Support Us

ވެރިކަމަށް ޓަކައި ނަޞާރާދީން ޤަބޫލު ކުރެއްވި ރަސްރަސްކަލުންނާއި ބައިބަޔަށް އަންދަލުސް ވިއްކައިލެއްވި އަމީރުން- 2

ތަތާރުންގެ ފަސްބައިގައި

ފަސް ސައްތައެއްހާ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ޢާއްބާސީ ދައުލަތް އެތައް ޚިޔާނަތްތަކަކަށް ވަނީ ހާސާވެފައެވެ. ޚާއިނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޚާއިނަކީ އެ ދައުލަތުގެ ވަޒީރުކަމުގެ މަޤާމު ހުރި މުއައްޔަދުއްދީނި ބިނުލް ޢަލްޤަމީ (މަރުވީ 1258 ގައި) އެވެ. އޭނާ ޢައްބާސީ ދައުލަތް ވައްޓައިލުމަށް ޓަކައި އެތައް ނާރެސްތަކެއްގައި ނުބައި ބައި ކުޅެފައިވެއެވެ. އެކަމުގައި އޭނާ ތަތާރުންނާއެކު ވަރަށް ބޮޑަށް އެއްބާރުލައިފައި ވެއެވެ. އެ ދުވަސްވަރު އުޅުއްވި ބަޣްދާދުގެ މުއައްރިޚެއްކަމުގައިވާ އިބްނުއްސާޢީ (އަވަހާރަވީ ހިޖްރައިން 674ގައި) އޭނާގެ ފޮތެއްކަމުގައިވާ "މުޚްތަޞަރު އަޚްބާރިލް ޚުލަފާއި"ގައި ލިޔުއްވާފައި ވެއެވެ. "އޭނާ ތަތާރުންނަށް ލިޔެ ބަޣްދާދު ހފުމަށް ހިތްވަރު ދިނެވެ. މި ފަތް ތަތާރުންގެ ކޮމާންޑަރު ހޯލާކޯއަށް ލިބުމުން ވިޔަފާރިވެރިއެއް ކަމަށް ހެދިގެން ބަޣްދާދަށް ގޮސް މި ވަޒީރާއި ދައުލަތުންގެ ބޮޑުންގެ ބަޔަކާ ބައްދަލު ކުރިއެވެ. އެމީހުންނާއެކު އޭނާ ކަންތައްތައް ރޭވިއެވެ. އެއަށްފަހު ޤައުމަށް އެނބުރި ގޮސް ބަޣްދާދަށް ހަމަލާދޭނެ ގޮތްތައް ރާވައި އެކަމަށް ތައްޔާރުވިއެވެ. އޭނާ މުޣޫލުންގެ ބޮޑު ލަޝްކަރަކާއިގެން ގޮސް މަޑު ކުރީ އިރުމަތީ ފަރާތުގައެވެ. އެއީ މީލާދީން 1258ވަނަ އަހަރުއެވެ. ވަޒީރު އިބްނުލް ޢަލްޤަމީ އެމީހުންގެ ގާތަށްގޮސް އޭނާގެ ނަފްސަށާއި އޭނާގެ އަހުލުންނަށް އަމާންކަން ކަށަވަރު ކުރިއެވެ. އެއަށްފަހު ޚަލީފާ އަލްމުސްތަޢުޞިމު (އަވަހާރަވީ 1258 ގައި) އަރިހަށް ގޮސް ތަތާރުން އައީ ހޯލާކޯގެ އަންހެން ދަރިފުޅު ޚަލީފާގެ ދަރިކަލުންނާ ކާވެނިކުރަން ވެގެން ކަމަށް ދަންނަވާ ޚަލީފާއާއި ދައުލަތުގެ ބޮޑުން ޖަމާޢަތް ޖަމާޢަތަށް ތަތާރުންގެ ފޭލިގެތަކަށް ގެންގޮސް ތަތާރުންނާ ޙަވާލު ކުރިއެވެ. ތަތާރުން އެބޭފުޅުން ކަތިލައި އެއްލައިލިއެވެ."

އިބްނުލް ޢަލްޤަމީ ހީކުރީ މި ޚިޔާނަތުގެ ސަބަބުން އޭނާއަށް މަތިވެރި އިނާމުތަކާއި މަޤާމު ލިބޭނެ ކަމަށެވެ. އެހެނަސް ތާރީޚު ބުނާގޮތުގައި ކަންތައް ހިނގާފައި ވަނީ މުޅިން އެހެންގޮތަކަށެވެ. އިބްނުލްޢަލްޤަމީ އޭނާގެ ދީވާނުގައި އިންދާ ތަތާރުންގެ އާދައިގެ ބަޔަކު އަސްމަތީގައި އޭނާގެ ގާތަށް ދިޔައެވެ. އޭނާގެ ދޫލަމައްޗަށް މި އަސްތައް ކުޑަކަމުގޮސް އޭނާގެ ފޭރާން މި އެއްޗެހިން ނަޖިސްކުރިއެވެ.

ޚިޔާނަތާއި މަކަރުގެ ސަބަބުން 1258ގައި ބަޣްދާދު ވެއްޓިގެން ދިޔަ ބީދައިން ދިމަޝްޤު ވެއްޓިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އެ ދުވަސްވަރު ދިމަޝްޤުގައި އޮތީ އައްނާޞިރުއްޘަނީ ޔޫސުފުގެ ރަސްކަމެވެ. އެއީ އައްނާޞިރުލް އައްވަލު ޞަލާހުއްދީނުގެ ކާފަ ދަރިކަލެކެވެ.އިބްނު އަބީ ޢުޞައިބިޢާ (އަވަހާރަވީ 1268ގައި) ވިދާޅުވެފައިވާ ގޮތުގައި މިއީ ކާފާފުޅު ޞަލާހުއްދީނު ފަދަ ހިތްވަރުގަދަ ބޭފުޅެއްނޫނެވެ. އެއީ ހަނގުރާމަ ކުރެއްވުމަށް ޖެހިލުންވެ ވަޑައިގެންނެވި ބޮޑު ފިނޑިއެކެވެ. އޭނާއަށް ހޯލާކޯ ފޮނުވި ސިޓީގައި އައިސްފައި ވެއެވެ. "އަލްމަލިކު ނާޞިރު ދަންނާށެވެ! އަހުރެމެން 656 ވަނަ އަހަރު ވަނީ ބަޣްދާދު ހިފާފައެވެ. އަހަރެމެން އެ ރަށް ފަތަޙަކުރީ ﷲގެ ކަނޑިކޮޅުންނެވެ. އެކަމުން ތިބާ ޢިބްރަތް ޙާޞިލުކުރާށެވެ!" ރަސްގެފާނުގެ ފިޑިފުޅުކަމުގެ އިތުރަށް އޭނާގެ ވަޒީރު ޒައިނުއްދީނުލް ޙާފިޡީ އާއި އޭނާގެ ޙާޖިބު އަމީރު ނަޖްމުއްދީނަކީ ވެސް ވަރަށް ފިނޑި ބޭފުޅުންތަކެކެވެ. ތަތާރުންނާ ކުރިމަތިލެއްވުމަށްވުރެ ބޮޑަށް އިސްކަން ދެއްވީ ޚިޔާނަތަށެވެ. މި ދެބޭފުޅުން ވެސް ރަސްގެފާނަށް އަމާންދެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.

އިބްނު އަބީ އުޞައިބިޢާ ވިދާޅުވެފައި ވެއެވެ. "ތަތާރުންގެ މަންދޫބުން އައްނާޞިރުގެ އަރިހަށް ގޮސް ރަށް ޙަވާލުކުރުމަށް ދެންނެވިއެވެ. އެހިނދު ޒައިނުއްދީނުލް ޙާފިޡީ ތަތާރުންގެ ރަސްގެފާނު އަރިހަށް މަންދޫބަކު ފޮނުއްވާ އެ ރަށް ރަސްގެފާނާ ޙަވާލު ކުރަން އެމީހުން އެދޭކަމަށް ބުނެ އެ ރަށަށް ތަތާރުން ޝައުޤުވެރި ކުރުވިއެވެ. އަދި ރަސްގެފާނުގެ ނިކަމެތިކަމާއި ބާރެއްނެތްކަން ހާމަކޮށްދެއްވިއެވެ. އެމީހުންގެ ސިފައިންގެ މަދުކަމާއި ތަތާރުންގެ ބާރު މާ ބޮޑުކަމަށް ވިދާޅުވެ ދައުލަތުގެ އަގު ވައްޓައިލެއްވިއެވެ."

