...

Support Us

"އިސްލާމްދީނާ ޚިލާފް އަމަލެއް ދުވަހަކު ވެސް ދެން ނުކުރާނަމެވެ."

އުމަރު ބުން ޚައްތާބު ރަޟިޔަﷲ އަންހުގެ ޚަލީފާކަމުގެ ދުވަސްވަރު ގާދިސިއްޔާއޭ ކިޔުނު ހިސާބެއްގައި މުސްލިމުންނާއި އިރާނީންނާ ދެމެދު ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އެ ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ސަޢުދު ބުން އަބީ ވައްޤާސް އެވެ. އެކަލޭގެފާނަކީ ވިސްނުންފުޅު ތޫނު، ކުޅަދާނަ، ހިތްވަރުގަދަ ބޭކަލެކެވެ. ނަމަވެސް ހަނގުރާމައިގެ ދުވަހު އެކަލޭގެފާނު އަލާސްފުޅާ އުޅުއްވާތީ އަމަލީގޮތުން ހަނގުރާމައިގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ލަޝްކަރަށް އިރުޝާދު ދެއްވަމުން ގެންދެވީ ވީރާނާވެފައިވާ ކިއްލާއެއްގެ ފުރާޅުމަތީގައި އިންނަވައިގެންނެވެ. އަދި މުޖާހިދުންގެ އިސްވެރިޔަކަށް ޚާލިދު ބުން އުރްފްތާޙް ރަޟިޔަﷲ އަންހް ހަމަޖައްސަވައި ހަނގުރާމަ ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދެވިއެވެ.

އިރާނީންގެ ލަޝްކަރުގެ ވެރިޔަކަށް ހުރީ ރުސްތުމްއެވެ. އެއީ އަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން މުސްލިމުންނަށް ވުރެ އެތައް ގުނައެއް ވަރުދަގަ ލަޝްކަރެކެވެ. ބޮޑެތި ބިޔަ އެތްތަކާއި ކުޅަދާނަ ފަހުލަވާނުންގެ މަށްޗަށް އެކުކެވިގެންވާ ބިޔަ ލަޝްކަރެކެވެ. އެގޮތުން އެބައިމީހުންގެ އެންމެ މަޝްހޫރު ފަހުލަވާނުންނާއި އިސް އޮފިސަރުން އެލަޝްކަރުގައި ބައިވެރިވިއެވެ. ރުސްތުމް އޭނާގެ ލަޝްކަރަށް އަމުރުކުރަމުން ގެންދިޔައީވެސް ރަނުން ޖަރީކުރެވިފައިވާ ފޭލިގެޔެއްގައި އިނދެގެންނެވެ.

މި ހަނގުރާމާގައި މުސްލިމުންގެ ލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވި އެންމެ ކުޅަދާނަ އެއް ފަހުލަވާނަކީ އަބޫ މިޙްޖަން އައް ސަޤާފީ ރަޟިޔަﷲ އަންހުއެވެ. އެކަލޭގެފާނަކީ "ފާލަން" ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވި އަބޫ އުބައިދު ރަޟިޔަަﷲ އަންހުގެ ދެބެއިންގެ ދެދަަރި ބޭކަލެކެވެ. ތާއިފްގެ އަހުލުވެރިއެވެ. އަރަބިންގެ ތެރޭގައި ނަގާކިޔާލެވޭ ވަރުގެ ކުޅަދާނަ ޅެންވެރިއެކެވެ. ޖެހިލުން ކުޑަކަމާއި ކެރޭހިތްވަރު ގަދަކަމަށް މަޝްހޫރު ބޭކަލެކެވެ. އިސްލާމްވުމުގެ ކުރިން މުސްލިމުންނާއި ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި އިސްދައުރެއް އަދާކުރެއްވި ކުޅަދާނަ ބަތޮލެކެވެ. އެގޮތުން "ފާލަން" ހަނގުރާމައިގައި އަބޫ އުބައިދުގެފާނުގެ ހަށިކޮޅުމަތިން އެތެއް ދުއްވައި އެކަލޭގެފާނު ފިސްފިސްކޮއްލެއްވީ އަބޫ މިޙްޖަންއެވެ.

