Support Us

އަންނަ ބުރާސްފަތި ދުވަހު ގެފުޅު މައްޗަށް އިރު އޮލަނބުވާނެ

މި އަންނަ ބުރާސްފަތި ދުވަހު މައްކާއަށް މެންދުރު ނަމާދު ވަގުތަށް މާތްވެގެންވާ ގެފުޅު މައްޗަށް އިރު އޮލަނބުވެގެންދާނެ ކަމަށް ފަލަކީ ހިސާބުވެރީން ވިދާޅުވެއްޖެއެވެ. އެއީ ގްރީނިޗް ގަޑިން ހެނދުނު 9 ގަޑި 17 މިނެޓް 42 ސިކުންތުގައެވެ. މިއީ މި އަހަރު ގެފުޅު މައްޗަށް އިރު އޮލަނބުވެގެންދާ ފުރަތަމަ ފަހަރެވެ.

އިރު އޮލަނބުވެގެންދާ ވަގުތު، އިރު ހުންނާނީ 89 ދަރަޖަ 55 ދަޤީޤު 37 ސާނިޔާގައެވެ. ނުވަތަ ގާތްގަނޑަކަށް 90 ދަރަޖައިގައެވެ.

އިރު އޮލަނބުވާ ޒާހިރާ (ފިނޯމިނާ) ބޭނުންކޮށްގެން މީގެ ދެ ހާސް އަހަރު ކުރިން ޢިލްމުވެރިން ވަނީ މި ބިމަކީ ވައް އެއްޗެއްކަން ހާމަކޮށް ދެއްވައިފައެވެ. މި ޒާހިރާ ބޭނުންކޮށްގެން މި ބިމުގެ ވަށަމިން ވެސް ވަނީ ހޯއްދަވައިފައެވެ.

އިރު އޮލަނބުވުމުގެ ޒާހިރާ ހިނގަނީ މާތްވެގެންވާ ގެފުޅު ހުންނަނީ ޚައްޠުލް އިސްތިވާ (އީކްއޭޓަރުން) އާއި މަދާރުއް ސަރަޠާނާ (ޓްރޮޕިކް އޮފް ކެންސަރަށް) ދެމެދުގައި ކަމަށް ވާތީއެވެ. މި އަހަރު ދެވަނަ ފަހަރަށް ގެފުޅު މައްޗަށް އިރު އޮލަނބު ވާނީ މި އަންނަ ޖުލައިގައެވެ.

ފަލަކީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޚައްޠު އިސްތިވާގެ އުތުރުން ވިޔަސް ދެކުނުން ވިޔަސް ޚައްޠު ޢަރްޟު 23.5 ދަރަޖައަށް ވުރެ ކުޑަ ހިސާބުތަކުގައި އޮންނަ ރަށްރަށަށް އިރު އޮލަނބުވާ ތަން އަހަރަކު ދެ ފަހަރު ފެންނާނެއެވެ. މި ޒާހިރާ ބޭނުންކޮށްގެން ޤިބްލަ ހޯދިދާނެއެވެ. އިރު އޮލަނބުވާ ވަގުތުގައި ބިމަށް އޮލަނބުކޮށް ސީދާ ތެދަށް ބިންމައްޗަށް ދަނޑިކޮޅެއް ޖަހައިފިނަމަ މި ދަނޑިކޮޅުގެ ހިޔަނި ހުންނަ ފަރާތް ނޫން އަނެއް ފަރާތް ވާނީ ގެފުޅު ހުންނަ (ޤިބްލަ) ފަރާތަށެވެ.

މި އަންނަ ހުކުރު ދުވަހު ވެސް ވަރަށް ކުޑަކުޑަ ތަފާތުކަމަކާއެކު އިރު ހުންނާނީ ގެފުޅު މައްޗަށް އޮލަނބުކޮށް ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13214
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *