Support Us

ރިބާއަކީ ކޮބައި ހެއްޔެވެ؟

ރިބާގެ ހުކުމަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެއެވެ. ކީރިތީ ގުރުއާނުގައި ރިބާއޮތީ ވަރަށް ސާފުކޮށް، ވަރަށް ހަށުކަރި އިބާރާތުން ހަރާންކޮށް މަނާކުރެވިފައެވެ. ރިބާގެ ބައެއް އާޔަތްތަކުގެ މައްޗަށް ބަލައިލުމުން މިކަން ފެނެއެވެ. يا أيها الذين آمنوا لا تاكلوا الربا أضعافا مضاعفة واتقوا الله لعلكم تفلحون. (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން، [ދަރަނިތައް، ނުދެއްކުމުން، އެ ދަރަނިތައް] އެތައް ގުނައަކުން ގުނަވެގެންވާ ގޮތުގައި އިތުރުކޮށް ރިބާ ކައި ނުހަދާ ހުށިކަމެވެ. އަދި، ތިޔަބައި މީހުން ދިންނެވުމަށްޓަކައި މާތްރަސްކަލާނގެއަށް ތަގުވާވެރިވާށެވެ!) އަދިވެސް އެހެން އާޔަތެކެވެ. يا أيها الذين آمنوا اتقوا الله وذروا ما بقي من الربا إن كنتم مؤمنين. فإن لم تفعلوا فأذنوا بحرب من الله ورسوله، وإن تبتم فلكم رؤوس أموالكم لا تظلمون ولا تظلمون. (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމޭންނަކީ މުއުމިނުންކަމުގައި ވާނަމަ، މާތްރަސްކަލާނގެއަށް ތަގުވާވެރިވެ، ރިބާއިން ބާކީ ލިބެން އޮތް އެއްޗެއް ހަމަ މުޅިން ދޫކޮށްލާށެވެ! މިކަން މިހެން ނުކޮށްފި ނަމަ، ދެން (ކަލޭމެންގެ މައްޗަށް) މާތްރަސްކަލާނގެއާއި އެކަލާނގެ ރަސޫލާގެ ފަރާތުން ހަނގުރާމަ އޮތްކަމުގެ އިއުލާނު ކުރާށެވެ! ކަލޭމެން (ރިބާ ދޫކޮށްލައި) މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫއަވެއްޖެ ނަމަ، ކަލޭމެންނަށް ކަލޭމެންގެ ރައުސްމާލު، ކަލޭމެން ދަރަންޏަށް ދިން އަދަދު، ކަލޭމެންނަށް ލިބޭހުއްޓެވެ. އެގޮތުން، ކަލޭމެންގެ ފަރާތުން އެހެން މީހަކަށް ބޭ އިންސާފެއް ނުވެވޭނެއެވެ. އަދި، ކަލޭމެންނަށް ވެސް އެހެން މީހުންގެ ފަރާތުން ބޭ އިންސާފެއް ނުލިބޭނެއެވެ.)

އިހުގައި، ކީރިތި ގުރުއާން ބާވާލެއްވެމުން ދިޔަ ދުވަސްވަރު، އަރަބިންގެ މެދުގައި ރިބާގެ މުއާމަލާތުތައް އޮތްގޮތް ވެސް އެނގެން އެބައޮތެވެ. މީހަކު ދަރަންޏަށް ފައިސާ ހޯދައި، އެއް އަހަރު ދުވަހުގެ ތެރޭގައި އެދަރަނި އަދާކުރަން ބުނެ، އެ މުއްދަތުގެ ތެރޭގައި އެ ދަރަނި އަދާ ނުކުރެވުމުން، ދަރަނި ފަސްކޮށްދިނުމުގެ ގޮތުން، ދަރަނި ދެގުނައަށް ބޮޑުކުރާ ކުރުމުގެ މުއާމަލާތެވެ. ދެން ވެސް، އެ ދަރަނި ނުދެއްކެމުން، އަނެއްކާވެސް އިތުރު ގުނަތަކުން ގުނަކޮށް ދަރަނި ބޮޑުކޮށް، އެންމެ ފަހުން، ދަރަނި އަދާ ނުކުރެވި، ދަރަނިވެރިޔާ އޭނާގެ ނަފްސު ވިއްކާލައި އަޅުވެތިވާން ވެސް ޖެހެއެވެ. أضعافا مضاعفة [ދަރަނިތައް، ނުދެއްކުމުން، އެ ދަރަނިތައް] އެތައް ގުނައަކުން ގުނަވެގެންވާ ގޮތުގައި އިތުރުކޮށް، މަތީގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.