ހިތްވަރު ނުދައްކާ ކަކޫ ޖެހުން

މުޣޫލުން ޝާމުކަރައަށް އެރުމުގެ ކުރިން ނަޖްމުއްދީން ކަކޫ ޖެއްސެވިގޮތް، އަޚްބާރުލް އައްޔޫބިއްޔީން ނަމަކަށް ކިޔާ ފޮތުގައި ޖަރްޖިސް ބުނުލް ޢަމީދު (އަވަހާރަވީ 1273ގައި) ސިފަކޮށްދެއްވާފައި ވެއެވެ. މުޣޫލުންނާ ކުރިމަތިލައި ހަނގުރާމަ ކުރުމަށް ތާއީދު ކުރެއްވި މަމާލީކުންގެ އިސްވާރުންނާ ދިމާއަށް ވިދާޅުވިއެވެ. "ހޯލާކޯގެ ލަޝްކަރުގައި ދެ ލައްކަ އަސްވާރުން އެބަ ތިބިކަން ދަންނާށެވެ."

މުޣޫލުން ދިމަޝްޤާ ކައިރިވުމުން މިޞްރަށް ވެރިވެ ގަތުމަށް ޓަކައި ދިމަޝްޤުގެ ރަސްގެފާނު އައްނާޞިރު ދިމަޝްޤުން ފިއްލެވިއެވެ. އެހެނަސް މަމާލީކުންދެކެ ބިރުފުޅުގަތުމުގެ ސަބަބުން އޭނާ ވަޑައިގަތީ އުރްދުނަށެވެ. އޭނާގެ އަރިހުގައި ތިބި ބައެއް މީހުން އޭނާއަށް ޚިޔާނަތްތެރިވެ ހޯލާކޯއަށް އޭނާ  ހުންނެވި ތަން ދެއްކިއެވެ. ޢައިނު ޖާލޫތު ހަނގުރާމައިގައި މުޣޫލުން ބަލިވުމުން އެމީހުން ފިލައިގެން ދިޔައީ އެ ރަސްގެފާނު ގޮވައިގެން ތަބްރީޒަށެވެ. ހޯލާކޯ އޭނާ ޤަތުލު ކުރީ 1261 ވަނަ އަހަރުގައެވެ.

އަލްވަޒީރު ޒައިނުއްދީނުލް ޙާފިޡީއަށް ބަލާއިރު ތަތާރުން ދިމަޝްޤު ހިފުމަށްފަހު އެމީހުންގެ ފަރާތުން ވެރިއެއްކަމުގައި ދިމަޝްޤުގައި ބެހެއްޓީ  އޭނާއެވެ. އަލްމަލިކުލް މުޡައްފަރު ޤުޠުޒު (އަވަހާރަވީ 1260ގައި) ކުރިއަށް ނުކުމެވަޑައިގެން ތަތާރުންނާ ހަނގުރާމަ ކުރައްވާ ޢައިނި ޖާލޫތުގައި  އެމީހުން ބަލި ކުރެއްވިއެވެ. މި ހަނގުރާމައިގައި ތާތާރުންގެ ވަރަށްގިނަ ބަޔަކު މަރުވިއެވެ.އެހިނދު ހޯލާކޯ މި ވަޒީރަކީ ޚާއިނެއްކަމަށް ބުނެ ޤަތުލު ކުރެއްވިއެވެ. އޭނާއާއި އޭނާގެ ދަރީންނާއި ގާތްތިމާގެ މީހުންގެތެރެއިން ފަންސާހަކަށް މީހުން ޤަތުލު ކުރެވުނެވެ. އެއީ ހިޖްރައިން 662 ވަނަ އަހަރުގައެވެ.

(ނުނިމޭ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *