ޖެހެނީ އަސްލު ކޮން ޙާލަތެއްގައިކަމާއި އެ ބަލި އިނބަގެ ފަރާތުން އަނެކެއްގެ ގަޔަށް ވާޞިލުވަނީ އަސްލު ކޮން ހާލަތެއްގައިކަން އަދި އެހާ ތަފުޞީލުކޮށް ދެނެގަނެވިފައެއް ނުވެއެވެ. ގަބޫލުކުރެވިފައިވާ ގޮތުގައި ބަލި ވާޞިލުވަނީ އަނގައާއި ލޮލާއި ނޭފަތުގެ ވާސިޠާއިންނެވެ. އެހެންކަމުން އަބަދުވެސް ސާބޯނި ލައިގެން ރަނގަޅަށް އަތްދޮވެގެން ނޫނީ މިއިން ގުނަވަނެއްގައި އަތް ނުލުން މުހިންމެވެ. އަދި ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފޮތި މޫނުމަތި (މާސްކު) އަޅައިގެންނޫނީ އެއްވެސް މީހަކާ އެއްތާނުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ވެކްސިންގެ ހަވާސަރު ނުރައްކާތަ؟

ބައެއް ވެކްސިން ޖެހުމުން ފެންނަ ހުންއައުމާއި ދުޅަވުމާއި ބޮލުގައި ރިއްސުމާއި މިފަދަ "ހަވާސަރު"ތައް (ސައިޑްއިފެކްޓްސް)، ތަދުކަނޑުވާ ޢާންމު ބޭހަކުން ރަނގަޅުކުރެވޭނެ ކަމަށް "ކޮންޒިއުމާރ ނިއުސް އޭންޑް ބިޒްނަސް ޗެނަލް (CNBC) "ގެ ޞިއްޙީ ރިޕޯޓަކާ ޙަވާލާދީ ޒިންހުއާ ނިއުސް އޭޖެންސީން ހާމަކޮށްފައިވެއެވެ.

އެމެރިކާގެ ބަލި ކޮންޓްރޯލްކުރުމާއި ބަލިތަކުން ރައްކާތެރިކޮށްދިނުމާ ބެހޭ މަރުކަޒު (CDC)ގެ އިރުޝާދަކާ ޙަވާލާދީ ސީއެންބީސީގެ ރިޕޯޓްގައި ހާމަކޮށްފައިވަނީ ތަދުކަނޑުވާ ބޭހަކުން ވެކްސިންގެ ހަވާސަރު ކުޑަކުރެވޭނެ ކަމަށެވެ. ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން ވެކްސިންގެ ސަބަބުން މެދުވެރިވާ، ކުރީން ދެންނެވި ފަދަ ހުން އައުމާއި ގަޔަށް ތަދުވުމާއި ދުޅަވުމާއި ބޯއެނބުރުންފަދަ ހަވާސަރުތަކަކީ ޢާންމު ކަމެއް ކަމަށެވެ. މި ފަދަ ހަވާސަރުތަކަކީ "ކޮންޓްރޯލްޑް އިންފްލަމޭޝަން"ނަމަކަށް ކިޔާ ނިޒާމެއްގެ ތެރެއިން ވައިރެހާ ދެކޮޅަށް ދިފާޢީ ނިޒާމު ތައްޔާރުވާން ފެށުމުން މެދުވެރިކާ ކަމެއްކަމަށެވެ. އެއީ އެއްވެސް ސީރިއަސްކަމެއް ނޫންކަމަށެވެ.

ބަލީން ރައްކާތެރިވާން މޫނުމަތި އެޅުން މުހިންމުތަ؟

އެއްތާވާ ދެ މީހުންކުރެ އެކަކުވެސް މޫނުމަތި ނާޅައި އުޅޭ ނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި އެއްތާވާ ދެ މީހުންކުރެ، ވާހަކަދައްކާ މީހާ މޫނުމަތި ނާޅައި، އަޑުއަހާ މީހާ އެކަނި މޫނުމަތި އެޅިޔަސް ބަލި ފެތުރުމުގެ ފުރުޞަތު ހަމަ ބޮޑުވާނެއެވެ. މެދުމިންވަރަކަށް މި ފުރުޞަތު އޮންނާނެއެވެ. ނަމަވެސް އެއްތާވާ ދެ މީހުންކުރެ ވާހަކަދައްކާ މީހާ މޫނުމަތި އަޅައިގެން ހުއްޓަސް ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. އެކަމަކު މިޙާލަތުގައި އެ ފުރުޞަތު ކުޑަވެއެވެ. އަދި އެއްތާވާ ދެ މީހުން މޫނުމަތިއަޅައިގެން ތިބެ މުޢާމަލާތުކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު އަދި އެއަށްވުރެ މާ ކުޑަވާނެއެވެ. އަދި އެއްތާވާ ދެ މީހުންކުރެ އެކަކު ކިބައިން އަނެކަކަށް ބަލި ވާޞިލުވުމުގެ ފުރުޞަތު އެންމެ ކުޑައީ މޫނުމަތި އަޅައިގެން ދެ މީހުންގެ ދެމެދުގައި ބިއްލޫރި ހުރަހެއް ބަހައްޓައިގެން ނުވަތަ ތިން ފޫޓު ދުރުގައި ތިބެ މުޢާމަލާތުކުރާނަމައެވެ.

އެހެންވީމާ…

ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި ޑޯޒު ހަމަކޮށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއްކަން ކަށަވަރެވެ. އަދި ތަނެއްގައި އަތް ލައިފި ނަމަ، ޖަރާސީމުމަރާ އެއްޗަކުން އަތުން ޖަރާސީމު ފިލުވައިގެން އުޅުން މުހިންމެވެ. އަނގަޔާއި ނޭފަތާއި ލޯފަދަ ތަނެއްގައި އަތްލާނަމަ، ނުވަތަ އަތުން ނަގައިގެން ބަތްކާނަމަ، ކެއުމުގެ ކުރީން، ތައްޓާއި ސަމުސަލާއި އަތްތިލަ ސައިބޯނި ފަދަ އެއްޗެއް ލައިގެން ވަރަށް ރަނގަޅަށް ދޮވުން ވެސް މުހިންމެވެ. އަދި އެއްވެސް މީހަކާ އެއްތަންވާ ނަމަ، ނުވަތަ އަނަގަބަހުން މުޢާމަލާތުކުރާނަމަ، ފޮތި މޫނުމަތި (މާސްކު) އަޅައިގެން ތިންފޫޓަށްވުރެ ދުރުގައި ތިބުމަކީ އަދި އެއަށްވުރެ މާ މުހިންމު ކަމެކެވެ.

މި ގޮތްގޮތަށް ޢަމަލުކުރެވިއްޖެ ނަމަ، ﷲގެ ރަޙުމަތާއެކު، ކޮވިޑުން ސަލާމަތްވެގެން ތިބުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. ވީމާ، ކޮންމެ މީހަކު ވެސް އެ މީހަކާއި އެ މީހެއްގެ ޢާއިލާގައި މި އުޞޫލުން ޢަމަލުކުރުމަށް ބާރުއަޅައި އެކަން ތަންފީޒު ކުރާނަމަ، ﷲގެ ވާގިފުޅައެކު، މުޖުތަމަޢުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރެވެދާނެއެވެ.

ބައެއް ލަފުޒުގެ މާނަ:

އެއްތާވުން: Contact
ހިރާސް: Risk
ހަވާސަރު: Side Effect
ފޮއިދުވަސް: Fortnight
ޖަރާސީމު މަރާ އެއްޗެއް: Sanitizer
ހިރާސް މަތި: High Risk