ކޮންމެއަކަސް އަބޫ މިޙްޖަން އިސްލާމްވެވަޑައިގަތީ ފަހުންނެވެ. އެހެން ކަމުން ޖާހިލީ ޒަމާނުގައި އެކަލޭގެފާނުގެ ކިބައިގައި ހުރި ބައެއް އުނިސިފަތައް އިސްލާމްވެވަޑައިގަތުމަށްފަހު ވެސް ފިލައި ނުގޮސް ހުއްޓެވެ. އެއް ދުވަހަކު ރާ ފޮދެއް ހިއްޕެވިއެވެ. އޭރު މުސްލިމުންގެ ލަޝްކަރުވަނީ ގާދިސިއްޔާގައި ޖަގަހަ ޖަހައިފައެވެ. އަމިއްލަ ފަސްގަނޑާއި އެތައްމޭލެއްގެ ދުރަށް އާދެވިފައެވެ. ނަމަވެސް މިކަން ސައުދުގެފާނަށް އެނގިވަޑައިގަތުމާ އެކު ވަގުތުން އަބޫ މިޙްޖަން ގެންނަވައި ސައުދުގެފާނު އަރާވަޑައިގެން އިންނެވި ކިއްލާގެ ތިރީގައި އަބޫމިޙްޖަން ހިލިހިލާ ޖައްސަވައި ހައްޔަރު ކުރެއްވިއެވެ.

އިސާހިތަކު މުސްލިމުންނާއި އިރާނީންނާ ދެމެދު ހަނގުރާމަ ފެށުނެވެ. ދެފަރާތުން ވަރުގަދަޔަށް ހަމަލާ ބަދަލުކުރަމުން ދިޔައެވެ. މުސްލިމުންގެ ކަނޑިތަކުގެ ވިދުވަރުން ކާފަރުންގެ ލޯތައް ތަރަތަރަ ޖައްސަމުން ދިޔައެވެ. މުސްލިމުން ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި ހަނގުރާމަކުރަމުން ދިޔަ އިރު އިރާނީންވެސް ދިޔައީ ކަށިން ހިތްވަރު ނެރެ ފުރާއިން ގުރުބާންވާ ފަދައިން ހަމަލާ ދެމުންނެވެ. މިގޮތުގައި އެތައް ދުވަހެއް ވީ އިރުވެސް ހަނގުރާމައަކަށް އެއްވެސް ނިމުމެއް ނައެވެ. އޭރު މުސްލިމުންގެ އެންމެ ގަދަފަދަ އެއް ފަހުލަވާން އޮންނެވީ ކިއްލާތެރޭގައި ހިލިހިލާ ޖެހިފައެވެ. ލޭކެކި ހުރި ހާލު އަބޫ މިޙްޖަން އެކަލޭގެފާނު ބަންދުކުރެވިފައިވާ ކިއްލާގެ ތޭރިތަކުގެ ތެރެއިން ވާނުވާ ބައްލަވަމުން ގެންދެވިއެވެ.

ނަމަވެސް ހަނގުރާމައިގެ ފޯރި އެންމެ ގަދަވެގެން ދިޔަ ހިނދު ސައުދުގެފާނުގެ އަނބިކަނބަލުން ސަލްމާ ކޮންމެވެސް ކަމަކު ކިއްލާގެ ފުރާޅުމަތިން ތިރިއަށް ފައިބާ ވަޑައިގެންފިއެވެ. އެހިނދު އަބޫ މިޙްޖަންއަށް އެކަމަނާ ފެނިވަޑައިގެން ހަރު އަޑުފުޅުން އާދޭސް ދަންނަވަން ފެއްޓެވިއެވެ. "އޭ ސަލްމާއެވެ. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ހަމައެކަނި މިއަދަށްޓަކައި އަޅުގަނޑު މިނިވަންކޮށްދެއްވާށެވެ. އެކަލާނގެ އިރާދަފުޅު ކުރައްވައިފިނަމަ އެންމެ ފުރަތަމަ ޝަހީދުވުމުގެ މަތިވެރި ޝަރަފް އަަޅުގަނޑަށް ލިބިދާނެއެވެ. ސަލާމަތުން އާދެވިއްޖެ ނަމަ އަނެއްކާވެސް އަޅުގަނޑު ހިލިހިލާ ޖަހައި ހައްޔަރުކުރައްވާށެވެ."