ރިބާގެ މި ސޫރަ ސާފުވާން އޮތަސް، ރިބާގެ ހަގީގަތާ މެދު، ސުއާލު އުފެދުނެވެ. ރިބާއާ ބެހޭ ގޮތުން ސަލާމަތް ސަލަވާތްލެއްވި އިތުރު ރަސޫލާއާ ސުއާލުކުރައްވައި އިތުރަށް އޮޅުން ފިލުވުނު ނަމައޭ މާތްރަސްކަލާނގެ ރުއްސުންލެއްވި، އުމަރުގެފާނު ވިދާޅުވިކަމަށް އޮންނަ އޮތުމުން މިކަން ފެނެއެވެ.

މިފަދައިން އުމަރުގެފާނުގެ ހިއްޕުޅުގައި ސުއާލު އުފެދެން ދިމާވީ ކީއްވެ ބާވައެވެ. ރިބާއަކީ، ޝައްކެއްނެތް ގޮތުގައި، ދަރަންޏަށް ފައިސާނަގައި، ދަރަނި ދެއްކުމުގައި އިތުރަށް ފައިސާ ދައްކަން ޖެހޭ ޖެހުމެކެވެ. ނަމަވެސް، ސުއާލަކީ މި އިތުރަށް ދައްކަން ޖެހޭ ޖެހުން ރިބާއަށް ވަނީ ކިހާ ވަރަކަށް އިތުރަށް ދައްކަން ޖެހުމުން ހެއްޔެވެ؟ ދަރަނީގެ އަދަދަށް އެންމެ ލާރިއެއްވެސް އިތުރުކުރުން ރިބާއަށް ވާނެ ހެއްޔެވެ؟ ނުވަތަ، އެ އިތުރު ކުރުން ރިބާއަށް ވުމަށް، އެކަން އެތައް ގުނައަކަށް އިތުރުވެ، ދަރަނި ދެއްކުމަށް ނުކުޅަދާނެވެ، ދަރިނިވެރިޔާ އަޅުވެތިވާން ވެސް ޖެހޭ ހެއްޔެވެ؟

މިފަދަ ސުއާލުތައް އުފެދޭ އެހެން ސަބަބެއް ވެސް އޮވެއެވެ. ދަރަންޏަށް ފައިސާ ނަގާއިރު، އެ ނަގާ ފައިސާއަކީ ހަގީގަތުގައި އެ ފައިސާގެ އަގެކެވެ. ދަރަނީގެ ފައިސާގެ އަދަދެއް ނޫނެވެ. މިސާލަކަށް މީހެއްގެ އަތުން ދަރަންޏަށް ސަތޭކަ ރުފިޔާ ނަގައިފި ނަމަ، އެ ނަގަނީ ސަތޭކަ ރުފިޔާއެއް ނޫނެވެ. އެ ދަރަނި ނަގާ ވަގުތުގައި ސަތޭކަ ރުފިޔާގެ އަގެވެ. އެ ސަތޭކަ ރުފިޔާއަށް ގަނެވޭ ތަކެއްޗަށް ބަލައި، ކަނޑައަޅާލެވޭ އަގެވެ.

މިކަން ފަސޭހައިން ވިސްނައިގަތުމަށްޓަކައި، މީހެއްގެ އަތުން މީގެ ވިއްސަކަށް އަހަރުކުރިން ނެގި އެއްހާސް ރުފިޔާގެ ދަރަންޏެއް ހިތަށް ގެންނާށެވެ. ދެން، އެ ދަރަނި އަދާކުރުމުގެ ގޮތުން، ވިހި އަހަރު ފަހުން، މިއަދު، އޭނާއަށް އެއްހާސް ރުފިޔާ އަނބުރާ ދޭން ނިންމާށެވެ. މިއަދު އެ އެއްހާސް ރުފިޔާގެ އަގަކީ މީގެ ވިހި އަހަރު ކުރީގެ ސަތޭކަ ރުފިޔާއަށް ވެފައި އޮވެދާނެއެވެ. އެހެން ކަމަށްވާ އިރު، އަނބުރާ އެއް ހާސް ރުފިޔާ ދިނުމުން، އެ ދެވެނީ ހަގީގަތުގައި އެންމެ ސަތޭކަ ރުފިޔާއެވެ.

އާދެ، މި ނަންގަތް މިސާލުތަކުން އޮޅުންފިލުވައި ދިނުމަށް މަސައްކަތްކުރަނީ ފައިސާގެ އަގު އެއް ހަމައެއްގައި ހަމަ ޖެހިފައި ނޯންނަކަމެވެ. އެހެންވެ، ދަރަނީގެ ފައިސާގެ އަދަދު ދައްކާ ނަމަ، ދަރަންޏަށް ދުވަސް ވުމުން، ފައިސާގެ އަގަށް ބަދަލު އައިސް، ދަރިނި ދޭ މީހާއަށް ގެއްލުންވާތަން އައުމެވެ. މި ސަބަބާ ހުރެ، ރިބާއަކީ ކޮބައިކަން ކަނޑައަޅާލުމުގައި ސުއާލު އުފެދިފައިވަނީއެވެ.

ރިބާގެ މައްސަލަ މިގޮތަށް އޮތުމުން، ބޭންކު އިންޓަރެސްޓާ މެދު، މުސްލިމު އިލްމުވެރިންގެ މެދުގައި، ޚިޔާލުތަފާތުވެފައި އޮވެއެވެ. އެއްބައި އިލްމުވެރިން ދެކިލައްވަނީ ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައެވެ. އަނެއް ބައި އިލްމުވެރިން ދެކިލައްވަނީ ކޮންމެ ބޭންކު އިންޓަރެސްޓަކީ ރިބާއަށް ނުވެ ހިނގައިދާނޭ ކަމެވެ.

ބޭންކު އިންޓަރެސްޓަކީ ރިބާ ކަމުގައި ބުނުމާއި އަދި ބޭންކު އިންޓަރެސްޓަކީ ރިބާއެއް ނޫންކަމަށް ބުނާ ބުނުން ބިނާވަނީ ކޮން ކަމެއްގެ މައްޗަށް ހެއްޔެވެ؟ ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައި ވިދާޅުވާ އިލްމުވެރިންގެ ރައުޔު ބިނާވަނީ އިސްލާމީ ފިގުހުގައި ރިބާއަކީ ކޮބައިކަން ކަނޑައަޅައިފައިވާ އޮންނަ ގޮތުގެ މައްޗަށް ބަލާފައެވެ. އިސްލާމީ ފިގުހުގައި، ދަރަނީގެ ރައުސްމާލު– އާދެ، ދަރަނީގެ އަދަދު– އަނބުރާ ދެއްކުމުގައި، އެ އަދަދަށް އެންމެ ލާރިއެއް އިތުރުކުރެވުނަސް އެވާނީ ރިބާކަމަށް ކަނޑައެޅިފައި އޮވެއެވެ. މި ތައުރީފުގެ މައްޗަށް ބައްލަވައި، 'ގާނޫނީ ސިފައެއްގައި' ރިބާ މާނަކުރައްވާ އިލްމުވެރިން ބޭންކު އިންޓަރެސްޓަކީ ރިބާކަމުގައި ކަނޑުއަޅުއްވައެވެ.

ބޭންކު އިންޓަރެސްޓަކީ ރިބާތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި އަނެއްބައި އިލްމުވެރިން ރިބާ މާނަކުރައްވަނީ 'އަޚުލާގީ މިންގަނޑެއްގެ' މައްޗަށް ބައްލަވާފައެވެ. އެބޭކަލުން ދެކިލައްވަނީ ބޭންކު އިންޓަރެސްޓު ރިބާއަށް ވާނީ، އިންޓަރެސްޓު ރިބާއަށް ވާނީ، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮތް ފަދައިން އިންޓަރެސް ރޭޓު 'އެތައް ގުނައަކުން ގުނަވެ’، އިންޓަރެސް އިންތިހާއަށް ބޮޑުވެ، އެކަމަކީ އުފުލަން އުނދަގޫ ބޮޑު ބުރައަކަށްވެ، ދަރަނި ނަގާ މީހާ 'އަޅުވެތިވެ' އިނދަޖެހޭ ގޮތްވާ ނަމައެވެ. މިފަދައިން ރިބާ މާނަކުރުމުގައި، ފައިސާގެ އަގު ކަނޑައެޅޭ ގޮތާއި އަދި އެ އަގަށް އަންނަ ބަދަލުތަކަށް ވެސް ރިއާޔަތްކުރެއެވެ. ރިބާގެ މި މާނަ ދައްކުވައި ދިނުމުގެ ގޮތުން ކީރިތި ގުރުއާނުގެ ބައެއް އިނގިރޭސި ތަރުޖަމާތަކުގައި ރިބާގެ އާޔަތްތައް ތަރުޖަމާކުރެވޭ އިރު، ރިބާއަށް 'ޔޫޝަރީ' ބޭނުން ކުރެވެއެވެ.

ކޮންމެ އަކަސް ރިބާގެ މައްސަލައަކީ އިތުރަށް ވިސްނަން ޖެހޭ މައްސަލައެކެވެ. މި މައްސަލަ ފަދަ، އެހެން މައްސަލައެއްގެ ވާހަކަ ލިޔެލަން ޖެހެއެވެ. ކުލީގެ މައްސަލައެވެ. ތަންތަނުގެ ކުލި ބޮޑުވެ، އެކަމުގެ ސަބަބުން މީސްތަކުން ދަރަނިވެރިވެ، ހަދާނެ އެއްގޮތެއް ވެސް ނެތްތަން ފެނުމެވެ. ރިބާ ހަރާންވުމުގެ މައްސަލަ ގުޅެނީ އިންޓަރެސްޓު ރޭޓާ ކަމަށް ވެފައި، އަދި އެ ރޭޓު އިންތިހާއަށް މައްޗަށް ގޮސް، މީހުން ދަރަނިވެރިވެ، އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ގެންދާ ކަމަކަށްވީ އިރު، މިފަދަ ހާލަތް މެދުވެރިކުރުވާ ކަންކަމާ މެދު ވެސް ވިސްނަން ޖެހެއެވެ. ކުއްޔަކީ މުޖުތަމައުގެ އެއްބައި އަފުރާދުން މަދު ބައެއްގެ އަޅުވެތިކަމުގައި ޖައްސާކަމަކަށް ވެއްޖެ ނަމަ، އެކަމާ މެދު، ފިޔަވަޅު އަޅަން ޖެހެއެވެ. ކުލި ކޮންޓުރޯލުކޮށް، ކުއްޔަށް ތަންތަން ހިފާ މީހުންނަކީ ކުއްޔަށް ތަންތަން ދޭ މީހުންގެ އަޅުވެތިކަމުގެ ދަށުގައިވާން ޖެހޭ ގޮތަށް ކަންތައްތައް އޮވެގެން ނުވާނެއެވެ. އެހެންވެ، ކުއްޔަކީ މީސްތަކުން އަޅުވެތި ކުރުމުގެ ވަސީލަތަކަށްވެ ނުދިޔުމައްޓަކައި، ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހެއެވެ. އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް – ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް – އިންސާފުވެރި ގޮތެއްގައެވެ. ބޭންކު އިންޓަރެސްޓު ވެސް، އިންތިހާއަށް މަތިވެ، އެއްބައެއްގެ ނަޒަރުގައި، ރިބާއަށް ފުރޮޅިގެން ދިޔުން ހުއްޓުވުމުގެ ގޮތުން، ކަމާ ބެހޭ ރަސްމީ އިދާރާތްތަކުން ގަވާއިދުތައް ހަދައި، އެކަން ކޮންޓުރޯލުކުރަން ޖެހޭ ފަދައިންނެވެ.