އަބޫ މިޙުޖަންގެ މިރުއިމާއި ކެކުޅުންވެގެން ދިޔައީ ސަލްމާ އަށް ވަރަށް ބޮޑު ކަމަކަށެވެ. ނަމަވެސް ސައުދުގެފާނުގެ އަރިހުގައި ދަންނަވައިފި ނަމަ ހަމަ ޔަޤީނުންވެސް އެކަލޭގެފާނު އެކަން ޤަބޫލުފުޅު ނުކުރައްވާނެއެވެ. އަނެއްކޮޅުން އެކަމަކީ ނިމިފައިވާ ޝަރީއަތެކެވެ. އެކަމުގެ ތެރެއަށް ވަނުމުގެ ހައްޤެއް އެކަމަނާއަކަށްވެސް ނޯންނާނެއެވެ. ކަން މިހެން އޮތް އިރު އަބޫ މިޙްޖަން ދޫކޮށްލެއްވުމުން އެކަލޭގެފާނަށް އެނބުރި ވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ ސަލްމާ އަށްވެސް ވަރަށްބޮޑު މައްސަލައަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ނަމަވެސް އަބޫ މިޙްޖަންގެ ރުއިމާއި އާދޭސްތައް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުންނެވެ. އަދި އެންމެ ފަހުން އެކަލޭގެފާނުގެ ކުޅަދާނަ ޅެންވެރިކަމުގެ ޖާދޫގައި އެކަމަނާ ޖެއްސެވިއެވެ. އެގޮތުން ވަރަށް ހިތާމަވެރި ގޮތަކަށް އަސަރުގަދަ ދެތިން ޅެންބައިތު ވިދާޅުވިއެވެ.

"މިހިތްދަތި ކަމަކީ ހާދަހާ ބޮޑު ވޭނެކެވެ. އަސްވާރުންތައް އެމީހުންގެ ނޭޒާތައް ފޮނުވަމުން ދަނީއެވެ. އަހަރެން މިތާ ޖަލުގައި ބިޑިއަޅުވާފައިވާ ހާލުގައި ހުރީމެވެ. މި ބިޑިތަކުގެ ބަރުދަން އަހަރެން ތެދުވިޔަކަ ނުދެއެވެ. އަހަރެން ބޭރަށް ނިކުންނަން ހުރި ދޮރުވަނީ ބަންދު ކުރެވިފައެވެ. އަހަރެންގެ މި އާދޭހާއި ރުއިމުގެ އަޑު އެހެން މީހުންނަށް އިވުނަ ނުދިމަށްޓަކައެވެ."

ކޮންމެއަކަސް މިޅެން ބައިތުގެ ސަބަބުން ސައުދުގެފާނުގެ އަނބިކަނބަލުންގެ ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެހެންކަމުން ހަމަ ވަގުތުން އަބޫ މިޙްޖަން ހިލިހިލާ ނައްޓުވާލައި ވަގުތީގޮތުން އެކަލޭގެފާނު މިނިވަން ކުރެއްވިއެވެ.

އެކަލޭގެފާނު މިނިވަންވެވަޑައިގަތުމާ އެކު ލަހެއްފަހެއް ނުކުރައްވައި އަސްތަބަލުގައިގައި އޮތް ސައުދުގެފާނުގެ އަސްކޮޅު "އަލް ބަލްޤާ" އަށް ސަވާރުވެވަޑައިގަތެވެ. އަދި ކަނޑިކޮޅު ހިއްޕަވައިގެން މޫނުފުޅު ނިވާކުރަވައިގެން ފިސާރި ފިރިހެންވަންތަކަމާ އެކު، ޖަހާލި ވިދުވަރެއް ފަދައިން ހަނގުރާމައިގެ މައިދާނަށް ނިކުމެވަޑައިގަތެވެ. އަދި ކާފަރުންނަށް އެކަލޭގެފާނުގެ ކަނޑިކޮޅުގައި ހުރިވަރު ދައްކަވާލައްވައި އެބައިމީހުންގެ އެތައް އޮފިސަރުންނެއް ގަތުލުކޮށްލެއްވިއެވެ. ކާފަރު ލަޝްކަރުގެ ހަނގުރާމަވެރިންގެ ފައިތިލަ މައިދާނުން ލުހެލައްވައި އެތައް ބަޔަކު ގަތުލުކޮށް މޫނުވަތަށް ވައްޓާލެއްވިއެވެ.

އަބޫ މިހުޖަން ދެއްވި މިވަރުގަދަ ހަމަލާވީ ކާފަރުންނަށް ހޮނު ގުގުރިއެއް ފަދަ މުސީބާތަކަށެވެ. އެ ހަމަލާގެ ސަބަބުން މުސްލިމުންނަށްވެސް އާ ހިތްވަރަކާއި ޖޯޝެއް ލިއްބައިދިނެވެ. އެބައިމީހުންނަށް ހީވީ އެބައިމީހުންނަށް މަދަދު ދެއްވުމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ހަތް އުޑުމަތިން މަލާއިކަތްބޭކަލަކު ފޮނުއްވި ހެނެވެ. އެހެންކަމުން ލިބިވަޑައިގެންނެވި މަތިވެރި ހިތްވަރާ އެކު ޝަހީދުވުމުގެ އަޒުމުގައި ކޮންމެ ބޭކަލަކުވެސް ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. އަދި ކާފަރުންނަށް ދެމުންގެންދިޔަ ހަމަލާތައް އިހުނަށްވުރެ ވަރުގަދަ ކުރައްވައި ލޮންސިތައް ކާފަރު ލަޝްކަރުގެ އެތްތަކުގެ ލޮލަށް ހަރަމުން ދިޔައެވެ. އޭރު އެބިޔަ އެތްތައް ވެފައިވަނީ މުސްލިމުންނަށް މުޞީބާތަކަށެވެ. ނަމަވެސް މި ހިކުމަތްތެރި އަމަލުގެ ސަބަބުން އެތްތަކުގެ ރުއިމުގެ އަޑު ގަދަވެ އަމިއްލަ ލަޝްކަރުގެ ސިފައިންނާ ދިމާކުރަމުން ގެންދިޔައެވެ.

ސައުދުގެފާނުވެސް ގެންދެވީ ކިއްލާގެ ފުރާޅުމަތީގައި އިންނަވައިގެން ހަނގުރާމައިގެ މަންޒަރު ބައްލަވަމުންނެވެ. މުސްލިމުންނަށް ހިތްވަރު ދެއްވަމުންނެވެ. އަދި މައިދާނުގައި ކާފަރުންނާ ދެކޮޅަށް އާދަޔާ ޚިލާފަށް ހިތްވަރުވަރު ކުރައްވަމުން ގެންދެވި ޒުވާނާއާ މެދު އަޖައިބުވެވަޑައިގެން ހިތްޕުޅުގައި ސުވާލު އުފައްދަމުން ދިޔައެވެ. އެގޮތުން އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. "މިއީ ކޮންފަދަ ވަރުގަދަ ފަހުލަވާނެއް ހެއްޔެވެ؟ މިމީހާގެ ހަމަލާ ދިނުމުގެ ވައްޓަފާޅި އަބޫ މިޙްޖަންއާ ހާދަހާ ވައްތަރެވެ. އަދި އަރާވަޑައިގެން އިންނެވި އަސްކޮޅު ތިމަންކަލޭގެފާނުގެ އަސްކޮޅާ ހާދަހާ ވައްތަރެވެ." ނަމަވެސް ހިތްޕުޅަށް އަރާވަޑައިގަތެވެ. "އަބޫ މިހުޖަން ހުންނާނީ ހައްޔަރުގައެވެ. ތިމަންކަލޭގެފާނުގެ އަސްކޮޅުވާނީ އަސްތަބަލުގައެވެ."

ކޮންމެއަކަސް އެދުވަހުގެ މެންދުރުން އަނބުރައި ހަވީރުއަތަށް އެޅުމާ އެކު ހަނގުރާމައިން ބަލިވެ ކާފަރުންތައް މައިދާން ދޫކޮށް ފިލަން ދުއްވައިގަތެވެ. އެބައިމީހުންގެ ރަސްގެފާނު ޔަޒްދަގިރުދު ފިލައި ރައްކާވިއެވެ. އަދި އެބައިމީހުންގެ ކޮމާންޑަރު ރުސްތުމް ގަތުލުވެ ރަސްގެފާނުގެ ދަރިކަނބަލުން މުސްލިމުންގެ އަތްދަށުވެ އަސީރުކުރެވުނެވެ. މުސްލިމުންނަށް ފަތަހަ ލިބި ތަކުބީރުގެ އަޑުން މުޅިތަން ގުގުމާލިއެވެ. އޭރު ސައުދުގެފާނުގެ އަނބިކަނލުން ހުންނެވީ ކިއްލާތެރޭގައި ކަންބޮޑުވެފައިވާ ހާލުކޮޅުގައި އަބޫ މިހުޖަންގެ އިންތިޒާރުގައެވެ. ދެންފަހެ އަބޫ މިޙްޖަން އެނބުރި ވަޑައިގަތުމާ އެކު ސަލްމާ ވަގުތުން އެކަލޭގެފާނު އިހު ހުންނެވި ގޮތަށް އަނެއްކާވެސް ހައްޔަރުކުރެއްވިއެވެ.

ކޮންމެއަކަސް މުސްލިމުންނަށް ލިބުނު މި މަތިވެރި ފަތަހައާ އެކު އެކަމާ އުފާފާޅުކޮށް ހެއްދެވިއެވެ. އަދި އެ އާދަޔާއި ޚިލާފް ފަހުލަވާނަށް ތަޢުރީފްކޮށް އެކަކު އަނެކަކަށް ވާހަކަދައްކަވައި ހެއްދެވިއެވެ. ނަމަވެސް އަބޫ މިޙްޖަން މޫނުފުޅު ނިވާކުރައްވައިގެން ހުންނެވުމުން އެއީ ކޮން ބޭކަލެއްކަން އެއްވެސް މުޖާހިދަކަށް އެނގިވަޑައިނުގަތެވެ. ސަލްމާވެސް ހިމޭނުން އިންނެވިއެވެ. ނަމަވެސް ސައުދުގެފާނު އެބޭކަލަކާ މެދު އުފާފުޅުކުރައްވައި އެއީ ކޮންބޭކަލެއްތޯ އޮޅުންފިލުއްވުމަށް ގަދައަޅައި މަސައްކަތްޕުޅު ކުރެއްވުމުން ސަލްމާ ދެންނެވިއެވެ.

"އޭ ސައުދުގެފާނެވެ. ތިމަންކަމަނާ ކުށްވެރި ނުވާނެ ނަމަ އެއީ ކޮން ބޭކަލެއްކަން ހާމަކުރައްވައިފީމުހެވެ." އެހިނދު ސައުދުގެފާނު ދެންނެވިއެވެ. "އެއީ ކޮންބޭކަލެއްކަން ކަމަނާ އަށް އެނގިލައްވާތޯއެވެ" އެކަމަނާ ދެންނެވިއެވެ. "އާދޭހެވެ. އެއީ ކަލޭގެފާނު ހައްޔަރު ކުރެއްވި އަބޫ މިޙްޖަނެވެ. އެކަލޭގެފާނު ހަނގުރާމައިގައި ބައިވެރިވުމަށް އެދި އާދޭސް ދަންނަވަން ފެއްޓެވެމުން ތިމަންކަމަނާގެ ހިތަށް ކެތްނުވެގެން ވަގުތީ ގޮތުން އެކަލޭގެފާނު މިނިވަންކޮށްދެވީއެވެ. މިކަމާ އަޅުގަނޑަށް މާފުކޮށްދެއްވާށެވެ."

ފަހެ މިއަޑު އައްސަވާފައި ސައުދުގެފާނު އިންތިހާއަށް އުފާފުޅުކުރެއްވިއެވެ. އަދި އަބޫ މިޙްޖަން ހައްޔަރުކުރެއްވުނުކަމާ މެދު ހިތާމަފުޅު ކުރައްވައި ވަގުތުން އެކަލޭގެފާނު މިނިވަންކުރެއްވިއެވެ. އަދި އަބޫ މިޙްޖަން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ތައުރީފްގެ ބަސްތައް ދެންނެވުމަށްފަހު ވިދާޅުވިއެވެ. "އަބޫ މިޙްޖަންއެވެ. ތެދުވެވަޑައިގަންނަވާށެވެ. މިއަދަށްފަހު ތިމަންކަލޭގެފާނު ތިޔަކަމުގެ ސަބަބުން ކަލޭގެފާނަށް އަދަބެއް ނުދެއްވާނަމެވެ."

އެހިނދު އަބޫ މިޙްޖަން ލަދުވެތިކަމާ އެކު ދެންނެވިއެވެ. "މާތްﷲ އަށްޓަކައި ދަންނަވަމެވެ. މީގެ ފަހުން ދުވަހަކުވެސް އިސްލާމްދީނާ ޚިލާފް އަމަލެއް ނުކުރުމަށް އަހުރެން ވަޢުދުވަމެވެ."

 

މަސްދަރު: ސޮހާބީހް ޑޮޓް ބުލޮގް ސޮޕްޓް ޑޮޓް ކޮމް/ އަލް ގުތުބް ޑޮޓް ކޮމް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.